ދުނިޔެ / ޔުކްރެއިންގެ ހަމަނުޖެހުންތައް

ޔޫކްރޭން ހަނގުރާމަ ފުޅާވާތީ ވަރަށް ކަންބޮޑުވޭ: ޗައިނާ

ފެބްރުއަރީ 21، 2023؛ ޗައިނާގެ ވެރިރަށް ބެއިޖިންގައި މިއަދު ފެށި ލެންޓިން ފޯރަމްގައި ޗައިނާގެ ޚާރިޖީ ވަޒީރު ޗިން ގާންގް ވާހަކަ ދައްކަވަނީ. --އޭއެފްޕީ

21 ފެބުރުއަރީ 2023 - 12:48

1 comments

ގާތްގަނޑަކަށް އަހަރަކަށް ދެމިގެން ގޮސްފައިވާ ޔޫކްރޭން ހަނގުރާމަ އިތުރަށް ފުޅާވެ ވަރުގަދަވަމުން ދާތީ ވަރަށް ކަންބޮޑުވާ ކަމަށް ޗައިނާ އިން މިއަދު ބުނެފި އެވެ.

ވެރިރަށް ބެއިޖިންގައި މިއަދު ފެށި ލެންޓިން ފޯރަމްގައި ވާހަކަ ދައްކަވަމުން ޗައިނާގެ ޚާރިޖީ ވަޒީރު ޗިން ގާންގް ވިދާޅުވި ގޮތުގައި ޔޫކްރޭން ހަނގުރާމަ މިހާރު ފެންނަ ގޮތުގައި ދަނީ އިތުރަށް ފުޅާވެ ވަރުގަދަ ވަމުން އަދި ކޮންޓްރޯލުން ނެއްޓެމުންނެވެ.

"ހުރިހާ ގައުމުތަކަށް ވެސް އަހަރެމެން މި ގޮވައިލަނީ، އަލިފާނަށް ދަރު އެޅުން ވަގުތުން ހުއްޓައިލުމަށް. ދެ ފަރާތުގެ ދެމެދުގައި ވާހަކަ ދައްކައި މަޝްވަރާ ކުރުމުގައި އަދި ދެ ފަރާތުން ކަންބޮޑުވާ ކަންކަމާ މެދު ވާހަކަ ދައްކައިގެން، ދެ ފަރާތަށް ވެސް އެއްބަސްވެވޭ ސަލާމަތީ ހަމަތަކެއް ގާއިމުކުރުމުގައި، ބައިނަލްއަގުވާމީ މުޖްތަމައާ އެކުގައި މަސައްކަތް ކުރަން ޗައިނާ ބޭނުން،" ބައިނަލްއަގުވާމީ ރައްކާތެރިކަމާ ބެހޭ ލެންޓިން ފޯރަމްގައި ވާހަކަ ދައްކަވަމުން ޗައިނާގެ ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.

ޗައިނާގެ ޚާރިޖީ ވަޒީރު ޗިން ގާންގް މި މޭރުމުން ވާހަކަ ދެއްކެވި އިރު، ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ޗައިނާ އިން ރަޝިޔާ އަށް އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭ ނަމަ، ނުރައްކާތެރި ނަތީޖާއެއް ނުކުމެދާނެ ކަމަށް ބުނެ، އެމެރިކާ އިން ވަނީ ޗައިނާ އަށް އިންޒާރުކޮށްފަ އެވެ.

"އަހަރެމެން ބޭނުންވަނީ، ޔޫރަޕަށް ސުލްހަވެރި އަދި ދެމެހެއްޓެނިވި އޮނގަނޑެއް ހޯދައިދިނުމަށްޓަކައި، މި މައްސަލަ އަށް ސިޔާސީ ހައްލެއް ހޯދޭތޯ މަސައްކަތް ކުރަން،" ޗައިނާގެ ޚާރިޖީ ވަޒީރު ޗިން ގާންގް ވިދާޅުވި އެވެ.

"ހަނގުރާމަތަކާއި ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔެ މިއޮތީ ފަޅަފަޅައިގެން ގޮސްފައި. ސުލްހަ އަށް ލޯބިކުރާ ގައުމުތަކުން، މިހާރު ދުނިޔޭގައި އުފެދިފައި މި އޮތް އަދާވާތްތެރިކަމާއި ދެކޮޅުވެރިކަން ނައްތައިލަން މަސައްކަތް ކުރަންޖެހޭނެ."

ޔޫކްރޭން ހަނގުރާމަ އަށް ސުލްހަވެރި ހައްލެއް ހޯދަން ބޭނުންވާ ކަމަށް ޗައިނާގެ ޚާރިޖީ ވަޒީރު ވިދާޅުވި އިރު، އެ ގައުމުގެ އިސް ޑިޕްލޮމޭޓް ވާންގް ޔީ، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންއާ މަޝްވަރާ ކުރެއްވުމަށް މިއަދު މޮސްކޯ އަށް ވަޑައިގަންނަވާނެ އެވެ. އިއްޔެ ވާންގް ޔީ ވަނީ ހަންގެރީ އަށް ވަޑައިގެން، ޔޫކްރޭން ހަނގުރާމަ ހުއްޓުމާ ބެހޭ ގޮތުން އެ ގައުމުގެ ވެރިންނާ އެކުގައި ވެސް މަޝްވަރާ ކުރައްވައިފަ އެވެ.

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށީ، ފެބްރުއަރީ 24، 2022ގަ އެވެ. މި އަންނަ ހުކުރު ދުވަހު އެ ހަނގުރާމަ އަށް އެއް އަހަރު ފުރޭއިރު، ހަނގުރާމަ ހުއްޓައިލަން އުޅޭ ކަމުގެ އެއްވެސް އަލާމާތެއް، ރަޝިޔާ އިން ވެސް އަދި ޔޫކްރޭނުން ވެސް ނުފެނެ އެވެ.

ޔޫކްރޭން ބަލިކޮށް މި ހަނގުރާމަ ކާމިޔާބު ކުރުމަށް ރަޝިޔާ އިން ހަމަލާތައް ވަރުގަދަ ކުރަމުންދާ އިރު، ޔޫކްރޭނަށް ހަނގުރާމަ ކާމިޔާބު ކޮށްދިނުމަށްޓަކައި، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ދަނީ ޔޫކްރޭނަށް ހަތިޔާރު ފޯރުކޮށްދެމުންނެވެ. ޔޫކްރޭން ސިފައިން، ރަޝިޔާ އަށް ހަމަލާ ދިނުމުގައި މިހާރު ބޭނުންކުރަނީ، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ދީފައިވާ ޒަމާނީ މިސައިލްތަކާއި ބޮޑުބަޑި އާއި ޓޭންކު ފަދަ ބަރު ހަތިޔާރުތަކެވެ.

1 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަލީމްބެ.

21 February 2023

ކޮންމެ ބަޔަކުވެސް ދައްކާވާހަކަ ވަރަށް ރީތި. އެކަމަކު ހިތުގެ އަޑީގައިވަނީ މަކަރު. ހުސް ދެފުއްކެހެރިން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454