ބިދޭސީން ރަޖިސްޓާ ކުރުމަށް ހުޅުވާލުމުން ގަލޮޅު ދަނޑަށް ގިނަ ބަޔަކު އެއްވެ. ބިދޭސީންނަށް ކޯޓާ ދިނުމުގެ ހިދުމަތްތައް މެދުކަނޑާލަނީ--ފޮޓޯ: މިހާރު
16 ފެބުރުއަރީ 2023 - 13:13
ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ބޭނުންވާ ހިދުމަތްތައް ދޭ، "އެކްސްޕެޓް ސިސްޓަމް" އަޕްގްރޭޓް ކުރާތީ، އެ ސިސްޓަމުން ދޭ ބައެއް ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލަން އިކޮނޮމިކް މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން، ބިދޭސީންނަށް ދޭ ހިދުމަތްތަކުގެ ހަރުދަނާ ނިޒާމެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެހެންވެ، ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހޭ ބައެއް ކަންކަމަށްޓަކައި އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ދޭ ބައެއް ހިދުމަތްތައް މި މަހުގެ 26 އިން އަންނަ މަހުގެ 11 އަށް މެދުކެނޑޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
ބައެއް ހިދުމަތްތައް މެދުކަނޑާލި ނަމަވެސް، ވޯކް ޕާމިޓް ފީ އާއި ވޯކް ޕާމިޓް ޕާސްޕޯޓު އެޑްގެ ހިދުމަތް ލިބޭނެ ކަމަށް އިއުލާނުގައި ވެ އެވެ.
ބިދޭސީންނަށް ކޯޓާ ދިނުމާއި ވޯކް ޕާމިޓް ދިނުމުގެ ކަންކަން ކުރުމަށް ހާއްސަ އޮންލައިން ސިސްޓަމެއް ތައާރަފް ކުރީ 2021 ވަނަ އަހަރު އެވެ.
އެކްސްޕެޓް އޮންލައިން ސިސްޓަމް ތައާރަފް ކުރުމުގެ ކުރިން ޑިޕޮސިޓް ކޮށްފައިވާ ފައިސާ ވެސް އޭގެ ހައްގުވެރި މީހުންނަށް ދޭން ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެފައި ވެ އެވެ. އެނގިފައިވާ ގޮތުގައި ޑިޕޮސިޓް ފައިސާ ހޯދަން އެދުނު 2000 އަށް ވުރެ ގިނަ މީހުންނަށް އެކަނި ވެސް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތުން ދޭން ޖެހެ އެވެ. ނަމަވެސް އެ ފައިސާ އަދި މިހާތަނަށް ދޫކޮށްފައެއް ނުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy