ޖުލައި 9، 2022 - ހުޅުމާލެ: އީދު ނަމާދުގެ ބޮޑު ޖަމާއަތުގައި ނަމާދު ކުރަނީ -- ފޮޓޯތައް: ފަޔާޒް މޫސާ/މިހާރު
24 ފެބުރުއަރީ 2023 - 07:28
އަމިއްލަ ނަފުސަށް ލޯބިކުރުމާއި ﷲ ގެ މަތިން ހަނދާން ނެތުމަކީ އިންސާނީ އާދައެކެވެ. އެހެން މީހުންނަށް ބެލުމެއް ނެތި އަމިއްލަ މަސްލަހަތަށް ލޯބިކުރެ އެވެ. ޝުކުރުވެރި ވުމަކީ ބުރަކަމަކަށް ވެ އެވެ. އެހެން މީހެއްގެ ހައްގެއް އޮންނަކަން ވެސް ހަނދާން ނެތެ އެވެ. މިފަދަ ކަންކަމުން ނަފްސު ސަލާމަތްކޮށް، ރޫހާނީ ތަހުޒީބެއް ލިބިގަތުމަށްޓަކައި މާތްﷲ އިންސާނުންނަށް އަޅުކަންތައް ފަރުޟު ކުރައްވާފައި ވެ އެވެ. ނަމާދަކީ މި މަގުސަދު ވަރަށް މަތީ ދަރަޖައަކަށް ހާސިލުކޮށްދޭ އަޅުކަމެކެވެ.
ނަމާދަކީ ވަކި އަދަދަކަށް ފަރުޟު ކުރައްވާފައިވާ އަދި ސުންނަތް ކުރައްވާފައިވާ އަޅުކަމެކެވެ. ތަތައްވުއުކޮށް އެ އަށް ވުރެ ގިނައިން ވެސް ކުރެވިދާނެ އެވެ. ނަމަވެސް މިކަމުގައިވެސް ހައްދުފަހަނައެޅުމެއް ނެތެވެ. އެއީ ރޫހާނީ ކާނާ ދިނުމުގައި ވެސް ވަކި މިންވަރެއް ދެމެހެއްޓުމަށްޓަކަ އެވެ. ޖިސްމަށް ވެސް ވަކި މިންވަރަކަށް ވުރެ އިތުރަށް ކެލަރީ ބޭނުންނުވާ ފަދައިންނެވެ. ފިގުހު އިލްމުވެރިން ވިދާޅުވާ ގޮތުގައި ނަމާދަކީ ވަކި ނިޔަތަކާ އެކު ތަކުބީރަކުން ފެށޭ، ސަލާމްދިނުމަކުން ނިމޭ ހަރަކާތްތަކަކާއި ކިޔުންތަކެކެވެ. މިއިން ފެންނަނީ ތަހިއްޔަތާއި ކުރުނީސް ކުރުމުގެ ތަފާތު ދަރަޖަތަކެކެވެ. މި ދުނިޔެމަތީގައި ރަސްރަސްކަލުންނާއި ވެރިން ފަދަ މީހުންނާ ބައްދަލުކުރާއިރު ވެސް ކަންހިނގާ ބީދައިންނެވެ.
ނަމާދުގެ ހަރަކާތްތަކުން ރަމްޒުކޮށްދެނީ ކިޔަމަންތެރިކަމާއި ބޯލެނބުމާއި ކުރުނީސްކުރުން ހަމައެކަނި ﷲ އަށްޓަކައިވާ ކަމެވެ. މި ހަރަކާތްތައް ފެށިގެން ދަނީ އަދި ކޮންމެ ހަރަކާތަކުން އަނެއް ހަރަކާތަކަށް ބަދަލުވަނީ ﷲ އަށް ވުރެ މަތިވެރިވަންތަ އެހެން ފަރާތެއް ނެތްކަން އިއުލާނު ކުރަމުންނެވެ. އަދި ކޮންމެ ހަރަކާތެއްގައި ވެސް ވަރަށް މުހިންމު ކިޔެވެލި ތަކަކުން ﷲ އާ އިންސާނާއާ އޮންނަ ގުޅުން ކަށަވަރު ކުރަމުންނެވެ. މިގޮތުން އެންމެ ފުރަތަމަ ނަމާދު ފެށުމަށްޓަކައި ހަރަމްބަން ތަކުބީރު ކިޔަ އެވެ. ހަރަމްބަނުމުގެ މާނައަކީ ތިމާގެ ނަފްސު ވަކި ކަންތައްތަކަކުން ބަނދެލުމެވެ. އެބަހީ ﷲ އާ އެކު މި ހުއްޓިލާ ވަގުތުކޮޅުގައި އެ ފަރާތާ އޮންނަ ގުޅުން ފިޔަވައި އެހެން ހުރިހާ ކަމަކުން ތިމާގެ ނަފްސު ހަރާމްކޮށްގަތުމެވެ.
މި ތަކުބީރަށް ފަހު ﷲ ގެ ހަޒްރަތުގައި އިންސާނާ ބަޔާންކުރަނީ އުޑުތަކާއި ބިން ހެއްދެވި ފަރާތަށް ކުރިމަތިލައިފި ކަމެވެ. މުސްލިމެއްގެ ގޮތުގައި ހުރި ކަމާއި މުޝްރިކެއް ކަމުގައި ނުވާނެ ކަމެވެ. އަދި މި ނަމާދާއި ގުރުބާން ވުމާއި ދިރިހުރުމާއި މަރުވުން ވަނީ ހަމައެކަނި ﷲ އަށް ކަމެވެ. ނަމާދުގައި ކިޔާ ތަކެތީގެ ތެރެއިން އެންމެ ވަރުގަދަ ކިޔުމަކީ ކޮންމެ ރަކުއަތެއްގައިވެސް ކިޔަން ލާޒިމުވާ އުންމުލްކިތާބު ނުވަތަ ސޫރަތުލް ފާތިހާ ކިޔެވުމެވެ. މިއީ ހަގީގަތުގައި ﷲ އާއި އިންސާނާއާ ދެމެދު ކުރިއަށް ގެންދެވޭ ހިވާރެކެވެ. (ޑައިލޮގެކެވެ.)
ގުދުސިއްޔަ ހަދީސަކުން އެނގޭ ގޮތުގައި ސޫރަތުލްފާތިހާގައި އަޅާ އާލަމްތަކުގެ ވެރި ރަސްކަލާގެ އަށް ހަމްދު ކުރަމޭ އޮންނަ އާޔަތް ކިޔެވުމުން ތިމަން އިލާހުގެ އަޅާ ތިމަން އިލާހަށް ހަމްދުކޮށްފިޔޭ ﷲ ވަހީކުރައްވާނެ އެވެ. ދެން އޮތް އާޔަތް ކިޔެވުމުން ތިމަން އިލާހުގެ އަޅާ ތިމަން އިލާހަށް ސަނާ ކިޔައިފިޔޭ ވަހީ ކުރައްވާނެ އެވެ. ﷲ އަކީ ގިޔާމަތް ދުވަހުގެ ވެރި ރަސްކަލާނގެ އޭ ބަޔާންކުރާ އާޔަތް ކިޔެވުމުން، ތިމަން އިލާހުގެ އަޅާ ތިމަން އިލާހުގެ މަތިވެރިކަން ބަޔާންކޮށްފިޔޭ ވަހީ ކުރައްވާނެ އެވެ. ތިމަންމެން އަޅުވެތި ވަނީ އަދި ތިމަންމެން ވާގި އެދެނީ އިބަރަސްކަލާނގެ ހަޒްރަތުން އެކަންޏޭ އޮންނަ އާޔަތް ކިޔެވުމުން ﷲ ވަހީ ކުރައްވާނީ މިއީ ތިމަން ﷲ އާއި ތިމަން ﷲ ގެ އަޅާއާ ދެމެދު ބައިކުރެވިގެންވ ކަމެއް ކަމަށެވެ. އެބަހީ އަޅުވެތިވުން އިންސާނާގެ ފަރާތުންނެވެ. އަދި ވާގިވެރިވުން ﷲގެ ފަރާތުންނެވެ. އެ އަށް ފަހު ސީދާވެގެންވާ ތެދުމަގު ތިމަންމެންނަށް ދައްކަވައިދެއްވާދޭވެ އޭ އޮންނަ އާޔަތް ކިޔެވުމުން ﷲ ވަހީ ކުރައްވާނީ ތިމަން ﷲ ގެ އަޅާ އެދުނު ކަންތައް ފުއްދަވައިދެއްވައިފީމޭ އެވެ. މި ހިވާރު ނިންމާލަނީ ތެދުމަގަކީ ކޮބައިކަން ކަށަވަރު ކޮށްދީފަ އެވެ. އެއީ އެ ބަޔަކަށް ﷲ ނިއުމަތް ލެއްވި މީހުންގެ މަގެވެ. ﷲ އެ ބަޔަކަށް ކޯފާލެއްވި އަދި ގެއްލެނި ކުރެއްވެވި މީހުންގެ މަގުތައް ނޫން ކަމެވެ.
މި ފުރިހަމަކަން ހާސިލު ކުރުމަށްޓަކައި ނަމާދު ކުރަން ވާނީ ތިމާގެ ސިކުނޑި އާއި ހިތް އެކީ އެކަމަށް ހުސްކޮށްގެންނެވެ. ތިމާއަށް މި ކުރެވެނީ ކޮން ކަމެއްކަން އަދި މި ކިޔެނީ ކޮން އެއްޗެއްކަން ވަރަށް ރަނގަޅަށް އެނގި ހުރެ އެ ކަންކަމަށް ސަމާލުކަންދީގެންނެވެ. ތިމާގެ ހިތުން މިކަންކަން ބަލައިގަންނަމުންނެވެ. ތިމާގެ ޖަޒުބާތުތަކާ އެކަންކަން ގުޅުވައިގެންނެވެ
މި ހިވާރުގައި ހިމެނެނީ ތަކުރާރުވާން ލާޒިމު ޝުކުރެކެވެ. ﷲގެ ސިފަފުޅުތަކަކަށް ހައްގު ސަނާކިޔުމެކެވެ. ގިޔާމަތް ދުވަހަށް ތައްޔާރުވާން ބާރު ލިބޭނެ އިއުތިރާފެކެވެ. ތައުހީދުގެ މަތީ ދެމިހުރުމަށް ނުހަނު ބޭނުންތެރި އަހުދެކެވެ. ދިރިއުޅުމުގައި އެންމެ ހިނދުކޮޅަކަށް ވެސް އެ އިން ދުރުވެއްޖެ ނަމަ ގެއްލުމާއި ހަލާކަށް ހުށަހެޅިގެން ގޮސްދާނެ ފަދަ އެދުމެކެވެ.
ސޫރަތުލްފާތިހާ އަށް ފަހު ފުރަތަމަ ދެ ރަކުއަތުގައި ކީރިތި ޤުރްއާނުން ފަސޭހަވި މިންވަރެއް ކިޔުން އޮވެ އެވެ. މިއީ އިންސާނާ އަށް ދީނީ ގޮތުން އެނގޭ މިންވަރު އިތުރު ކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ. އަދި ދިރިއުޅުމުގެ ހަޔާތުގައި އެ އިން ފިލާވަޅުތައް ލިބޭނެ އެނގުންތަކެކެވެ. ގިޔާމުގައި ހުރުމަށް ފަހު ރުކޫއަށް ގޮސް ﷲ ގެ ހުސްތާހިރުވަންތަކަން ކަށަވަރު ކުރެ އެވެ. އެ އަށް ފަހު މި ޔަގީންކަން ﷲ އާ ހަމައަށް ވާސިލުވެއްޖެކަން ކަށަވަރު ކުރަމުން ރުކޫއިން ތެދުވަނީ އެކަލާނގެ އަށް ހަމްދުކޮށްފި މީހެއްގެ ހަމްދު ﷲ އައްސަވާ ވޮޑިގެންވާނެކަން ބަޔާންކުރަމުންނެވެ. އެހެންވެ، ތެދުވެ ﷲ އަށް ހަމްދު ކުރަނީ އުޑުތަކާއި ބިންތަކާއި އަދި ކިއެއްތަ އެ އަށް ވުރެ ބޮޑު ޖާގައެއް ﷲ އިރާދަ ކުރައްވައިފި ނަމަ އެ ޖާގަ ވެސް ފުރޭނެ މިންވަރަށް ކަން ބަޔާންކުރަމުންނެވެ.
އެ އަށް ފަހު ދެވަނަ ފަހަރަށް ﷲ ގެ ހުސްތާހިރުވަންތަކަން ބަޔާން ކުރަނީ އިންސާނާގެ މުޅި ނަފްސު އެންމެ ޝަރަފުވެރި ހާލަތުގައި ވާނެ ހަރަކާތުގަ އެވެ. އެ ބަހީ ކުރުނީސް ކުރުމުގެ ގޮތުން ނިއްކުރި ބިންމަތީގައި ޖައްސައިގެން އޮންނަ ހާލަތުގަ އެވެ. މި ވަގުތަކީ ތަސްބީހައިގެ އިތުރުން ﷲ ގެ މަތިވެރިކަން ބަޔާންކުރާ އެހެން ޒިކުރުތައް ވެސް ކިޔިދާނެ ވަގުތެކެވެ. އަދި ތިމާ ބޭނުންވާ ކަމެއް ﷲ ގެ ހަޒްރަތުން އެދުމަށް ވެސް ބޭނުންކުރެވިދާނެ ވަގުތެކެވެ. ނަމަވެސް ކީރިތި ރަސޫލާ ﷺ ސަޖިދައިގައި ވިދާޅުވާ ޒިކުރުތައް ބިނާކުރައްވާފައި ވަނީ ބޮޑަށް ﷲގެ ހުސްތާހިރުވަންތަކަމާއި ޖަބަރޫތަވަންތަކަމާއި މަތިވެރިވަންތަކަން ހާމަކުރުމަށެވެ.
އެ އަށް ފަހު ދެ ސަޖިދަ ދެމެދުގައި އިންނަ އިނުމުގައި އަމިއްލަ ބޭނުންތަކަށް އެދި ﷲ ގެ ހަޒްރަތުގައި ދަންނަވަ އެވެ. މި ގޮތުން ފާފަފުއްސެވުމަށާއި ރަހުމަތްލެއްވުމަށާއި ރަހުމަތް ލިބުމަށާއި މަތީ ދަރަޖަތަކަށް ދިއުމަށާއި ރިޒުގު ދެއްވުމަށާއި ހިދާޔަތު ދެއްވުމަށާއި އާފިޔަތު ދެއްވުމަށާއި އަފޫކުރެއްވުމަށް އެދި ދަންނަވަ އެވެ. މި ހުރިހާ ހަރަކާތްތަކަކާއި ކިޔެވުންތައް އެއީ ﷲ އާ މުގާބަލާކޮށް އެ ފަރާތަށް ކުރެވޭ ތަހިއްޔަތެއް ކަމާއި މި ތަހިއްޔަތުގައި މާތް ނަބިއްޔާ ﷺ ވެސް ހިމަނުއްވާކަން ބަޔާން ކުރެވިގެންދެ އެވެ. އަދި އެކަލޭގެފާނަށާއި އެކަލޭގެފާނުގެ އާލުންނާއި އަސްހާބުންނަށް ސަލަވާތާއި ސަލާމްލެއްވުން އެދި ދުއާ ކުރެ އެވެ. އެ އަށް ފަހު މިސަލާމުގައި އަމިއްލަ ނަފްސުތަކާއި ސާލިހު އެންމެހާ އަޅުތަކުން ވެސް ބައިވެރި ކުރެ އެވެ. ﷲގެ އެއްކައުވަންތަކަމާއި ނަބިއްޔާގެ ރަސޫލުކަމަށް ހެކިވެ އެކަލޭގެފާނަށް އަނެއްކާވެސް ސަލަވާތް ލެއްވުމަށް ދުއާ ކުރެ އެވެ. ފަހު ތަހިއްޔަތުގައި، ތަހިއްޔާތުތަކާއި ސަލާމްތަކަށް ފަހު ފާފަތަކުން ފުއްސެވުން ލިބުމަށް އެދި ދުއާ ކުރެ އެވެ. އަދި ކަށްވަޅުގެ އަޒާބާއި ދިރިހުރުމާއި މަރުވުމުގެ ފިތުނަތަކާއި ދައްޖާލުގެ ފިތުނައިން ސަލާމަށް ވުމަށް އެދި ދުއާ ކުރެ އެވެ. އަދި އަމިއްލަ ނަފުސަށް ވަރަށް ބޮޑަށް ވަރަށް ގިނައިން އަނިޔާވެރި ވެވިފައިވާކަން ބަޔާންކޮށް އަދި ﷲ މެނުވީ ފާފަފުއްސަވާނެ އެހެން ފަރާތެއް ނެތްކަން ބަޔާންކޮށް އެ ފަރާތުން ފާފަ ފުއްސެވުމަށް ވެސް އެދެ އެވެ. ނަމާދު ނިންމާލަނީ ހުރިހާ ފަރާތެއްގައި ތިބި އެންމެހާ މަހުލޫގުންނަށް ސަލާމް ކުރަމުންނެވެ.
މި ހުރިހާ ކަމަކުން ހާމަވެގެން މިދަނީ ނަމާދަކީ ވަރަށް ފުރިހަމަ ވަރަށް މާނަ ހުރި ވަރަށް ބޭނުންތެރި އަޅުކަމެއް ކަމެވެ. ނަމަވެސް މި ފުރިހަމަކަން ހާސިލު ކުރުމަށްޓަކައި ނަމާދު ކުރަން ވާނީ ތިމާގެ ސިކުނޑި އާއި ހިތް އެކީ އެކަމަށް ހުސްކޮށްގެންނެވެ. ތިމާއަށް މި ކުރެވެނީ ކޮން ކަމެއްކަން އަދި މި ކިޔެނީ ކޮން އެއްޗެއްކަން ވަރަށް ރަނގަޅަށް އެނގި ހުރެ އެ ކަންކަމަށް ސަމާލުކަންދީގެންނެވެ. ތިމާގެ ހިތުން މިކަންކަން ބަލައިގަންނަމުންނެވެ. ތިމާގެ ޖަޒުބާތުތަކާ އެކަންކަން ގުޅުވައިގެންނެވެ. އޭރުން ނަފްސުގައި ބިރުވެތިކަމާއި ހުޝޫއަތްތެރިކަމާއި އަދަބުވެރިވުމާއި ފުރިހަމަ ގޮތުގައި ތައުބާވުމާއި ނަފްސުގައިވާ ކިލަނބުކަން ފިލުވުމާއި ނަފްސަށް ޒީނަތްތެރިކަން ގެނައުން ފަދަ ކަންކަން ހާސިލުވާނެ އެވެ. ރަސޫލުﷲ ﷺ ސިފަ ކުރައްވާފައިވާ ފަދައިން ކޯރަކުން ކޮންމެ ދުވަހަކު ފަސްފަހަރު ފެންވަރައިފި ނަމަ އެ މީހެއްގެ ހަށިގަނޑު ސާފުވާ ފަދައިން ނަފްސަށް ސާފުކަން ލިބޭނެ އެވެ. ނަމާދަކީ ފާހިޝް ކަންކަމާއި މުންކަރާތްތައް ނަހީކުރާ ކަމެކޭ ޤުރްއާނުގައި އޮންނަ ބަހުގެ މުރާދު ހާސިލުވާނީ އޭރުންނެވެ.
ވީމާ ތިމާގެ ނަފްސުގައިވާ ނުބައިކަމަށް ލެނބުމުގެ ބާރު ނިކަމެތިކޮށްލުމަށާއި ސީދާމަގުގައި ދެމިހުރުމަށާއި ނަފްސުތައް ތަޒުކިޔާ ކުރުމަށް ހަމަ އެންމެ ނަމާދެއް ވެސް ދޫކޮށްނުލައި ނަމާދުގެ ރޫހާއެކު ނަމާދު އަދާކުރަން އަޒުމް ކަނޑައަޅަމާތޯއެވެ!
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޙައްމަދު އިލްހާމް ( ކިންގް އިލްހާމް )
08 March 2023
މި އާޓިކަލް ކިޔާލުމުން ވަރަށް އުފާވެއްޖެ މި އީ ތިބަޔަށް ކުރެވުނު ހެޔޮކަމެއް ކަމުގައި ލައްވާށި އާމީން
ޑެންދިދާ
24 February 2023
ދެ އަންބަށް މީހުންނާއި އިނުމާއި ގުޅޭ ގޮތުން މުޖުތަމައު ހޭލުންތެރިކުރުވާނެކަމަށް އުންމީދުކުރަން
ޙަކީމު
24 February 2023
މާޝާއަﷲ. ވ. ރަނގަޅު
ތަހްނިޔާ
04 March 2023
ވަރަށް ރަގަޅު ލިޔުމެެއް ހިތަށް އުފާވެރިކަން ލިބިއްޖެ