ޗައިނާގެ ކޮވިޑް ސިޔާސަތަށް ފާޑު ކިޔައި މީހަކު ޕޯސްޓަރެއް ހިފަހައްޓާލައިގެން
07 ޖެނުއަރީ 2023 - 13:39
ބެއިޖިން (ޖެނުއަރީ 7) - ކޮވިޑް-19 އާ މެދު ޗައިނާގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ފާޑުކިޔާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅައިފި އެވެ.
ޗައިނާ އިން ކޮވިޑްގެ ސައްހަ މައުލޫމާތު ހާމަކުރުމުގައި އޮޅުވާލަމުންދާ ކަމަށް ބައެއް އެހެން ގައުމުތަކުން ވެސް ތުހުމަތު ކުރެ އެވެ. ޗައިނާގެ މީހުންގެ ތެރެއިން ވެސް ބައެއް މީހުން ދަނީ ކޮވިޑްގެ ސިޔާސަތުތަކަށް ފާޑު ކިޔަމުންނެވެ.
އެހެންވެ، ޗައިނާގެ އެންމެ މަގުބޫލު ސޯޝަލް މީޑީއާ ނެޓްވޯކް، ސިނާ ވެއިބޯގައި ކޮވިޑް ޕޮލިސީ އަށް ފާޑުކިޔައި ޕޯސްޓް ކުރި 1،000 އަށް ވުރެ ގިނަ އެކައުންޓްތައް އެ ނެޓްވޯކުން ވަނީ ފޮހެލައިފަ އެވެ.
ވެއިބޯ އިން ބުނީ ކޮވިޑާ ގުޅިގެން ސައިންޓިސްޓުންނާއި ޑޮކަޓަރުންނަށް އަމާޒުކޮށް ފާޑުކިޔައި އެ ނެޓްވޯކްގެ ޕޮލިސީއާ ހިލާފުވެފައިވާ 12،700 ޕޯސްޓް ފާހަގަވާ ކަމަށެވެ.
"މި ނެޓްވޯކުން އަދިވެސް މައްސަލަ އިތުރަށް ބަލަމުން ދާނަން. މުޖުތަމައުގެ މަސްލަހަތު ގެއްލޭ ގޮތަށް ކުރާ ޕޯސްޓްތައް ދެނެގަނެ އެ ކަމަށް ފިޔަވަޅުތައް އަޅަމުން ދާނަން،" ވެއިބޯއިން ނެރުނު ބަޔާނުގައި ވެ އެވެ.
ކޮވިޑްގެ ފިޔަވަޅުތަކާ ގުޅިގެން ޗައިނާގެ އެތެރެއިންނާއި ބޭރުން ދަނީ އެ ގައުމަށް ފިއްތުންތައް ކުރިމަތި ކުރަމުންނެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެ ގައުމުގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރީ ކޮވިޑްގެ ފިޔަވަޅުތައް ލުއި ކުރުމަށް ގޮވައިލަ އެވެ. މިދިޔަ މަހު ފަހު ކޮޅު ޗައިނާ ހުޅުވައިލުމުން އެހެން ގައުމުތަކުން ބުނަމުން ދަނީ އެ ގައުމުތަކަށް ޗައިނާ އިން ދާ ދަތުރުވެރިންނަށް ކޮވިޑްގެ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
ރައްދުގައި ޗައިނާއިން ވެސް ވަނީ އެ ގައުމުތަކަށް އިންޒާރު ދީފަ އެވެ. އެ ގައުމުން ބުނީ ހަމައެކަނި ޗައިނާގެ ދަތުރުވެރިންނާ ދެކޮޅަށް ފިޔަވަޅު އަޅާ ގައުމުތަކާ ދެކޮޅަށް ވެސް ޗައިނާ އިން ވެސް ރައްދު ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮސްބަލާބަލ
07 January 2023
މަޖާ، އެފޮޓޯގަ އިންގޮތައް އިނގިރޭސި ލިޔަންކިޔަން އެނގޭމީހުން ޗައިނާގެ އާއްމުންތެރޭމަދުވާނެ. އަދި އުރުމުޗީ ހޭޝްޓެގެއް ހާން ދަރިކޮޅަކުން ނުޖަހާނެ. ތީ ހުސް ހުޅަނގުގެ ޕްރޮޕެގެންޑާ. އެހެނެއްނު ކޮވިޑް ޕޮލިސީޔާ ހެދި އެންމެންތިބީ ރުޅިއަރާފަ