ސައޫދީ އަރަބިއްޔާގެ ހަކަތައާ ބެހޭ ވަޒީރު އަމީރް އަބްދުލްއަޒީޒް ބިން ސަލްމާން
21 ޑިސެމްބަރ 2022 - 12:50
ތެޔޮ އުފައްދައި ދުނިޔޭގެ ބާޒާރަށް އެންމެ ގިނައިން ނެރޭ ގައުމުތަކުގެ ޖަމިއްޔާ، އޯގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިންގް ކަންޓްރީޒް (އޯޕެކް)ގެ ނިންމުންތަކަކީ ސިޔާސީ ކަންކަމާ އެއްވެސް ގުޅުމެއް ނެތި ނިންމާ ނިންމުންތަކެއް ކަމަށް ސައޫދީ އަރަބިއްޔާ އިން އިއްޔެ ބުނެފި އެވެ.
ސައޫދީ އަރަބިއްޔާގެ ހަކަތައާ ބެހޭ ވަޒީރު އަމީރް އަބްދުލްއަޒީޒް ބިން ސަލްމާން ވިދާޅުވި ގޮތުގައި ތެޔޮ އުފެއްދުމާއި ދުނިޔޭގެ ބާޒާރަށް ތެޔޮ ނެރުމާ ބެހޭ ގޮތުން އޯޕެކުން ނިންމާ ކޮންމެ ނިންމުމެއް ބިނާވެފައި އޮންނަނީ، ދުނިޔޭގެ ތެލުގެ ބާޒާރުގެ އެންމެ އަސާސީ ކަންކަމުގެ މައްޗަށެވެ. އެ ގޮތުން މަތިން ކަންކަން ނިންމުމުން، އޯޕެކްގެ މިނިވަންކަމާ މެދު އިތުބާރު ގާއިމުވެ ތެލުގެ ބާޒާރުގައި ހަމަޖެހުން ގާއިމުވެގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޔޫކްރޭން ހަނގުރާމަ ފެށުމާއެކު، ތެލުގެ ބާޒާރާ ގުޅުވައިގެން އޯޕެކަށް ވަރަށް ގިނަ ދޮގު ތުހުމަތުތައް ކޮންމެވެސް ބަޔަކު ރައްދުކުރި އެވެ. އެގޮތުން ބައިނަލްއަގުވާމީ ތެލުގެ ބާޒާރުން ދުވާލަކު ތިން މިލިއަން ފީފާ މަދުވާނެ ކަމަށް، ބަޔަކު އަޑު ފެތުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ކުރިމަތިވާ ހީނަރުކަން ފޫބެއްދުމަށް، އެންމެ މުނާސަބު ވަގުތުގައި އޯޕެކުން ފިޔަވަޅު ނާޅާނެ ކަމަށް ވެސް ބަޔަކު ތުހުމަތު ކުރި އެވެ. ނަމަވެސް މިދިޔަ 10 މަސް ދުވަހުގެ ތެރޭގައި ކަންތައް ހިނގައި ދިޔައީ، އެ އަޑުތައް ފެތުރުނު ގޮތަށް ނޫން ކަމަށް ވެސް ސައޫދީ ވަޒީރު ވިދާޅުވި އެވެ.
"ދުނިޔޭގެ ބާޒާރަށް ތެޔޮ ނެރޭ މިންވަރު މަދުކުރުމަށް (އޮކްޓޫބަރު 2022ގައި) އޯޕެކުން ނިންމުމުން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި. އޯޕެކްގެ އެ ނިންމުމަކީ ވަރަށް ނުރައްކާތެރި އަދި ވަރަށް ބަދުނަސީބު ނިންމުމެއް ކަމަށް ވެސް ބަޔަކު ބުނި. އަދި އެއީ ސިޔާސީ ގޮތުން ނިންމި ނިންމުމެއް ކަމަށާއި އެ ނިންމުމުގެ ސަބަބުން ދުނިޔޭގެ އިގްތިސާދު ހުއްޓުމަކަށް އަންނާނެ ކަމަށް ވެސް ވެސް ބަޔަކު އަޑު ފެތުރި،" ސައޫދީ އަރަބިއްޔާގެ ހަކަތައާ ބެހޭ ވަޒީރު އަމީރް އަބްދުލްއަޒީޒް ބިން ސަލްމާން ވިދާޅުވި އެވެ.
"ނަމަވެސް އާޚިރުގައި ކަން ހިނގައި ދިޔަ ގޮތަށް ބަލާއިރު، އޯޕެކްގެ އެ ނިންމުމަކީ ތެލުގެ ބާޒާރާއި ގެލުގެ ސިނާއަތުގެ ހަމަޖެހުން ގާއިމުކުރުމަށްޓަކައި، އެންމެ މުނާސަބު ވަގުތުގައި ނިންމި ވަރަށް ރަނގަޅު ނިންމުމެއްކަން މިހާރު އެބަ ސާބިތުވޭ."
މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ދެކޮޅު ހެދުމުގެ ގޮތުން، އެމެރިކާ އާއި ނޭޓޯގެ ގައުމުތަކުން ވަނީ، ރަޝިޔާގެ ތެޔޮ ގަތުން ހުއްޓައިލުމަށް ނިންމައިފަ އެވެ. އޭގެ ބަދަލުގައި އެމެރިކާ އާއި ނޭޓޯ އިން އޯޕެކްގައި އެދެމުން ދަނީ، ދުނިޔޭގެ ބާޒާރަށް ނެރޭ ތެލުގެ މިންވަރު އިތުރުކޮށްދިނުމަށެވެ.
ނަމަވެސް އެ ގޮވުންތަކަށް އިޖާބަ ނުދީ، އޯޕެކުން ނިންމީ ތެލު ނެރޭ މިންވަރު މަދު ކުރުމަށެވެ. އޯޕެކްގެ އެ ނިންމުމާ ގުޅިގެން އެމެރިކާ އިން ވަނީ ސައޫދީއާ އެކުގައި އޮތް ގުޅުން އިތުރަށް މުރާޖައާ ކުރަންޖެހޭ ކަމަށް ބުނެ، ނުސީދާ ރައްދެއް ދީފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސެލޭމާނު ސައުންޑު.
21 December 2022
ހާއްސަކޮށް ސައުދީގެ އެއްވެސް ނިންމުމެއްގައި އެއްވެސް ގާނޫނެއްގައި ސިޔާސީ ފިކުރެއް ނޯވޭ. އެއީ އެންމެ މިނިވަން ޑިމޮކްރެޓިކު ގައުމު.