ޕަތާން ފިލްމުގައި ޝާހްރުކް "ފްރޯޒެން ލޭކް" މަތިން ސައިކަލުގައި ދުއްވަމުން ބަޑިޖަހާ މަންޒަރެއް
19 ޖެނުއަރީ 2023 - 06:37
ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) ގެ ޕަތާން ފިލްމުން އަންނަނީ ފަހަކަށް އައިސް ހަބަރުތަކުގެ ސުރުހީތައް ފުރަމުންނެވެ. ޝާހްރުކް ހާނާއި، ދިޕީކާ ޕަޑުކޯން އަދި ޖޯން އަބްރަހަމް ފަދަ ބޮލީވުޑްގެ ވަރުގަދަ ތަރިންތަކެއް ކުޅެފައިވާ އެ ފިލްމު މި މަހު 25 ގައި ސިނާމަތަކަށް އަންނައިރު، އެ ފިލްމުގައި ހިންދީ ފިލްމަކުން މީގެ ކުރިން ނުފެންނަ ފަދަ ރީތި މަންޒަރުތަކެއް ގެނައުމަކީ ފިލްމު ހެދި ފަރާތްތަކުގެ އަޒުމެކެވެ.
ފިލްމުގެ ޓްރެއިލާ ވެސް ކުލަގަދަކޮށް ރިލީޒްކޮށްފައިވާއިރު، ޓްރެއިލާގެ މަންޒަރުތައް ބެލުމަށް ފަހު ފިލްމު ބަލާލަން ގިނަ ބަޔަކު ތިބީ ކެތްމަދުވެފަ އެވެ. އެ ފިލްމުން ހަބަރުތަކުގެ ސުރުހީތައް ފުރަމުން ގޮސް މިހާރު މިވަނީ އަނެއްކާ ވެސް އާ ރެކޯޑެއް ފިލްމަށް ލިބިފަ އެވެ. އެއީ ސައިބީރިއާގެ ހިތްގައިމު، ގަނޑުވެފައިވާ ފެންގަނޑު، "ފްރޯޒެން ލޭކް ބައިކެލް" ގައި ޝޫޓުކުރި އެންމެ ފުރަތަމަ ހިންދީ ފިލްމުގެ ލަގަބެވެ.
ޕަތާން ފިލްމުގައި ޝާހްރުކް "ފްރޯޒެން ލޭކް" މަތިން ސައިކަލުގައި މީހެއްގެ ފަހަތުން ދުއްވާ މަންޒަރު
އެ ފިލްމުގައި ޝާހްރުކް ސައިކަލެއްގައި އެ ފެންގަނޑުމަތިން ބަޔަކު ފަހަތުން ބަޑި ޖަހަމުން ދުއްވާފައި ދާ މަންޒަރު ފެނެ އެވެ.
އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރު ސިދްރަތު އާންނަދުގެ އެ ފިލްމުގެ ޕްރޮމޯޝަނަލް ހުރިހާ ކޮންޓެންޓުތަކަށް ވަނީ ބޮޑު ހިޓެއް ލިބިފަ އެވެ. އެގޮތުން، ފިލްމުގެ ޓްރެއިލާގެ އިތުރުން އެންމެ ފުރަތަަމަ ރިލީޒް ކުރި ފިލްމުގެ ދެ ލަވަ، "ބެޝަރަމް ރަންގް" އަދި "ޖޫމެ ޖޯ ޕަތާން" އަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.
ޑައިރެކްޓަރު ސިދްރަތާ ހަވާލާދީ އިންޑިއާގެ ނޫހެއްގައި ލިޔެފައިވާ ގޮތުން، ފްރޯޒެން ލޭކުގައި ސީން ޝޫޓުކޮށްފައި ވަނީ ސީދާ ރަޝިއާގެ މޮސްކޯއިން ރައްކާތެރިކަމުގެ ސާމާނު އެތެރެ ކޮށްގެންނެވެ. އެ ފެންގަނޑު މަތިން ދުއްވާފައި ދާ މަންޒަރު ޝޫޓުކުރެވުނު ގޮތާ މެދު ޑައިރެކްޓަރު ހުރީ ވަރަށް ހިތްހަމަޖެހިފައި ކަމަށް ބުނެފައިވެ އެވެ.
ޕަތާން ފިލްމުގައި ޝާހްރުކް "ފްރޯޒެން ލޭކް" މަތިން ސައިކަލުގައި މީހެއްގެ ފަހަތުން ދުއްވާ މަންޒަރު
"އަހަރެމެން ބަލާފައިވާނީ ޕަތާންގެ ހުރިޙާ އެކްޝަންތަކެއް ވެސް މީގެ ކުރިން އިންޑިއާގެ ސިނަމާތަކުން ނުފެންނަހާ ރީތިކޮށް ގެނެސްދޭން. ހަގީގަތަށް ބުނާނަމަ، އަހަރެމެން މި ފިލްމުގައި ނަގާފައިވާނީ މީގެ ކުރިން އިންޑިއާގެ ފިލްމަކުން ނުނަގާ ފަދަ އެކްޝަން ސިކުއެންތަކެއް،" ސިދްރަތު ބުނެފައިވެ އެވެ.
ޕަތާން އަކީ އަދިތުޔާ ޗޮޕްރާގެ "ސްޕައި ޔުނިވާސް" ގެ ފިލްމުތަކުގެ ތެރެއިން ހިިމެނޭ ފިލްމެކެވެ. އަދި އެ ފިލްމަކީ ހަތަރު އަހަރަށް ފަހު ނިކުންނަ ޝާހްރުކްގެ ފުރަތަމަ ފިލްމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތައްކާނުބެ
19 January 2023
ފިލްމު ރީތި ތަންތާނގައި ނެގުނީމަ އެނިމުނީ. އެހެޔޮ އެއްވެސް ކަހަލަ އަމިއްލަވަންތަކަމެއް ނެތި، އުފެއްދުންތެރިކަމެއް ނެތި، ހޮލީވުޑް ފިލްމެއްގެ ކޮޕީއަކަށް ވިޔަސް.