އެމެރިކާގެ ވައިގެ ސަރަހައްދުގެ ތެރެއިން ވަރަށް އުހުގައި ދަތުރުކުރަމުން ދިޔަ، ޖާސޫސީ ފުއްޕާހަމެއް ކަމަށް އެމެރިކާ އިން ތުހުމަތުކުރި ޗައިނާގެ މޫސުމީ ދިރާސާތަކާ ބެހޭ ފުއްޕާހަން، އެމެރިކާގެ ވައިގެ ސަރަހައްދުން ދަތުރު ކުރަނީ
05 ފެބުރުއަރީ 2023 - 12:08
އެމެރިކާގެ ވައިގެ ސަރަހައްދުގެ ތެރެއިން ވަރަށް އުހުގައި ދަތުރުކުރަމުން ދިޔަ، ޖާސޫސީ ފުއްޕާހަމެއް ކަމަށް އެމެރިކާ އިން ތުހުމަތުކުރި ޗައިނާގެ މޫސުމީ ދިރާސާތަކާ ބެހޭ ފުއްޕާހަން، އެމެރިކާގެ ވައިގެ ސިފައިންގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ދިން މިސައިލް ހަމަލާއެއްގައި ގޮއްވާލައި ވައްޓާލައިފި އެވެ.
އެމެރިކާ އިން މި ފުއްޕާހަން މި ވައްޓައިލީ، އެމެރިކާގެ ވައިގެ ސަރަހައްދުގެ ތެރެއަށް ވަދެ އުޅޭކަން ފާހަގަކުރެވުނުތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސްވެ، އެކަމާ މެދު އާންމު ރައްޔިތުންގެ ފާޑުކިޔުންތައް އެމެރިކާ ސަރުކާރަށް ކުރިމަތިވެފައި ވަނިކޮށެވެ.
އެމެރިކާގެ ވައިގެ ސަރަހައްދަށް މި ފުއްޕާހަން އެންމެ ފުރަތަމަ ވަނީ މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ. އެމެރިކާގެ އެލަސްކާގެ ހުޅަނގުން އޮންނަ އެލޫޝިއަން ޖަޒީރާތަކުގެ މަތީގައި ތިން ދުވަސް ހޭދަކުރުމަށް ފަހު، ދެން އެ ފުއްޕާހަން ދަތުރުކުރީ ކެނެޑާގެ ވައިގެ ސަރަހައްދުގެ ތެރެއަށެވެ.
🚨#BREAKING: Incredible HD footage of the Chinese surveillance balloon being shot down
— R A W S A L E R T S (@rawsalerts) February 4, 2023
🚨#MyrtleBeach l #SC
Watch incredible HD video of the moment when the Chinese surveillance balloon was shot down by a single missile from an F-22 fighter jet from Langley Air Force Base pic.twitter.com/KjwTrgcvcb
އޭގެ ފަހުން ޖެނުއަރީ 31 ވަނަ ދުވަހު އަނެއްކާ ވެސް، އެ ފުއްޕާހަން އެމެރިކާގެ ވައިގެ ސަރަހައްދުގެ ތެރެއަށް ވަނެވެ. މިފަހަރު މި ހަން ފެނުނީ ކެނެޑާ އާއި އެމެރިކާ ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ، އެމެރިކާގެ ސްޓޭޓެއް ކަމަށްވާ މޮންޓާނާގެ ވައިގެ ސަރަހައްދުންނެވެ. މިއީ އެމެރިކާގެ ނިއުކްލިއާ މިސައިލްތައް ގިނަ އަދަދަކަށް ރައްކާކޮށްފައި ހުންނަ އަސްކަރީ މަރުކަޒުތަކެއް ހިމެނޭ ސްޓޭޓެކެވެ.
އެންމެ ފުރަތަމަ ފަހަރަށް މި ފުއްޕާހަން އެމެރިކާގެ ވައިގެ ސަރަހައްދުގެ ތެރެއިން ފެނުމާއެކު ވެސް، މިސައިލް ހަމަލާއެއްގައި މި ހަން ގޮއްވައިލުމާ މެދު އެމެރިކާގެ އިސް ވެރިންގެ މެދުގައި މަޝްވަރާ ކުރެވުނެވެ. ނަމަވެސް، އެމެރިކާގެ އެއްގަމު ސަރަހައްދުންގެ ވައިގެ ތެރޭގައި ގޮއްވާލައިފި ނަމަ، އޭގެ ބައިތައް ބިމަށް ވެއްޓި އާންމުންނަށް ގެއްލުމެއް ލިބިދާނެތީ، އެކަން ފަސް ކޮށްލީ އެވެ.
އެންމެ ފަހުން މި ހަން ގޮއްވައިލީ އެއްގަމު ސަރަހައްދުން ނެއްޓި ކަނޑުގެ ސަރަހައްދުގެ ވައިގެ ތެރެއިން ދަތުރު ކުރަމުން ދަނިކޮށެވެ. އެމެރިކާގެ އެފް-22 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓަކުން ފޮނުވައިލި މިސައިލެއް އެ ހަމުގައި ޖެހުމާއެކު ވައިގެ ތެރެއަށް އެ ހަން ގޮވި އެވެ. އަދި އޭގެ އެހެން ބައިތައް، އެމެރިކާގެ ދެކުނު ކެރޮލީނާގެ އިރުމަތީ އައްސޭރި ފަށުން ފެށިގެން ހަ މޭލު ދުރުން ކަނޑަށް ވެއްޓުނެވެ.
Biden: "On the balloon, I ordered the Pentagon to shoot it down on Wednesday as soon as possible [for safety] ... they successfully took it down." pic.twitter.com/2GbSzejnZI
— Aaron Rupar (@atrupar) February 4, 2023
ޗައިނާގެ ޖާސޫސީ ހަމުގެ ބައިތައް، ކަނޑުގެ ހަތް މޭލުގެ ސަރަހައްދަކަށް އެޅިފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާ އިން ބުނެ އެވެ. އެހެންކަމުން އެމެރިކާގެ ކަނޑުގެ ސިފައިންގެ ދެ މަނަވަރެއް މިހާރު ދަނީ، އެ ބައިތައް ނެގުމަށްޓަކައި، އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ބުނި ގޮތުގައި ޗައިނާގެ ޖާސޫސީ ފުއްޕާހަމުގެ ބައިތަކަކީ، އެމެރިކާ އަށް ވަރަށް މުހިންމު މައުލޫމާތުތަކެއް ލިބިދޭނެ އެއްޗެހިތަކެކެވެ. އެހެންކަމުން، އޭގައި ހުރި ހުރިހާ އާލާތްތަކެއް ހޯދައި އެތަކެތީގައި ހިމެނޭ މައުލޫމާތުތައް ދިރާސާކުރާނެ ކަމަށް ޕެންޓަގަން އިން ބުންޏެވެ.
ނަމަވެސް ޗައިނާ އިން ބުނި ގޮތުގައި އެއީ މޫސުމާ ބެހޭ ދިރާސާތަކަށް ޚާއްސަ ކޮށްފައިވާ ފުއްޕާހަމަކެވެ. އަދި އޭގައި އެއްވެސް ގައުމަކަށް ގެއްލުމެއް ކުރިމަތިވެދާނެ ފަދަ ވަސީލަތެއް އަދި އާލާތެއް ވެސް ނުހުންނާނެ ކަމަށް ޗައިނާ އިން ބުނެ އެވެ.
މި ފުއްޕާހަން ވައްޓައިލިތާ ދެތިން ގަޑިއިރު ފަހުން، ޗައިނާގެ ޚާރިޖިއްޔާ އިން ނެރުނު ބަޔާނެއްގައި ވަނީ، އެމެރިކާގެ އެ އަމަލު ކުށްވެރިކޮށްފަ އެވެ. އަދި އެއްވެސް ނުރައްކަލެއް ނެތް ހިސާބަކުން ދަތުރު ކުރަމުން ދިޔަ މަދަނީ ވައިގެ އުޅަނދެއް، އަސްކަރީ ބާރުގެ ބޭނުންކޮށްގެން ވައިޓައިލުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ވެސް ޗައިނާ އިން ބުންޏެވެ.
"އެ ފުއްޕާހަމަކީ މަދަނީ ކަންކަމުގައި ބޭނުންކުރާ ހަމެއް ކަމާއި، އެ ހަން އެމެރިކާގެ ވައިގެ ސަރަހައްދަށް ވަދެފައިވަނީ، މޫސުން ގޯސްވެ ވައި ބާރުވުމުގެ ސަބަބުން ގަދަ ވަޔާ އެކުގައިކަމާއި، އެއީ އެއްވެސް ހާލެއްގައި ގަސްދުގައި ކޮށްފައިވާ ކަމެއް ނޫންކަން، ޗައިނާގެ ކަމާ ބެހޭ އިދާރާތަކުން ވާނީ އެމެރިކާގެ ރަސްމީ އިދާރާތަކަށް ތަކުރާރުކޮށް އަންގައިފަ،" ކަމަށް ޗައިނާގެ ޚާރިޖިއްޔާ އިން ނެރުނު ބަޔާނުގައިވެ އެވެ.
ޗައިނާގެ ފުއްޕާހަން ވައްޓައިލުމަށް، ރައީސް ޖޯ ބައިޑެން އަމުރު ކުރެއްވީ މިދިޔަ ބުދަ ދުވަހު އެވެ. ނަމަވެސް އެ އަމުރު ތަންފީޒު ކުރުން، ޕެންޓަގަން އިން ފަސްކޮށްލީ، އެ ހަން އެމެރިކާގެ އެއްގަމު ސަރަހައްދުން ނެއްޓި ކަނޑުގެ ސަރަހައްދުގެ ވައިގެ ތެރެއަށް ވަންނަންދެނެވެ.
ހީލިއަމް އަޅައިގެން މައްޗަށް އަރުވާ މި ޒާތުގެ ބިޔަ ފުއްޕާހަންތަކަކީ، 80 ހާސް ފޫޓާއި 120 ހާސް ފޫޓާ ދެމެދުގެ އުސްމިނަކުން ދަތުރުކުރާ ހަންތަކެކެވެ. އާންމު ވައިގެ ދަތުރުފަތުރުގައި ބޭނުންކުރާ މަތިންދާބޯޓުތައް ދަތުރުކުރާ އެންމެ އުސްމިނަކީ 42 ހާސް ފޫޓު ކަމަށްވާތީ، މިބާވަތުގެ ހަންތަކުން އެފަދަ އުޅަނދުތަކަށް އެއްވެސް ނުރައްކަލެއް ކުރިމައްޗެއް ނުވާނެ އެވެ.
ޗައިނާގެ މި ހަން ފުއްޕާފައި އޮންނަ އިރު އޭގެ ފުޅާމިނުގައި ގާތްގަނޑަކަށް 90 ފޫޓު ހުރެ އެވެ. މި ހަމުގައި އެލުވިފައި އޮންނަނީ، އޭގައި އެކުލެވޭ އާލާތްތަކާއި އެ އާލާތްތަކަށް ބޭނުންވާ ކަރަންޓު އުފައްދައިދޭ ސޯލާ ޕެނަލްގެ ދެ ފިޔަގަނޑެވެ. މި ހަމުގައި އެކުލެވޭ އާލާތްތަކަކީ، ކެމެރާތަކާއި، ރާޑާރާއި މުވާސަލާތީ ވަސީލަތްތަކާއި ސެންސަރުތަކެވެ.
އެމެރިކާގެ ވައިގެ ސަރަހައްދުގެ ހުޅަނގު ފަރާތުން ވަދެގެން އިރުމައްޗަށް މިހަން ދަތުރުކުރީ އެވްރެޖް ގޮތެއްގައި 60 ހާސް ފޫޓު މަތިންނެވެ. އެހެންކަމުން، މި ހަމުގެ ސަބަބުން ވައިގެ ދަތުރުތަކަށާއި، ބިންމަތީގައި އުޅޭ ބަޔަކަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް، އެމެރިކާގެ އަސްކަރިއްޔާ އިން ވަނީ އެމެރިކާ ސަރުކާރަށް ލަފާ ދީފަ އެވެ.
ޗައިނާގެ ޖާސޫސީ ފުއްޕާހަމުގެ މައްސަލަ ފެންމަތިވުމާއެކު، އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން މި ހަފުތާގައި ޗައިނާ އަށް ކުރައްވަން ހަމަޖެހިފައި އޮތް ރަސްމީ ދަތުރު ވެސް ވަނީ، ވަކި ތާރީޚެއް ނެތް ގޮތަށް ފަސް ކޮށްލައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުފާވެފަ
05 February 2023
އެމެރިކާ މީހުންނަށް ޗައިނާގެ ކޮންމެވެސް އެއްޗެއް ގޮއްވާލަން ލިބުނީތީ ވަރަށް އުފާވާނެ.
2023 އިންތިހާބުގެ ދީނީ ތަގްރީރު
05 February 2023
ޢާދެ ދަންނައެ، މީހަކު ސިޔާސީ ޕާޓީއެއްގެ ޖަލްސާއެއްގައި ދީނީ ތަގްރީރެެއް ދެނީއެވެ. އޭނާގެ އަދުއްވު ސިޔާސީ މީހަކަށް ޖެއްސުން ކުރުމުގެ ގޮތުން އިރު އިރު ކޮޅުން "މާތް ﷲ ވަހީ ކުރައްވަނ،ީ" ކިޔުމަށް ފަހު އަރަބި ބަހުން އެއްޗެއް ޙަޅޭއްލަވައެވެ. މިއީ ގުރުއާން ކިޔެވުމޭ ބުނެވޭނެ ހެއްޔެވެ؟ ހިތްތިރިކޮށްފަ އައައޫޒުބިއްލާހި އަދި ބިސްމި ކިޔުމަށް ފަހު ނޫނީ ގުރުޢާން ނުކިޔެވޭނެ..
ގުޅުވަބަލަ
05 February 2023
ތިއީ ދެން މި ހަބަރާ ކޮން ބެހޭ ކަމެއް؟
ރަދީފްއޮފިޝަލް
05 February 2023
އެމއރިކާގެ ވައިގެ ސަރަހައްދަށް ޗައިނާގެ ޖާސޫސްކުރާ އެއްޗަކަށް ވެދެވިގެންނުވާނެ.
އަފްރާސިޔާބު
06 February 2023
އެމެރިކާއިން ވަންޗައިނާ ސިޔާސަތުގެ ދަށުން ތައިވާނަކީ ޗައިނާގެ ތަނެއްކަމަށް ގަބޫލުކޮށްފައިވަނީ. އެކަމަކު ޗައިނާ ސަރުކާރުން ހުއްދަ ހޯދުމަކާނުލައި އެމެރިކާގެ ސިޔާސީ މީހުން ތައިވާނުގެ (ޗައިނާގެ) ސަރަހައްދަށް މަތިންދާ ބޯޓުގައި ވަދޭ. އަދި ޗައިނާ އިން ހުއްދަ ހޯދުމަކާނުލައި ހަތިޔާރުވެސް ވިއްކައި މަނަވަރު ފަހަރުވެސް ޗައިނާގައި ބަނދަރު ކުރޭ. އެކަމަކު ޗައިނާ އިން ދޫކޮށްލި ފުއްޕާ ހަމެއް އެމެރިކާގެ ސަރަހައްދަށް ވަނީމާ ބައިނަލްއަގުވާމީ ގާނޫނާ ޚިލާފު މިވީ.
LaamuonlineDOTcom
05 February 2023
ޗައިނާއިންބުނީ ދެން ތިގޮށްވާލިޔަސް ހެވޭ، ބޭނުންވާ ޑާޓާ ކަލެކުޓުކުރެވިއްޖޭ!
ރަދީފު ބިން ރަފައިދާ
05 February 2023
މިމީހުން ބިރުގަންނަވަރެއް. ފުއްޕާހަމެއް ފެނިގެން އެހާވަރުއެވީ.
ށަވިޔަނި
05 February 2023
އެމެރިކާއަކީ މަތިންދާ ބޯޓުތައް ދަތުރުވެރިންނާއެކު ގޮއްވާ ގައުމެެއް. ވައްޓާލާފަ ބުނާނެ ސޮރީއޭ އޮޅިގެންނޭ. އެނިމުނީ. އެކަމަކު އެހެން ބަޔަކުއަތުންވެއްޖެއްޔާ މުޅިދުނިޔެއަށް މަޖްބޫރުކޮށް އެބަޔަކަށް އަދަބުދީ ބަދަލު ހޯދާނެ. މަހައިރާންވޭ މި ދުނިޔޭގެ މީހުން މިގައުމަށް އަޅުވެތިވެގެން އުޅޭ ސަބަބާމެދު. މިހާރުވެސް ދުނިޔެ އެއްކޮށް ނޫނެކޭ ބުނެފިއްޔާ ދުވަސްދާނެ. ޗައިނާ އީރާން ނޯތުކޮރެއާ އެމެރިކާއަށް ޗެލެންޖްކުރާތީ އުފާކުރަން.
އަފްރާސިޔާބު
06 February 2023
އަޅުވެތިވެގެން އުޅޭ ސަބަބު ވަރަށް ސާފު އެއީ: 1. އެމެރިކާ ޑޮލަރަކީ މުޅިދުނިޔޭގައި ވިޔަފާރީގެ ގޮތުގައި ބޭނުންކުރާ ފައިސާއަށްވުން. 2. އެމެރިކާ އިން މުވާސަލާތު ކޮންޓްރޯލް ކޮށްފައި އޮތުން. 3. ގައުމުތަކަށް އަރައި މީހުން މަރައި ގައުމު ތަކުގެ މުއްސަދިކަން ޖީބަށް ކަހާލާ ބަޔަކަށްވުން. 4. ނިއުކުލިއަރ ބޮން އެމީހުންނާ ދެކޮޅުވާ ގައުމަކަށް އަޅައި މުޅި އިންސާނިއްޔަތަށް ނުރައްކާ ކުރާ ބަޔަކަށްވުން.
ފަގުޑި
05 February 2023
އެމެރިކާ ތިކުރީ ވަރައް ވިޔާނުދާކަމެއް. ބަޔަކު ހަމަ ވަޔައް ކޮތަޅެއް އަރުވާއިރައް، އެއައް ގާއުކާ ފަޓާސް އުކާކައް ނުޖެހޭ.
ޖުހާ.
05 February 2023
އެމީހުން ބިރުގަންނާނެ ކުރައްޕެއް ފެނުނަސް. ބަޔަކަށްވާކަހަލަ ބަޔަކާ ހަނގުރާމައެއްވެސް ނުކުރާނެ.
ކަފާސް
05 February 2023
ނިއުކުލިއަރ މިސައިލެއްތަ އަނެއްކާ؟