އެސްއޯއީ ކޮމިޓީ. ބީއެމްއެލްއާ ގުޅޭގޮތުން އެ ކޮމިޓީން ބޭއްވި ބައްދަލުވުން ސިއްރުކުރަން ވަނީ ނިންމާފައި-- ފައިލް ފޮޓޯ: މަޖިލީސް
01 މާޗް 2023 - 11:59
ބީއެމްއެލްއާ ގުޅޭ ގޮތުން ހުރި ޝަކުވާތައް ބެލުމަށް ބޭއްވި އެސްއޯއީ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.
މިއަދު ހެނދުނު 11:00 ގައި ކޮމިޓީ ފެށުމުގެ ކުރިން އެ ކޮމިޓީގެ މުގައްރިރު މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވަނީ، ކޮމިޓީ ކުރިއަށް ގެންދާނެ ގޮތާ ގުޅޭ ގޮތުން، ކޮމިޓީއަށް ހާޒިރުކުރި އިދާރާތަކުގެ ހިޔާލު ހޯއްދަވައިފަ އެވެ.
ކޮމިޓީއަށް ހާޒިރުކުރީ، ބީއެމްއެލް އާއި އެމްއެމްއޭ އާއި ފުލުހުންނާއި ކޮމިއުނޭޝަން އޮތޯރިޓީގެ ވެރިންނެވެ.
ކޮމިޓީގައި ގަވަރުނަރު އަލީ ހާޝިމު ވިދާޅުވީ، އެ ކޮމިޓީ ހުޅުވާލައިގެން ކުރިއަށް ގެންދާ ނަމަ، ހާމަކުރާ ބައެއް މައުލޫމާތު އުނިކުރަން ޖެހޭނެ ކަމަށެވެ.
"އާންމުކޮށްފިއްޔާ އަޅުގަނޑުގެ މައުލޫމާތު ދަށްކޮށްލާނަން. ހާމަކުރެވޭ މައުލޫމާތު އެކަނި މިތަނުގައި ހާމަކުރާނީ. ދޭދޭ ފަރާތުގެ އެއްވެސް މައުލޫމާތެއް ނުދައްކާގޮތަށް އޮތީ، ހުޅުވާލައިފިއްޔާ،" އޭނާ ވިދާޅުވި އެވެ.
އެމްއެމްއޭގެ އިތުރުން ކޮމިއުނިކޭޝަން އޮތޯރިޓީ އާއި ފުލުހުން ވަނީ ކޮމިޓީ ސިއްރު ކުރަން އެދިފަ އެވެ. އެކަމަކު ބީއެމްއެލް އިން ވަނީ ހުޅުވާލައިގެން ކޮމިޓީ ބޭއްވިޔަސް މައްސަލައެއް ނެތް ކަމަށް ބުނެފަ އެވެ.
ކޮމިޓީގެ ގިނަ މެންބަރުން ވެސް ބޭނުންވީ ކޮމިޓީ ސިއްރުކުރާށެވެ.
އެސްއޯއީ ކޮމިޓީ މި މައްސަލަ ބަލަނީ ބީއެމްއެލްގެ ބައެއް ކަސްޓަމަރުންގެ އެކައުންޓުތަކުން، އޮޅުވާލައިގެން ފައިސާ ނަގާ މައްސަލަތައް އިތުރުވަމުންދާތީ އެވެ.
ސްކޭމް ކޮށްގެން މީހުންގެ އެކައުންޓްތަކުން ގިނަ އަދަދެއްގެ ފައިސާ ނަގާ ކަމުގެ ޝަކުވާތައް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑުވެފަ އެވެ. މިކަމުގައި ބޭންކުގެ އިހުމާލު އޮތް ކަމުގެ ތުހުމަތު ކުރި ނަމަވެސް ބީއެމްއެލް އިން ވަނީ ބޭންކުގެ ތެރެއިން ކަސްޓަމަރުންގެ ކާޑުގެ ނުވަތަ ކަސްޓަމަރެއްގެ އެއްވެސް މައުލޫމާތެއް އާންމުވެފައި ނުވާނެ ކަމުގެ ޔަގީންކަން ތަކުރާރުކޮށް ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަމް ބަޚުތު
01 March 2023
އެއީ ލާރި ވެސް ގެއްލެނީ ސިއްރުން ކަމަށްވުމުން
މަސަރޭ
01 March 2023
މައްސަލަ އުޅޭ ހިސާބު ތި އޮތީ އެނގޭކަށްނު. ސިއްރު ކުރަން ބޭނުންވާ ބަޔަކު އެގޮތަށް އެ ބޭނުންވީ ކަމެއް ސިއްރު ކުރަން ޖެހޭތީއެއްނު.