ދުނިޔެ / ޗައިނާ

ޗައިނާ އިން ކަނޑުމަތީގައި އަސްކަރީ ތަމްރީންތަކެއް ބާއްވައިފި

ދެކުނު ޗައިނާ ކަނޑުގައި ޗައިނާ އިން އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދަނީ. --ފޮޓޯ:އޭއެފްޕީ

16 ޖެނުއަރީ 2023 - 12:54

2 comments

ހަނގުރާމައިގެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ އަސްކަރީ ތަމްރީންތަކެއް، ޗައިނާގެ ކަނޑުގެ ސިފައިން ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައި ބާއްވައިފި އެވެ.

ޗައިނާގެ ކަނޑުގެ ސިފައިން އަސްކަރީ ތަމްރީންތަކެއް މި ބޭއްވީ، އެ ސަރަހައްދާ މާ ދުރު ނޫން ހިސާބެއްގައި އެމެރިކާގެ ކަނޑުގެ ސިފައިން ވެސް އަސްކަރީ ތަމްރީންތަކެއް ބާއްވަމުން ދަނިކޮށެވެ. ޗައިނާގެ ރަސްމީ ނޫސް އެޖެންސީން ބުނި ގޮތުގައި ޗައިނާގެ ކަނޑުގެ ސިފައިންގެ ތަމްރީންތަކުގައި ބައިވެރިވީ، އެ ގައުމުގެ ހަނގުރާމަމަތީ މަތިންދާބޯޓު އުފުލާ މަނަވަރު ޝަންޑޮންގްގެ ލަޝްކަރުގައި ހިމެނޭ މަނަވަރުތަކާއި މަތިންދާބޯޓުތަކެވެ.

ޗައިނާގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި މީގެ ކުރިން އާންމުކޮށް ބާއްވާ އަސްކަރީ ފަރިތަކުރުންތަކާ ހިލާފަށް މިފަހަރުގެ ތަމްރީންތައް ކުރިއަށް ގެންދިޔައީ ހަނގުރާމައިގެ ހަގީގީ ހާލަތެއްގައި ދުޝްމަނުންނާ ކުރިމަތިލުމުގައި އަމަލުކުރާނެ ގޮތުގެ މައްޗަށެވެ. އެ ގޮތުން، ކަނޑުމަތިން އަންނަ ދުޝްމަނުންގެ ބަޔަކު ހަމަލާއެއް ދޭން އަންނަ ހާލަތެއްގައި، ޝަންޑޮންގް އިން ފުރުވައިލާ މަތިންދާބޯޓުތައް ދުޝްމަނުންނާ ކުރިމަތިލައި، އެ ހަމަލާއެއް ނާކާމިޔާބުކޮށްލާނެ ގޮތްތަކަށް މިފަހަރުގެ ތަމްރީންތަކުގައި ޚާއްސަ ސަމާލުކަމެއް ދިނެވެ. މީގެ އިތުރުން އެއްގަމާއި ވައިގެ މަގުން އަދި ކަނޑު އަޑިން އަންނަ ދުޝްމަނުންގެ ހަމަލާތަކަށް ރައްދު ދޭނެ ގޮތުގެ ތަމްރީންތަކެއް ވެސް މިފަހަރު ހެދި ކަމަށް ޗައިނާގެ އަސްކަރިއްޔާ އިން ބުންޏެވެ.

އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު ޔޫއެސްއެސް ނިމިޓްޒްގެ ލަޝްކަރުގައި ހިމެނޭ މަނަވަރުތައް ވެސް، އަސްކަރީ ތަމްރީންތަކެއް ކުރިއަށް ގެންދަނީ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގަ އެވެ. އެމެރިކާގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި، ނިމިޓްޒް ބައިވެރިވާ މި ތަމްރީންތަކަކީ އިންޑޯ ޕެސިފިކް ސަރަހައްދުގައި އެ ގައުމުގެ ކަނޑުގެ ސިފައިން އާދައިގެ މަތިން ބާއްވާ ފަރިތަކުރުންތަކުގެ ބައެކެވެ.

އެމެރިކާގެ އަސްކަރިއްޔާ އިން މިދިޔަ ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ނިމިޓްޒް މަނަވަރާއި އެ ލަޝްކަރުގައި ހިމެނޭ އެހެން މަނަވަރުތައް ގުޅިގެން ބޭއްވި އަސްކަރީ ފަރިތަކުރުންތަކުގައި އަމާޒުކުރީ، ކަނޑުމަތީގައި ހިނގާ އަސްކަރީ ކުރިމަތިލުމެއްގައި އަމަލުކުރާނެ ގޮތަށެވެ. އޭގެ އިތުރުން ސަބްމެރިންއާ ދެކޮޅަށް ހަމަލާ ދޭނެ ގޮތުގެ ތަމްރީންތަކެއް ވެސް، ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ކަމަށް އެމެރިކާގެ އަސްކަރިއްޔާ އިން ބުންޏެވެ.

ޗައިނާ އިން ގަބޫލުކުރާ ގޮތުގައި ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަކީ އެ ގައުމުގެ އިގްތިސާދީ ސަރަހައްދުގެ ބައެކެވެ. އެހެންކަމުން އެ ސަރަހައްދުގެ ސަލާމަތީ ކަންތައް ބެލެހެއްޓުމުގެ ގޮތުން، ޗައިނާ އިން ވަނީ އެ ކަނޑުގެ ފަޅެއް ހިއްކައިގެން ރަށެއް އުފައްދައި އެ ތަނުގައި އަސްކަރީ މަރުކަޒެއް ގާއިމުކޮށްފަ އެވެ.

ޗައިނާގެ އިތުރުން، ތައިވާނާއި ވިއެޓްނާމާއި މެލޭޝިޔާ އާއި ބުރުނާއީ އާދި ފިލިޕީންސް ވެސް، ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމަށް ދައުވާ ކުރެ އެވެ. އެމެރިކާ އިން ބުނާ ގޮތުގައި ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމަށް ޗައިނާ އިން ކުރާ ދައުވާއަކީ ގާނޫނީ ބުރަދަނެއް ނެތް ދައުވާއެކެވެ.

2 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ށަވިޔަނި

16 January 2023

ތިތަމްރީނުތަކަކީވެސް އެމެރިކާއާ ނޭޓޯއަށް ބޮޑުބިރެއް. ޗައިނާގެ ސަރަހައްދުން އެތައް ދައުލަތެއް އުފައްދާ އެ ދައުލަތްތަކަށް ހިމާޔަތްދީ އެތަންތާގައި އެމެރިކާ ސިފައިން ބައިތިއްބާފައި ނެތްނަމަ ޗައިނާ ބޮޑުބަޑިއެއްވެސް ނުއުފައްދާނެ. ދުނިޔޭގެ ހަތަރުބިތުގައި މިލިޓަރީ ބޭސްތައް ގާއިމުކޮށް މުޅިދުނިޔެއަށް ބިރުދައްކާއިރު އެއީ ބިރަކަށް ނުވޭ. މިވަރު މޮޔަގޮޔާ މީހުންގެ ބަސްއަހާނީވެސް މޮޔައިން.

The name is already taken The name is available. Register?

ޖުހާ.

16 January 2023

“ އެމެރިކާ އިން ބުނާ ގޮތުގައި ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމަށް ޗައިނާ އިން ކުރާ ދައުވާއަކީ ގާނޫނީ ބުރަދަނެއް ނެތް ދައުވާއެކެވެ.” ބުރަދަން ހުންނާނީ އެމެރިކާ ބުނާ އެއްޗެހީގަ. ފޯޅަވަހިވެސް އެއީ އިނގިރޭސިވިލާތުގެ ފަޅުތެރޭގަ އޮތްތަނެކޭ ބުނެފިއްޔާ އެވެސް ވަރަށް ބުރަވާނެ. ޖަންގަލީގެ ގާނޫނު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454