ޔުނިވާސިޓީތަކުގައި މަސައްކަތްކުރާ 440 އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުވާއިރު، އެކަމަށް އަހަރަކު 11.1 މިލިއަން ރުފިޔާ ހަރަދުވޭ.
ޔުނިވާސިޓީ މުވައްޒަފުންގެ މުސާރައަށް އައި ބަދަލާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސްގައި (ވ-ކ) ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި ޕޭ ކޮމިޝަންގެ އެސްޖީ ޑރ. ފައިޒަލް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް
06 މާޗް 2023 - 14:02
ޔުނިވާސިޓީ މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލާއެކު، އެތަންތަނުގައި މަސައްކަތް ކުރާ އިދާރީ މުވައްޒަފުންގެ މުސާރަ 35 ޕަސެންޓަށް ބޮޑުވާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ޔުނިވާސިޓީ މުވައްޒަފުންގެ މުސާރައަށް އައި ބަދަލާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ނިއުސް ބްރީފިންގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ދައުލަތުގެ އެހެން އޮފީސްތަކުގައި ވެސް އިދާރީ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމަށް ޕްލޭންކޮށްފައިވާ ގޮތަށް، ޔުނިވާސިޓީތަކުގެ އިދާރީ މުވައްޒަފުންގެ މުސާރައަށް ވެސް ބަދަލު އަންނާނެ ކަމަށެވެ.
ޔުނިވާސިޓީ މުވައްޒަފުންގެ މުސާރައަށް އައި ބަދަލާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވާހަކަދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް
"މި ހުރިހާ މުވައްޒަފުންނަކީ ވެސް ކުރިއަށް އޮތް ތަނުގައި ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލުވާނެ މުވައްޒަފުން. ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލުވާއިރު ދައުލަތުގެ ހުރިހާ ފަންތިއެއްގެ މުވައްޒަފުން ވެސް އެ ހަމައެއްގައި ހިމެނޭ،" އަމީރު ވިދާޅުވި އެވެ.
• ގައުމީ ޔުނިވާސިޓީގައި އިދާރީ މުވައްޒަފުންގެ ގޮތުގައި 376 މުވައްޒަފުން މަސައްކަތް ކުރޭ.
• އިސްލާމިކް ޔުނިވާސިޓީގައި އިދާރީ މުވައްޒަފުންގެ ގޮތުގައި 64 މުވައްޒަފުން މަސައްކަތް ކުރޭ.
• އިދާރީ މުވައްޒަފުންނަށް ދައުލަތުގެ ބަޖެޓުން މަހަކު ޖުމްލަ 951،973ރ. ހަރަދުވާނެ.
• އެއީ އަހަރަކު 11.3 މިލިއަން ރުފިޔާ.
މިނިސްޓަރު އަމީރު ގޮތުގައި، ގައުމީ ޔުނިވާސިޓީ އާއި އިސްލާމިކް ޔުނިވާސިޓީ އަދި ޕޮލިޓެކްނިކްގެ މުވައްޒަފުންގެ މުސާރައަށް މި މަހުން ފެށިގެން ގެނައި މި ބަދަލާ އެކު، ޖުމްލަ 767 މުވައްޒަފުންގެ މުސާރަ ބޮޑުވާނެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ޔުނިވަސިޓީތަކުގެ މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލާ އެކު، ދައުލަތުގެ ބަޖެޓުން އަހަރަކު މުޅި ޖުމްލަ 62.5 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ. އެއީ ކުރީގައި އެކަމަށް ހޭދަކުރާ ބެޖެޓާ އަޅާ ބަލާއިރު، 5.2 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
ނަމަވެސް، މާޗުން ފެށިގެން މުސާރަ ބޮޑުކުރުމުން މި އަހަރު ދައުލަތުގެ ބަޖެޓުން އެކަމަށް ހޭދަވާނީ މުޅި ޖުމްލަ 52 މިލިއަން ރުފިޔާ ކަމަށް މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
06 March 2023
އިރުއިރުކޮޅާ އެކި ވަޒީފާތަކުގެ މީހުންގެ މުސާރަ ބޮޑުކުރަނީ ކީއްކުރަންބާ! އެންމެން މަސައްކަތްކުރަނީ ދިރިއުޅުމުގެ ޚަރަދު ހަމަޖައްސަން. އެންމެން ވިޔަފާރިކުރަނީ އެއްތަނަކުން އެއް އަގަކަށް. ދެން މުސާރައިގެ ތިހާ ފަރަގެއް ހުންނަންޖެހޭ ސަބަބެއް ނެތް. ދައުލަތުގެ މުވައްޒަފުންނަށް ހަމަހަމަ މިންގަޑެއް އޮންނަންވީ. އިތުރުކުރަންވީ ތައުލީމް، ތަޖުރިބާ އަދި ޒިންމާއަށް. އެއްބަޔަކަށް 85000ރ އަނެއް ބަޔަަކަށް 10000ރ ނުލިބުން މީ ގައުމީ ބޮޑު މައްސަަލައެއް
އިބުރާހީމާ ފެއަށް ޖެހޭ
06 March 2023
ކޮބައިހޭ ސިވިލްސަރވިސް އިދާރީ މަގާމްތައް ހަރާމް ވާނެ ދޭނެވޮތެއް އޮތްނަމަ
އެމްސް
06 March 2023
މަދުބަޔެއްގެ މުސާރަ %35 ބޮޑުވި އިރު ތަކެތީގެ އަގު ވަނީ %50 އާއި %100 އާއި ދޭތެރޭގެ މިންވަރަށް ނުވަތަ އެއަށްވުރެވެސް ބޮޑުވެފަ! ކުރިން -/1 ރ އަށް ގަންނަން ލިބުނު ކުކުޅުބިސް މިހާރު -/2 އަށްވެސް ނުލިބޭ! ކުރިން -/2 އަަށް ލިބުނު ދޮންކެޔޮވަށް މިހާރު -/5 އަށްވެސް ނުލިބޭ! ތަރުކާރީގެ އަގު ވަނީ 2 ގުނައަށްވުރެ ބޮޑަށް އުފުލުލިފަ!
އިދާރީ މީހާ ޖައުފަރު
06 March 2023
މިހާރުވެސް ތިޔަ 35 އިންސައްތަ ނޮންޕްރެކްޓިސް އެލަވަންސް ގެ ގޮތުގައި ހުރިހާ އެންމެންނަށް ލިބޭ. އިތުރަށް ދެއްވާ 35 އިންސައްތަ ތޯ ދެއްވަން ހަމަޖެއްސެވީ. ނުވަތަ ދުރުގަ އަޑުއަހަންތިބޭމީހުންނަށް އެއްޗެއް ބުނެލީތޯ؟
ދެރައޭ
06 March 2023
މަ މިއުޅެނީ ފިއުޗަރ ޕްރެޒިޑެންޓްގެ ކޮމްޕެނީ 'ވިލާ' ގައި. މަގޭ މުސާރައިގެ ތަންކޮޅެއްވެސް ބޮޑެއްނުވޭ.
ފަހަރީ
06 March 2023
ސަރުކާރު ކުންފުނި ތަކުގެ މުސާރަިގެ ފަރަގު ނައްތާލަން ވެސް ޖެހޭ އެބަ. ކުދި ކުން ފުނި ތަކުގަ ޑިޕާރަޓް މެންޓް ތައް ހިންގަނީ އެކަނި.. އެހެން ކުންފުނި ތަކުގަ ބަހާލައިގެން، އެކަމް ވެސް ކުދި ކުންފުނި ތަކުގަ ލިބެނީ އެއް ޕޯސްޓަކަށް ޑަބަލް ދައަކޮށް.
ކޮމެންޓްކުރާމީހާ
06 March 2023
އެންމެ ރަނގަޅު ގޮތެއް ކަމަށް ފެންނަނީ މުސާރަ ބޮޑުކުރާއިރު މުސާރަ 'ކުޑަކުރަންޖެހޭ' މީހުންނަށް މުސާރަ ކުޑަކުރުން. މިސާލަކަށް އެކަށީގެންނުވާވަރުގެ ބޮޑެތި މުސާރަދީފަ ތިބޭ ސިޔާސީ މީހުން... އިންތިޚާބު ކަމިޔާބުކުރުމަށް ކޮންމެ ރަށަކުން 20 ސިޔާސީ މަޤާމު އުފައްދާ އެންމެ ބޮޑެތި ޢާއިލާތަކަށް ވަޒީފާ ބަހާލުމުގެ ބަދަލުގައި ސިޔާސީ މަޤާމު މަދުކުރުން. ކޮންމެ ސަރުކާރަކުންވެސް ސިޔާސީ މަޤާމުތައް އުފައްދާ..އެހެންނަމަވެސް ވެރިކަން ބޭނުންވިޔަސް މީދެން ފުކެއް ބޮޑުވަރު..
ޖިލް
06 March 2023
ސިޔާސީ މަގާމުތަކާ ހެދި ދައުލަތުގެ މާލިއްޔަތަ ބޮޑުވާ ބާރު ކީއްވެ ތިހެން ކިޔައި ނުދެނީ. އެވެސް އަދި މަސައްކަތެއް ކުރާ ބަޔަކު ނަމަ ރަނގަޅު. ސައިން އިން ވެފަ އަމިއްލަ މަސައްކަތުގަ
އުމޭއްތަ
06 March 2023
ކޮންމެ ފަހަރަކު ޕްރެޝަރަށް ވެއްޓިގެން އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަނީ ކީއްވެތަ؟ މިއުޅެނީ ސްކިލްޑް މީހުން ނުހިފޭއްޓިގެން. އެމީހުނަށް ބޮޑު މުސާރަ ދީފަ އެމީހުން ބައިތިއްބަން ވީ. އޭގެ މާނައެއް ނޫން ސިޓީ ކަނޑަން އިންނަ އެޑްމިން އޮފިސަރާ، މުސާރަ ޝީޓު ހަދާ އެޗްއާރު އޮފިސަރާ، ފޯނު ނަގަން އިންނަ ކޯޕަރޭޓް އޮފިސަރަށް މުސާރަ ބޮޑު ކުރާށޭ. މީ ނިސްބަތުން އަންސްކިލްޑް މަސައްކަތް. އެންމެނަށްވެސް ކުރެވޭނެ ކަންކަން.
ހިހޫ
06 March 2023
އަންސްކިލްޑް މަސައްކަތޭ ބުނީމަ ހީވަނީތަ.. އެމީހުން ކުރަންޖެހޭ މަސައްކަތް ވަކި ބުރަކަން ކުޑައެއްނޫން. ތިޔަކިޔާ ސްކިލްޑް މީހުން ބޭނުން އިރަކު އޮފީހަށް ގޮއްސަ ހިތަށް އެރީމަ މަސައްކަތްކޮށްފަ އަދި މާމައްޗަށް ކިޔެވީތީއޭ ކިޔާފަ އެބަޖެހޭ އިތުރު ފައިސާތަކެއްވެސް ދޭން. ސެޓްފިކެޓެއްވެސް ހޯދަނީ އިތުރު ފައިސާތަކެއް ހޯދަން. ކޮންމެހެން މަސައްކަތް ރަގަޅަށް ކުރާކަށް ނޫން.
ޓިނުމޭން
06 March 2023
މަސައްކަތް ބުރަ ވުމަކީ މުސާރަ ބޮޑުވާ ކަމެއް ނޫން. މުސާރަ ބޮޑުވަނީ އިކޮނޮމީގައި އެ ސްކިލް އެއްގެ ސްކާސިޓީއަށް ބަލައިގެން. ރާނާ ސިމެންތި ޖަހާ މީހާ ކުރަނީ ވަރަށް ބުރަ މަސައްކަތެއް. އެކަމު އޭނައަށްވުރެ އެތައް ގުނައެއް ބޮޑު މުސާރަ ލިބޭނެ އެ އިމާރާތް ކުރަހައި ސްޓްރަކްޗަރަލް ޑްރޮވިންގ ހެދި އާކިޓެކްޓުންނަށާ އިންޖިނިއަރުންނަށް. ލެކްޗަރާއިންނަށް މުސާރަ ބޮޑު ވީމަ އެޑްމިން އޮފިސަރަށް ބޮޑު ވާކަށް ނުޖެހޭ. ޑޮކްޓަރަށް ބޮޑުވީމަ ރިސެޕްޝަނިސްޓަށް ބޮޑުވާކަށް ނުޖެހޭ
ކަތަމަންޑޫ
06 March 2023
އިދާރީ އެކިމަގާމު ތަކުގައި މަސައްކަތް ކުރާމީހުން ނަކީ މުހިއްމުކަން ކުޑަބައެއްގެ ގޮތުގައި ބަލާ އެމީހުންނަށް ދިރިއުޅުމާ ނުބައްދަލު ކުޑަ މުސާރައެއް ދިނުމަކީ ބޭ އިންސާފެއް . އެމީހުންނާ ނުލާ އަހަރުމެން ނަށް އަހަރުމެން ގެ ފަންނީ މަސައްކަތް ކުރުމަކީ ނުވާނެކަމެއް. ކޮންމެ މަސައްކަތެއް ކުރިޔަސް ހަމަޖެހިގެން ދިރިއުޅެވެން ޖެހޭ. ދިރިއުޅުން ހަމަޖެހިފައި މިއޮންނަނީ ލިބޭ މުސާރައިގެ މައްޗައް.
ާއުނިމާ
06 March 2023
އެއްވެސް ކޮންސިސްޓެންސީ އެއްނެތް. ހަދާނެ ނަހދާނެއް ކުރާނެ ނުކުރާނެކަމެއް ނޭގިގެން ތިޔަ އުޅެނީ...ސުކޫލުތަކުގެ ތީޗަރުންގެ މުސާރަ ބޮޑުކުރިއިރު އެމުއައްސަސާގެ އިދާރީ މުވައްޒަފުންމަތިން ހަނދާނެއްނުވި! ސިވިލްސާވިސްގެ މުވައްޒަފުން އިދާރީ މުވައްސަފުން ކޮބާތޯ! މިހާރުވެސް ޔުނިވާސިޓީގެ ސެކްރެޓެރީ ލެވެލްގެ މީހަކަށް 10،000 އަށްވުވެ ގިނައިން ލިބޭ! މުސާރަ ބޮޑުކުރަންޏާ ދައުލަތުގެ ހުރިހާ މުައައްސަސާއެއްގެ ހުރިހާ މުވައްޒަފުންނަށްވެސް ނިސްބަތުން ބޮޑުކުރަންޖެހޭނެ!