ކުޅިވަރު / މިކެލް އަޓޭޓާ

އާޓެޓާގެ ހިތްވަރަކަށް ވީ ފާގަސަން

ލަންޑަން (ޖެނުއަރީ 22) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލް އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރާ މެޗުގެ ކުރިން، އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ވަނީ އޭނާ އަށް ހިތްވަރު ލިބެނީ ޔުނައިޓެޑްގެ ލެޖެންޑަރީ ކޯޗު ސާ އެލެކްސް ފާގަސަންގެ ފަރާތުން ކަން ހާމަ ކޮށްފަ އެވެ.

"އަހަރެންނަށް ތަފާތަކަށް ވޭ އޭނާ [ފާގަސަން] ހުރުމުން، އޭނާ ވާހަކަ ދައްކާ ގޮތް ވެސް. މެޗާއި ކުޅުންތެރިންނާ މެދު އޭނާގެ ހިޔާލު ވަރަށް ސީދަލަށް ތެދުވެރިކަމާ އެކު ހާމަ ކުރާނެ،" އާޓެޓާ ބުންޏެވެ.

"އަހަރެން ވާހަކަ ދައްކާލިން [ފާގަސަން އާ]، އެކަމަކު ރަސްމީ ކޮށެއް ނޫން. އޭނާގެ ވަށައިގެން ތިބި މީހުނާ އެކު، އެންމެ ބޮޑަށް ދެއްކި ވާހަކަ އަޑު އެހީ."

ކުރިން އާސެނަލްގެ ކެޕްޓަން ވެސް ކުރި އާޓެޓާ، ކުޅުންތެރިއެއްގެ ގޮތުގައި 2011 ގައި އާސެނަލް އަށް ބަދަލުވީ، ފާގަސަންގެ ޔުނައިޓެޑުން އޯލްޑް ޓްރެފޯޑްގައި 8-2 އިން އާސެނަލް ބަލިކުރިތާ ދެ ދުވަސް ފަހުންނެވެ. އެއީ ޔުނައިޓެޑާ ދެކޮޅަށް އާސެނަލް އަށް ކުރިމަތިވި އެންމެ ބޮޑު ބައްޔެވެ.

އާޓެޓާ ބުނިގޮތުގައި، ހާލަތު ނިޔާކުރާ ގޮތަކީ ބައެއް ފަހަރު އެހެން މީހަކަށް ފުރުސަތު ދޭން މަޖުބޫރު ކުރުވާ ކަމެއް ކަމަށެވެ.

"އެއީ 8-2 އަކީ ބޮޑު ނަތީޖާއެއް. އަހަރެން މިތަނަށް ގެންނަން މެދުވެރިވި ސަބަބަކީ ސީދާ އެ ނަތީޖާ ކަމަކަށް ނުދެކެން، އެކަމަކު އެއިން ވެސް ކޮންމެވެސް ވަރެއްގެ އެހީއެއް ވި. އެއަށް ފަހު އެއީ މާޒީ،" އާޓެޓާ އިތުރަށް ބުންޏެވެ.

މެންޗެސްޓާ ސިޓީގައި ޕެޕް ގާޑިއޯލާގެ އެސިސްޓެންޓެއްގެ ގޮތުގައި ކޯޗިން ކެރިއާ ފެށި އާޓެޓާ އާސެނަލްގެ ކޯޗުކަމާ ހަވާލުވީ ޑިސެމްބަރު 2019 ގަ އެވެ. ފާގަސަން ޔުނައިޓެޑްގައި އަމަލު ކުރި ގޮތަށް، އާޓެޓާ ވެސް ވަނީ އާސެނަލްގައި މަޝްހޫރު ނަންތައް އެއްފަރާތްކޮށް، ޒުވާން ކުޅުންތެރިން ގެނެސް ބޮޑެތި މެޗުތަކުގައި ފުރުސަތު ދޭން ފަށައިފަ އެވެ.

އިނގިރޭސި ލީގުގެ ޗެމްޕިއަންކަން ހޯދަން މަސައްކަތް ކުރަމުންދާ އާސެނަލް މިރޭ ޔުނައިޓެޑާ ދެކޮޅަށް ނުކުންނައިރު އެޓީމު އެއްވަނައިގައި އޮތީ ފަސް ޕޮއިންޓްގެ ލީޑަކާ އެކު އެވެ. އާސެނަލް އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން ޔުނައިޓެޑް ހަތަރު ވަނައިގައި އޮތީ އަށް ޕޮއިންޓް ފަހަތުގަ އެވެ.

މި ސީޒަން ގައި އާސެނަލް ލީގުގައި މިހާތަނަށް ބަލިވެފައި ވަނީ ވެސް އެންމެ މެޗަކުންނެވެ. އެއީ އޯލްޑް ޓްރެފޯޑް ގައި ޔުނައިޓެޑާ ދެކޮޅަށް 3-1 އިންނެވެ.

އޭރު އުނދަގޫ ހާލަތެއްގައި އޮވެ ޔުނައިޓެޑުން އާސެނަލް ބަލިކުރި ނަމަވެސް ކޯޗު އެރިކް ޓެން ހަގް ވަނީ ޔުނައިޓެޑްގެ ހާލަތު މި ފަހުން މުޅިން ބަދަލު ކޮށްލައިފަ އެވެ. މިރޭގެ މެޗަށް ނުކުތުމުގެ ކުރިން ޔުނައިޓެޑް އެންމެ ފަހުން ކުޅުނު 10 މެޗުން ވެސް ބަލި ވެފައެއް ނުވެ އެވެ.

"އަހަރެން ގަބޫލު ކުރާ ގޮތުގައި އޭނާ [ޓެން ހަގް] ވަނީ ޔުނައިޓެޑްގެ ކުޅުން އޭނާގެ ސްޓައިލަށް ވަރަށް އަވަހަށް ބަދަލު ކޮށްލައިފައި. ޓީމުގައި ބޭނުންވާ ހަކަތަ އެބަހުރި، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އޭނާ ވަނީ ވަރަށް ބައިވަރު ކަންތައްތަކެއް ބަދަލު ކޮށްލައިފައި،" ޓެން ހަގް އާ ގުޅޭގޮތުން އާޓެޓާ ބުންޏެވެ.

އާސެނަލް އާއި ޔުނައިޓެޑް ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 9:30 ގަ އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 33%
icon inlove icon inlove 33%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454