01 ފެބުރުއަރީ 2023 - 16:23
އިރާގުގެ އުތުރުގައި ތުރުކީ ސިފައިން ގާއިމުވެ ތިބޭ އަސްކަރީ މަރުކަޒަކަށް ގޮތް ނޭނގޭ ބަޔަކު މިއަދު ރޮކެޓް ހަމަލާތަކެއް ދިނުމުގެ ސަބަބުން، އެ މަރުކަޒަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
ތުރުކީ ސަރުކާރުން ބުނި ގޮތުގައި އެ މަރުކަޒަށް ދިން ރޮކެޓް ހަމަލާތަކުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ. އެ މަރުކަޒަށް އަމާޒުކޮށް އަށް ރޮކެޓް ފޮނުވައިލި ނަމަވެސް، އެ މަރުކަޒުގެ ހަތަރު ފާރުން އެތެރެ އަށް ވެއްޓުނީ އޭގެ ތެރެއިން އެންމެ ދެ ރޮކެޓެވެ.
މި ހަމަލާއާ ބެހޭ ގޮތުން އިރާގު ސަރުކާރުން ބުނީ، އެ ހަމަލާގައި، އެ މަރުކަޒުގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރާ އިރާގު މީހަކު ޒަޚަމްވި ކަމަށާއި ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫން ކަމަށެވެ. މިހާތަނަށް އެއްވެސް މީހަކު، އަދި އިރާގުގެ އުތުރުގައި ކުރުދީންގެ ވަކި ވެރިކަމެއް ގާއިމުކުރަން މަސައްކަތް ކުރާ ކުރުދީ ހަނގުރާމަވެރިންގެ ޖަމާއަތަކުން ވެސް، މި ހަމަލާގެ ޒިންމާއެއް ނުއުފުލަ އެވެ.
ކުރުދީ ސިފައިން އިރާގުގެ އުތުރުގައި ގާއިމުވެ ތިބެނީ، ތުރުކީ ވިލާތާއި އިރާގު ގުޅޭ ސަރަހައްދުގައި ކުރުދީންގެ އަމިއްލަ މިނިވަންކަން ލިބިގެންވާ ދައުލަތެއް ގާއިމުކުރުމަށް މަސައްކަތްކުރާ ކުރުދީންގެ ހަނގުރާމަވެރި ޖަމާއަތްތައް މައިތިރި ކުރުމުގެ ބޭނުމުގަ އެވެ. އެ ސަރަހައްދުގައި ކުރުދީންގެ އަމިއްލަ ވެރިކަމެއް ގާއިމުކުރުމަށް، ތުރުކީ އާއި އިރާގުން ވެސް ދެކޮޅު ހަދަ އެވެ.
އިރާގުގެ އުތުރުގައި އޮންނަ ނައިނަވާ ޕްރޮވިންސްގައި ދިރިއުޅޭ ކުރުދީ ދަރިކޮޅުގެ މީހުންގެ މެދުގައި އެންމެ ބާރު ގަދަ ޖަމާއަތަކީ، ކުރުދިސްތާން ވޯކާސް ޕާޓީ (ޕީކޭކޭ) އެވެ. އެ ޖަމާއަތުގެ ހަނގުރާމަވެރިން މައިތިރި ކުރުމަށް ތުރުކީ ސިފައިން އިރާގުގެ އުތުރުގައި ގާއިމުވެ ތިބޭތާ މިހާރު ވިހި އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
ކުރުދީންގެ އަމިއްލަ ވެރިކަމެއް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޕީކޭކޭ އިން ވަނީ 1984 ވަނަ އަހަރުން ފެށިގެން ތުރުކީގެ އިރުދެކުނު ސަރަހައްދުގައި ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. ނަމަވެސް، ތުރުކީ ވިލާތުން ދިން އަސްކަރީ ހަމަލާތަކުގައި ޕީކޭކޭގެ ހަނގުރާމަވެރިން ވަނީ ބަލިކޮށް ފަހަތަށް ޖައްސައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޑޫ
01 February 2023
"ކުރުދީ ސިފައިން އިރާގުގެ އުތުރުގައި ގާއިމުވެ ތިބެނީ، ތުރުކީ ވިލާތާއި އިރާގު ގުޅޭ ސަރަހައްދުގައި ކުރުދީންގެ އަމިއްލަ މިނިވަންކަން ލިބިގެންވާ ދައުލަތެއް ގާއިމުކުރުމަށް މަސައްކަތްކުރާ ކުރުދީންގެ ހަނގުރާމަވެރި ޖަމާއަތްތައް މައިތިރި ކުރުމުގެ ބޭނުމުގަ އެވެ." ކީކޭބާ މިބުނަނީ؟
ށަވިޔަނި
01 February 2023
ކުރުދީ ތުރުކީ އިރާޤު ތިއީ މުސްލިމުން. ކީއްކުރަން ކުރާކަމެއް.
ހުތްއާދަނު
01 February 2023
މުސްލިމުން ނެއް ނޫން އެއީ
ޅިންފީ
04 February 2023
ކުރުދީ އެއީ ނަސްލެއް. ތުރުކީ އެއީ ގައުމެއް. ދީނީ އައިނު ނެގީމަ ވާނުވާ އިގޭނީ