07 ޑިސެމްބަރ 2022 - 12:37
ކޮރަޕްޝަންގެ ކުށްތަކެއް ސާބިތުވުމާ ގުޅިގެން، އާޖެންޓީނާގެ ނައިބު ރައީސް ކްރިސްތީނާ ފެރްނެންދެސް ދެ ކީޝްނަރް، ހަ މަސްދުވަހަށް ޖަލަށް ލުމަށް އެ ގައުމުގެ ފެޑެރަލް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.
އާޖެންޓީނާގެ ރައީސް ކަމުގެ މަގާމު ވެސް (2007-2019) ފުރުއްވާފައިވާ ކްރިސްތީނާގެ މައްޗަށް ކޮރަޕްޝަންގެ ކުށްތައް ސާބިތުވުމާ ގުޅިގެން، އިއްޔެ ކުރި ހުކުމްގައި ބުނެފައިވާ ގޮތުން، އެ ގައުމުގެ ނާއިބު ރައީސްކަމުގެ މަގާމު ފުރުމުގެ ގާނޫނީ ހައިސިއްޔަތެއް ވެސް މިހާރު އޭނާއަކަށް ނެތެވެ. ކޯޓުގެ ހުކުމު އެ ގޮތަށް އަޔަސް، ސަރުކާރުގެ ފަރާތުން ދޭ ޚާއްސަ އިމްތިޔާޒުގެ ދަށުން، އޭނާ ޖަލަށް ލާނެ ކަމަކަށް ނުބެލެވެ އެވެ.
ތިން ފަނޑިޔާރުން ބެއްލެވި މި މައްސަލައިގައި ކްރިސްތީނާގެ މައްޗަށް ސާބިތުވި ކުށަކީ، އޭނާ އެ ގައުމުގެ ރައީސްގެ މަގާމުގައި ހުންނެވި ދުވަސްވަރު، ދައުލަތަށް މަކަރު ހަދައި އޮޅުވާލައިގެން އޭނާގެ ގާތް ރަހުމަތްތެރި ބަޔަކަށް ސަރުކާރުގެ މަޝްރޫއުތަކެއް ހަވާލު ކުރުމެވެ. އެ ކުށް އޭނާގެ މައްޗަށް ސާބިތުވި ނަމަވެސް، އޭނާގެ މައްޗަށް އުފުލާފައިވާ ޖިނާއީ ޖަމާއަތެއް ހިންގުމުގެ ތުހުމަތު ސާބިތުނުވާ ކަމަށް ކޯޓުން ނިންމި އެވެ.
މި މައްސަލައިގެ ޝަރީއަތުގައި ދައުލަތުގެ ވަކީލުން ބުނެފައިވާ ގޮތުގައި ލަޒާރޯގެ ކޮންސްޓްރަކްޝަން ކުންފުންޏަކީ، ކްރިސްތީނާގެ ދެމަފިރިން ދައުލަތުގެ ފައިސާ ފޭރުމަށްޓަކައި، ބޭނުންކުރާ ވަސީލަތެއްގެ ގޮތުގައި ބޭރުފުށަށް ދެއްކުމަށް އުފެއްދި ކުންފުންޏެއް ކަމަށެވެ. އެކުންފުންޏަށް ދީފައިވާ މަޝްރޫއުތަކުން ލިބޭ ފައިސާ އާޚިރުގައި ލިބެނީ ކްރިސްތީނާގެ ދެމަފިރިންނަށް ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވެ އެވެ.
ސެންޓަ ކްރޫޒް ޕްރޮވިންސްގައި ހިންގަން އިއުލާންކުރި މަޝްރޫއުތަކާ ގުޅޭ އެއްބަސްވުންތަކުގެ ތެރެއިން 80 ޕަސެންޓް އެއްބަސްވުން (51 އެއްބަސްވުން)، ސަރުކާރުން ހަދާފައި އޮތީ، އެ ދެ ބޭފުޅުންގެ ގާތް ރަހުމަތްތެރިއެއް އަދި ވިޔަފާރީގެ ބައިވެރިއެއް ކަމަށްވާ، މަޝްހޫރު މަހުޖަނު ލަޒާރޯ ބައޭޒްގެ ކޮންސްޓްރަކްޝަން ކުންފުންޏާ އެކުގަ އެވެ.
އެ 51 މަޝްރޫއުގެ ތެރެއިން ގިނަ މަޝްރޫއުތައް ލަޒާރޯ ކުންފުންޏަށް ދީފައިވަނީ، އެހެން ކުންފުނިތަކުން ހުށަހެޅި އަގުތަކަށް ވުރެ ބޮޑު އަގުތަކެއްގަ އެވެ. އަދި ބައެއް މަޝްރޫއުތައް އެ ކުންފުންޏަށް ދީފައި ހުރީ، ޚާއްސަ އިމްތިޔާޒުތަކެއްގެ ދަށުން ކަމަށް ބުނެ އެވެ. ނަމަވެސް އެ ކުންފުނީގެ ފަރާތުން ހަވާލުވި 51 މަޝްރޫއުގެ ތެރެއިން 24 މަޝްރޫއުގެ މަސައްކަތް ފުރިހަމައެއް ނުކުރެ އެވެ.
މި މައްސަލައިގައި ކްރިސްތީނާގެ މައްޗަށް ކުށް ސާބިތުވުމާ ގުޅިގެން ދައުލަތުގެ ވަކީލުންގެ ފަރާތުން ކޯޓުގައި އެދުނީ، 12 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށާއި، އުމުރު ދުވަހަށް ސިޔާސީ އެއްވެސް މަގާމެއް ފުރުން މަނާކުރުމަށެވެ. ނަމަވެސް ކޯޓުން ނިންމީ 6 އަހަރަށް ޖަލަށް ލުމާއެކު، މިހާރު ހުންނެވި މަގާމުގައި ނުހުންނެވޭނެ ކަމަށެވެ.
ކޯޓުގެ ހުކުމަށް ފަހު، ސަޕޯޓަރުންނާ ބައްދަލު ކުރައްވަމުން ވިދާޅުވީ، އޭނާއަކީ ދައުލަތާއި ޝަރުއީ ނިޒާމު ގުޅިގެން ހިންގާ މާފިއާ ހަރަކާތްތަކެއްގެ ޝިކާރައަކަށް ވެފައިވާ މީހެއް ކަމަށެވެ.
އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ، އެ ގައުމުގެ އެންމެ ދެކުނު ސަރަހައްދުގައި އޮންނަ ސެންޓަ ކްރޫޒް ޕްރޮވިންސްގައި ސަރުކާރުގެ ފަރާތުން ހިންގި މަޝްރޫއުތަކެއްގެ މަސައްކަތް، އޭނާގެ ރަހުމަތްތެރި ބަޔަކަށް ދިނުމެވެ. ކޮރަޕްޝަންގެ މި އަމަލުތައް ފެށިފައިވަނީ ކްރިސްތީނާގެ ފިރިކަލުން އެ ގައުމުގެ ރައީސްކަމުގެ މަގާމުގައި (2003-2007) ހުންނެވި ދުވަސްވަރު އެވެ.
އެ ދުވަސްވަރުން ފެށިގެން 12 އަހަރު ވަންދެން ހިންގި ކޮރަޕްޝަންގެ އަމަލުތައް، ކްރިސްތީނާގެ ރިއާސީ ދައުރުގެ ތެރޭގައި އިތުރަށް ފުޅާވެގެން ދިޔަ އެވެ. ތަހުގީގުން ސާބިތުވި ގޮތުގައި ސެންޓަ ކްރޫޒް ޕްރޮވިންސްގައި ހިންގި މަޝްރޫއުތަކުގެ ތެރެއިން ލަޒާރޯގެ ކުންފުނިތަކާ އެކު ސަރުކާރުން 51 އެގްރިމެންޓެއްގައި ސޮއިކޮށްފައިވެ އެވެ. ލަޒާރޯގެ މައްޗަށް ސާބިތުވި މަނީ ލޯންޑެރިންގެ މައްސަލަތަކަކާ ގުޅިގެން، މިދިޔަ އަހަރު އޭނާ ވަނީ ޖަލަށް ލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކުޅަދުރު ހަތާ
08 December 2022
ބުނީމަ ޑރ ޖަމީލު އަތުޖެހުނުނަމަ އޭރު ޖަލަށްލީސް. މިހާރު އެޅުޅެނީ އަނެއްކާ މަގު އޮޅިގެން ކަމަށް ބެލެވޭ........................
އާރާޢިބާރު
08 December 2022
މި ރާއްޖޭގެ ވަޒިފާ، ޕްރރޮޖެކްޓް ތި ގޮތަށް ދިނުމަކީ އެބައިމީހުނަށް ލިބޭ ޝަރަފެއް. މީހަކަށްވަނީ ވެސް އެގޮތަށް އެކަން ކުރެވުނީމަ. އެހެންނޫންީ ތިމާއަށް ހީވަނީ ތިމާ މީ އާރެއް ބާރެއް ނެތް ވެރިއެކޭ.
ބުރުގާ
07 December 2022
ތިހުންނަނީ މަމެންގެ ސައްތައިން ސައްތަ އިސްލާމީ ދިވެހި ރާއްޖޭގަ ދުވަހަކުވެސް ނުވާނޭ ކަންކަން.
ށަވިޔަނި
07 December 2022
ސައްތައިން ސައްތަވީމަ ހުރިހާކަމެއްގައި އެބައިމީހުނާ ތަފާތު ވާންޖެހޭވާހަކަ އެންމެންދަނޭ. ފަނޑިޔާރުންނަށް މާރަނގަޅަށް އެނގޭނެ. އެހެންވެ އެބައިމީހުނާ ތަފާތުކުރަނީ.