ޚަބަރު / ހައި ކޯޓް

ޑްރަގް ފޮށިގަނޑެއްގެ މައްސަލައެއްގައި އުމުރަށް ޖަލަށްލި މީހެއްގެ ހުކުމް ބާތިލުކޮށްފި

ފުލުހުންގެ ޑްރަގް އޮޕަރޭޝަންގައި، ހުޅުމާލޭގައި އޮތް ކާރެއްގެ ތެރެއިން ފެނުނު 91 ޕެކެޓް ޑްރަގްސް ނަގައި ފާސްކުރަނީ. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު

ރަށަކަށް ގެންދަން އުޅުނު ފޮށިގަނޑަކުން ޑްރަގް ފެނުނު މައްސަލައެއްގައި އުމުރަށް ޖަލަށްލި މީހަކު މިނިވަން ކުރަން ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކޮށްފި އެވެ.

ޖުލައި 12، 2016 ވަނަ ދުވަހުގެ ރޭ މުހައްމަދު ނަސްވާން އާއި މުހައްމަދު ފާރިޝް ހައްޔަރު ކުރީ، މާލެއިން ރަށަކަށް މަސްތުވާތަކެތި ފޮނުވަން، ބޮޑުތަކުރުފާނު މަގު ވިލާ ކޮލެޖާ ދިމާލުން މާލޭ ފަޅު ތެރޭގައި އޮތް ދޯންޏަކަށް ފޮށިގަނޑެއް އަރުވަން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން އެތަނަށް ގޮސް ހިންގި އޮޕަރޭޝަނުގަ އެވެ. އެ ދެ މީހުން ގެންގުޅުނު ކަމަށް ބުނާ ފޮށިގަނޑު ބެލި އިރު އޭގެ ތެރޭގައި އޮތް ރަސްލީ ސުޕާރީ ފޮއްޓެއްގެ ތެރޭގައި 16.5 ގްރާމުގެ ކެނަބިސް އަޅާފައި ހުރި ފިލްމު ހުސްކުރި ދަޅެއް ފެނުނެވެ.

އެ މައްސަލައިގައި ނަސްވާންގެ މައްޗަށް ކުރި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވެ، ކްރިމިނަލް ކޯޓުން ހުކުމް ކުރީ އޭނާ އުމުރަށް ޖަލަށްލުމާ އެކު 100،000ރ.އިން ޖޫރިމަނާ ކުރުމަށެވެ. އެއީ ނަސްވާން، ފާރިޝްގެ އަތަށް ފޮށިގަނޑު ދިން ކަމަށް ފުލުހަކު ދިން ހެކިބަހާއި ނަސްވާން ކުރިން ތަހުގީގުގައި ވެފައިވާ އިއުތިރާފަށް ބުރަވެގެންނެވެ.

ނަސްވާންގެ ފަރާތުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ބެލި މައްސަލައިގައި އޭނާގެ ފަރާތުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމާ މެދު ގިނަ ސުވާލުތަކެއް އުފައްދައިފަ އެވެ.

މި މައްސަލައިގައި ސީނަށް ދިޔަ ހަތަރު ފުލުހުންގެ ތެރެއިން އެކަކު ބުނެފައި ވަނީ ތޮށިގަނޑުމަތިން ނަސްވާނާއި ފާރިޝް ހިނގާފައި ގޮސް ވަކި ހިސާބަކުން ނަސްވާން، ފާރިޝްގެ އަތަށް ފޮށިގަނޑު ދިން މަންޒަރު ފެނުނު ކަމަށެވެ. އަދި އެއަށްފަހު ނަސްވާން ދޯންޏަށް އެރީ ކަމަށެވެ. ފާރިޝް އަތަށް ނަސްވާން ފޮށިގަނޑު ދިން މަންޒަރު ދެން ތިބި ފުލުހުންނަކަށް ނުފެނެ އެވެ. އެ ތިން ފުލުހުން ވެސް ބުނީ ފޮށިގަނޑު ހިފައިގެން ތޮށިގަނޑު މަތީގައި ހުރީ ފާރިޝް ކަމަށާއި ނަސްވާން ދޯންޏަށް އެރީ ކަމަށެވެ.

މި މައްސަލައިގައި ނަސްވާންގެ ފަރާތުން އެންމެ ބޮޑަށް ސުވާލު އުފެއްދީ، ފޮށިގަނޑުގެ ހިޔާޒަތު [ބާރު ފޯރާ ހިސާބުގައި ހުރުން] އޮތް ކަމަށް ބެލެވޭނީ ކާކުގެތޯ އެވެ. ނަސްވާން ފާރިޝް އަތަށް ފޮށިގަނޑު ދިން ތަން އެންމެ ފުލުހަކަށް ފެނުނު އިރު ދެން ތިބި ފުލުހުން ބުނާ ގޮތުގައި އެ މީހުންނަށް ފޮށިގަނޑު ފެނުނީ ފާރިޝް އަތުގައި ހުއްޓަ އެވެ.

ފުލުހުން ފޮށިގަނޑު ނެގީ ވެސް ފާރިޝްގެ އަތުން ކަމަށްވާއިރު، ނަސްވާންއާ ގުޅުވާލެވޭނެ ގޮތެއް ދައުލަތަށް ސާބިތުކޮށްނުދެވޭ ކަމަށް އޭނާގެ ފަރާތުން ހައި ކޯޓުގައި ބުންޏެވެ. ނަސްވާން ހައި ކޯޓުގައި ފާހަގަކުރީ އޭނާ ހައްޔަރު ކުރި އިރު އަތުގައި ފޮށިގަނޑެއް ވެސް ނެތް ކަމަށާއި އެއްވެސް މަސްތުވާއެއްޗެއް ވެސް ނެތް ކަމަށެެވެ. އަދި ޑްރަގް ހުރި ފޮށިގަނޑު ފުލުހުންނަށް ފެނުނީ ފާރިޝްގެ އަތުގައި ކަމަށްވާއިރު، ފާރިޝްގެ މައްޗަށް އެ މައްސަލައި ދައުވާނުކޮށް ޒިންމާ ނަސްވާންގެ ބޮލުގައި އެޅުވީ ކަމަށް ބުންޏެވެ.

ފުލުހުން އެކި ފަހަރު އަތުލައިގެންފައި ހުރި ޑްރަގް ނައްތާލަން ތައްޔާރުކޮށްފައި

ފާރިޝްގެ އަތުގައި ފޮށިގަނޑު އޮތްކަމާއި އަސްލު ހިޔާޒަތު އޮތީ އޭނާގެ ކަން ފުލުހުންގެ ބަހުން ވެސް އެނގެން އޮތް އިރު އިރު، ނަސްވާނަށް ޓްރެފިކިންގެ ދައުވާކޮށް، ފާރިޝް އަށް ކެނަބިސް ބޭނުންކުރުމުގެ ދައުވާ ކުރީ ބޭއިންސާފުން ކަމަށް ނަސްވާންގެ ފަރާތުން ކޯޓުގައި ބުނެފައިވެ އެވެ.

ހައި ކޯޓުގައި ފަނޑިޔާރު މުހައްމަދު ނިޔާޒު ރިޔާސަތު ބެލެހެއްޓެވި އެ މައްސަލައިގެ ހުކުމުގައި ވަނީ އެންމެ ފުލުހެއްގެ ހެކިބަހުގެ މައްޗަށް ބުރަވެ، އެ ފޮށިގަނޑަކީ ނަސްވާން ގެނައި ފޮށިގަނޑެއްކަން ސާބިތުނުކުރެވޭނެ ކަމަށެވެ.

ފުލުހުން އެންމެ ފުރަތަމަ ފާރިޝްއާ ތޮށިމަތިން ސުވާލު ކުރި އިރު ދެއްކި ވާހަކަތަކާއި އޭނާ ތަހުގީގުގައި ދެއްކި ވާހަކަތާ ފުށުއަރަނީ ކީއްވެ ކަމެއް ފުލުހުން ބަލާފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ. ފާރިޝްއާ އެންމެ ފުރަތަމަ ސުވާލު ކުރުމުން ބުނީ، ފޮށިގަނޑު ދިނީ ރައްޓެއްސެއް ކަމަށާއި ނަސްވާން ނުދަންނަ ކަމަށެވެ. އެކަމަކު، އޭނާ ތަހުގީގަށް ދިން ބަޔާނުގައި ވަނީ އޭނާގެ ރައްޓެއްސެއް ކަމަށްވާ ނަސްވާން އޭނާ އަތަށް ފޮށިގަނޑު ހިފަހައްޓާލަން ދިނުމުން ހިފަހައްޓައިގެން ހުރީ ކަމަށެވެ.

ތަަހުގީގަކީ އިއުތިރާފު ހޯދުމުގެ މަގުސަދުގައި ކުރެވޭ ކަމަކަށްވުރެ ހެކި ހޯދުމަށް ކުރެވޭ ކަމެއް ކަމުގައި ވާން ޖެހޭ: ފަނޑިޔާރު ނިޔާޒު

މި މައްސަލައިގައި ފާރިޝްގެ ހެކިބަސް ނަގަން ނަސްވާންގެ ފަރާތުން އެދުނު ނަމަވެސް، އޭނާ އުޅޭ ނޫޅޭ ތަނެއް ނޭނގޭތީ ހާޒިރު ނުކުރެވުނު ކަމަށް ދައުލަތުން ބުނެފައިވެ އެވެ. އެކަމާ ގުޅިގެން ހައި ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ، އޭނާގެ ބަސް މި މައްސަލައިގައި ހޯދައިފި ނަމަ، އެނޫން ނަތީޖާއެއް ނިކުމެދާނެ ކަމަށްޓަކައި އޭނާގެ ބަސް ނުހޯދީ ކަމަށް ނަސްވާން ކުރާ ތުހުމަތަށް ބުރަވެވޭ ކަމަށެވެ.

"ދައުލަތުގެ ތިން އިދާރާއަކުން އެ މީހަކު ކޯޓަށް ހާޒިރުކުރަން މަސައްކަތް ކޮށްކޮށް އެކަން ނާކާމިޔާބު ވެގެން އޭނާގެ ބަހެއް ނެގޭ ގޮތް ނުވިކަމަށް ބުނާ ބުނުމަށް ވުރެ، އޭނާގެ ބަސް މި މައްސަލައިގައި ހޯދައިފި ނަމަ، އެނޫން ނަތީޖާއެއް ނިކުމެދާނެ ކަމަށްޓަކައި އޭނާގެ ބަސް ނުހޯދީކަމަށް އިސްތިއުނާފުކުރާ ފަރާތުން ކުރާ ތުހުމަތުގައި މާ އާރުލަ އެވެ."

ހައި ކޯޓުން ނިންމި ގޮތުގައި ޑްރަގް ފެނުނު ފޮށިގަނޑުގެ އަސްލު ހިޔާޒަތު އޮތީ ފާރިޝްގެ އެވެ. ނަސްވާން ފާރިޝް އަތަށް ފޮށިގަނޑު ދިންތަން ފެނުނު ކަމަށް އެއް ފުލުހުން ބުނާއިރު އެ މަންޒަރު ދެން ތިބި ތިން ފުލުހުންނަށް ނުފެންނަކަން ހުކުމުގައި ފާހަގަކުރި އެވެ. އެންމެ މީހެއްގެ ހެކިބަހަށް ބުރަވެގެން އޭގެ ހިޔާޒަތު ނަސްވާންގެ މައްޗަށް ސާބިތު ނުކުރެވޭނެ ކަމަށް ވެސް ވެ އެވެ. އަދި ފާރިޝް ދައްކާފައިވާ ވާހަކަތަކަށް ބުރަދަން ދޭން ބަލާއިރު، އޭނާ ދެ ފަހަރު ވާހަކަ ދައްކާފައި ވަނީ ދެ ގޮތަށްކަން ފާހަގަކުރި އެވެ.

ފުލުހުން އަތުލައިގެންފައިވާ ބައެއް މަސްތުވާތަކެތި ދޫނިދޫގައި ނައްތާލަނީ

ނަސްވާން އުމުރަށް ޖަލަށްލި އިރު، އޭނާއާ ދެކޮޅަށް ހުރި ހެކިތަކަށް ބާރުދޭ ގަރީނާއެއްގެ ގޮތުގައި އޭނާ ތަހުގީގުގައި ދީފައިވާ އިއުތިރާފު ބަޔާން ކޯޓުން ބަލައިގަތެވެ. އެކަމަކު، ހައި ކޯޓުގައި ނަސްވާން ބުނީ، އެއީ އޭނާ އުމުރުގައި ވެސް ފުރަތަމަ ފަރަހަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުއްޓާ، ފުލުހުން އެދިގެން، އަމިއްލައަށް ލުއި ހޯދުމަށް ވަކީލަކު ނެތި އޭނާ ދިން ބަޔާނެއް ކަމަށެވެ. އޭނާ ކިޔައިދިން ގޮތުގައި ފުލުހުން އޭނާ ގާތުގައި ބުނީ ފޮށިގަނޑުން ފެނުނީ ކުޑަ ޑްރަގް ކޮޅެއް ކަމަށާއި އެއްބަސްވެއްޖެ ނަމަ ދޫކޮށްލާނެ ކަމަށެވެ. އެ ބަޔާނަށް ފަހުން އޭނާ ވަނީ އިންކާރުކޮށްފަ އެވެ.

ހައި ކޯޓުގެ ހުކުމުގައި ފާހަގަކުރީ، ނަސްވާން ދިން އިއުތިރާފު ބަޔާނުގައި ފުލުހުން އޭނާއަށް ލިބިގެންވާ ހައްގުތައް ބަޔާންކޮށްދިން ކަމެއް ވެސް އެނގެން ނެތް ކަމަށެވެ. އެ ލިޔުންތައް ހުށަހަޅާނެ ކަމަށް ބުނެފައި ވިޔަސް އެ ލިޔުންތައް ހުށަހަޅާފައި ނެތް އިރު، އިއުތިރާފު ބަޔާން ނަގާފައި ވަނީ ގާނޫނުއަސާސީގައި ބުނާ އަސާސީ ކަންކަން ފުރިހަމަކޮށްގެން ނޫން ކަމަށް ހުކުމުގައިވެ އެވެ. އަދި އެ އިއުތިރާފު ބަޔާން އެހެން ހެކިތަކާ ގުޅުވައި ނުލެވޭނެ ކަމަށް ވެ އެވެ.

"ތަަހުގީގަކީ އިއުތިރާފު ހޯދުމުގެ މަގުސަދުގައި ކުރެވޭ ކަމަކަށްވުރެ ހެކި ހޯދުމަށް ކުރެވޭ ކަމެއް ކަމުގައިވާން ޖެހެއެވެ. ތަހުގީގެއްގައި މުއްތަހަމު އިއުތިރާފު ވަނީ، ބިރެއްދައްކައި، ހެއްލުމެއް ހައްލައި، ވައުދެއްވެ، އުފާވެރިކަމުގެ ހަބަރެއް ނުވަތަ ބިރުވެރިކަމުގެ އިންޒާރެއް ދީގެންނަމަ، މިއިން ކޮންމެ ހާލަތަކީ ވެސް އެއިއުތިރާފުގެ ސައްހަ ކަމަށް އަސަރު ކުރުވާނެ ކަންކަމެވެ." ފަނޑިޔާރު ނިޔާޒު ލިޔުއްވި އެވެ.

އެކަމަކު، ނަސްވާން ތަހުގީގުގައި ވި އިއުތިރާފާއި ފޮށިގަނޑުގެ ހިޔާޒަތާ ގުޅިގެން ފަނޑިޔާރު ހުސެއިން މަޒީދުގެ ރައުޔު ތަފާތުވި އެވެ. އޭނާގެ ރައުޔުގައި ވަނީ އިއުތިރާފުވެ ނަސްވާން ދިން ބަޔާނަކީ، އަވަހަށް ސަލާމަތްވާން ދިން ބަޔާނެއް ކަމަށް ބުނާ ނަމަވެސް، އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް، އޭނާ ކިޔައިދިން ފަދަ ތަފްސީލުތައް ކިޔައިދީ އިއުތިރާފުވެދާނެ ކަމަކަށް ނުބެލެވޭ ކަމަށެވެ. އަދި ފުލުހުންނަށް ފޮށިގަނޑު ހިފެހެއްޓުނީ ފާރިޝް އަތުގައި އޮއްވާ ނަމަވެސް، އެ ތަކެއްޗަކީ ނަސްވާންގެ މައުނަވީ ހިޔާޒަތު އަދި އޭނާއަށް އެނގިގެން ހުރި ތަކެތިކަން ސާފުވާ ކަމަށް އެ ރައުޔުގައިވެ އެވެ.

އޭގެ އިތުރުން ޑްރަގްގެ ޗެއިން އޮފް ކަސްޓަޑީގައި މައްސަލަ ހުރި ކަމަށް ދެން ތިއްބެވި ދެ ފަނޑިޔާރުންނަށް ފެނިވަޑައިގެންނެވި ނަމަވެސް، ޗެއިން ފުރިހަމަ ނުވާ ކަމަށް ނުބެލެވޭ ކަމަށާއި މި މައްސަލައިގައި ފާހަގަވަނީ ފޮރެންސިކް ޔުނިޓަށް ތަހުލީލު ކުރަން ފޮނުވަން ލަސްވިކަން ކަމަށް އެ ރައުޔުގައިވެ އެވެ. އަދި އެކަމުގެ މައްޗަށް ޗެއިން ފުރިހަމަ ނޫން ކަމަށް ނުބެލޭނެ ކަމަށް އޭނާގެ ރައުޔުގައިވެ އެވެ. ފަނޑިޔާރު މަޒީދުގެ ރައުޔަކީ ކްރިމިނަލް ކޯޓުގެ ހުކުމް ބަދަލުކުރަން ނުޖެހޭ ކަމަށެވެ.

ފަނޑިޔާރު ނިޔާޒާއި ފަނޑިޔާރު ހުސެއިން ޝަހީދުގެ އަގުލަބިއްޔަތުން ހައި ކޯޓުން ކުރި ހުކުމުގައި ވަނީ، ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ، ކުށް ސާބިތު ކުރުމުގައި އެކަށީގެންވާ ޝައްކުތަކެއް ހުއްޓައި އެކަންކަމަށް ބެލުމެއް ނެތި ކަމަށެވެ. އެހެންވެ، އެ ހުކުމް ބާތިލުކުރަން ނިންމި އެވެ.

ނަސްވާން ކުރިން އިއުތިރާފުވެ ބުނެފައި ވަނީ، އޭނާ އަކީ ޑްރަގް ބޭނުންކުރާ މީހެއް ކަމަށާއި އޭގެ ވިޔަފާރި ނުކުރާ ކަމަށެވެ. އަދި ބޭނުންވަނީ ފަރުވާ ކަމަށް ވެސް ބުންޏެވެ. އެކަމަކު، މީހަކު އަތުން 14 ގްރާމަށް ވުރެ ގިނައިން ކެނަބިސް ފެނިއްޖެ ނަމަ އެއީ ޓްރެފިކް ކުރަން ގެންގުޅުނު ތަކެތި ކަމަށް ބެލެވޭނެ އެވެ. އެ ކުށަށް ގާނޫނުން އޮންނަ އަދަބަކީ އުމުރަށް (ތަންފީޒު ކުރަން ޖެހޭނީ 25 އަހަރު) ޖަލަށްލުމާއެކު 100،000ރ. އާއި 10،000،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

8 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 23%
icon sad icon sad 8%
icon angry icon angry 69%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިބްރ

16 January 2023

މިފަދަ މައްސަލަތަކުގައި ޝާމިލްވާ ފަރާތްތަށް މަހުޖަނުންނަށްވެ ރައްޔިތުމީހާއަށް އަމާންކަން މިވަނީ ގެއްލިފައެވެ.ސިޔާސީންނަށް ރައްޔިތުމީހާ ފެންނަދުވަސް މިވަނީ ގާތްވެފައެވެ

The name is already taken The name is available. Register?

1206

16 January 2023

އެ ދުވަހު ވެސް ރައްޔިތު މީހާ އަށް ފެންނަނީ ލާރިލާރި. ދެން ކޮން ވާހަކައެއް ދައްކާކަށް.

The name is already taken The name is available. Register?

ވަޒީރީ

16 January 2023

މީ އެމްޑީޕީ އިން އިސްލާހު ކުރި ޖުޑީޝަރީގެ ހާލަތު. ހަމަ އެކަނި ކުށްވެރިޔާ ބުނާ ބަހަށް ބާރުދީގެން ކުރިން ސާބިތުވެފަ ހުރި ހުކުމްތަށް ފުރޮޅާލަނީ. ހާސްނުވޭ މިނިވަންވި ސޮރާ އެސޮރުގެ އާއިލާއިން އިބޫ ސޯލިހަށް ޕްރައިމަރީގަ ވޯޓް އަޅާނެ

The name is already taken The name is available. Register?

ދެއދ

16 January 2023

ކެންޕޭނު ވައުދެއްބާ؟؟

The name is already taken The name is available. Register?

1206

16 January 2023

މި މައްސަލަތަކުގެ ނޭރޭޓިވް ޑިކްޓޭޓް ކޮށްދޭ ބަޔަކަށް ފުލުހުން ވެއްޖެ. ފުލުހުންނަކީ ކުށްހުއްޓުވައި، ކުށަށް ތުހުތުމަތު ވެވިގެން ކުށުގެ ވެށިން ހައްޔަރުކުރެވޭ މީހުންނަށް ކުށް ސާބިތުކުރުމަށް އެކަށޭނެ ހެއްކާއި ގަރީނާ ހޯދުމާއި ކަމާބެހޭ އިޖްރާއަތު ހިންގުން. ނުބެހޭ ކަންކަމަށް އަތްބާނަން ޖާގަ ދެވޭ ހިސާބު އެ ޖެހިގެންދަނީ ޕޮލިސް ސްޓޭޓެއްގެ ސިފަ. އޭރުން މަދަނީންގެ މިނިވަންކަން ހަނިވެ، ފުލުހުން ބޭނުންވީމާ ކުށް ކުށަށް ނުވެ، ކުށް ނޫން ކަންތައް ކުށަށް ވެގެންދާނެ.

The name is already taken The name is available. Register?

ސ‫ުންބާ

15 January 2023

ދ‫ޫނިރާއޖޭގަ ތިޔަވަރުގެ ކަމެއް ހިނގާފާނެ

The name is already taken The name is available. Register?

.3214

15 January 2023

16 ގުރާމްގެ މަސްތުވާތަކޭތީގެ މައްސަލައެއްގައި ޢުމުރަށް ޖަަލަށް. 16 ސަތޭކަ ކިލޯގެ މައްސަލައިގައި މިނިވަންކަމާއެކު ދުނިޔޭގެ ބޭނުންތަނެއްގައި އުޅުމުގެ ފުރުޞަތު އާސަންދައިން ދީފައި. ވަރަށް ސަޅި

The name is already taken The name is available. Register?

ހައިލަމް

15 January 2023

މޯލްޑިވްސް ކަލޯ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454