ރިޕޯޓް

މަންމަގެ ލިވާއާ އެކު އަދްޔާނަށް އާ ދިރިއުޅުމެއް

އަދްޔާން، އޭނާގެ މައިންބަފައިންނާ އެކު.

އެންމެ ނުވަ މަހުގެ ނޫހް އަދްޔާން ޝުއައިބުގެ ސިއްހީ ބޮޑު މައްސަލައެއް ހުރިކަން އާއިލާއަށް އެނގުނީ ވިހައިގެން ގެ އަށް ދޫކޮށްލީއްސުރެ ކުއްޖާގެ ގައިން ރީނދޫކަން ނުފިލައިގެން ތަކުރާރުކޮށް ޑޮކްޓަރަށް ދައްކައިގެން ހެދި ޓެސްޓްތަކުންނެވެ.

އޭރުއްސުރެ އާއިލާ އިން ދިޔައީ އެކި ޑޮކްޓަރުންނަށް ދައްކައިގެން އަދްޔާނަށް ދާއިމީ ފަރުވާއެއް ހޯދަން މަސައްކަތް ކުރަމުންނެވެ. އެކަމަކު ލިވާ އާއި ގޯލްބްލެޑާ އިން ބޭރުވާންޖެހޭ ރީނދޫގެ ބައި، ބޮޑުކަމުދާއިރު ބޭރުވަމުން ނުދާތީ އައިޖީއެމްއެޗުން ބެލި ޑޮކްޓަރު ލަފާދިނީ އިންޑިއާ އިން ފަރުވާ ހޯދާށެވެ.

އެހެންވެ، ފުރަތަމަ ފަހަރަށް މިދިޔަ އޭޕްރީލް މަހުގައި އަދްޔާންގެ ފަރުވާ އިންޑިއާގައި ފެށިޔަސް ދެން ވެސް އާއިލާއަށް ކުރިމަތިވީ އުނދަގޫ ދުވަސްތަކެކެވެ. އެ ފަހަރު ކޮޗިންގެ އަމްރިތާ ހޮސްޕިޓަލުން ކަސާއީ ސާޖަރީއެއް ހަދައި އެ ތަނުގައި މަސް ދުވަހު މަޑުކުރި އެވެ. ސާޖަރީގެ ތެރެއިން ބަޔޮޕްސީ ހެދިއިރު އެނގުނީ ލިވާގެ ޓީޝޫ ހަލާކުވެ، ލިވާ ވެސް ބޮޑުވެފައިވާ ކަމެކެވެ.

އެ ފަހަރު އަނބުރާ ރާއްޖެ އައިސް ދެވަނަ ފަހަރަށް ވެސް އިންޑިއާ އަށް ދިޔަ އެވެ. އެކަމަކު، އޭގެ ފަހުން ސިއްހީ ގިނަ މައްސަލަތަކެއް ދިމާވާން ފެށި އެވެ. ހުން ގަދަވުމުން، އެޑްމިޓް ކޮށްގެން ވިއްސަކަށް ދުވަހު ހޮސްޕިޓަލުގައި ވެސް ފަރުވާދޭން ޖެހުނެވެ.

އެކަމަކު ބޮޑުކަމުދާއިރު، އަނެއްކާ ވެސް ލޭ އައިސްފައި ހުންނަކަން ފާހަގަވެ، އެކަމަށް ވެސް ފަރުވާ ހޯދަން ޖެހުނެވެ. އެ ވާހަކަތައް އިންޑިއާގައި ހުރި ޑޮކްޓަރާ ހިއްސާކުރުމުން އެންގީ ލިވާ ޓްރާންސްޕްލާންޓް ހެދުމަށް ވީ އެންމެ އަވަހަށް އަނބުރާ އިންޑިއާއަށް ދިއުމަށެވެ. އެ ހުރިހާ ދުވަހު ދިން ވަގުތީ ފަރުވާތަކުގެ ބަދަލުގައި ދާއިމީ ހައްލެއް ކުއްޖާ އަށް ހޯދައިދޭށެވެ. އަދްޔާންގެ ހާލަތު އޭރު ހުރި ގޮތުން ވިޓަމިން ޑީ އާއި ވިޓަމިން ކޭ އަދި ވިޓަމިން އީ އުފައްދައެއް ނުދެ އެވެ. އެ ބައިތައް ހަމަޖައްސަމުންދިޔައީ ބޭހުންނެވެ.

އެކަމަކު އަދްޔާނަށް އުއްމީދެއް ލިބިއްޖެ އެވެ. އާއިލާ އަށް ހިތްހަމަޖެހުމާއި އުފާވެރިކަން މިދިޔަ މަހުގެ 21 ގައި ހެދި ލިވާގެ ޓްރާންސްޕްލާންޓް ކާމިޔާބުވުމުންނެވެ. އެ އުފާވެރިކަން އޭނާގެ މަންމައަށް ހާއްސައީ ދަރިފުޅަށް ލިވާ ހަދިޔާކުރުމުގެ ފުރުސަތު އޭނާއަށް ލިބުމުންނެވެ.

އަދްޔާންގެ މަންމަ، ރަހުމާ "މިހާރު" އަށް ބުނީ މެޗުވެއްޖެ ނަމަ، އެންމެ ކުރިއްސުރެ ވެސް އޭނާ ހުރީ ދަރިފުޅަށް ލިވާ ހަދިޔާކުރަން ނިންމައިގެން ކަމަށެވެ.

"ޑޮކްޓަރު ބުނީ ދުރު މީހެއްގެ ލިވާއެެއް ހޯދަން އުޅެގެން ރިޖެކްޓް ވުމުގެ ޗާންސް ބޮޑުވާނެއޭ. އެކަމަކު ވީހާވެސް ގާތްވި ވަރަކަށް ޗާންސް އިންނާނެއޭ އިތުރު މައްސަލައެއް ނުޖެހި ކާމިޔާބުކުރަން. އެހެންވެ އަޅުގަނޑު ހުރީ ނިންމައިގެން ދޭން،" ބެންގަލޫރުގެ ބީޖީއެސް ގްލެނީގަލްސް ގްލޯބަލް ހޮސްޕިޓަލުން ޑޮކްޓަރާ ހަވާލާދީ ރަހުމާ ކިޔައިދިނެވެ.

އެހެންވެ، އޮކްޓޫބަރު 16 ގައި އެމީހުން އިންޑިއާ އަށް ދިޔައީ އެކަމަށް ބޭނުންވާ ހަތަރު ޑޯނަރުން ނުލަ އެވެ. ރަހުމާ ބޭނުންވީ އޭނާ އާއި ދަރިފުޅު މެޗުވޭތޯ ބެލުމަށް ފަހު ނޫން ގޮތަކަށް ޑޯނަރުން ނުގެންނާށެވެ.

"ހެދި ޓެސްޓްތަކުން އަޅުގަނޑާ ދިމާވީމަ، ޓްރާންސްޕްލާންޓް ހެދީ. އަޅުގަނޑާއި އަދްޔާންގެ ހާލު ވެސް އިރާދަކުރެއްވީތީ ރަނގަޅު،" ރަހުމާ ބުންޏެވެ.

އަދްޔާން:

ދަރިފުޅަށް ލިވާ ހަދިޔާކުރަން އޭނާވީ ގުރުބާނީ ބޮޑެވެ. ޑޮކްޓަރުންގެ ލަފާގެ މަތިން ދަރިފުޅަށްޓަކައި ކޮންމެ ކަމެއް ކުރަންވެސް އޭނާ ހުރީ ތައްޔާރަށެވެ. އިންޑިއާއަށް ދިޔައިރު ބަރުދަނުގައި 90 ކިލޯ ހުރުމުން ޑޮކްޓަރުން އެންގީ ސާޖަރީއަށް ފަހު ފަސޭހަވުން އަވަސްކުރުމަށް 10 ވަރަކަށް ކިލޯ ލުއި ކުރާށެވެ. ވަގުތުން ޑައިޓް ފަށައި އެކަން އޭނާ ކާމިޔާބުކުރީ ދަރިފުޅަށް ކުރާ އުއްމީދެއްގެ ބޮޑުކަމުންނެވެ.

"ސަރުބީ ގިނަވީމާ ހީލްވާން ގިނަ ދުވަސް ނަގާނެއޭ ޑޮކްޓަރު ބުނީ. އެހެންވެ 8-10 ކިލޯ މަދުކުރަން އެންގީމާ އަޅުގަނޑު މި ކޮޅުން ޑައިޓީޝަނެއްގެ އެހީގައި ފެށީ. މި ކޮޅުން ޖިމަށް ވެސް ގޮސް ވަރަށް ބަލައިގެން އުޅުނީ. ދެ މަސް ނުވަނީސް އެކަން ކާމިޔާބުވި،" ރަހުމާ ބުންޏެވެ

ރަހުމާ ބުނި ގޮތުގައި އަދްޔާންގެ ހާލު ރަނގަޅެވެ. އެކަމަކު ދެ ދުވަހުން ދެ ދުވަހުން ޓެސްޓްތަކެއް ހަދަން ޖެހެ އެވެ. އަދި ޑޮކްޓަރުން ހުއްޓާލަން އަންގަންދެން ކޮންމެ ދުވަހު އިންޖެކްޝަނެެއް ޖަހަން ޖެހެ އެވެ.

ސާޖަރީ އަށް ފަހު ތިން މަހު އިންޑިއާގައި މަޑުކުރަން ޖެހޭތީ މި ވަގުތު މަޑުކޮށްގެން ތިބިއިރު ހަ މަސް ފަހުން އަނބުރާ ދައްކަން ދާންޖެހެ އެެވެ. އަދްޔާންގެ ދިރިއުޅުމަށް މި ކުރި ދަތުރު ކާމިޔާބުކުރުމުގައި އެހީވި އެންމެނަށް އޭނާގެ އާއިލާ އިން ޝުކުރު ޝުކުރު އަދާކުރެ އެވެ.

2 ކޮމެންޓް, 32 ރިއެކްޝަންސް

icon happy icon happy 22%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 78%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަޙްމަދުުފުޅު

18 December 2022

ٱلْحَمْدُ لِلَّٰهِ . ދެމެފަރިންނަށް ކެތްތރިކަން ދެއްވާށި، އާމީން

The name is already taken The name is available. Register?

ރަގަޅު ވާނެ ކަމައް އުއްމީދު ކުރަން.

18 December 2022

މައުސޫމް ކުޑަ ކުއްޖަކު އެހާވޭނުގަ އުޅޭތީ ދެރަވޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454