ދުނިޔެ / ސައޫދީ އަރަބިއްޔާ

މިއަހަރުގެ ހައްޖަށް ދެ މިލިއަން މީހުން

25 ޖެނުއަރީ 2023 - 09:34

2 comments

މި ހިނގާ 1444 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ދެ މިލިއަން މުސްލިމުން ބައިވެރިކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ސައޫދީ އަރަބިއްޔާ އިން ބުނެފި އެވެ.

ސައޫދީ އަރަބިއްޔާގެ ހައްޖާއި އުމްރާގެ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ތައުފީގު އައްރަބީއާ އިއްޔެ އަލްޖީރިއާގައި ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި ސައޫދީ ސަރުކާރުން މިހާރު ނިންމާފައިވަނީ، ކޮވިޑް-19ގެ ވަބާ ފެތުރެން ފެށުމުގެ ކުރިން ހައްޖުގެ އަޅުކަމުގައި މީހުން ބައިވެރިވި އަދަދަށް މިއަހަރުގެ ހައްޖުގައި ބައިވެރިކުރާށެވެ. ވަޒީރު ވިދާޅުވި ގޮތުގައި އޭގެ ތެރެއިން 41300 މީހުންގެ ފުރުސަތު އަލްޖީރިއާ އަށް އޮންނާނެ އެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ސައޫދީ އަރަބިއްޔާގެ ސަރުކާރުން މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ، ހައްޖާއި އުމްރާގެ ކަންކަމާ ބެހޭ ހުރިހާ އިދާރާތަކެއް ގުޅިގެން، ހައްޖުވެރިންނަށް ވަރަށް ފުރިހަމަ ޚިދުމަތްތަކެއް ދިނުމަށެވެ. އެ ގޮތުން ހައްޖުވެރިންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށާއި، ހައްޖުގެ އަޅުކަން ފުރިހަމަކުރުމަށްޓަކައި ބޭނުންވާނެ އެހެން ހުރިހާ ޚިދުމަތްތަކާއި ލުއިފަސޭހަތައް ހަމަޖެއްސުމަށް، މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް ބަލިމަޑުކަމާ ގުޅިގެން ހައްޖާއި އުމްރާގައި ބައިވެރިކުރާ މީހުންގެ އަދަދު މަދުކުރުމާ ގުޅިގެން އިގްތިސާދީ ގޮތުން ލިބުނު ގެއްލުން ފޫބެއްދުމުގެ ގޮތުން ސައޫދީ ސަރުކާރުން މިހާރު ވަނީ ހައްޖާއި އުމްރާގައި ބައިވެރިވާ މީހުންނަށް އިތުރު އިނާޔަތްތައް ހަމަޖައްސައިފަ އެވެ. އޭގެ ތެރޭގައި، އުމްރާގެ އަޅުކަމަށް ދޫކުރަމުން އައި 30 ދުވަހުގެ ވިސާގެ މުއްދަތު މިހާރުވަނީ 90 ދުވަހަށް އިތުރުކޮށްފަ އެވެ. އަދި ޚާއްސަ ވިސާއެއްގައި ނޫނީ އުމްރާގެ އަޅުކަން އަދާނުކުރެވޭ ގޮތަށް އޮތް އުސޫލު ބަދަލުކޮށް، ކޮންމެ ކަހަލަ ވިސާއެއްގައި ސައޫދީ އަށް އެތެރެވުމަށް ފަހު ވެސް، އުމްރާގެ އަޅުކަން ކުރެވޭ ގޮތަށް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

އޭގެ އިތުރުން، އުމްރާގައި ބައިވެރިވާ މީހުންގެ އިންޝޫރެންސްގެ ގޮތުގައި ކުރިން ނަގަމުން އައި 235 ރިޔާލު މިހާރު ވަނީ 88 ރިޔާލަށް ކުޑަކޮށްފަ އެވެ. އަދި ހައްޖުވެރިންގެ އަތުން އިންޝޫރެންސްގެ ގޮތުގައި ނަގަމުން އައި 109 ރިޔާލުން 73 ޕަސެންޓް އުނިކޮށް، މިއަހަރުން ފެށިގެން ނަގާނީ އެންމެ 29 ރިޔާލެވެ. އަދި އުމްރާ ވިސާގައި އެތެރެވުމަށް ފަހު، ސައޫދީ އަރަބިއްޔާގެ ކޮންމެ ތަނަކަށް ވެސް މިހާރު ދަތުރުކުރެވޭނެ އެވެ.

ކުރިން އޮތް ގޮތުން ނަމަ، ހައްޖާއި އުމްރާގެ ވިސާގައި އެތެރެވުމަށް ފަހު ދަތުރުކުރެވޭނީ މައްކާ އާއި މަދީނާގެ އިތުރުން، ހައްޖުގެ އަޅުކަމާއި ނަބަވީ ޒަމާނާ ގުޅުން ހުރި ބައެއް އާސާރީ ސަރަހައްދުތަކަށެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށް 2009 ވަނަ އަހަރާއި 2019 ވަނަ އަހަރާ ދެމެދު ހުއްދަ ދެމުން އައީ ކޮންމެ އަހަރަކު ވެސް ގާތްގަނޑަކަށް 2.3 މިލިއަން މީހުންނަށެވެ. އަދި 2019 ވަނަ އަހަރު އެކަނިވެސް، ދުނިޔޭގެ އެކި ގައުމުތަކުންނާއި ސައޫދީ ރައްޔިތުންނާއެކު، ޖުމްލަ 2.9 މިލިއަން މީހުން ހައްޖުގައި ބައިވެރި އެވެ.

ނަމަވެސް 2019 ވަނަ އަހަރުގެ ފަހުކޮޅު ޗައިނާ އިން އުފެދި މުޅި ދުނިޔެއަށް ފެތުރިގެން ދިޔަ ކޮވިޑް-19 ބަލިމަޑުކަން ސައޫދީގައި ވެސް ފެތުރެން ފެށުމާއެކު، 2020 ވަނަ އަހަރުގެ ހައްޖުގައި ބައިވެރިވުމަށް ބޭރުގެ އެއްވެސް ގައުމަކުން ސައޫދީ އަށް އެތެރެވުމަށް ފުރުސަތެއް ނުދެ އެވެ. އެހެންކަމުން 2020 ވަނަ އަހަރުގެ ހައްޖުގައި ބައިވެރިކުރީ، ސައޫދީގައި އެވަގުތު ތިބި އެކި ގައުމުތަކުގެ ރައްޔިތުންނާއި ސައޫދީ ރައްޔިތުންގެ ތެރެއިން އެންމެ 1000 މީހުންނެވެ.

އަދި ޖެހިގެން އައި 2021 ވަނަ އަހަރުގެ ހައްޖުގައި ބައިވެރިކުރީ، ކޮވިޑުން ދިފާއުވުމަށް ބޭނުންކުރާ ވެކްސިންގެ ދެ ޑޯޒް ހަމަކޮށްފައިވާ، ސައޫދީ ރައްޔިތުންނާއި، ސައޫދީގައި ތިބި އެކި ގައުމުތަކުގެ މީހުންގެ ތެރެއިން، ޖުމްލަ 60000 މީހުންނެވެ. ހުސްވި 2022 ވަނަ އަހަރުގެ ހައްޖުގައި ދުނިޔޭގެ އެކި ގައުމުތަކުގެ މީހުންނާއި ސައޫދީ އަރަބިއްޔާގެ ރައްޔިތުންނާ އެކު ޖުމްލަ 899533 މީހުން ބައިވެރިވި އެވެ.

ކޮވިޑް ފެތުރެން ފެށުމާ ގުޅިގެން، މިދިޔަ ތިން އަހަރުގެ ހައްޖުގައި ވެސް ބައިވެރިކުރީ، އުމުރުން 65 އަހަރުން ދަށުގެ މީހުންނެވެ. ނަމަވެސް މިއަހަރުގެ ހައްޖުގައި ބައިވެރިވުމަށް ވަކި އުމުރެއް ކަނޑައަޅައިފައެއް ނެތެވެ.

2 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަބްދުﷲ އިބްރާހީމް

25 January 2023

ވަރަށް ޝުކުރިއްޔާ ސަޢޫދޫ ވެރިންނަށް، މިރާއްޖޭގައި ޙައްޖަށް ނުދެވިފައިތިބި ވަރަށް ގިނަ ޢަދެއްގެ މީހުން އެބަތި، އަދި މިއީ ދުނިޔޭގައި ސަޢޫދީ ފިޔަވައި ރަސްމީ ކޮށް 100 ޕަސެންޓް މުސްލިމް ޤައުމެއްގެ ގޮތުގައި އޮތް ޤައުމު، އެހެންކަމުން މިޤައުމަށް ކޯޓާ އިތުރުކޮށް ގިނަ ބަޔަކަށް ބައިވެރިވެވޭނޭގޮތް ހައްދަވައި ދެއްވުން އެދެން.

The name is already taken The name is available. Register?

ތުއްތޮނާ

25 January 2023

ޢަބުދުﷲއެވެ. ތިހެން ކޮއްލާ ކޮމަންޓް އަކުން ތިކަމެއް ނުވާނެއެވެ. ފެންނަނީ ސަޢުދީގެ ރަސްގެފާނަށް މަނިކުފާނު ސިޓީ އަކުން ދަންނަވާށެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454