އާންމުން ބައިވެރިވެ ސުވާލުކުރެވޭ ގޮތަށް ބީއެމްއެލްގެ ވެރިން އެސްއޯއީ ކޮމިޓީއަށް ހާޒިރުކުރަން އެދެފި

އާންމުން ބައިވެރިވެ ސުވާލުކުރެވޭ ގޮތަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީ އަށް ހާޒިރުކޮށް ޖަވާބުދާރީކުރުވުމަށް އެދިވަޑައިގެން މައްޗަންގޮޅި ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އަހްމަދު ހައިތަމް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިއަދު ސިޓީއެއް ފޮނުއްވައިފި އެވެ.


ހައިތަމް މިކަމަށް އެދިވަޑައިގެންފައިވަނީ ކަސްޓަމަރުންގެ އެކައުންޓްތަކުން، ގޮތްނޭނގޭ ޓްރާންސެކްޝަންތައް ހެދިފައި ހުރުން ފަދަ އެކި ކަންކަމުގައި އާންމުންގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ.

ހައިތަމްގެ ސިޓީގައި ވިދާޅުވެފައި ވަނީ ކަސްޓަމަރުންގެ މިފަދަ އެއްވެސް ޝަކުވާއަކަށް ބީއެމްއެލް އިން އެކަށީގެންވާ ޖަވާބެއް ދީފައިނުވާ ކަމަށެވެ.

ހައިތަމް ވިދާޅުވީ މި ސަރުކާރުން ކުންފުނިތައް ޖަވާބުދާރީކުރުވަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ވީމާ ރައްޔިތުން ބައިވެރިވެ ސުވާލުކުރެވޭ ގޮތަށް ބީއެމްއެލްގެ ވެރިން މަޖިލީހުގެ އެސްއޯއީ ކޮމިޓީ އަށް ހާޒިކުރުމުގެ އިންތިޒާމު ހަމަޖައްސަވައިދިނުމަށް ވަނި އެދިވަޑައިގެންފަ އެވެ.

މިހާރި ދިމާވެގެން އުޅޭ މައްސަލާގައި ބީއެމްއެލް އިން ބުނީ ގޮތްނޭނގޭ އީމެއިލްތަކެއްގެ ސަބަބުން ކަސްޓަމަރުންގެ އެކައުންޓްތަކުން ނުބައި މުއާމަލާތްތަކެއް ހިނގާފައިވާ ކަމަށެވެ. އެއީ އެ ބޭންކުގެ ސިސްޓަމުން ދިމާވެފައިވާ މައްސަލައެއް ނޫން ކަމަށާއި ނުބައި މުއާމަލާތްތަކެއް ކޮށްގެން، އެކައުންޓުން ފައިސާ ކެނޑިފައިވާ ނަމަ، "ޓްރާންސެކްޝަން ޑިސްޕިއުޓް" ފޯމު ހުށަހަޅަން ބީއެމްއެލް އިން ވަނީ އެދިފަ އެވެ.

މީގެ އިތުރަށް އެ ޓްރާންސެކްޝަނެއް އެއްފަހަރަށް ވުރެ ގިނައިން ހިނގާފައިވާ މައްސަލައާ ގުޅިގެން ބީއެމްއެލް އިން ބުނީ އެއީ މީގެ ކުރިން ހޯލްޑުގައި ހުރި ފައިސާ ކަމަށާއި އެއީ އެކައުންޓުން ކެނޑެން ޖެހޭ ފައިސާ ކަމަށެވެ.