މެކްސިކޯ 1986 ގެ ވޯލްޑް ކަޕް ޗެމްޕިއަންކަން އާޖެންޓީނާ ހޯދުމަށް ފަހު އެ ޓީމުގެ މެރަޑޯނާ ތަށި ހިފަހައްޓާލައިގެން ހުރި އިރު އެހެން ކުޅުންތެރިން އޭނާ އުފުލާލައިގެން: މިރޭ، މެސީގެ މިފަދަ އަށް އާޖެންޓީނާގެ ސަޕޯޓަރުން އުންމީދު ކުރޭ --- ފޮޓޯ: އޭޕީ
18 ޑިސެމްބަރ 2022 - 09:46
މަތީގައި އެ ވަނީ ވަރަށް ތާރީހީ ފޮޓޯއެކެވެ. މެކްސިކޯ ސިޓީގެ އެޒްޓެކް ސްޓޭޑިއަމުގައި 1986 ގެ ވޯލްޑް ކަޕުގެ ފައިނަލުން ހުޅަނގު ޖަރުމަން 3-2 އިން ބަލިކޮށް އާޖެންޓީނާ އިން މުބާރާތް ކާމިޔާބުކުރުމުން އެ ޓީމުގެ ކެޕްޓަން ޑިއޭގޯ މަރަޑޯނާ ތަށި އުފުލާލާ ފޮޓޯ އެވެ.
މަރަޑޯނާގެ ރަންޒަމާނުގައި އާޖެންޓީނާ އެ ފަހަރުގެ މުބާރާތް ކާމިޔާބު ކުރި އިރު މިހާރުގެ ކެޕްޓަން ލިއޮނަލް މެސީ އުފަން ވެސް ނުވެ އެވެ. މި އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި މިރޭ ފްރާންސާ ދެކޮޅަށް އާޖެންޓީނާ ނުކުންނަ މެޗަކީ 1986 ފަހުން އެ ގައުމުން ތައްޓާ ކައިރި އަށް ދާ ތިން ވަނަ ފަހަރެވެ. މަރަޑޯނާއާ އެކު 1990 ގައި ނާކާމިޔާބުވީ އެވެ. އަދި މެސީއާ އެކު 2014 ގައި ވެސް ނާކާމިޔާބުވީ އެވެ.
ކުރީގެ ދެ ފަހަރުގެ މާޔޫސްކަން ފިލުވައިލަން އާޖެންޓީނާ އަށް އޮތީ މެސީގެ ފަހު ވޯލްޑް ކަޕެވެ. މަރަޑޯނާ އާއި މެސީ އަޅައިކިއުމަކީ އާޖެންޓީނާގެ މީޑީއާގައި އޮތް މައުލޫއެކެވެ.
ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އާޖެންޓީނާ ސެމީ ފައިނަލަށް ދިޔަ ހިސާބުން، "މެސީ، މަރަޑޯނާ ވެއްޖެ" ކަމަށް އާޖެންޓީނާގެ ބައެއް އެނަލިސްޓުން ބުންޏެވެ.
"މެސީގެ އެތެރޭގައި ޑިއޭގެ [މެރަޑޯނާ] ގެ ސިފަތައް ފާޅުވެއްޖެ،" ކޮމެންޓް ކުރި އާޖެންޓީނާގެ އެނަލިސްޓަކު ބުންޏެވެ.
ލުސައިލްގެ އައިކޮނިކް ސްޓޭޑިއަމް ކައިރީގައި އާޖެންޓީނާގެ ސަޕޯޓަރަކު އެ ގައުމުގެ ދިދަ ހިފައިގެން: އެ ދިދައިގައި މެސީ އާއި މެރަޑޯނާގެ ފޮޓޯއެއް ހަރުކޮށްފައި.
އެކަމަކު މެސީ އަކީ މެސީ އެވެ. އޭނާ އަކީ މަރަޑޯނާއެއް ނޫނެވެ. މަރަޑޯނާ ކުޅުނު ދުވަސްވަރު އާޖެންޓީނާގެ އެހެން ކުޅުންތެރިން ބޯޅަ ސަޕްލައިކޮށް ދިނުމުން މަރަޑޯނާ އެކަނިމާ އެކަނި ގޮސް އެންމެން ކަޓުވާލައި ގޯލް ޖަހަ އެވެ.
މެސީ ވަރަށް ތަފާތެވެ. އޭނާ ލައްވައި ޖާދޫ ހަދަން ބޭނުންވަނީ ރަނގަޅަށް ގޭމް ރޭވިފައިވާ ނިޒާމެކެވެ.
"މެސީ އަށް ބޭނުން ވަނީ ރަނގަޅަށް ތެޔޮ ޖަހާފައިވާ މެޝިނެކެވެ. އެ މެޝިނުގައި އޭނާގެ ވަށައިގެން ތިބި އެހެން ކުޅުންތެރިން ތިބޭނީ ރަނގަޅު ޕޮޒެޝަންގައި ތޯ އާއި އެ ކުޅުންތެރިން ބޯޅަ އަށް އަރަނީ ރަނގަޅު ދިމާލަކުން އޭނާ އެނގެން ޖެހޭނެ އެވެ. މިގޮތަށް އޭނާއަށް ބޯޅަ މެނޭޖްކުރެވޭނެ އެވެ އަދި އޭނާ އަށް ފަރިތަ ގޭމަށް ފުރިހަމައަށް ތަންފީޒުކުރުމަށްޓަކައި އެހެން ކުޅުންތެރިން ތިބި ތަންތަން އެނގުން އޭނާ އަށް މުހިންމު ވާނެ އެވެ،" އާޖެންޓިނާގެ ފުޓްބޯޅަ ކޮލަމިސްޓް މާސެލާ މޯރާ އަރައުހޯ ލިޔެފައިވެ އެވެ.
ސެމީ ފައިނަލުގައި ކްރޮއޭޝިއާ އާ ދެކޮޅަށް ކުޅުނު މެޗުގައި ފެނުނީ މެސީ އަށް ފަސޭހަ ގޭމެއް، ކޯޗު ލިއޮނެލް ސްކޮލާނީ އަތުރާލާފައިވާ ތަނެވެ. މެސީ އާއެކު އެޓޭކަށް އެރި ކުޅުންތެރިން ކަމަށްވާ ހޫލިއަން އަލްވަރޭޒް އާއި ލައުޓާރޯ މާޓިނޭޒްގެ ޕޮޒެޝަންތައް ރަނގަޅަށް ހުރުމުން މެސީގެ ދައުރު އެ ކުޅުންތެރިން އުފެއްދި ހަމަލާތަކުގައި ފެނުނީ ބޮޑުކޮށެވެ. ލަނޑު ލިސްޓަށް މެސީގެ ނަން އެރީ ޕެނަލްޓީއެއް ކާމިޔާބު ކުރުމުންނެވެ.
މެސީ އުޅެ ބޮޑުވި އާޖެންޓީނާގެ ރޮޒާރިއޯގައި ހުންނަ އިމާރާތެއްގައި މެސީގެ ބޮޑު ޕޯސްޓަރެއް ހަރުކޮށްފައި. --- ފޮޓޯ: އޭޕީ
އެކަމަކު މުޅި މެޗު މެސީ ޑޮމިނޭޓް ކުރީ އެހެން ކުޅުންތެރިންނަށް އޭނާ ވެސް އެހީވެދީ އެހެން ކުޅުންތެރިން ވެސް އޭނާ އަށް އެހީވެގެންނެވެ. މެދުތެރެއިން އެންޒޯ ފެނާންޑޭޒް ދިން ބޯޅަތަކުން ކައުންޓަ އެޓޭކުގައި ހަމަލާ އުފެއްދި އިރު މެސީގެ ހިއްސާ ވެސް އެ ބޯޅަތަކުގައި އޮތެވެ. އަލްވަރޭޒް އަށް ކްރޮއޭޝިއާގެ ކީޕަރު ފައުލު ކުރީ ވެސް އެފަދަ ކައުންޓަ އެޓޭކުގަ އެވެ. ނަހުއެލް މޮލީނާ އާއި މެސީގެ ކޮމްބިނޭޝަން ވެސް ފެނުނީ އެގޮތަށެވެ.
ބާސެލޯނާގައި ޕެޕް ގާޑިއޯލާ އާއި ލުއިސް އެންރީކޭ މެސީގެ ފަރާތުން ޖާދޫ ނެރުނީ އެ ގޭމް ކުޅުވައިގެންނެވެ. އާޖެންޓީނާގެ ކޯޗު ސްކޮލާނީ އެކަން ކުރަމުން ދަނީ ތަފާތު ގޭމް ސިސްޓަމެއްގެ ތެރެއިންނެވެ. ކޮޕާ އެމެރިކާގެ އެންމެ ފަހުގެ ދެ މުބާރާތުންނާއި މިފަހަރުގެ ވޯލްޑް ކަޕުން ވެސް ސްކޮލާނީ ވަނީ އޭނާގެ އަމިއްލަ ސްޓައިލްގެ ގޭމެއް ދަނޑުމައްޗަށް ތިރިކޮށްފަ އެވެ.
މިރޭ މީ އެ ސިސްޓަމް ކާމިޔާބުކަން ސާބިތުކޮށް ދޭން އޭނާ އަށް އޮތް ފަހު ފުރުސަތެވެ. ފްރާންސާ ދެކޮޅަށް މިރޭ ކުޅޭ ފައިނަލު މެޗު ފަށާނީ ރާއްޖޭގަޑިން 8 ޖަހާއިރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަޝަނަ
19 December 2022
"މަރޭ މިތުރާ" އެ ލަވަ ވެސް އެއީ މަރޭ އައް ހަދާފަ އިން ލައެއްތަ؟
ރަނާ
19 December 2022
މުނިކާފަ މުސްލިމަކަށް ވިޔޭ ކިޔާފަ އޭނާއަކާ ކޮން ކަމެއް އަބޫ ޖަހުލުގެ ދަރިޔަކުވެސް ހިމެނޭ ސަޙާބީންގެ ތެރޭގަވެސް އެކަމަކު އަބޫޖަހުލު މަރުވީ ކާފަރުކަންމަތީ
ޗަކޮއި
18 December 2022
ތިފޮޓޯގައި އިންމީހާގެހަޔާތުގެ ބޮޑުބައިހޭދަކޮށޮލީ މަސްތުވުމުގައެވެ. އެކަން 2018 ރަޝިޔާގައި ބޭއްވި ވޯލްޑްކަޕު ބެލިމީހުން ހަނދާން ހުންނާނެއެވެ. މީނާއާއި މެސީ އަކީ މާމޮޅުބަޔަކަށް ބަޔަކު ހަދައިގެން އުޅެނީއެވެ. ރަނގަޅު ވާހަކައެކެވެ، ދެކުޅުންތެރިންގެ އެއްގޮތް ސިފަތަކެއްއެބަހުއްޓެވެ. އަތުންބޯޅައިގައިޖަން ވ ފޯރިހުންނާނެއެވެ. ދުނިޔޭގެ ގިނަމީހުން ތާއިދުކުރަނީ ބާތިލަށްކަން ވ ސާފުވެއެވެ. މިރޭގެ މެޗުން އާޖެންޓިނާ މޮޅުވެއްޖެއްޔާ އެއޮތީ އެކަމުގެ ހެއްކެކެވެ.
2026
18 December 2022
ބްރޯ އޯކޭތަ؟
ކޮމެންޓޭ1
18 December 2022
މެސީ އަށް ވާނެ. އަނޫލޯ މުފާ
ބަކުރު.
18 December 2022
މެސީ ގެ ފަލަމަސްގަޑުގެ ހާލެއް ނޭގެ. އެންމެ ފަހުމެޗުގައި ވަރަށް މަދުފަހަރެއްގައި ދުވެހެދީ، އިރުއިރުކޮޅާ މަސްގަޑުގައި ހިފާހެދި ތަދަކުން ސަލާމަތް ނުވެވިގެން ހެންހީވަނީ. އެކަމަކު ހަމަ މޮޅުވެދާނެ. އަނެއްކޮޅުން ފްރާންސް ނިކުންނާނީ ޕްރެޝަރުގައި، ތަށިދިފާއުކުރުމަށާއި ކޯޗް ޑެޝޯމްޕްސްއަށް ތަށި ޖެހިޖެހިގެން ދެފަހަރު ލިބުމުގެ ޝަރަފުހޯދަން
މުބާރިކް ޖާސޫސް
18 December 2022
މެސީ އައް ލިބޭނެ ކަމައް އުންމީދު ކުރަން. ޢެކަމަ އެމްބަޕޭ ގެ މުނިކާފަ އަކީ މުސްލިމެއް. ޢެހެންވީމަ އާޖެންޓިނާ އައް ސަޕޯޓް ކޮއްފިއްޔާ ނަރަކައިގެ އަލިފާންގަޑުގަ ޖެހިދަނެތީ ނުކެރެނެ!
ސިރުފާ
18 December 2022
އަމިއްލަ ނަފްސައް މަލާމާތް ކުރެވޭ އިރުވެސް ނޭނގޭތޯ؟
ޖައުސޫސީ ސުޒީ
18 December 2022
އެއީ ފާފަވާ ކަމެއްތަ މުބާރިކާ؟ ފިލުމު ބަލާބަލާ ތިޔަ ހުންނަނީ ޝައްކު އުފެދިފާނޫންތަ ދީނާމެދުވެސް؟
ޗަކޮއި
18 December 2022
މެސީއަކީ ކަނޑައެޅިގެން މުސްލިމުންނާދެކޮޅު، އިސްރާއީލަށް ތާއިދުކުރާ ޔަހޫދީއެއް. އަހުލާގެއްނެތް ކަން އޮތީ ކުޅުނު މެޗުތަކުން ފެނިފަ، މެސީއަށްވުރެން މާމޮޅުމީހުން އެޓީމުގައި އެބަތިބި.މެސީއަކީ ނަމުންމަޝްހޫރު، ކަމުންދެރަމީހެއް. އެކަމު ޕެނަލްޓީހޯދަން ވ މޮޅުވާނެ.