ވެސްޓް ހޭމް އަތުން 2-0 އިން ބަލިވި މެޗަށް ފަހު ލަމްޕާޑް.-- ފޮޓޯ: އޭއެފްޕީ
24 ޖެނުއަރީ 2023 - 09:21
ވަލްޓަން (ޖެނުއަރީ 24) - އިނގިރޭސި ޕްރިމިއާ ލީގުގައި ރެލިގޭޝަންގެ ބިރު ހީވެފައިވާ އެވަޓަން އިން އެޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑް މަގާމުން ވަކިކޮށްފި އެވެ.
އެންމެ ފަހުން ލީގުުގައި އެވަޓަން ވަނީ ރަށުން ބޭރުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން 2-0 އިން ބަލި ވެފަ އެވެ. މިއީ ޖެހިޖެހިގެން އެޓީމު ލީގުގައި ބަލިވި ތިން ވަނަ މެޗެވެ. ވެސްޓް ހޭމް އަތުން ބަލިވި މެޗަކީ އެޓީމުގެ އޯނަރު ފަރްހާދު މޮޝީރީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހަށް ފަހު އެޓީމުގެ މެޗެއް ބަލައިލާން ދަނޑަށް ހާޒިރުވި ފުރަތަމަ މެޗެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ 31 ގައި އެވަޓަން ލީގުގެ 16 ވަނައިގައި އޮއްވައި ރަފައެލް ބެނިޓޭޒް މަގާމުން ވަކިކުރުމާ ގުޅިގެން އެވަޓަންގެ ކޯޗުކަމާ ހަވާލުވެ އޭނާ ވަނީ ހަނި ގޮތަކަށް ކުލަބް ރެލިގޭޓް ވުމުން ސަލާމަތް ކޮށްދީފަ އެވެ. ނަމަވެސް މި ސީޒަން ގައި ލީގުގައި މިހާތަނަށް ކުޅުނު 20 މެޗުން އެޓީމު މޮޅުވީ އެންމެ ތިން މެޗުންނެވެ. މީގެ ތެރެއިން 11 މެޗުން ބަލިވެފައި ވާއިރު އެޓީމު އޮތީ ފުލުގައި އޮތް ސައުތެމްޓަނާ އެއްވަރަށް 15 ޕޮއިންޓް ހޯދައިގެން ތާވަލްގެ 19 ވަނައިގަ އެވެ.
ލަމްޕާޑް، 44، އާއެކު އެވަޓަން ވަނީ މި ސީޒަންގެ އެފްއޭ ކަޕާއި ލީގް ކަޕުން ވެސް ކަޓައިފަ އެވެ.
މަގާމުން ވަކި ކުރުމަށް ފަހު ކުލަބުން ވަނީ ފާއިތުވި 12 މަސްދުވަހުގެ ތެރޭގައި ދިމާވި ގޮންޖެހުން ތަކާއެކު ވެސް ލަމްޕާޑާއި އޭނާގެ ކޯޗިން ޓީމުން ކޮށްދީފައިވާ މަސައްކަތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.
"ފްރޭންކް [ލަމްޕާޑް] އާއި އޭނާގެ ޓީމުން ކުލަބުގައި ހޭދަކުރި މުއްދަތުގައި ކޮށްދިނީ ނަމޫނާ މަސައްކަތްތަކެއް. އެހެން ނަމަވެސް މި ނިންމުން ނިންމަން ޖެހުނީ ފަހުގެ ނަތީޖާތަކާއި ލީގުގައި އޮތް މަގާމުގެ ސަބަބުން،" އެވަޓަން އިން ރޭ ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ކުރިން ޗެލްސީ އާއި ޑާބީ ކައުންޓީ އަށް ކޯޗު ކޮށްދިން ލަމްޕާޑާ އެކު އޭނާގެ ކޯޗިން ޓީމުގައި ހިމެނޭ އޭޝްލީ ކޯލް، ޖޯ އެޑްވާޑްސް، ކްރިސް ޖޯންސް އަދި ޕޯލް ކްލެމެންޓް އެވަޓަން ދޫކޮށްލާފައި ވީ ނަމަވެސް ގޯލްކީޕިން ކޯޗު އެލެން ކެލީ އެވަޓަން އާއެކު ކުރިއަށް ދާނެ އެވެ.
ޓްރާންސްފާ ބާޒާރުގައި އެވަޓަން އަށް ކުޅުންތެރިން ގެނައުމުގައި ދަތިތަކެއް ކުރިމަތިވެފައި ވާއިރު، ލަމްޕާޑަށް ވަނީ ޓީމު ތެރޭގައި އުޅޭ ޑިސިޕްލިނަރީ މައްސަލަތަކާ ވެސް ކުރިމަތިލާން ޖެހިފަ އެވެ.
ލަމްޕާޑް ބޭރު ކުރުމަށް ފަހު އެވަޓަން އަންނަނީ ހަތް އަހަރު ތެރޭ ޓީމަށް ހަތް ވަނަ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އިނގިރޭސި ރިޕޯޓްތައް ބުނާގޮތުން އެވަޓަން އިން މަސައްކަތް ކުރަނީ މިދިޔަ އަހަރު ގެ ފެބްރުއަރީ މަހު ލީޑްސް ޔުނައިޓެޑުގެ ކޯޗުކަމުން ވަކިކުރި މާސެލޯ ބިއެލްސާ ގެންނާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy