މުސްއަބު: އޭނާއަށް ބަދަލު ދިނުން ސުޕްރީމް ކޯޓުން ވަނީ ހުއްޓުވާފައި --- ފޮޓޯ/މިހާރު
20 ޑިސެމްބަރ 2022 - 13:27
އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބު އަބްދުﷲ އެ މަގާމުން ވަކިކުރި މައްސަލާގައި ބަދަލުގެ ގޮތުގައި 1.1 މިލިއަން ރުފިޔާ އޭނާ އަށް ދޭން ކޮށްފައިވާ ހުކުމަށް އަމަލުކުރުން ސުޕްރީމް ކޯޓުން މިއަދު ހުއްޓުވައިފި އެވެ.
މުސްއަބު އެ މަގާމުން 2019 ވަނަ އަހަރު ވަކިކުރި މައްސަލާގައި އޭނާ އަށް ބަދަލު ދޭން ހައި ކޯޓުން އެންގީ މިދިޔަ އޮގަސްޓް މަހު އެވެ. އެ މައްސަލަ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ސުޕްރީމް ކޯޓުގައި އޮތީ އިސްތިއުނާފު ކޮށްފަ އެވެ.
މައްސަަލަ ނިމެންދެން ހައި ކޯޓުގެ ހުކުމަށް އަމަލުކުރުން ފަސްކުރުމުގެ އަމުރަކަށް ސީއެސްސީން އެދުމުން ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ވަނީ އެ ކޯޓުން ގޮތެއް ނުނިންމަނީސް ހުކުމް ތަންފީޒުކޮށްފި ނަމަ އިންސާފު ގާއިމްކުރަން ހުރަސް އެޅިދާނެ ކަމަށް ބެލެވޭ ކަމަށެވެ.
އެހެންވެ، އެ މައްސަލަ ނިމެންދެން ހައި ކޯޓުގެ ހުކުމަށް އަމަލުކުރުން ފަސްކުރަން އެންގީ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެރުއްވި އަމުރުގައިވެ އެވެ.
އެ އަމުރު ނެރުއްވީ ފަނޑިޔާރު އައިޝާ ޝުޖޫނާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ އިއްތިފާގުންނެވެ.
ސުޕްރީމް ކޯޓުގެ އަމުރު އައުމުގެ ކުރިން، ފަސް ދުވަސް ތެރޭގައި މުސްއަބަށް ފައިސާ ދޭން ސިވިލް ކޯޓުން ކުރިން އަމުރެއް ވެސް ނެރުނެވެ. އެ އަމުރަށް ސީއެސްސީން އަމަލެއް ނުކުރެ އެވެ. އެކަމަކު އެ އަމުރުގެ މައްސަލަ ސީއެސްސީން ހައި ކޯޓުގައި އިސްތިއުނާފުކުރި އެވެ. އަދި ދެވަނަ އަޑުއެހުމުގައި އެ މައްސަލަ އަނބުރާ ގެންދަން ބޭނުންވާ ކަމަށް ވެސް ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަތޭލި
21 December 2022
މާތްކަލާނކޯ... ނިކަމެއްޗަކަށް ވީމަ ދޯ. ތިގޮތަށް މިލިޔަނުން ބިގަށް ދިން ފައިސާގެ މުއާމަލާތް ނުހުއްޓުވީ ކީއްވެތޯ؟ މަންދަށް ދިން ލާރިގަނޑު ނުހުއްޓުވީ ކީއްވެތޯ؟
ކޮރަލް
20 December 2022
ޕްރީމް ކޯޓުގެ އަމުރު އައުމުގެ ކުރިން، ފަސް ދުވަސް ތެރޭގައި މުސްއަބަށް ފައިސާ ދޭން ސިވިލް ކޯޓުން ކުރިން އަމުރެއް ވެސް ނެރުނެވެ. އެ އަމުރަށް ސީއެސްސީން އަމަލެއް ނުކުރެ އެވެ. ވީމާ ކޮންމެ ވެސް އެއްބަޔަކު މިމައްސަލައިގަ ކުއްވެރި ވެ އެވެ.
ސާބަހޭ ހޭލައިފި
20 December 2022
ކުރިން ތިޔަ އަމުރު ނެރުނުނަމަ ހައިކޯޓުގަ އެޖެހި ސަކަރާތް ނުޖަހާ ވަގުތާއި ވަސީލަތް ބޭކާރުނުވީހެއްނު. ވަޅަށް ގެެރި ވެއްޓުނީމަ އުޅެހެން އުޅެން ހުއްޓާލާކަށް ނުވޭތަ!
ކުޗީ
20 December 2022
ފާހަގަވަނީ މިސަރުކާރުގެ އިންސާފް. ބިގް ކުންފުންޏަށް މަޖްލިސް އިންތިހާބް ބޯމަތިވެފަ އޮއްވާ ކޯޓުގައި ހިނގަހިނގާއޮތް މައްސަލައަކަށް ކޯތުން ބޭރުން 30 މިލިޔަން ދީފަ ، އާމު ނިކަމެތި ރަށްޔިތު މީހާ އަށް ބަދަލު ދޭންޖެހުނީމަ އެފަކީރު ގަނަތަޅުވާވަރު.
ޗަމް ބަކެޓް
20 December 2022
ޖުޑިޝަރީ އަކީ ސަރުކާރެއްނޫން އިނގޭތޯ ބްރޯ. ފޮތެއް ކިޔާލަބަލަ ތިހެން އުޅޭއިރު.
ވަހީދުބެ
20 December 2022
އަންނި ހިސާނާއި ހުއްނުއްސޫދަކީ އިބްރާހީމު ވެރިކަމަށް ގެންނަން މަގުތަކަށް މީހުން އެއްކޮށް މުޒާހަރާ ކުރިމީހުން. އަދު އެތިބީ ފަނޑިޔާރުގޭގައި ނިޔާ ކަނޑައަޅަން. ޖުޑިޝަރީއާ ސަރުކާރާއި ޕާލަމެންޓަކީ ނަންނަން. ފޮތްކިޔަވާ މީހުންގެ ތެރޭގައި ވާނުވާ ނޭނގޭ މީހުން ގިނަ.