ރިޕޯޓް / ކުޑަގިރި ޕިކްނިކް އައިލެންޑް

ކުޑަގިރި ހަގީގަތަކަށް: އުފާވެރި ހަނދާންތަކަށް މަރުހަބާ!

ކުޑަގިރި: ގިނަ ވަސީލަތްތަކާ އެކު ޕިކްނިކް ދާން މި ރަށް އޮތީ ތައްޔާރުކޮށްފައި. ފޮޓޯ | އެޗްޑީސީ

ކުޑަބަނޑޮހާ އެކު ފަނޑުވެގެންދިޔަ ހަފުތާ ބަންދުގެ ފޮނި ހަނދާންތައް އެނބުރި އައީ އެވެ. ދަތުރުދާން "ކުޑަ ބަނޑޮހެއް" ބޭނުންވެފައި ތިބި އެންމެންނަށް "ކުޑަގިރި"ން މަރުހަބާ އެވެ!

ޕިކްނިކް އައިލެންޑް, ކުޑަގިރިއަށް ފޭބުމާ އެކު ވަށާލަނީ އުފާވެރި ހަނދާންތަކެއްގެ ފެށުމެވެ. ބޮޑު ހިތްހަމަޖެހުމާކާއި އުފާވެރިކަމަށް އޮތް މަންޒިލެކެވެ. ވަގުތުކޮޅަކަށް ނަމަވެސް މާލޭގެ ހާސްކަމުން އަރައިގަނެވޭނެ މިނިވަން, ހިތްފަސޭހަ މާހައުލެކެވެ.

ކުޑަގިރި

މުޅި ރަށުން ވެސް ޕިކްނިކް ވައިބެވެ. ރަށަށް އަރާއިރު ކުރިމަތިން ފެންނަ އިމާރާތްތަކުގައި ކުލަކޮށްފައިވާ ގުދުރަތީ މަންޒަރުތައް ހިތްގައިމެވެ. ވާތްފަރާތުގައި ރީތި، ދިގު ދޮންވެލި ތުނޑިއެކެވެ.

މިއީ ވީކެންޑް ގެޓްއަވޭ. ބެކްޕެކް އަޅައިގެން ހަމަ އަންނަންވީ. -- އިނާޒް

މޫދު ކުޅިވަރުތަކާއި ބީޗު ވޮލީ އާއި ފައިގަތަޅާ ފަދަ އެތައް ކުޅިވަރަކުން މަޖާ ނެގޭނެ މައިދާނެކެވެ. އާއިލާ އާއި ރައްޓެހިންނާ އެކު ގުޅުން ބަދަހިކޮށްލައި ހިތްހަމަޖެހުމުގެ ވަގުތުކޮޅެކެވެ. ދަތުރުދާން ހެދި މި ރަށަކީ ގިނަ ބައެއްގެ ޝަކުވާއާ ގުޅިފައިވާ ދިގު އިންތިޒާރެއްގެ ނިމުމެވެ.

"މިއީ ވީކެންޑް ގެޓްއަވޭ. ބެކްޕެކް އަޅައިގެން ހަމަ އަންނަންވީ. އެހެން ހުރިހާ ކަމެއް ހުންނާނީ އެކްސެސިބްލްވާ ގޮތަށް," ކުޑަގިރީގެ ޖެނެރަލް މެނޭޖަރު އިބްރާހިމް އިނާޒް ވިދާޅުވި އެވެ.

ކުޑަގިރިއަށް ޕިކްނިކް ދާ މީހުންނަށް ފަސޭހަކޮށްދޭން ރަށުގެ މެޕް ބަހައްޓާފައި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކުޑަގިރިއަށް އެރުމާ އެކު އަށް ހެކްޓަރުގެ މި ރަށުގެ މެޕް ކިޔައިދޭނެ އެވެ. އޭގެފަހުން މިނިވަންކަމާ އެކު ހަމަޖެހިގެން އުޅެންވީ އެވެ.

ހިތްފަސޭހަ ކޮންސެޕްޓެއް

ދިވެހިން ބޭނުމީ ދަތުރުދާން ގުދުރަތީ ރަށެކެވެ. އެކަމަކު މިވަގުތަށް ސަރުކާރުން ނިންމީ ހިއްކައިގެން ޕިކްނިކް އައިލެންޑެއް ތަރައްގީކުރާށެވެ. މާލެ އާއި ގާތްގަނޑަކަށް 10.5 ކިލޯ މީޓަރު ދުރުގައި އޮންނަ މި ރަށް ހިއްކައިގެން ތަރައްގީކުރީ މާލެ ކައިރީގައި އާއްމުން ދަތުރުދާނެ އެއްވެސް ރަށެއް ނެތިގެންނެވެ.

ދަތުރުދާން ހަމައެކަނި އޮތް ރަށް, ކުޑަބަނޑޮސް ރިސޯޓެއްގެ ގޮތުގައި ހިންގަން ސަރުކާރުން 2013ގައި 50 އަހަރަށް ދޫކޮށްލީ އެވެ.

ކުޑަގިރި

މި ހިތްހަމަނުޖެހުމުގައި ގިނަ ބައެއްގެ ހުށަހެޅުމަކީ މާލެ ސަރަހައްދުގައި އާއިލާއެކު ޕިކްނިކްދާނެ ރަށެއް ހަމަޖައްސައިދިނުމެވެ.

މި ރަށަށް އަރާކަށް އެއްވެސް ދިވެއްސެއްގެ އަތުން ލާރިއެއް ނުނަގާނެ. -- ނިއުޝާދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދަކަށް ވީ ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި އެކަން ކުރެއްވުމެވެ. އެކަމަކު ތަފާތު ސަބަބުތަކާ ހެދި ޕިކްނިކް އައިލެންޑުގެ މަސައްކަތް ލަސްވީ އެވެ. ފުރަތަމަ ކަނޑައެޅި ސަރަހައްދުގައި އެކަން ނުވެ ފަހުން ކުޑަގިރި ހިއްކީ އެވެ. މާސްޓަ ޕްލޭން އެކުލަވާލައި ނައިބު ރައީސް ފައިސަލް ނަސީމްގެ ބެއްލެވެމުގެ ދަށުން ސަރުކާރުގެ ކުންފުނިތަކާ ހަވާލުކޮށްގެން, ދަތުރުދާން އެތަން ތަރައްގީކޮށް މިހާރު އޮތީ ހުޅުވޭ ވަރަށް ތައްޔާރުކޮށްފަ އެވެ.

ކުޑަބަނޑޮހަށް ކުރިން ދަތުރުދިޔަ ގޮތާ މި ރަށުގެ ކޮންސެޕްޓް މުޅިން ތަފާތެވެ. ޕިކްނިކް މިއޮތީ އެންމެން ބޭނުންވާ ގޮތަށް ޒަމާނީކޮށްފަ އެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑުގައި އާއިލާއަކުން މަޑުކޮށްލައިގެން. އާއްމުންނަށް ލަސްތަކެއް ނުވެ މި ރަށް ހުޅުވާލާން އޮތީ ނިންމާފައި.

ވީކެންޑް ހަދަން ދުރާލައި ރާވަން ނުޖެހި، ކުރު މަޖާ ވީކެންޑެއްގެ ފުރުސަތު ލިބެ އެވެ. ހާހެއްހާ މީހުންނަށް އެއްފަހަރާ ދަތުރު ދެވޭ ޖާގައިގެ ބޮޑު މި ރަށަށް ލޯންޗުގައި 15 މިނެޓުން އާދެވެ އެވެ. ފެރީ ދަތުރަށް ހޭދަވަނީ 40 މިނެޓެވެ. މި ރަށް އާއްމުންނަށް ހުޅުވާއިރު ތޮއްޖެހުން ބޮޑުވިޔަ ނުދީ ދަތުރު ފަސޭހަކޮށްލަން ދުވާލަކު އަދި އަރުވާ ގޮތަށް އޮތީ 500 މީހުންނެވެ.

އެއީ ދެ ފިޔަވައްސަށް ބަހާލައިގެން ތަރައްގީކުރާ މި ރަށުގެ ހިދުމަތް ފުރިހަމަކުރުމުގެ ބައެއް މަސައްކަތް އަަދިވެސް ކުރިއަށްދާތީ އެވެ.

ކުޑަގިރި ހުޅުވާލަނީ ދަތުރުދާނެ ދޯންޏެއް ކުއްޔަށް ހޯދައި ކެއިންބުއިމާއި އެހެން ޒަރޫރީ ސާމާނު ހަމަކުރަން ހާސްވާކަށް ނުޖެހޭ ގޮތަށެވެ. އިންތިޒާމްތައް ހަމަޖައްސާފައި ވަނީ ހަފުތާ ބަންދުގައި ނުވަތަ ހަފުތާގެ މެދުތެރެއިން ވެސް ދުވަހެއް ޝެޑިއުލްކޮށް އާއިލާ އާއި އެކުވެރިންނާ އެކު ފުރޭ ގޮތަށެވެ. މި ރަށް ބަލަހައްޓަން ހަވާލުކޮށްފައިވާ އެޗްޑީސީން ފެރީ ހަމަޖައްސާގޮތަށް އޮތީ މާލެ އާއި ހުޅުމާލެ އިން ވެސް ދެވޭ ގޮތަށެވެ.

ރަށަށް ފޭބުމާއެކީ ދަތުރު މަޖާ ނަގަން ފެށޭވަރަށް ކުޑަގިރި އޮތީ ފުރިހަމަކޮށްފަ އެވެ.

ރަށަށް އެރުން ދިވެހިންނަށް ހިލޭ

ކުޑަގިރި ޕިކްނިކް އައިލެންޑް އެޕްލިކޭޝަން މެދުވެރިކޮށް ދަތުރުދާނެ ދުވަހަކާއި އެ ގްރޫޕެއްގެ މައުލޫމާތާ އެކު މި ރަށުގައި ތިބެން ބޭނުންވާ ސަރަހައްދު ވެސް ކަނޑައެޅޭނެ އެވެ.

ކުޑަގިރީގައި ހަދާފައިވާ ބޮޑު އައްޓެއް. މި އަށި ހަދާފައި ވަނީ ދެ ގްރޫޕަަކަށް ޝެއާކުރެވޭ ގޮތަށް ޖާގަ ތަނަވަސްކޮށް.

"ކުޑަގިރި އެޕަށް ވަދެ އައިޑީކާޑު ނަމްބަރާއި ފޯނު ނަމްބަރުން ރަޖިސްޓްރީވާން ޖެހޭނެ. އޭގެ ފަހުން ޕިކްނިކް އަންނަ އެންމެންގެ މައުލޫމާތު އަޅަން ޖެހޭ. އެއީ އެންމެންގެ ރައްކާތެރިކަމަށްޓަކައި ރަށަށް އަރަނީ ކޮން ބައެއްތޯ ޔަގީންކުރަން. ކޮންފަމޭޝަން ލިބުނީމަ އެޕް ތެރެއިން ލާފައި ހަޓް ބުކިން އާއި ރޫމްސް ބުކިން އަދި ފެރީތޯ ނޫނީ ޕްރައިވެޓް ޓްރާންސްފާގައިތޯ ނިންމަންވީ," އެޗްޑީސީގެ މާކެޓިން އަދި ޕަބްލިކް ރިލޭޝަންސް ޑިރެކްޓަ ނިއުޝާދު ޝަރީފް ވިދާޅުވި އެވެ.

"މި ރަށަށް އަރާކަށް އެއްވެސް ދިވެއްސެއްގެ އަތުން ލާރިއެއް ނުނަގާނެ."

ފީއެއް ނަގާ ގޮތަށް ހަމަޖައްސާފައި ވަނީ ހަޓް ބުކިން އާއި ރޫމް ބުކިން ފަދަ ހިދުމަތްތަކަށެވެ. ޕިކްނިކް ޕެޖޭކްތަކުގެ ތެރެއިން އެ މީހަކު ބޭނުންވާ ކުޅިވަރުތައް ހިމަނައިގެން، ހަޓް ނެގޭނެ އެވެ.

ކުޑަގިރީގައި ހަދާފައިވާ އައްޓެއް: މިތަނުން އަސާސީ ހުރިހާ ހިދުމަތެއް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައި.

ދިވެހިންނަށް ހާއްސަ ރަށަކަށް ވާތީ ޓޫރިސްޓުން ނުވަތަ ރިސޯޓްތަކުން ގެންނަ މީހުންނަށް ހިދުމަތުގެ އަގު ދިވެހިންނަށް ވުރެން ބޮޑުވާނެ އެވެ.

އަވަހަށް ރަށަށް ފައިބައި, ތިބޭނެ އެންމެ ހިތްފަސޭހަ ތަންކޮޅެއް ހޯދަން އުޅެން ނުޖެހުމަކީ ވެސް ހޯދައިދީފައިވާ ވަރަށް ބޮޑު ލުޔެކެވެ.

ހިޔަލުގައި އަރާމުގައި ތިބެވޭ ގޮތަށް ހަދާފައިވާ ހަޓުތަކުގައި ޒަރޫރީ ހުރިހާ ހިދުމަތެއް ލިބެ އެވެ. ކުޑަ އައްޓާއި ބޮޑު އަށީގެ ހަޓުތައް ހަދާފައިވާ އިރު ބޮޑު އަށި ދޫކުރަނީ ދެ ގްރޫޕަކަށް ޝެއާކުރެވޭ ގޮތަށެވެ. ފެން ގުޅައި ކަރަންޓް ދޫކޮށްފައިވާ އިރު އަމިއްލަ އަށް ކެއްކޭނެ އިންތިޒާމް އަށިތަކުގައި ވަނީ ހަމަޖައްސައިފަ އެވެ. އަމިއްލައަށް ކައްކަން ގޭސް އުނދުން ބޭނުން ނަމަ ޕެކޭޖް ތެރޭގައި ހިމެނުމުން އެ ހިދުމަތް ވެސް ފޯރުކޮށްދޭނެ އެވެ.

ކުޑަގިރީގެ ރޫމެއް: އަށް ރޫމާ އެކު ރަށް ހުޅުވިޔަސް ދެ ވަނަ ފިޔަވަހީގައި ރޫމްތައް އިތުރުކުރަން ވަނީ ޕްލޭންކޮށްފައި.

ނިއުޝާދު ވިދާޅުވި ގޮތުގައި އެ ބަޔަކު ބޭނުންވާ ޕިކްނިކް ޕެކޭޖް، އެޕްލިކޭޝަން މެދުވެރިކޮށް ނެގޭނެ އެވެ. ދަތުރު ބޭނުންވާ ގޮތަަކަށް ރާވާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ބާބެކިއު ހެދޭ ގޮތަށް ރަށް ވަށައިގެން ވަނީ ގްރިލްތައް ބަހައްޓައިފަ އެވެ.

އާއްމުކޮށް ބޭނުންވާނެ ހުރިހާ ސާމާނެއް ލިބޭނެ ފިހާރައެއް މި ރަށުގައި އެބަހުއްޓެވެ. ޖާގަ ތަނަވަސް މިސްކިތެކެވެ. ރެސްޓޯރަންޓަކާއި ކުޑަކުދިންގެ ޕާކެއް ވެސް ވަނީ ހަދައިފަ އެވެ.

"މި ރަށުގެ ރެކްރިއޭޝަން ޓީމުން ކޮންމެ ދުވަހަކު ކުޅިވަރުތައް އިންތިޒާމްކުރާނެ. އެ ކުޅިވަރުތަކުގައި ވެސް ބައިވެރިވެވޭނެ," އޭނާ ވިދާޅުވި އެވެ.

"އާ ތަޖުރިބާތައް ކޮށްލެވޭނެ މަޖާ މާހައުލެއް މިއީ. ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ހުންނާނެ."

އެންމެ ބޮޑު ޗެލެންޖް: ރަށް ފެހިކުރުން

ހިއްކައިގެން ތަރައްގީކުރި ރަށަކަށް ވާތީ މި ރަށް ފެހިކުރުމަކީ އެންމެ ބޮޑު ގޮންޖެހުމެވެ. ރަށުގައި ގިނަ އަދަދަކަށް މިހާރު ވަނީ ރުއް އިންދައިފަ އެވެ. ހިޔާ ލިބޭނެ ބޮޑެތި ގަސްތައް ވެސް އިންދާފައިވާ އިރު އަދިކިރިޔާ ހެދެން ފެށީ އެވެ.

މި ރަށުގައި އާއްމުން އެންމެ ބޭނުންވާ ވަރަށް ގުދުރަތީ ހިޔާ ލިބެން އަދި ދުވަސްކޮޅެއް ނަގާނެ އެވެ. އެއީ މި ރަށް ހަވާލުކޮށްފައިވާ އެޗްޑިސީގެ ޓީމުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ އެއް ކަންތަކެވެ.

ކުޑަގިރީގައި ހަދާފައިވާ ރެސްޓޯރަންޓް: މި ރަށުގައި ހިޔާ ލިބޭ ގިނަ ގަސްތައް ވަނީ އިންދާފައި.

އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ކަޅު ފަސް އަޅައި ގަސް އިންދިޔަސް ހިއްކާފައި އޮތް ތަނަކަށް ވާތީ ހެދެން ގިނަ ދުވަސް ނެގީ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެންމެންގެ ރައްކާތެރިކަމަށް ގަވައިދުތަކެއް

އާއިލީ މާހައުލަކަށް ވާތީ ކުޑަކުދިންނާ އެކު ވަގުތު ހޭދަކުރާއިރު ދަތުރު ގޮސް އުޅޭ އެންމެން ވެސް މި ރަށުގައި އަމަލުކުރަން ޖެހޭ ގަވައިދުތަކާއި އުސޫލްތަކެއް ވަނީ ކަނޑައަޅައިފަ އެވެ. އެޕްލިކޭޝަން މެދުވެރިކޮށް ދަތުރު ޝެޑިއުލްކުރާއިރު ވެސް އެކަމަށް އެއްބަސްވާން ޖެހެ އެވެ. ބޭނުމަކީ އެންމެންނަށް ވެސް ރައްކާތެރި މާހައުލެއްގެ ކަށަވަރުކަން އޮތުން ކަމަށް ނިއުޝާދު ވިދާޅުވި އެވެ.

ހަޑިހުތުރު ބަހުން ވާހަކަ ދެއްކުމާއި ބޭއަދަބީ ކަންކަން ކުރާ ނަމަ މި ރަށުގައި ތިބޭ ފުލުހުންނަށް ރިޕޯޓްކުރާނެ އެވެ. ގަވައިދުތަކާއި އުސޫލްތަކަށް ތަބާނުވާ މީހުން ރަށުން ވެސް ބާލާނެ ކަމަށް އެކުލަވާލާފައި އޮތް އުސޫލުގައިވެ އެވެ.

ދުންފަތުގެ އިސްތިއުމާލް ކުރެވޭނީ އެކަމަށް ކަނޑައަޅާފައިވާ އޭރިއާގައި އެކަންޏެވެ. އެ ނޫން ތަނެއްގައި އެކަން ކުރާ ނަމަ ގާނޫނުގައި އޮންނަ ގޮތަށް ފިޔަވަޅު އަޅާނެ އެވެ.

މޫދު ކުޅިވަރަށް ހާއްސަކޮށްފައިވާ ސްލައިޑެއް: މި ރަށުގެ ރެކްރިއޭޝަން ޓީމުން ކޮންމެ ދުވަހަކު ވެސް ކުޅިވަރުތައް ރާވާއިރު ޕިކްނިކް ޕެކޭޖްގެ ތެރެއިން އެ ކުޅިވަރުތަކުގައި ބައިވެރިވެވޭނެ.

މި ރަށުގެ އެކި ސަރަހައްދުތަކުގައި 40 އަށް ވުރެން ގިނަ ސީސީޓީވީ ކެމެރާ ހުރެ އެވެ.

"ވަރަށް ބޮޑަށް ކޯޑިނޭޓެޑް އޮޕަރޭޝަނެއް މިތާ ހިންގާނީ. ސެކިއުރިޓީ ވަރަށް މުހިންމު ކަމެއް. ކޮންމެ އެއް ގަޑިއިރަކުން މުޅި ރަށް ވަށައިގެން ބަލާނެ. ކަމެއް ދިމާވެއްޖިއްޔާ ވަގުތުން ފަސްޓް އެއިޑް ލިބޭނެ. ހުޅުމާލެ ހޮސްޕިޓަލަށް ގެންދަން ބޯޓު އޮންނާނެ ރެޑީގައި," އިނާޒް ވިދާޅުވި އެވެ.

ސިންގަލް ޔޫސް ޕްލާސްޓިކް މުޅިން މަނަލެވެ. ޕްލާސްޓިކް ކޮތަޅާއި ފުޅި ފަދަ އެއްޗެހި މި ރަށަކަށް ނޭރުވެ އެވެ.

ހަފުތާ ބަންދާއި ސަރުކާރު ބަންދު ދުވަސްތަކުގައި މި ރަށުގައި ޗުއްޓީ ހޭދަކުރަން އެއްވެސް ލާރިއެއް ނުނެގިއަސް ވިސްނުމަކީ އެ ނޫން ދުވަސްތަކުގައި ކޮންމެވެސް އަގެއް ނެގުމެވެ. އެއީ ރަށުގެ މެއިންޓަނެންސް އާއި އެ ނޫން ކަންކަން ބެލެހެއްޓުމުގެ ގޮތުންނެެވެ.

ކުޑަގިރީގައި ކުޑަކުދިންނަށް ހާއްސަ ޕާކު.

ނިއުޝާދު ވިދާޅުވީ ހިތްގައިމު ތުނޑިއެއް އޮންނަ މި ރަށް ކައިވެނި ހަފުލާތަކަށް ވެސް ދޫކުރާނެ ކަމަށެވެ. އޭގެއިތުރުން ބާބެކިއު ހަދާލަން ވެސް އާދެވޭ ގޮތަށް ޕްލޭންކުރަމުން އަންނަ އިރު އޭނާ ވިދާޅުވި ގޮތުގައި ކުޑަގިރި ބާއްވާނީ އާއްމުންގެ ތަނެއްގެ ގޮތުގަ އެވެ. ކައިވެނީގެ ހަފުލާތަކާއި އުފަންދުވަހުގެ ޕާޓީތަކުގެ އިތުރުން ކޯޕަރޭޓް އިވެންޓްތައް ވެސް ބޭއްވޭނެ އެވެ.

މި ރަށް އަށް ރޫމާ އެކު ހުޅުވިޔަސް އިތުރު ރޫމްތަކެއް ތަރައްގީކުރަން ވަނީ ނިންމައިފަ އެވެ. ވޯޓާ ޕާކަކާއި މަސްބާނަން ބޭނުންވާ މީހުންނަށް ފިޝިން ޕްލެޓް ފޯމެއް ހަދާނެ އެވެ.

މި ހުރިހާ ހިދުމަތްތަކާ އެކު ހަފުތާ ބަންދު ހާއްސަކޮށްލަންވީ އެވެ. ހިއްކައިގެން ނަމަވެސް ކުޑަގިރިއަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ ދިވެހިންނަށް ހޯދައިދިން ހިތްހަމަޖެހުމެކެވެ. މި ހަފުތާ ބަންދުން ފެށިގެން މާލެއިން ބޭރުވެ ކުޑަގިރީގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ތައްޔާރުވާށެވެ.

30 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 68%
icon sad icon sad 0%
icon angry icon angry 10%
icon wow icon wow 10%
icon inlove icon inlove 13%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލަމްގިރި

05 February 2023

ކުޑަގިރީގެ ރޫމްތަކަށް ދެޖިންސުގެ މީހުން ނިދަން ވަންނާކަށް ކައިވެނީގެ ސެޓްފިކެޓެއް ބޭނުމެއް ނުވެއެވެ. ނަމަވެސް މޫކައި ހޮޓެލް، ހޮޓެލްގެ ރޫމަކަށް ދިވެހި ދެޖިންސުގެ މީހުންނަށް ވަދެވޭނީ ކައިވެނީގެ ސެޓްފިކެޓް ދެއްކީމައެވެ.

The name is already taken The name is available. Register?

ހަޑިގިއްލާ

05 February 2023

މީ މާލެ ސިޓީގަ އަދި މިހާތަނަށް ހިންގި އެންމެ ހިތްގައިމު ޕްރޮޖެކްޓް! ވަރަށް އުފާވެއްޖެ! އިބޫ ފާސްވެެއްޖެ!

The name is already taken The name is available. Register?

ދޮންގޮއްޔެ

05 February 2023

5 އަހަރުން އެންމެ ރަށްގަޑެއް. ކޮން ފާހެއް ވާނީ

The name is already taken The name is available. Register?

ސައްޙާފް

05 February 2023

ދިވެހިން އަތުން ފީނަގާކަށްނުފެނޭ. ބިދޭސީންއަތުން ކޮންމެވެސް ވަރެއްގެފީއެއް، އަދި ފަތުރުވެރިންއަތުން ބޮޑުފީއެއް ނަގަންޖެހޭ، މީގެ އިތުރުން ހަފްލާތަކަށް 2ތަންވަރު ކަނޑައަޅާ އެއީ ބޮޑުއަގުގަ ބީޗް ޕާޓީތައް ފަދަކަންކަމަށް ދޫކަންފެށުމުން ރަނގަޅު އާމްދަނީ ލިބޭނެ. އަދި ރަށުގެ މުހިއްމު10 ވަރަކަށްތަނުގައި ބިލްބޯޑު ބެހެއްޓުމުން ދާއިމީ އާމްދަނީ ލިބޭނެ. މީގެއިތުރުން، ފިހާރައިން ފައިސާ. ޕްރައިވެޓް ޓްރާންސްޕޯޓަށް ޗާޖުކުރުން ރަނގަޅު. އެޗްޑީސީ ސީއެސްއާރްވެސް ކޮބާ؟

The name is already taken The name is available. Register?

ނަސްލީ ނަސްލ

05 February 2023

ޒަރޫރީ ބޭނުމަކަށް ނުވިޔަސް، މާލޭގައި އުޅުއްވާ ބޭފުޅުންނަށް ވީމާ ޕިކްނިކް ދާންވެސް ރިޒޯޓެއްގެ ފެންވަރުގައި ރަށެއް. އަހަރެމެންވެސް ބޭނުން ތި ފެންވަރުގެ ތަނަކަށް ދަރިންނާއެކުު ގޮސް ހިތްއުފާ ކޮށްލަން. މި ރަށަކުވެސް އަދި ކައިރިގަވެސް ނެތް ޕިކްނިިކް ދާނެ ތަނެއް. މިކަހަލަ ކިތައްމެ ރަށެއް އޮންނާނެ. މި ރަށްރަށުގެ ރައްޔިތުންނަށްވެސް ސަރުކާރުގެ ހަރަދުގައި ޕިކްނިކް ރަށް ހަދައިދޭން ވާނެ. ނޫނީ ތީ ހަމަ ކަނޑައެޅިގެން ނަސްލީ ތަފާތުކުރުން.

The name is already taken The name is available. Register?

ޝުއައިބު.

05 February 2023

ރާއްޖެތެރޭ މީހުންގެ ކަންތައް ވަރަށް ބޮޑު ވެއްޖެ. މިމީހުންނަށް ކަމަކު ނުދޭ މާލޭ މީހުންނަށް ގޯއްޗެއް ދިނުން މާލޭ މީހުން ޕިކްނިކް ދާނެ ރަށެއް ހެދުންވެސް. އަޖާއިބެއްނު.

The name is already taken The name is available. Register?

ނަސްލާ

05 February 2023

މިހާރު މާލޭގައި ގިނައިން އުޅުއްވަނީ ރަށްރަށުގެ ބޭފުޅުން. ހަމަ ތިޔަ ބޭފުޅާ ކަހަލަ ބޭފުޅުން.

The name is already taken The name is available. Register?

ޓޯމީ

05 February 2023

ކުޑަ ގިރި ފެނިގެން އަނެއްކާ ވެސް ވަހީދު ސިޔާސީ މައިދާނުން ފެންނަން ފަށައިފި..

The name is already taken The name is available. Register?

ހާސަރު

05 February 2023

މިހާރު ރާއްޖޭގެ އޮތް މާހަހުލަށް ބަލާއިރު އާއިލާތަކަށް ކުޑަގިރިން ހިންހަމަޖެހުން ލިބޭނީ ގޭންގްތަކާ މަސްތުވާތަކެތީގެ ވަބާގައި ޖެހިފާތިބި މީހުންގެ ކިބައިން ކުޑަގިރި ސަލާމަތް ކުރެވިގެން . އެހެން ނޫނީ ކުޑަކުދިންގޮވައިގެން އާއިލާތަށް ގޮސްއުޅޭއިރު އަޑު އިވެން ބޭނުންނުވާ އެތަށް ބަހެއް ބާރަށް ގޮވާމުންދާނެ. މިހާރުވެސް ހެދިފަ ހުރި ގާނޫންތަކުން އާއްމު އިޖްތިމާއީ މިންގަޑު ތަކާނުގުޅޭ ގޮތް ގޮތަށް އުޅުމާ އެފަދަ ބަހުރުވައިން ހަޅޭއްލަވާހެދުން އެއީ ކުށެއް.

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

05 February 2023

ބޮޑެތި ކަންތައް ކުރެވޭނީ ލަހުން.ލަހުން ނަމަވެސް މިކަން ސަރުކާރުން ފުރިހަމަ ކުރީތީވެ ރައްޔިތެއްގެ ހައިސިއްޔަތުން ސަރުކާރަށް ތޭންކްސް ބުނެލަން ބޭނުން.އަހަރުމެން 1990ގެ އަހަރުތަކުގަ ކުޑަބަނޑޮހުގަ ހާދަ މަޖަލެއް ކުރީމޭ.ވ.ވެދުން

The name is already taken The name is available. Register?

ބާލަންގިރި

05 February 2023

ފަރު ހަލާކުކޮށްފަ ޕިކްނިކް ހަދާލަން، ދެން އޮތީ ތިތަން ގޮނޑު ކުރުން ނޫންތޯ؟

The name is already taken The name is available. Register?

ޖައިސާމް

05 February 2023

މިނޫން ގޮތެއް މާލޭ ސަރަހައްދަކު ނެތް.

The name is already taken The name is available. Register?

ނުވިސްނާ

05 February 2023

އެންވަރަމެންޓު ކަންކަން ކިހާ ވަރަކައް ދަންނަ ބޭފުޅެއް ބާ މަތީ ކޮމެންޓް ކޮއްފަ މިޔޮތީ ؟؟؟ ފަރު ހަލާކު ވާ މިންވަރު އިނގޭބާ ތަނެއް ހިއްކުމުން؟؟؟؟ އެފަޅު ވަށައިގެންވާ ފަރު ދިރުން އަލުން އާލާ ވާކަން އިނގޭބާ ރަނގަޅައް ގެންގުލޭނަމަ؟ ރައްޔިތުން ޒިންމާދާރު ވާނަމަ އެއީކީ މައްސަލަ އެއް ނޫން.

The name is already taken The name is available. Register?

ޕްރައިމް

05 February 2023

ދިވެހިންނަށް ހައްޤު މިންވަރަކީ ފަޅެއްގައި ހިއްކާފައިވާ ތަންކޮޅެއް ތޯ ؟ ވަރަށް ބޮޑަށް ޝުކުރިއްޔާ 100 ދުވަހުން ފުރިހަމަ ކޮށްދޭނަކަމަށް ވިދާޅުވި ވައުދު 1547 ދުވަހުން ފުރިހަމަ ވީތީ. ޝުކުރިއްޔާ ރައީސް . 2023 ތި ގެރެންޓީ ވީ

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

05 February 2023

ހެލޯވް ހެލޯވް ބްރަދާ.ބަންދު ދުވަސްތައް ކަނޑައިގެން އަދި 98 ދުވަސް.

The name is already taken The name is available. Register?

ޖައިސާމް

05 February 2023

ހެލޯވް ހެލޯވް ބަރަދާރ. ފުރަތަމަ ކަޑައެޅިތަން ކަމުނުދިޔައިމާ ވަކިން ތަނެއް ހިއްކީ. މާލޭ ސަރަހައްދުގަ މިކަން ކުރެވޭނެ އެންމެ ރަނގަޅަށް މިކަން ކޮށްފަ މިއޮތީ.

The name is already taken The name is available. Register?

ޒަދީފްއޮފިޝަލް

05 February 2023

ހަލޮ ހަލޮ ބްރަދާރ...

The name is already taken The name is available. Register?

ބޮޑުމީހާ

05 February 2023

މިވެރިކަމަށް އަދި ކިރިޔާ 100 ދުވަސް ވީ. ލަހުން ނަމަވެސް ކުރީތީ އުފާކުރަން، ތީ ތޮއްޖެހިފަ އޮތް މާލެ އަށް ވަރަށް މުހިންމު ތަނެއް. ވައުދުފުއްދުމުގައި މިއަށްވުރެ އަވަސް، ދެފުށްފެންނަ ނިޒާމެއް އޮންނަންޖެހޭ، ސިޔާސީ މީހުން ކައިރިން އަބަދު ސަލާންޖެހުމުގެ އާދަ ނައްތާލަންޖެހޭ. ކޮންމެ މީހަކު ކުރިޔަސް ކުރަނީ ރައްޔިތުން ހޯދާ ޓެކްސް ފައިސާއިން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454