ދުނިޔޭގެ ކުޅިވަރު / އޭސީ މިލާން

10 މިނެޓު ކުޅެން ޖެހޭ ނަމަ ހުންނާނީ ގޭގައި: އިބްރަހިމޮވިޗް

27 ފެބުރުއަރީ 2023 - 11:14

އަދިވެސް ބޭނުންވަނީ މުޅި މެޗުގައި ފުލްކޮށް ކުޅެން ކަމަށާއި 10 ވަރަކަށް މިނެޓު ކުޅެން ނަމަ އޭނާ ހުންނާނީ ގޭގައި ކަމަށް، އަނިޔާގައި 10 މަސް ދުވަސް ހޭދަކުރުމަށް ފަހު ފިޓްވެގެން ރޭ އެނބުރި ކުޅެން ނުކުތް އޭސީ މިލާނުގެ އުމުރުން 41 އަހަރުގެ ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް ބުނެފި އެވެ.

އިޓާލިއަން ލީގުގައި ރޭ އެޓަލާންޓާ އަތުން 2-0 އިން މިލާން މޮޅުވި މެޗުގައި ކުޅުމާ އެކު އިބްރަހިމޮވިޗް ވެފައިވަނީ، ލީގުގައި އެ ޓީމަށް ކުޅެދިން އެންމެ ދޮށީ ކުޅުންތެރިޔާ އަށެވެ. ކުރިން މި ރެކޯޑް އޮތީ ބިލީ ކޮސްޓަކޫޓާ އަތުގަ އެވެ. އިބްރަހިމޮވިޗުގެ މިހާރުގެ އަމާޒަކީ ކޮސްޓަކޫޓާ ހަދާފައިވާ، ލީގުގައި ލަނޑެއް ޖެހި އެންމެ ދޮށީ ކުޅުންތެރިޔާގެ ރެކޯޑް ވެސް މުގުރާލުމެވެ.

ބެލެވޭ ގޮތުގައި މިއީ، މިދިޔަ އަހަރުގެ މޭ މަހު މިލާނުން ލީގު ކާމިޔާބުކުރި މެޗަށް ފަހު ކަކޫ އޮޕަރޭޝަންކޮށް، ރިކަވަރީގައި ހުރި އިބްރަހިމޮވިޗް މަތީ ފެންވަރުގައި ކުޅޭނެ ފަހު ސީޒަނެވެ.

އެކަމަކު އޭނާ ބުނީ އަދިވެސް ފިޓްކޮށް ހުރެއްޖެ ނަމަ އެހެން ހުރިހާ ކުޅުންތެރިންނަށް ވުރެ އޭނާ ވަރުގަދަވާނެ ކަމަށެވެ.

"މިއީ ސަމާސާއެއް ނޫން،" އިބްރަހިމޮވިޗް ބުންޏެވެ.

ރޭގެ މެޗުގެ ފަހު ވަގުތު ކުޅެން އެރި އިބްރަހިމޮވިޗް ބުނީ އުމުރުން ދުވަސްވިޔަސް އަދި އަނިޔާގެ މައްސަލަތައް ދިމާވެފައި ވިޔަސް ފަސޭހަކޮށްލަން ބޭނުންނުވާ ކަމަށެވެ.

"އަހަރެން ކުޅެންޏާ ސަތޭކަ ޕަސެންޓް ދޭނަން. އަހަރެން މިހިރީ 90 މިނެޓު ކުޅެން ތައްޔާރުގައި. އެގޮތް އަހަރެން ބޭނުންވަނީ. މެޗެއްގައި އެންމެ ފަސް މިނެޓު ނުވަތަ 10 މިނެޓު ކުޅެން ޖެހޭ ނަމަ އަހަރެން ހުރީހީ ގޭގައި،" އިބްރަހިމޮވިޗް ބުންޏެވެ.

މިލާނަށް، 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު އިބްރަހިމޮވިޗް އެނބުރި އައިއިރު އެ ޓީމު އޮތީ ދަށް ހާލަތެއްގަ އެވެ. އެކަމަކު އަލުން ފޯމަކަށް އެޅި މިދިޔަ ސީޒަނުގައި ލީގު ކާމިޔާބުކުރީ އިބްރަހިމޮވިޗުގެ ވެސް މަސައްކަތާ އެކު އެވެ.

"އަހަރެން ނެތިއްޔާ ކުޅުންތެރިންނަށް ޕްރެޝަރު ކުޑަވާނެ. އަހަރެން ހުރިއްޔާ އެ ކުޅުންތެރިން ލައްވައި ގަދަޔަށް ޖައްސުވާނަން. މިލާން ފަދަ ޓީމަކުން އަބަދުވެސް ނެރެން ވާނީ ތާރީހީ ނަތީޖާ. އެކަން ކުރެވޭނީ ސަތޭކަ ޕަސެންޓް ދީގެން،" އިބްރަހިމޮވިޗް ބުންޏެވެ.

އޭނާ މި ފަހަރު އަނިޔާ އިން އެނބުރި މިއައީ، މިލާނުގެ ފޯމު ދަށްވެ، އަލުން ކުރިއަށް ޖެހިލަން ޖެހިފައިވާ ދަނޑިވަޅެއްގަ އެވެ. އަނެއްކޮޅުން މިލާނަށް މި ސީޒަނުގައި ގެނައީ ފޯވާޑް ޑިވޮކް އޮރިގީ އަނިޔާގައި ހުރުމުން އޮލިވިއޭ ޖިރޫ އަށް ބުރަ ބޮޑުވެފައިވަނިކޮށެވެ. އެހެންވެ ބެލެވޭ ގޮތުގައި އިބްރަހިމޮވިޗަށް އެކަށީގެންވާ ފުރުސަތުތައް ލިބޭނެ އެވެ.

އަޔަކްސް، އިންޓަ، ޔުވެންޓަސް، ބާސެލޯނާ، ޕީއެސްޖީ އަދި މެންޗެސްޓާ ޔުނައިޓެޑް ވެސް ކުޅުނު އިބްރަހިމޮވިޗް އެނބުރި މިލާނަށް އައީ، އެމެރިކާގެ މޭޖާ ލީގުގެ ލޮސް އެންޖެލިސް ގެލެކްސީ އަށް ކުޅުމަށް ފަހު އެވެ. އޭނާ މިލާނަށް ކުޅުނު ފުރަތަމަ ސީޒަނުގައި، 2010 ގައި އެ ޓީމާ އެކު ލީގު ކާމިޔާބުކުރި އެވެ.

ރޭގެ މޮޅާ އެކު، ޖެހިޖެހިގެން ހަތަރު މޮޅު ހަމަކޮށް މިލާން ވަނީ 47 ޕޮއިންޓް ހަމަކޮށް، ލީގުގެ ދެ ވަނައިގައި އޮތް އިންޓަ މިލާނާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފަ އެވެ. އެކަމަކު ލަނޑުގެ ތަފާތުން އަދިވެސް ދެ ވަނައިގައި އޮތީ، އިއްޔެ ބޮލޯނިއާ އަތުން 1-0 އިން ބަލިވި އިންޓަ އެވެ. ލީގުގެ ހަތަރު ވަނައިގައި އޮތް ރޯމާ މިރޭ ކްރެމޮނީސޭ އަތުން މޮޅުވެއްޖެ ނަމަ އެ ޓީމަށް ވެސް އެ އަދަދަށް ޕޮއިންޓް ހަމަކުރެވޭނެ އެވެ.

ރޭ އަމިއްލަ ދަނޑުގައި މިލާން މޮޅުވި މެޗުގައި ގޯލް ޖަހައިދިނީ ކެޕްޓަން ތެއޯ ހެނާންޑޭޒް އާއި ޖޫނިއާ މެސިއާސް އެވެ. ފުރަތަމަ ގޯލަކީ ފުރަތަމަ ހާފުގައި ޖިރޫ ބޮލުން ޖައްސާލި ބޯޅަ ހެނާންޑޭޒް އުންޑައެއްގެ ބާރު މިނުގައި ފޮނުވާލުމުން އެޓަލާންޓާގެ ގޯލްކީޕަރު ހުއާން މުސޯގެ ގައިގައި ޖެހިފައި ވަން ގޯލެކެވެ. ފަހު ލަނޑު މެޗު ނިމެން ގާތް ވެފައިވަނިކޮށް މެސިއަސް ވައްދާލީ ރަފައެލް ލިއާއޯ ދިން ހިތްގައިމު ޕާހަކުންނެވެ.

ލީގުގެ އެއް ވަނައިގައި ބޮޑު ފަރަގާ އެކު، 65 ޕޮއިންޓް ހަމަކޮށްގެން އޮތީ ނަޕޯލީ އެވެ. އެހެންވެ އިތުރު އެއްވެސް ޓީމަކުން މިހާރު ލީގު ޗެމްޕިއަންކަމަށް ވާދަނުކުރެ އެވެ. ބޮޑު ޓީމުތަކުގެ އަމާޒަކީ ގަދަ ހަތަރެއް ކަށަވަރުކޮށް ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454