ލިވަޕޫލަށް ފުރަތަމަ ލަނޑު ޖަހައި ދިން ނުނޭޒް (ކ) އުފާފާޅު ކުރަނީ: އެ ޓީމުން މެޗު ކާމިޔާބު ކުރީ 2-0 ން --- ފޮޓޯ: އޭއެފްޕީ
19 ފެބުރުއަރީ 2023 - 10:46
ނިއުކާސަލް (ފެބްރުއަރީ 19) - ނިއުކާސަލް ޔުނައިޓެޑްގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ގަދަ ހަތަރަކަށް ވަނުމަށް ލިވަޕޫލުން ކުރާ އުންމީދު މަރުވިޔަ ނުދީ ސަލާމަތް ކޮށްފި އެވެ.
މި ވަގުތު ހަތަރުވަނައިގައި އޮތް ނިއުކާސަލްގެ މައްޗަށް ކުރި ހޯދައި ލިވަޕޫލުން ވަނީ އެ ޖާގަ އާ ހަ ޕޮއިންޓަށް ފަރަގު ކުޑަކޮށްފަ އެވެ. އެ ޓީމު އޮތީ ތާވަލުގެ އަށް ވަނައިގަ އެވެ.
ލިވަޕޫލުގެ ދެ ލަނޑު ވެސް އެ ޓީމުން ޖެހީ މެޗުގެ ވަރަށް ކުރީކޮޅުގަ އެވެ. އެކަމަކު މެޗުގެ އެންމެ ބޮޑު ވާހަކައަކީ ނިއުކާސަލްގެ ކީޕަރު ނިކް ޕޯޕޯ އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމެވެ. އަންނަ ހަފުތާގައި ކުޅޭ އިނގިރޭސި ލީގު ކަޕް ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނިއުކާސަލް ކުޅޭ މެޗުގައި ނިކް ޕޯޕް ނުކުޅެވޭނެ އެވެ.
ޑާވިން ނޫނެޒް އާއި ކޯޑީ ގަކްޕޯގެ ލަނޑުތަކުން މެޗުގެ ފުރަތަމަ 20 މިނެޓް ތެރޭގައި ލިވަޕޫލުން ލިޑް ނެގި އެވެ. ނިކް ޕޯޕް އަށް ރަތް ކާޑު ދެއްކީ އޭގެ ފަހުންނެވެ. މެޗުގެ 22 ވަނަ މިނެޓްގައި ލިވަޕޫލްގެ މުހައްމަދު ސަލާހް ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަންނަން އުޅުނު ވަގުތު އެ ބޯޅަ ހޯދަން ޕޯޕް ކުރިއަށް ނުކުމެ އޭނާގެ ހަށިގަނޑު ބޯޅަ ކުރިމައްޗަށް ދަމާލި ވަގުތު އޭރިއާގެ ބޭރުން ބޯޅަ ޖެހުނީ އޭނާގެ އަތުގަ އެވެ. މެޗުގެ ރެފްރީ އެންތޮނީ ޓޭލާ ވަނީ ޕޯޕް އަށް ވަގުތުން ރަތް ކާޑު ދައްކައިފަ އެވެ.
ނިއުކާސލަްގެ ކީޕަރު ނިކް ޕޯޕް އަށް ރަތް ކާޑު ދައްކަނީ: އެ ޓީމުގެ ކޯޗު ހޯ ބުނީ ރީނދޫ ކާޑަކުން ރެފްރީ އަށް ފަރުޖައްސާ ލެވޭނެ ކަމަށް --- ފޮޓޯ: ޝަޓްސްޓޮކް
މެޗަށް ފަހު ވާހަކަ ދައްކަމުން ނިއުކާސލަްގެ ކޯޗު އެޑީ ހޯ ބުނީ ޕޯޕް އަށް ރަތްކާޑް ހައްގު ނުވާ ކަމަށެވެ.
"ނިކް ހުރީ ވަރަށް މާޔޫސްވެފައި. އޭނާ ދަނީ މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން. އަންނަ ހަފުތާގައި އޮންނަ [ފައިނަލް] މެޗު ނުކުޅެވުން އޭނާ އަށް ހައްގެއް ނޫން،" މި ސީޒަންގެ ލީގުގައި މިހާތަނަށް ދެ މެޗުން ބަލިވި ޓީމުގެ ކޯޗު ބުންޏެވެ.
"އަހަންނަށް ހީވަނީ ސީދާ ރަތް ކާޑެއް ދެއްކުން ތަންކޮޅެއް ހަރުކަށިހެން. ބޯޅަ އަށް މަސައްކަތް ކުރުމުގެ ތެރޭގައި ބޯޅަ ބިމުގައި ޖެހިފައި އޭނާގެ އަތުގައި ޖެހުނީ. ރެފްރީ އަށް ރީނދޫ ކާޑަކުން ވެސް ފަރުޖައްސާ ލެވުނީސް. ނިކްގެ ވާހަކައިން އޭނާ ހުރީ ވަރަށް މާޔޫސްވެފައި."
މެޗު ފެށުމުގެ ކުރިން ހާއްސަ ކުރީ ތުރުކީގެ ބިންހެލުމުގައި މަރުވި ނިއުކާސަލްގެ ކުރީގެ ފޯވާޑް ކްރިސްޓިއަން އަޓްސޫ އަށެވެ. ހުވަފަތް ވެފައިވާ އޭނާގެ އަންހެނުންނާއި ތިން ދަރިން ދަނޑަށް ހާޒިރުވި އެވެ. ނިއުކާސަލްގެ ސަޕޯޓަރުން ވަނީ އެ އާއިލާ އަށާއި އަޓްސޫ އަށް އިހްތިރާމް އަދާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާސާ ބުރޯ
20 February 2023
ޗެމްޕިއަންސް ލީގުގައި މެޅޭނެ ކަންނެ
ރަދީފްއޮފިޝަލް
19 February 2023
މަރުހަބާ އެކުވެރި @ލިވާބުރޯ
ާލިވާބުރޯ
19 February 2023
ރަދީފްބުރޯ ޓީމް އަށް ވަރަށް ގުޑްލަކް މި އަޅާ ޓީމް އަށް ދެން ނެތޭ ކަމެް ވާކަށް?