ރިޕޯޓް / އޮލިމްޕަސް ސިނަމާ

ޒަމާނުގެ ހިރަފުސް ފޮޅާލައި އޮލިމްޕަހަށް ޒީނަތްތެރިކަން

އެއީ މީގެ 64 އަހަރު ކުރި އެވެ. ދުވަހަކީ 1959 ވަނަ އަހަރުގެ މޭ މަހުން 21 ވަނަ ދުވަހެވެ. މާލޭގެ ކުދިބޮޑު އެންމެންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. އެ އެންމެންގެ ނަޒަރު ހުއްޓިފައި ހުރީ މަޖީދީ މަގުގައި އަލަށް ބިނާކުރި ބޮޑު ސިންގާ އިމާރާތަކަށެވެ. އިރުއެރީއްސުރެ، އިރުއޮއްސުމާ ހަމައަށް އެ އިމާރާތް ބަލަން މާލޭގެ އެންމެން ކަހަލަ ގޮތަކަށް ދިޔަ އެވެ. އެ އިމާރާތަށް ބަލައިލާ ކޮންމެ މީހެއްގެ ލޮލުން ވިދައިގަންނަނީ ފަހުރުވެރިކަމެވެ.

އެއީ އެ އިމާރާތަކީ، ރާއްޖޭގައި އެހާތަނަށް އެޅި އެންމެ އުސް އިމާރާތަކަށް ވާތީއެއް ނޫނެވެ. އަދި އެއީ ރާއްޖޭގައި ކޮންކްރީޓުން ބިނާކުރި ފުރަތަމަ އިމާރާތަށް ވާތީ އެއް ވެސް ނޫނެވެ. އެ އެންމެންގެ އުފަލާ، އެ އިމާރާތް ގުޅެނީ، އެއީ ޒަމާނުގެ ތަރައްގީ އާއި ތަހުޒީބުގެ ދޯދިތައް ނުލާހިކު ފަނޑުކޮށް އެޅިފައި އޮތް ކުޑަކުޑަ މި ގައުމަށް ލިބުނު މަތީ ފެންވަރުގެ ފުރަތަމަ ބައިސްކޯފު ގެއަށް ވާތީ އެވެ.

މުނިފޫހިފިލުވަން އޮތް ހަމައެކަނި މަގަކީ، ފުޓްބޯޅަ މެޗެއް ނުވަތަ ބޮޑުބެރު ޖެހުމެއް ބަލައިލުން ކަމަށް ވެފައި އޮތް އެ ޒަމާނުގައި، އެ ބައިސްކޯފުގެ ވެގެންދިޔައީ، ފަންނުވެރިކަމުގެ އެންމެ މުއްސަނދި އެއް ދާއިރާ ކަމަށްވާ ފިލްމާއި ތަމްސީލާއި މިއުޒިކުގެ ރަހަތައް ދިވެހިންގެ ކަރުގައި ލައްވައިދިން ތަނަށެވެ.

އޮލިމްޕަސް 1960ގެ އަހަރުތަކުގެ ތެރޭގައި.

ދުނިޔޭގެ ތާރީހުގައި، ފަންނުވެރިކަމުގައި އެންމެ ކުރިއަރައި ދިޔަ ގަދީމީ ރޫމީންނާއި ޔޫނާނީންގެ ހަލާރަތް ރަމްޒުކޮށްދޭ ގްރީކުގެ އޮލިމްޕަސް ފަރުބަދައިގެ ނަމުން ނަން ދެވުނު އޮލިމްޕަސް ސިނަމާ ހުޅުވައިދެއްވީ ރާއްޖޭގެ ރަދުން މުހައްމަދު ފަރީދުލް އައްވަލެވެ. އެ ސިނަމާގެ ބާނީ އަކީ ބޮޑުވަޒީރު އިބްރާހީމް ނާސިރު ކަމަށްވީ ނަމަވެސް، އެތަން ހުޅުވުމުގެ ޝަރަފް ލިބިވަޑައިގަންނަވަން ރަދުންނަށް އަށް ވުރެ ހައްގުކަން ބޮޑު ބޭކަލަކު ނުވެ އެވެ.

މާލޭގައި އެންމެ ފުރަތަމަ ބައިސްކޯފު ދެއްކެވި ބޭފުޅަކީ ސުވާލެއް ނެތް ގޮތެއްގައި މުހައްމަދު ފަރީދެވެ. ނަމަވެސް އެކަން ކުރިއަށް ގެންދެވޭ ގޮތެއް ނުވީ އެވެ. ހަކުރާގޭގައި ކުޑަކުޑަ ޕްރޮޖެކްޓަރަކުން، އޭރު ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ފަރީދު ފެށްޓެވި އެ މަސައްކަތް ހުއްޓަވާލަން ޖެހުނީ، އެއީ އިސްމާލީ ގައުމެއްގައި ކުރުން ރަނގަޅު ނޫން ކަމެއް ކަމަށް އެމަނިކުފާނުގެ ބައްޕާފުޅު އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު ލަފާފުޅު ދެއްވުމުންނެވެ.

އޭގެ ފަހުން ބައިސްކޯފު ދެއްކެވުމުގެ ހިޔާލުފުޅު ކުރިއަށް ނެރުއްވީ 1950ގެ އަހަރުތަކުގައި ބޮޑުވަޒީރުކަން ކުރެއްވި އިބްރާހިމް ފާމުލަދޭރި ކިލެގެފާނެވެ. މާލޭގެ މަގުމައްޗަށް ގިނަވެފައި ތިބި ޒުވާނުންނަށް މުނިފޫހިފިލުވައިދޭނެ ވަސީލަތެއް ގާއިމްކޮށްދިނުމުގެ ބޭނުމުގައި ހުޅުވީ ފަރީދީ ސިނަމާގެ ނަމުގައި ފަނުން ހަދާފައިވާ ސިނަމާއެކެވެ. ނަމަވެސް އުފެދުނު ފިތުނައެއްގެ ތެރެއިން ކޮންމެވެސް މީހަކު އެތަނުގައި ހުޅު ޖަހައި އަންދާލި އެވެ.

ރަދުން މުހައްމަދު ފަރީދުލް އައްވަލް: ރާއްޖޭގައި އެންމެ ފުރަތަމަ ބައިސްކޯފު ދެއްކެވީ މުހައްމަދު ފަރީދު.

އެހިސާބުން ބޮޑުވަޒީރު ނާސިރު ބޭނުންފުޅުވީ، އެއަށް ވުރެ ވަރުގަދަ، އެއަށް ވުރެ ހައިބަތު ބޮޑު ސިނަމާއެއް ބިނާކުރައްވާށެވެ. އެކަމަކު އެވަރުގެ ތަނެއް އިމާރާތްކުރެވޭ ވަރުގެ ބަޔަކު އޭރުގައި ރާއްޖޭގައި ނެތެވެ. އަވަށްޓެރި ސިލޯނުގެ ކޮންސްޓްރަކްޝަން ގްރޫޕެއް ގެންނަވައިގެން އޮލިމްޕަސް ބިނާކުރުމުގެ މަސައްކަތް ފެށުނީ އެ ހިސާބުންނެވެ.

އޮލިމްޕަހުގައި އެންމެ ފުރަތަމަ އެޅުވި ފިލްމަކީ، އޭރު އިންޑިއާގެ އެންމެ މަޝްހޫރު ތަރިން ކަމަށްވި ދިލިޕް ކުމާރާއި ދޭވް އާނަންދުގެ 'އިންސާނިއްޔަތު' އެވެ. އޭރު ރާއްޖެ އަށް ފިލްމުތައް ގެންނަނީ އަވަށްޓެރި ސްރީ ލަންކާގެ ސިލޯން ތިއޭޓާސްގައި އަޅުވައި ނިމުމުން، ކޮލި އަލީ އުމަރު މަނިކު އިސްވެ ހުންނަވައި ކުރެއްވި މަސައްކަތުންނެވެ. ނަމަވެސް ފަހުން އަލި މަނިކު، އިންޑިއާގެ ބައެއް ފިލްމް ސްޓޫޑިއޯތަކުގެ ޑިސްޓްރިބިއުޝަން ރައިޓްސް ނެންގެވުމުން ލަންކާ އަށް ވުރެ ކުރިން އޮލިމްޕަހުގައި ހިންދީ ފިލްމު ދެއްކޭ ގޮތްވި އެވެ. އެގޮތުން އެޅުވި ފުރަތަމަ ފިލްމަކީ ދޭވް އާނަންދާއި އާޝާ ޕަރެކްގެ 'ޖަބް ޕިޔާރް ކިސީ ހޯތާ ހޭ' އެވެ.

އިންޑިއާގެ މަޝްހޫރު ފިލްމުތަކުގެ ޖާދޫގައި ދިވެހިން ވަރަށް ބޮޑަށް ޖެހުނެވެ. ކުދިބޮޑު އެންމެން، މުޖުތަމައުގެ ހުރިހާ ފަންތިއެއް ހިމެނޭ ގޮތަށް ސިނަމާއަށް ފިލްމު ބަލަން ދާން ފެށި އެވެ. ކޮންމެ މީހަކު ވެސް ފިލްމަށް ދަނީ އަތުގައި އޮތް އެންމެ ރީތި ހެދުމެއް ލައިގެން އީދު ހެދިގެންނެވެ. ބައެއް ފިލްމުތައް މަގުބޫލުވެ ހައުސްފުލްކޮށް މަހެއްހާ ދުވަހު ޝޯތައް ބޭއްވި އެވެ. ހައްޖު ވިލޭރެ އާއި ބާރަ ވިލޭރޭ ފަދަ ދީނީ މުނާސަބުތައް ފާހަގަކުރާ ރޭރޭ ފިޔަވައި ކޮންމެ ރެޔަކު އޮލިމްޕަހުގައި ބައިސްކޯފު ދައްކަ އެވެ. އަދި ސްކޫލް ދަރިވަރުންނަށް ހާއްސަކޮށްގެން ހަވީރު ޝޯތައް ވެސް ބޭއްވި އެވެ.

އޮލިމްޕަހުގައި ދެއްކި ފުރަތަމަ ފިލްމު 'އިންސާނިއްޔަތު' ގެ ޕޯސްޓަރެއް.

އޭރު އެންމެ ހާއްސަ އެއް ކަމަކީ، ކޮންމެ ފިލްމެއް ފެށުމުގެ ކުރިން، ދުނިޔޭގައި އެ ހަފުތާއެއްގައި ހިނގި ހަބަރުތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ ނިއުސް ރީލްއެއް ދެއްކުމެވެ. އެއީ ފިލްމު ރީލުގައި ހިމެނޭ ބައެކެވެ. އެހެންވެ ރާއްޖޭގައި ގިނަ ބަޔަކަށް ފެންނަ ގޮތަކަށް އެންމެ ފުރަތަމަ ވީޑިއޯ ޒަރިއްޔާ އިން ހަބަރު ގެނެސްދިނީ ވެސް އޮލިމްޕަހުން ކަމަށް ބުނެވިދާނެ އެވެ.

ލަންކާ މީހުން އޮލިމްޕަސް އިމާރާތްކުރި ނަމަވެސް ސިނަމާއެއްގެ ގޮތުގައި އެތަން އޮޕަރޭޓްކުރީ ސައްތައިން ސައްތަ ދިވެހިންނެވެ. އޮލިމްޕަހުގެ ބެލެނެވެރިޔާ ކަމަށްވާ ސިނަމާ ކުންފުނީގެ ސެކްރެޓަރީއަކަށް އައްބާސް އިބްރާހީމް ހުންނެވިއިރު، ޓިކެޓް ކައުންޓަރުގައި ހުންނަވަނީ އިލްޔާސް އިބްރާހީމެވެ. ފައިސާގެ ކަންކަން ބަލަހައްޓަވަނީ މީރުބަހުރުގޭ މުހައްމަދު އިސްމާއީލް ދީދީ އެވެ. އަދި ބައިސްކޯފު އޮޕަރޭޓްކުރައްވަން ތިއްބަވަނީ ސައިކުރާ އަބްދުއްރަޝީދާއި ސޭބޫ ތުއްތު މަނިކު އެވެ.

ސަރުކާރުގެ ސިނަމާ ކުންފުނިން ހިންގަމުން އައި އޮލިމްޕަސް، 1967 ވަނަ އަހަރު އޭރުގެ ބޮޑުވަޒީރު ނާސިރުގެ އަމިއްލަފުޅު ކުންފުނިން ގަތެވެ. އެހިސާބުން އެތަން އޮޕަރޭޓްކުރީ އެ ކުންފުނިންނެވެ. އެއާ އެކު އެތަނުގައި ފިލްމު ދެއްކުމުގެ އިތުރުން މުނިފޫހިފިލުމުގެ އެހެން ހަރަކާތްތައް ވެސް ދައްކަން ފެށި އެވެ. މަޝްހޫރު 'އޮލިމްޕިއަންސް' ބޭންޑް އުފައްދައި އެ ބޭންޑުގެ ޝޯތައް ބާއްވަން ފެށި އެވެ. އިބްރާހިމް ހަމްދީ އާއި މަހުމޫދާ ޝަކީބް ފަދަ ލަވަކިޔުންތެރިން ވިދާލީ 'އޮލިމްޕިއަންސް' ގެ ތެރެއިން އޮލިމްޕަހުގެ ސްޓޭޖުންނެވެ. ރާއްޖޭގެ ބައެއް ފެހުންތެރިންގެ ހެދުންތައް ދައްކުވައިދޭ ފެޝަން ޝޯތައް ވެސް އޭރު ބޭއްވި އެވެ. އަދި ހެއްވާމަޖާ ކޮމެޑީ ތަމްސީލުތައް ވެސް އޮލިމްޕަހުގައި ކުރިއަށް ގެންދިޔަ އެވެ. ހުނަރުވެރި އެކްޓަރުން ކަމަށްވާ ކޮޕީ މުހައްމަދު ރަޝީދާއި ޗިޅިޔާ މޫސާ މަނިކާއި ސިއްތިފުޅު ފަދަ ފަންނާނުން ވިދާލީ ވެސް އެ ސްޓޭޖުންނެވެ.

އޮލިމްޕަހުގައި އޮތް ތަމްސީލު ޝޯއެއް.

ނާސިރުގެ ދައުރުގައި އޮލިމްޕަހަށް އައި އެންމެ ބޮޑު ބަދަލަކީ، ކޮންމެ ފަސް ގޮނޑި ބަރިއަކަށްވާ ގޮތަށް ޓީވީ ހަރުކޮށް ޓީވީން ފިލްމު ދައްކަން ފެށުމެވެ. ރާއްޖެ އަށް އަލަށް ތައާރަފުވި އެ ޓެކްނޮލޮޖީ އޮލިމްޕިހަށް ގެނައީ، ބޮޑުސްކްރީނު ރީލުތައް ހޯދަން އުނދަގޫވެފައި، ވީސީއާރުން ދައްކާ ފިލްމް ކެސެޓު ފަސޭހައިން ލިބޭތީވެ އެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމް 1978 ގައި ވެރިކަމާ ހަވާލުވެވަޑައިގެން، ނާސިރުގެ މައްސަލަތަކެއް ބެއްލެވުމަށް ފަހު އެމަނިކުފާނުގެ މުދާތައް ސަރުކާރަށް ނެގި ނެގުމުގައި އޮލިމްޕަސް ވެސް ސަރުކާރުގެ ދަށަށް އަލުން އަ އެވެ. އަދި ސަރުކާރުން ނިންމީ އަމިއްލަ މީސްމީހުންނަށް އެތަން ކުއްޔަށް ދޭށެވެ. ރާއްޖޭގެ މިހާރުގެ މަހުޖަނު ގާސިމް އިބްރާހީމް ވެސް 1980ގެ ތެރޭގައި އޮލިމްޕަސް ހިންގެވި އެވެ. ސީދާ ގާސިމް އިސްކޮށް ހުންނަވައި އެ ސިނެމާ އޮޕަރޭޓްކުރެއްވި ދުވަސްވަރެއް ދިޔަ އެވެ. އޭރު ފިލްމު ދެއްކުމުގެ އިތުރުން އެތަނުގެ ފެންޑާގައި ފިލްމު ކުއްޔަށް ދޫކުރާ ހަރެއް ވެސް ހުރެ އެވެ.

އެއީ މާލޭގައި ވަރަށް ގިނަ ސިނެމާތަކެއް ހުރި މުނިފޫހިފިލުމުގެ ދާއިރާގެ ރަންޒަމާނެވެ، ރިނޯން ސިނަމާ އާއި ސެމީ ސިނަމާ އާއި ހީނާމާގޭ ސިނަމާ އާއި ސްޓާ ސިނަމާ އާއި ނެޝަނަލް ސިނަމާ އަދި އޯޑިއޯން ސިނެމާއާ އެކު އޭރު ފިލްމު ދެއްކުން އޮތީ ވާދަވެރިކަމެއްގެ ގޮތުގަ އެވެ.

ޓީވީއެމް ސްކޫލް ލަވަ މުބާރާތުގައި ލަވައެއް ހުށަހަޅައިދެނީ.

އޭގެ ފަހުން އޮލިމްޕަސް ސަރުކާރުގެ އެކި އިދާރާތަކުގެ ބެލުމުގެ ދަށަށް ދިޔަ އެވެ. އިންފޮމޭޝަންސް މިނިސްޓްރީންނާއި ދިވެހިރާއްޖޭގެ އަޑުންނާއި މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕާފޯމިން އާޓްސް (މާޕާ) އިން ވެސް އެތަން ހިންގި އެވެ. އެ ދުވަސްވަރު އެތަނުގައި މަޝްހޫރު ގެލެކްސީ ޝޯތައް ބޭއްވި އެވެ. އަދި ހުނަރުވެރި އެތައް ލަވަކިޔުންތެރިންނެއް އުފެއްދި ޓީވީއެމް ސްކޫލް ލަވަ މުބާރާތާއި ރޭޑިއޯގެ އަތޮޅު ސްކޫލް ލަވަ މުބާރާތް ވެސް ބޭއްވީ އޮލިމްޕަހުގަ އެވެ. އަދި ދިވެހި ފިލްމް އެވޯޑްސް އާއި ފިލްމް ފެސްޓިވަލްތައް ބޭއްވި އެވެ.

އޮލިމްޕަހަށް ޒަމާނީ ބަދަލު ގެނައީ، ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި، 2013 ގައި ވިޔަފާރިވެރިއެއްގެ އެހީގައި ސިފައިންގެ އެކުވެރި ކުންފުނިންނެވެ. ދަގަނޑު ފައިލީ ޕްލާސްޓިކް ގޮނޑިތައް ހިތްފަސޭހަ ސްޕޮންޖް ސީޓުތަކަށް، ފަންކާގެ ހޫނު އެއާކަންޑިޝަންގެ އަރާމު ފިންޏަށް އަދި ސްޓީރިއޯ ސައުންޑް ޑިޖިޓަލްކުރި އެވެ.

ނަމަވެސް މިއީ އަހަރުން އަހަރަށް އާ ޓެކްނޮލޮޖީ އަންނަ ސިނާއަތަކަށް ވާތީ، އޮލިމްޕަސް އަނެއްކާ ވެސް މަޑުމަޑުން ފަހަތަށް ދާން ފެށި އެވެ. އަދި އެއީ ދުވަސްވީ އިމާރާތަކަށް ވާތީވެ، ބައެއް ދިމަދިމާ ބާވެ މައްސަލަތައް ނުކުންނަން ފެށި އެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވެ އެންސީއޭއާ، 2019 ވަނަ އަހަރު އޮލިމްޕަސް ހަވާލުކުއިރު އެތަނުގެ އިމާރާތާއި ޓެކްނިކަލް ވަސީލަތްތައް ހުރީ އެކަށީގެންވާ ވަރަށްވުރެ ދަށް ފެންވަރުގަ އެވެ. އަދި ހާލަތު ދެނެގަތުމަށް އެސެސްމަންޓެއް ހަދައި، ތަރައްގީ ކުރާނެ ޕްރޮޖެކްޓެއް އެކުލަވާލައި އިންޑިއާ އިން 8 މިލިއަން ރުފިޔާގެ ހިލޭ އެހީ ހޯދި އެވެ. ނަމަވެސް ކޮވިޑުގެ ސަބަބުން މަސައްކަތް ހުއްޓުނީ އެވެ.

2013 ގެ ބަދަލުތައް ގެނައުމުގެ ކުރިން އޮލިމްޕަސް ހުރި ގޮތް. --ފޮޓޯ: ސްޕޭނާ ފިލްމްސް

ކޮވިޑަށް ފަހު މަސައްކަތް އަލުން ފަށައި ފުރަތަމަ ގެންނަން ފެށީ އިމާރާތުގައި ބާވެފައިވާ ދިމަދިމާ މަރާމާތުކުރުމުގެ މަސައްކަތެވެ. އެގޮތުން ރެނދު އަޅާފައިވާ ކޮންކްރީޓް ތަނބުތައް މަރާމާތުކޮށް، ފުރާޅު ބަދަލުކުރި އެވެ. އަދި އާ ޓިކެޓް ކައުންޓަރެއް ހެދި އެވެ. މިކަންކަން ކުރީ ސަރުކާރުގެ ބަޖެޓުންނެވެ.

އަދި އިންޑިއާގެ ފައިސާ ހަމަޖެހި، ދެ ވަނަ ފިޔަވަހީގައި އިތުރު ބަދަލުތަކެއް ގެނަ އެވެ. އޭގެ ތެރޭގައި މަލްޓިމީޑިއާ ޕްރޮޖެކްޓަރުގެ ބަދަލުގައި ޑިޖިޓަލް ސިނަމާ ޕްރޮޖެކްޓެއް އިންސްޓޯލްކުރުން ހިމެނެ އެވެ. އަދި ކުރިން ހުރި 2.1 ގެ ސައުންޑުގެ ބަދަލުގައި 7.1 ގެ ސަރައުންޑު ސައުންޑް ސިސްޓަމެއް ގާއިމްކުރި އެވެ. އަދި ސައުންޑް އެންމެ ފުރިހަމަގޮތުގައި ގެނެސްދިނުމަށް މުޅި ހޯލާއި ސްޓޭޖުގެ އެކޯސްޓިކްސް ޓްރީޓުކުރި އެވެ.

މީގެ އިތުރުން، 14 އަހަރަށް ފަހު، މިއުޒިކާއި ނެށުމާއި ސްޓޭޖު ތަމްސީލުގެ ހަރަކާތްތައް ކުރިއަށް ގެންދެވޭނޭގޮތަށް އޮލިމްޕަސް ސްޓޭޖުގައި ސައުންޑު އަދި ލައިޓު ސެޓަޕް ކުރި އެވެ. އަދި ސްޓޭޖުގައި ތަފާތު ގިނަ ހަރަކާތްތައް ފަސޭހަކަމާއިއެކު ކުރިއަށް ގެންދިއުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ރިޓްރެކްޓް ކުރެވާ ސްކްރީނެއް އިންސްޓޯލުކުރި އެވެ. ސްޓޭޖު ލައިޓާއި ސައުންޑުގެ ކޮންޓްރޯލު ގާއިމުކުރުމަށާއި ސްޓޭޖު ހަރަކާތްތައް ފަސޭއިން ވީޑިއޯ އަދި ފޮޓޯ ނެގުމަށް ހޯލުގެ ފަހަތުގައި ހާއްސަ ޕްލެޓްފޯމެއް ވެސް ހެދީ މި ފިޔަވަހީގަ އެވެ. ދެން ގެނައި އެންމެ ބޮޑު ބަދަލަކީ މައި ހޯލުގެ މަތީގައި އިޝްތިހާރުކުރުމަށް ލެޑް ޕެނަލްއެއް ބެހެއްޓުމެވެ.

އެންމެ ފަހުގެ ޓެކްނޮލޮޖީން ޒީނަތްތެރިކުރުމަށް ފަހު އޮލިމްޕަސް މިރޭ އަލުން ހުވުމަކީ، ފިލްމު ދައްކާ މީހުންނާއި ފިލްމު ބަލާ މީހުންނަށް ލިބޭ ބޮޑު އުފަލެކެވެ. އެހެންކަމުން މިރެޔަކީ، އަނެއްކާ ވެސް އޮލިމްޕަހުގެ ހަޔާތުގައި އަންނާނެ ވަރަށް ހާއްސަ ރެޔެކެވެ.

16 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 56%
icon sad icon sad 6%
icon angry icon angry 19%
icon wow icon wow 6%
icon inlove icon inlove 13%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖުއްބާ

05 February 2023

ހެހެހެހެހެ.... ދިވެހިން ތިބޭނީ އަބަދުވެސް އުވަމަތިން އުވަޖަހަޖަހަ. މުށިމަތިން މުށިޖަހަޖަހަ. މޮހޮރުމަތިން މޮހޮރު ތަޅަތަޅަ. ދެން ތިބެގެން ކިޔާނީ ޒީނަތްތެރިކަމޭ ތަރައްގީޔޭ ތަހުޒީބޭ..... ހެހެހެހެހެ....

The name is already taken The name is available. Register?

ސުމެއް

05 February 2023

ކުލަކޮޅެއް ލާފަ ހުރި ކަން އިތުރު ބަދަލެއް ނުފެނޭ ބޭރަކުން.

The name is already taken The name is available. Register?

މާވަލް

05 February 2023

މިތާ ކުރިއަށް އޮތްތާ އިނގިރޭސި ފިލްމް އަޅުވާނެތަ؟؟؟

The name is already taken The name is available. Register?

މިރިހިދޫނި

04 February 2023

ކޮބާބާ ހަލާރަތުގެ މާނައަކީ؟

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

04 February 2023

ނާޒިމް ސޯރ ގެ ޑިފެންސް މިނިސްޓަރު ކަމުގައި ޔުނިޓަރީ ދައުލަތެއް ކަމުގައިވާތީ (ޔުނިޓަރީ ވެގެން އައްޑޫގައި ހުންނަ ރައްޔިތުނަށް ކަރަންޓް ދީފައި ހުންނަ ޖެނަރޭޓަރ ފަދަ ތަކެތި ކ.އަތޮޅު މާލެއަށް ގެންދެވޭ. އެކަމަކު މާލެއިން ގޮނޑަށް އުކާލަން ޖެހޭ އެއްޗެއް ނޫނީ އެހެން ރަށަކަށް ނުގެންދެވޭނެ.) އައްޑޫ އިކްއިޓޯރިއަލް ކޮންވެންޝަން ސެންޓަރ ގައިހުރި ސައުންޑް، ގޮނޑި އަދި ކާޕެޓް ފަދަ ތަކެތި މާލެގެނެސް ތިތަން ތަރައްޤީ ކުރިތާ އަދި މާގިނަ އަހަރުތަކެއް ނުވޭ.

The name is already taken The name is available. Register?

އުދުހޭ

04 February 2023

ތިޔަތަންވީ ބަންދުކުރަން

The name is already taken The name is available. Register?

ކޮރަލް

04 February 2023

އޮލިމްޕަސް މަރާމާތު ކޮށް ހުޅު ވުމާ އެކު އެތާ ހުރި އޭޓީއެމް ގެއްލިއްޖެ އެވެ. އަދި ޕާކް ކުރަން ހަދާ ފަ ހުރި ޒޯން ވެސް ނަގާ ސައިކަލް ޕާކް ނުކުރެވޭ ގޮތަށް ހަދައިފި އެވެ.

The name is already taken The name is available. Register?

އަފްރާސިޔާބު

04 February 2023

ރޫމީންނާއި ޔޫނާނީންގެ "ހަލާރަތް" އެއް އޮތް ކަމަކަށް އެއްވެސް ފޮތެއްގައި ނުވަތަ ލިއުމެއްގައި މިނޫނީ އޮތްވާ އަހުރެން ނުދެކެން. ފަހަރެއްގާ ހަލާ ރަތް އެއީ ކޯއްޗެއް ކަން މަށަށް ނޭގެނީ ކަމަށް ވެދާނެ.

The name is already taken The name is available. Register?

ދަންބި

04 February 2023

ސިވިލައިޒޭޝަން

The name is already taken The name is available. Register?

ގެދާނޯމޮސް

04 February 2023

ދުންޔާ ގެ ކަބައިން އެދެނީ " އިންސާނިއްޔަތާއި ޖަބްޕިޔާރު ކިސީ ހޯތާހޭ " މިހާރުދުނިޔޭގަ ތިބި އެއިރުގެ މީހުންނަށް ޚާއްސަކޮށް ޝޯތަކެއް އަޅެވުމެވެ. ޔަގީނުންވެސް މައުމޫނާއި ނަސްރީނާ މިކަމަށް ރުހިގަބޫލް ވާނެތެވެ. މީ ތިތަނުން މަންމައިން ބައްޕައިންނަށް ދެވޭނެ ވަރަށް ބޮޑުއުފަލެކެވެ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

04 February 2023

މާލޭގައިހުރި އިމާރާތްތަކާއި، މާލޭގެކަންކަމާއި ސަރުކާރާއި ބެހޭގޮތުންލިޔެފައިވާ މިކަހަލަ "ދޮގު" މައުލޫމާތުތަކުގެސަބަބުން ދިވެހިރާއްޖޭގެ ތާރީޙީފޮތްތަކުގައިހުރި މައުލޫމާތަށްއިތުބާރުކުރާ ދިވެހިންވަރަށްމަދު. # މާލޭގައި ތިޔަ ސިނަމާއިމާރާތްކުރީ ސެންޓްރަލް ހޮސްޕިޓަލް (މިހާރުގެ ADK ) ގެއިމާރާތާއިއެކުއެކީ. އޮލިމްޕަސް އިމާރާތަކީ އިޤިރޭސި ދައުލަތުގެ ފަރާތުން ސަރުކާރަށް ވެދެއްވިއެހީއެއްގެގޮތުގައި އިމާރާތްކޮށްދިންތަނެއް. އޭރުވެސް އައްޑޫގައި ސިނަމާ ހުރި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454