މާލޭ ސިޓީ ކައުންސިލުގެ ވޭސްޓް މެނޭޖްމެންޓް ސެކްޝަން ޑރ. މުއިއްޒު ހުޅުވައިދެއްވަނީ. -- ފޮޓޯ: ސިޓީ ކައުންސިލް
05 ފެބުރުއަރީ 2023 - 12:44
މާލެ އާއި ވިލިމާލޭގެ އާންމު ސަރަހައްދުތަކުން ކުނި ނެގުމުގެ މަސައްކަތް ހަރުދަނާ ކުރުމަށްޓަކައި މާލެ ސިޓީ ކައުންސިލްގެ ވޭސްޓް މެނޭޖްމެންޓް އޮފީހެއް މިއަދު ހުޅުވައިފި އެވެ.
ކައުންސިލުން ބުނީ، އެ އޮފީސް ހެދީ މާލެތެރޭގެ ކުނިކަހައި، ކުނި ނަގައި ސާފުކުރުމުގެ މަސައްކަތާ އެ ކައުންސިލުން ހަވާލުވިއިރު، އެ މަސައްކަތާ ގުޅޭ އިދާރީ ކަންކަމަށް ޖާގަ ނެތުމުން އެ ޖާގަ ހަމަޖެއްސުމަށް ކަމަށެވެ.
އެ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެއީ ކައުންސިލަރުންގެ ބެލުމުގެ ދަށުން މާލެތެރެ ސާފުތާހިރުކޮށް، ބެލެހެއްޓުމުގެ މަސައްކަތް ހަރުދަނާ ގޮތެއްގައި ގެންދިއުމަށް އެޅި ވަރަށްބޮޑު ފިޔަވަޅެއް ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި، އެ ތަނުގައި މިހާރު މަސައްކަތްކުރާ އިދާރީ، މެނޭޖީރިއަލް ލެވެލްގެ ހުރިހާ މުވައްޒަފުންނަށް ރަނގަޅަށް މަސައްކަތް ކުރެވޭ ވަރުގެ ޖާގަ ލިބޭނެ އެވެ.
Miadhu hulhuvigen dhiya Waste Management Section ofeehakee @MaleCitymv in Male City kunikahaa saafukoh belehettumah kuramundhaa masakkathah libunu ithuru kurierumeh. Mi masakkathah khaassakoh idhaaree , operational, managerial emmehaa kankan balahattamun dhaanee mi ofeehun. https://t.co/fnm45wH9xd
— Dr Mohamed Muizzu (@MMuizzu) February 5, 2023
މޭޔަރު ވިދާޅުވީ، ވޭސްޓް މެނޭޖްމެންޓް އޮފީހާއެކު، މާލެތެރެ ރީތިކޮށް، ސާފުކޮށް ބޭއްވުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރެވޭނެ ކަމަށެވެ. ކުރިއަށް އޮތް ދެތިން ހަފުތާގައި އިތުރު ފިޔަވަޅުތައް އަޅައި، މާލެތެރެ ސާފުކުރުން ހަރުދަނާ ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވިގޮތުގައި ވޭސްޓް މެނޭޖަމަންޓް ސެކްޝަންގައި މަސައްކަތް ކުރާނީ 225 މުވައްޒަފުންނެވެ. އެ އެންމެންނަކީ އިދާރީ، އޮޕަރޭޝަނަލް އަދި މެނޭޖީރިއަލްގެ ހުރިހާ ކަމެއް ކުރާނެ ބައެއް ކަމަށް ވިދާޅުވި އެވެ.
"އޮފީހުގެ މަސައްކަތް ކޮށްފައި ވާނީ ވަރަށް ބޮޑަށް ހަރަދު ކުޑަކުރަން. އެގޮތުން ކޮންޓްރެކްޓަރެއް ނުހޯދައި އަމަލީ މަސައްކަތް ކުރީ ކައުންސިލްގެ މުވައްޒަފުން. މޭޒު ފަދަ ފަރުނީޗަރު ވެސް ފިލާ ގަނެގެން އަމިއްލަ އަށް ހެދީ. ހިޔާ ކުރީ، ކުރިން ބޭނުން ކޮށްފައި ހުރި ބާ ދަގަނޑު ހޮޅި އާއި ޓިނުން،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ހަމައެކަނި ހަރަދު ހިނގީ ތަކެތި ގަންނަން ކަމަށާއި އެ ކަމަށް ކަނޑައެޅީ ގިނަ ވެގެން ތިން ލައްކަ ރުފިޔާގެ ބަޖެޓެއް ކަމަށެވެ.
"...އެ ސެކްޝަންގައި މަސައްކަތް ކުރާ އިދާރީ ސްޓާފުންނާއި މެނޭޖަރުން މަސައްކަތް ކުރާނެ އެއްވެސް ޖާގައެއް ނެތި މިދިޔަ ދޮޅުމަސް ދިޔައީ. އެހެންވެ، ކައުންސިލުން ފާސްކޮށްގެން މި ގޮތަށް އަސާސީ ލެވެވެލެެއްގެ އޮފީހަކަށް ޖާގަ އިތުރު ކުރީ،" މޭޔަރު ވިދާޅުވި އެވެ.
މާލޭގެ މަގުތަކާއި ޕާކްތަކާއި މައިޒާންތަކުގެ ކުނި ނަގައި ސާފުކުރަން ވެމްކޯއާ އެކު ހެދި އެއްބަސްވުން އާ ނުކުރަން ސިޓީ ކައުންސިލުން ނިންމައި، އަދި އެއްބަސްވުމުގެ މުއްދަތު މިދިޔަ އަހަރުގެ ޑިސެމްބަރު 26 ގައި ހަމަވެފައިވާތީ މަގުތަކުން ކުނި ނެގުން ވެމްކޯ އިން ވަނީ ހުއްޓާލައިފަ އެވެ. ސިޓީ ކައުންސިލުން އެ އެއްބަސްވުން އާ ނުކުރީ، ވެމްކޯ އިން އެ ކަން ރަނގަޅަށް ނުކުރާތީ ކަމަށް ބުނެ އެވެ.
ކައުންސިލުން ކުނި ނަގަން ފެށި ނަމަވެސް މާލެ މަގުމަތީގައި އެކި ފަރާތްތަކުން ކުނި ބަހައްޓާ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެ މައްސަލައިގައި ކައުންސިލުން ވަނީ އާންމުކޮށް ކުނި ބަހައްޓާ ތަންތަން ފާހަގަކޮށް، އެ މީހުންނަށް ފިޔަވަޅު އަޅަން ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަސްލު ވާހަކަ
07 February 2023
ސިޓީ ކައުންސިލުންވެސް ވެމްކޯގެ ސެކްޝަނެއް ހިންގަން ފެށީ.. ކުނި ނަގާނީ ވެމްކޯއިންތޯ ،ކައުންސިލުންތޯ ،، އޮފީހާއި ، ބޮޑެތި ކޯޕަރޭޝަން ހަދައިގެން ހައްލުވަންޏާ ހުންނާނީ މިހާރު ހައްލުވެފައި..
ކަތްދައްތަ
06 February 2023
މީނާ މިހިންގަނީ ޕޕއމ ގެ ވަކި ސަރުކާރެއް. ހިތުން ރައީސް ހެދިގެން ނިތުން ބިތުގަ ތަޅާ މީހެެއް.
ލާމަސީލު
05 February 2023
މިސްކިތް މަރާމާތުކުރަންވީމަ ބައިރުފިޔާއެއެއްވެސް ބަޖެޓަކުނެތް. ތިތަންހަދަންވެސް 300000ރ ބިނަފަޅާލާފަ ނިކުމެއްޖެ. ނޫނޭވާ ދީންވެރި ބައެއް.
ހުސެންް
05 February 2023
މާލޭގެ ފަޅުތެރެއެކޭ ކުނިގޮނޑެކޭ އެއްވަރު. ޕުލާސްޓިކު ފުޅިޔާއި ކުނިން ފުރިފަ. އެތަން ފެންނަމީހަކުވެސް ނެތް. ފަތުރުވެރިންވެސް ޖަހަނީ ޖޯކު، އެހެންޏާފަހެ މިރާއްޖެއަކީ ތިމާވެށީގެ ބާނީންތިބި ގައުމެއްވިއްޔާ!!
ކުރީގެބަތަލާ ސަކީނާ
05 February 2023
އައްޑޫ ކައުންސިލުން ހަރަދުކުޑަކޮށް މަސައްކަތެއް ކުރަންހަދައިގެން 30 މިލިއަނުގެ ޖޫރިމަނާއެއް ބޮލުގައެޅިގެން އުޅެނީ. ޖޫރިމަނާ ދައްކާނެގޮތެއްނެތި ޒާތަކަށް ޑިފޯލްޓްވެފަ މިވަގުތު އައްޑޫގެ ހާލަތު އޮތީ.
ކާތިބު
05 February 2023
އެހެންވީމަ ބާދަނގަނޑާ ބާލަކުޑިން ފަރުނީޗަރު ހަދާފަ ސަރުކާރުގެ ހުރިހާ މުއައްސަސާއަކަށް ވިއްކަންވީ ނޫން؟ ތިފެންނަ ފޮޓޯ ތަކުން ތިފެންނަނީ ހާދަހާވާ ބާވެފަ ހުރި ތަކެއްޗޭ. އޮޑިޓް އޮފީހުން އޮޑިޓްކޮށްލީމަ އެނގޭނީ. އޮޑިޓް އޮފީހުން ވެސް އެބަޖެހޭ ކަހަނބު ދުވެލިން އަސް ދުވެއްޔަށް ބަދަލުވާން.
މުހައްމަދު ސައީދު
05 February 2023
ދެން އަދި މާ އަވަހަށް ކުނި ނަގާނެ ދޯ؟ މުއިއްޒް މީ މޭން އެކޭ
ޝަފްރާޒް މުހައްމަދު
05 February 2023
ފެއިލްވެފައި އޮތް ވެމްކޯ އަތުން މަސްއްކަތް ނަގައި މާލެ ސިޓީ ކައުންސިލުން ތިކުރަނީ ނަމޫނާ މަސައްކަތެއް.
ސުއާދް
05 February 2023
މުއިއްޒް ޕްލޭން ވަރަށް ސަޅި. ވަރަށް ސިސްޓަމެޓިކް ކޮށް ގޮސް މި ހިންގާލަނީ.
ޝަރީފް ހަސަން
05 February 2023
އަހަރެން ހަމަ ގުޅާލާ އިރަށް މިދިޔަ ހަފްތާގަ އައިސް ވެސް ސިޓީ ކައުންސިލުން ކުނި ނެގި. ވަރަށް ރަނގަޅު