ދުނިޔެ / ޔުކްރެއިން

ޕުޓިންއާ މަޝްވަރާ ކުރެއްވުމަށް ރައީސް ޝީ ރަޝިޔާ އަށް

22 ފެބުރުއަރީ 2023 - 14:26

ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންއާ އެކުގައި މަޝްވަރާ ކުރެއްވުމަށް ޗައިނާގެ ރައީސް ޝީ ޖިންގްޕިންގް ރަޝިޔާ އަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.

އެމެރިކާގެ ވޯލް ސްޓްރީޓް ޖާނަލްގެ އިއްޔެގެ އަދަދުގައި ބުނެފައިވާ ގޮތުގައި ރައީސް ޝީ ރަޝިޔާ އަށް ކުރައްވާ ދަތުރުގެ ތާރީޚެއް އަދި މުޅިން ކަނޑައެޅިފައި ނެތް ނަމަވެސް، ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި އެ ދަތުރު ކުރައްވާނެ އެވެ. މި ދަތުރާ ބެހޭ މައުލޫމާތުތައް އެނގޭ ބައެއް މަސްދަރުތަކާ ހަވާލާދީ އެ ނޫހުން ބުނެފައިވާ ގޮތުގައި ރައީސް ޝީގެ މި ދަތުރަކީ މިހާރު ކުރިއަށް ދާ ޔޫކްރޭން ހަނގުރާމަ އަށް ސުލްހަވެރި ހައްލެއް ހޯދުމަށް ޗައިނާ އިން ކުރަމުންދާ މަސައްކަތުގެ އެއް ބައެވެ.

ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން ކުރަމުންދާ ހަނގުރާމައިގައި ޗައިނާ އިން ރަޝިޔާ އަށް ތާއީދުކޮށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރާ ކަމަށް ހުޅަނގުން ތުހުމަތުކުރާ އިރު، ޗައިނާ އިން ބުނާ ގޮތުގައި އެ ގައުމުން މަސައްކަތް ކުރަނީ ހަނގުރާމަ އަށް ސުހްލަވެރި ހައްލެއް ހޯދައި ހަނގުރާމަ ހުއްޓުވުމަށެވެ.

ވޯލް ސްޓްރީޓް ޖާނަލްގައި ބުނެފައިވާ ގޮތުން ރައީސް ޝީގެ މި ދަތުރުގައި ރައީސް ޕުޓިންއާ އެކުގައި ބާއްވާ މަޝްވަރާ ބައްދަލުވުމުގައި ވާހަކަ ދައްކަވާނެ އެއް މައްސަލައަކީ ޔޫކްރޭން ހަނގުރާމައިގައި ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމުގެ މައްސަލަ އެވެ. އެފަދަ ހަތިޔާރެއްގެ ބޭނުން ނުކުރުމަށް ރައީސް ޝީ، ރައީސް ޕުޓިން އަށް ދަންނަވާނެ ކަމަށް ވެސް އެ ނޫހުން ބުނެ އެވެ.

މިހާރު ބޮޑަށް ބެލެވޭ ގޮތުގައި ރައީސް ޝީ ރަޝިޔާ އަށް ވަޑައިގަންނަވާނީ، ދެ ވަނަ ބޮޑު ހަނގުރާމައިގައި ނާޒީ ޖަރުމަންގެ މައްޗަށް ރަޝިޔާ އަށް ލިބުނު ކާމިޔާބީ ފާހަގަކުރުމުގެ ރަސްމިއްޔާތުތައް ބާއްވާ ދުވަސްވަރެވެ. އެއީ އަންނަ އެޕްރީލް މަހުގެ ފަހުކޮޅު ނުވަތަ މެއި މަހުގެ ކުރީކޮޅު އެވެ.

ޗައިނާގެ އިސް ޑިޕްލޮމޭޓް ވާންގް ޔީ ވެސް މިވަގުތު ހުންނެވީ ރަސްމީ ދަތުރެއްގައި ރަޝިޔާގަ އެވެ. ޔޫރަޕަށް ކުރެއްވި ދަތުރަކަށް ފަހު، ވާންގް ޔީ މިހާރު ރަޝިޔާ އަށް ކުރައްވަމުން ގެންދަވާ ދަތުރުގައި، ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވްއާ މިއަދު ބައްދަލުކުރައްވާނެ އެވެ. އޭނާގެ މިދަތުރުގެ މައިގަނޑު މަސައްކަތެއް ކަމަށް ބެލެވެނީ، ރައީސް ޝީ ކުރައްވަން ގަސްދުކުރައްވާ ދަތުރުގެ ކަންތައް އިންތިޒާމު ކުރެއްވުމެވެ.

ރައީސް ޕުޓިން އާއި ރައީސް ޝީ އެންމެ ފަހުން ބައްދަލު ކުރެއްވީ ބެއިޖިން ވިންޓާ އޮލިމްޕިކް ކުޅިވަރު މުބާރާތް ފެށެނު ދުވަސްވަރު ޗައިނާގަ އެވެ. އެއީ މިދިޔަ އަހަރުގެ ފެބްރުއަރީ 24 ވަނަ ދުވަހު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުޑަ ދުވަސްކޮޅެއް ކުރި އެވެ. އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ، ރަޝިޔާ އާއި ޗައިނާއާ ދެމެދު އެއްވެސް އިމެއް ނެތް ވަރުގަދަ ގުޅުމެއް ގާއިމުކުރުމަށް އެއްބަސްވެވަވަޑައިގެންފަ އެވެ.

ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ މައްސަލައިގައި އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ރަޝިޔާ ކުށްވެރިކޮށް ރަޝިޔާ އަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ވިޔަސް، ޗައިނާ އިން އެކަމުގައި ބައިވެރިއެއް ނުވެ އެވެ. އޭގެ ބަދަލުގައި ޗައިނާ އިން ގޮވައިލަމުން އަންނަނީ، މައްސަލަ އަށް ސުލްހަވެރި ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަށެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454