މާރާމާރީ ހިނގި ފިހާރަ ހުންނަ ސަރަހައްދު: އެ މާރާމާރީގައި އެކަކު ވަރަށް ބޮޑަށް ޒަހަމްވި.-- ފޮޓޯ: މިހާރު
26 ފެބުރުއަރީ 2023 - 09:55
މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގެ ފިހާރައެއްގެ ތެރޭގައި މީހެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލުމުގައި ބައިވެރިވި އެކަކު ހައްޔަރުކޮށްފި އެވެ.
ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ހަމާލާދިނުމުގައި އަމަލީ ގޮތުން ބައިވެރިވި އެކަކު، ފުލުހުންގެ ތަހުގީގަށް ހޯދުނު ހޯދުމުގެ މައްޗަށް ބަލައި ކޯޓު އަމުރެއްގެ ދަށުން ރޭ ދަންވަރު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މާރާމާރީގައި ޒަހަމްވި 30 އަހަރުގެ ފިރިހެން މީހާއަށް އައިޖީއެމްއެޗުގެ އައިސީޔޫގައި އަންނަނީ ފަރުވާދެމުންނެވެ. އެ މީހާގެ ހާލު އަދިވެސް ވަރަށް ސީރިއަސް އެވެ.
ސީޕީ އިއްޔެ ވިދާޅުވި ގޮތުގައި، މާލޭ ސަރަހައްދުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މިހާރު ހިންގަމުންދާ ނުރައްކާތެރި މާރާމާރީތަކާއި ވިޔަފާރިތަކަށް ގެއްލުން ދިނުން ގުޅިފައި ވަނީ ހަތަރު ގޭންގަކާ އެވެ.
އޭނާ އެހެން ވިދާޅުވީ، މާލޭގެ ފިހާރައެއްގެ ތެރޭގައި ހިންގި މާރާމާރީގެ އިތުރުން، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭގެ ކެފޭއަކަށް ބަޔަކު ގެއްލުން ދިނުމާ ގުޅިގެންނެވެ.
މާރާމާރީތަކާއި ތަންތަނަށް ގެއްލުން ދިނުން ގުޅިފައި ވަނީ ހަތަރު ގޭންގަކާ: ސީޕީ https://t.co/228aNVJBID
— Mihaaru (@Mihaarunews) February 25, 2023
މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ، މަރުތޭލުން ގެއްލުން ދިނީ ހުޅުމާލޭގައި ހިންގާ "ޖޫސް ޓައިމް" ނަމަކަށް ކިޔާ ތަނަކަށެވެ. ހެލްމެޓް އަޅައިގެން ތިބި އެ ދެ ފިރިހެނުން އެ ތަނަށް ގެއްލުން ދިނުމަށް ފަހު ސައިކަލަށް އަރައިގެންދާ މަންޒަރު ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެނެ އެވެ.
އެ މައްސަލަތަކަށް އިޝާރާތް ކުރައްވައި ސީޕީ ވިދާޅުވީ، މި ފަހުން ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގަމުންދާ ނުރައްކާތެރި މާރާމާރީތަކާ ގުޅިފައި ވަނީ "ކުޑަހެންވޭރު" އާއި "އެންސީ" ކިޔާ ބަޔަކާ ކަމަށެވެ.
ސީޕީ ވިދާޅުވި ގޮތުގައި، އެ މާރާމާރީތައް ގުޅިފައި ވަނީ މިދިޔަ ޖެނުއަރީ 16 ގައި ކެފޭއެއްގެ ތެރޭގައި ދެ މީހެއްގެ މެދުގައި ޖެހުނު މައްސަލައަކާ އެވެ.
ވިޔަފާރިތަކަށް އަމާޒުކޮށް ގެއްލުން ދެނީ "މަސްއޮޑި" އާއި "ވައިކަންމަތި" އިން ކަމަށް ވެސް ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަމަލު ފޮޑި
26 February 2023
ތި ގޮތަށް ހައްޔަރުކޮށް އުމުރަށް ހުކުމްކުރި ޑުރަގްޑީލަރު 3 މަސްފަހުން ފެނުނީ ނިމިގެންދިޔަ އެމްޑީޕީ ޕްރައިމަރީތެރޭ އޮބަޒާވަރު ފާސްއަޅާފައި ހުއްޓާ ރައީސުލް ޖުމްހުރިއްޔާ ރަށުކުއްޖެކޯ 120 ވޯޓޯ
ވަރަށް ސަލާމް
26 February 2023
މީހަކު މަރާލޔަސް ދެތިން އަހަރު ހައްޔަރުކޮށްފައި އެބަދޫކޮށްލާ.
ޢަަދަނުބެ
26 February 2023
މާދަމާ މި މީހާ ކޮންމެވެސް ސިޔާސީ މީހަކު ބުނެގެން ދޫކޮށްލާނެ ގޭނގުތަކު ބާރު ވަރަށްގަދަ އެގޮތުން ގޭންގުތަކުގެ ބޮޑުން ދަނީ ސަރުކާރު ކުންފުނިތަށް ކޮންޓުރޯލުކޮށް އެތަންތަނުގެ ބޮޑެތި މަގާނުތަކަށް މީހުންވައްދަމުން
ޖުކި
26 February 2023
ޓެރަރިސްޓެއްތޯ ނޫނީ ވަޅި ޖަހާ ބޭފުޅެއްތޯ؟ ނިސްބަތްވޭތޯ ސަރުކާރުގެ ސްމާޓް ފައިނޭންސިންގެ ދަށުން ފުޓްސެލް ދަނޑުދީފައިވާ ޖަމިއްޔާ އަކާ؟ ވަރަށްވެސް ޖޯކު އިނގެތޯ
އެމްސް
26 February 2023
ކަމެއްނެތި މަގުމައްޗަށް ގިނަވެފަ ތިބޭ ޒުވާނުން މުޖުތަމަޢުން އެކަހެރިކޮށް ރިހެބިލިޓޭޓް ނުކޮށެއް ވާކަށް ނެތް! ވަޒީފާގެ %90 ބިދޭސީންނަށް އޮތުމީވެސް ބޯހިޔާވަހިކަމަށާއި ޢާއްމު ފުދުންތެރިކަމަށް އޮތް އެންމެ ބޮޑު ހުރަސް!
އަލްފާޟިލް ޖާބެ
26 February 2023
ވަކްތުން ވަކްތަށް އޭނާ ދޫކުރާންއުޅޭ.
ރަދީފްއޮފިޝަލް
26 February 2023
ހެންވޭރު ''ވައިޖެހޭ މަގު'' މިއީ ނުރައްކާތެރި ގޭންގް ސްޓާރުން ރަސްކަންކުރާ ސަރަހައްދެއް.ފުލުހުން ނިކަން މިސަރައްހަދުގަ ކުލަ ހެދުމުގަ ޖާސޫސީ ހަރާކަތެއް ހަފްތާއެއް ވަންދެން ހިންގާލަބަލަ.ޔަގީން ގިނަ ކޭސްތަކެއްގެ ކޮޅު ހޯދޭނެ.ވ.ވެދުން (ނޯޓް: އަހަރެން މިއީ އެއްވެސް ގޭންގެއް ދަންނަ މީހެއް ވެސް ނޫން.ނަމަވެސް އެމަގުން ސައިކަލްގަ ދާއިރު ފެންނަ / އިވޭ / މަންޒަރު / އަޑުތަކުން އެ ސަރަހައްދުގެ ބިރުވެރިކަން ސިފަވޭ) ވ.ވެދުން # ޕޮލިސްއެލާޓް # ފަރުދީޒިންމާ