31 ޖެނުއަރީ 2023 - 12:26
އިޒްރޭލާއި ފަލަސްތީނާ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން އިތުރަށް ގޯސްނުކުރުމަށް، އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން، ފަލަސްތީނަށާއި އިޒްރޭލަށް އިއްޔެ އިންޒާރު ކުރައްވައިފި އެވެ.
ފަލަސްތީނުގެ ބިންތައް ފޭރިގަނެ ފަލަސްތީނު މީހުންނާ ދެކޮޅަށް އިޒްރޭލު ސަރުކާރުންނާއި އިޒްރޭލުން ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރިކުރުވާފައިވާ ޔަހޫދީން ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގައި، މިއަހަރުގެ މިހާތަނަށް ވެސް ފަލަސްތީނުގެ 35 މީހަކު ޝަހީދުވެއްޖެ އެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިން ވެސް ހިމެނެ އެވެ.
އެ އަމަލުތަކަށް ބަދަލު ހިފުމުގެ ގޮތުން ފަލަސްތީނުގެ މުޖާހިދުން ދިން ތަފާތު ހަމަލާތަކުގައި އިޒްރޭލުގެ އާންމުންގެ ހަ މީހަކު، މިއަހަރުގެ މިހާތަނަށް މަރުވެއްޖެ އެވެ.
U.S. Secretary of State Antony J. Blinken landed today in Ben Gurion airport for an official visit to Israel. The Secretary will meet with @IsraeliPM & other senior leaders to reinforce U.S. support for Israel’s security & shared democratic values. pic.twitter.com/ljHuTNToXg
— U.S. Embassy Jerusalem (@usembassyjlm) January 30, 2023
އިޒްރޭލުގެ އަސްކަރިއްޔާ އިން ފަލަސްތީނުގެ އާންމު ރައްޔިތުންނާ ދެކޮޅަށް ދޭ ހަމަލާތައް، މީގެ ހަފުތާއެއްހާ ދުވަސް ކުރިން ފެށިގެން ވަރުގަދަކޮށްފައި ވަނިކޮށް، އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން، އިއްޔެ ވަނީ މެދުއިރުމައްޗަށް ކުރައްވާ ރަސްމީ ދަތުރެއްގައި އިޒްރޭލަށް ވަޑައިގެންފަ އެވެ. އިޒްރޭލުގެ ވެރިރަށް ތެލް އަބީބްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބްލިންކެން ވިދާޅުވީ ދެ ފަރާތުގެ މެދުގައި މިހާރު ރޯވެފައިވާ އަލިފާންގަނޑަށް އިތުރަށް ތެޔޮ އެޅުމުގެ ބަދަލުގައި، އަލިފާންގަނޑު ނިއްވައިލެވޭތޯ މަސައްކަތް ކުރުމަކީ ދެ ފަރާތުގެ ވެސް ޒިންމާއެއް ކަމަށެވެ.
ބްލިންކެން ވިދާޅުވީ އިޒްރޭލާއި ފަލަސްތީނުގެ މައްސަލަ އަށް އޮތް ސުލްހަވެރި ހަމައެކަނި ހައްލަކީ މިނިވަން ދެ ދައުލަތް އުފެއްދުންކަމަށް އެމެރިކާ ގަބޫލުކުރާ ކަމަށެވެ. އެހެންކަމުން، މިހާރު އުފެދިފައިވާ ނުތަނަވަސްކަމަށް އޮތް ހައްލަކީ ވެސް، ދެ ދައުލަތުގެ ހައްލު ހޯދުމަށް ދެ ފަރާތުން ވެސް އަލުން މަސައްކަތް ފެށުން ކަމަށް ބްލިންކެން ވިދާޅުވި އެވެ.
ބްލިންކެން ވިދާޅުވީ ދެ ދައުލަތުގެ ހައްލު ހޯދުމާ ދުރަށް ދާ ވަރަކަށް، އިޒްރޭލުގެ ދުރު ރާސްތާގެ ރައްކާތެރިކަމަށް ހުރަސްއެޅިގެންދާނެ ކަމަށެވެ. އަދި އިޒްރޭލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި އެމެރިކާ އަބަދުވެސް ދެމިއޮންނާނެ ކަމަށް ވެސް ބްލިންކެން ވިދާޅުވި އެވެ.
އޭގެ އިތުރުން ގުދުސްގައިވާ މުގައްދަސް ތަންތަނުގެ ދީނީ އަދި ސިޔާސީ ހައިސިއްޔަތަށް އެމެރިކާ އަބަދުވެސް ތާއީދުކުރާނެ ކަމަށް ވެސް ބްލިންކެން ވިދާޅުވި އެވެ. އޭނާ އެ އިޝާރާތް ކުރެއްވީ، އިޒްރޭލުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރު ބިން ޣަފީރު، މި މަހުގެ 3 ވަނަ ދުވަހު، މަސްޖިދުލް އަގްސާ އަށް ވަދެ، އެ ހަރަމްފުޅުގެ ހުރުމަތް ކެނޑި މައްސަލަ އަށެވެ.
އިތަމާރު، މަސްޖިދުލް އަގްސާ އަށް ވަނުމާ ގުޅިގެން، ފަލަސްތީނުގެ އެތައް ހާސް ބަޔަކު ވަނީ އިޒްރޭލު ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ކުރަން ފަށައިފަ އެވެ. އެ މުޒާހަރާތައް ހުއްޓުވުމަށް އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ހަތިޔާރުގެ ބޭނުންކުރުމުން، މި މަހުގެ 26 ވަނަ ދުވަހު ފަލަސްތީނުގެ 10 މީހުން ޝަހީދުވި އެވެ.
އެކަމަށް ބަދަލު ހިފުމުގެ ގޮތުން ފަލަސްތީނުގެ މުޖާހިދުން ވަނީ އިރުމަތީ ގުދުސްގައި ޔަހޫދީން ވަޒަންވެރިވެގެން އުޅޭ ސަރަހައްދުތަކަށް ހަމަލާ ދޭން ފަށައިފަ އެވެ. އެ ގޮތުން މި މަހުގެ 27 ވަނަ ދުވަހު ފަލަސްތީނުގެ މުޖާހިދަކު ވަނީ އިރުމަތީ ގުދުސްގައި ހުރި ޔަހޫދީ ފައްޅިއެއްގެ ކައިރިއަށް އެއްވެ އުޅުނު އިޒްރޭލުގެ އާންމުންގެ ބައެއްގެ ތެރެއަށް ބަޑި ޖަހައި ހަތް މީހަކު މަރާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރާކަނިމަސް!
01 February 2023
އެމެރިކާ މީހުންގެ ދާހިލީ ހަގުރާމަ އަކައްފަހު އަޅުންގެންގުޅުމަކީ ހުއްދަކަމެއް ނޫން. މެދުއިރުމަތީގަ މަތިންބާއްވާލެއްވި ގޮތޭކިޔާފަ ހަމުގެ ކުލައިގެ ގޮތުން ދުނިޔޭގެ ދެބައިކުޅަ އެއްބަޔަކީ އެމީހުންގެ އަޅުން. ރާކަނިމަސް އެބަކެވޭނު މިހާރު!!
ހަވޗ
31 January 2023
ސުކުރިއްޔާ މިހާރު. މީ ވަރށް ރަނގަޅު ލިޔުމެއް.
ބީރުބޮލު ވަޒީރު.
31 January 2023
.. އަދި އިޒްރޭލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި އެމެރިކާ އަބަދުވެސް ދެމިއޮންނާނެ ކަމަށް ވެސް ބްލިންކެން ވިދާޅުވި އެވެ... ބުލިންކެން މިހެން ވިދާޅުވިއިރު އެމެރިކާއަށްވުރެ މަތީފަރާތެއް އޮތްކަން ނޭނޭތަ. މަހުދީ އިމާމު ފާޅުވުމުން އިޒްރޭލު ދިފާޢުކޮށްދޭނެ އެއްވެސް ބަޔަކު މިބިންމަތީ ނުތިބޭނެ. އެކަލޭގެފާނު ފާޅުކުރެއްވުން ވަރަށް ގާތްވެއްޖެކަމަށް ވަރަށްގިނަ އިސްލާމީ ޢިލްމުވެރިން ވިދާޅުވަމުން އެބަގެންދަވާ.
ށަވިޔަނި
31 January 2023
މިވަރުގެ ލަދުހަޔާތްކުޑަ ބަޔަކު މިބިމުގަ މިހާރު ނުތިބޭނެ. ތިހަމަލާތަކާ ގުޅިގެން އެއްޗެއް ތިބުނީ ހަދަރުގަޑު ވެއްޓުނީމަ.
1206
31 January 2023
އަލުން މަސައްކަތް ކޮށްކޮށް ތިއްބާ ގަރުނަކާ ގާތް ވަނީ. ހައްގާއި ބާޠިލާ ދެމެދު ބަޔާން ވަނިވި ހަނގުރާމައެއް ކުރެވި، ޔަހޫދީން ނިކަމެތި ބައްޔަކުން ބަލި ނުވަނީސް ތިޔަ ފަލަސްޠީނު މައްސަލައިގައި މުސްލިމުންނާއި ޔަހޫދީންނަށް ވެސް އަމާން ހައްލެއް ލިބުން މުސްތަހީލު.