މި މަހު 16 ގައި ދަތުރުތައް ފަށާއިރު ރޯދަ މަހާއި ފިތުރު އީދު ނިމެންދެން ބަގީގައި ހިލޭ ދަތުރު ކުރެވޭނެ.
މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި ދުއްވަން ގެނައި ބަގީތައް.-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް
07 މާޗް 2023 - 18:48
މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ހިދުމަތް މި މަހު 16 ގައި ފަށާނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ހިދުމަތް ދިނުމަށް ބޭނުންވާ ބަގީތައް މިދިޔަ ބުރާސްފަތި ދުވަހު މާލެ ގެނެސްފައިވާ ކަމަށެވެ.
ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް ސިޓީ ކައުންސިލުން ގެނައީ 10 ބަގީ އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި، އަންނަ ރޯދަ މަހު އެއްކޮށް ބަގީގައި ހިލޭ ދަތުރުކުރެވޭނެ އެވެ. އެއީ ޕްރައިވެޓް ހަޔާ ފިޔަވަ އެވެ.
މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި ދުއްވަން ގެނައި ބަގީތައް.-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް
"ބަގީ ރޫޓުގައި ކުރާ ދަތުރުތައް ފިތުރު އީދު ނިމެންދެން އޮންނާނީ ހިލޭ،" އޭނާ ވިދާޅުވި އެވެ.
ވިލިމާލޭގައި ކުރާ ބަގީ ދަތުރުތަކަށް 2ރ. ނަގަން މާލޭ ސިޓީ ކައުންސިލުން ވަނީ ނިންމައިފަ އެވެ. ނަމަވެސް ބަގީ، ޕްރައިވެޓް ހަޔާގެ ގޮތުގައި ނަގާ ނަމަ އަގު ތަފާތު ވާނެ އެވެ. އެ އަގުތަކަކީ؛
• 4 ސީޓްގެ ބަގީއަކަށް 6ރ.
• 6 ސީޓްގެ ބަގީއަކަށް 10ރ.
• 12 ސީޓްގެ ބަގީއަކަށް 15ރ.
މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި ދުއްވަން ގެނައި ބަގީތައް.-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް
ސިޓީ ކައުންސިލުން ބުނީ، އުމުރުން ހަ އަހަރުން ދަށުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ މީހުންނާއި އެންސްޕާގައި ރަޖިސްޓަރީ ވެފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ސްކޫލް ޔުނިފޯމުގައި ތިބޭ ދަރިވަރުންނަށް ބަގީގައި ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ.
ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް ގެނައި ބަގީތަކުގެ ތެރޭގައި އެކި ކަހަލަ މުދާ، ލަގެޖް އަދި ފޮށިގަނޑުފަދަ ތަކެތި އުފުލޭ ގޮތަށް ހަދާފައިވާ ދެ ބަގީ އާއި ކުއްލި ހާލަތްތަކުގައި ބަލި މީހުންނަށް ދަތުރުކުރެވޭނެ ގޮތަށް ހަދާފައިވާ އެއް ބަގީ ވެސް ހިމެނޭނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޑަހަންޖާ
11 March 2023
ރާއްޖޭގައި މީހުން ދިރިއުޅޭ 200 ވަރަކަށް ރަށްއޮތްއިރު އާބާދީގައި ކިރިއާ 2 ހާސް ހަމަވާ ރަށެއްގައި މިހިނގާ ކަންކަމާ ވިސްނަންޖެހޭ. ވަކި ގަބީލާއެއްގެ ދަރިފަސްކޮޅު ވަޒަންވެރިވުމާއިއެކީ ވެހިކަލެއް ނެތްއިރުވެސް މީގެ 30 އަހަރުކުރީގަ ހުރިހާ މަގެއްގަ ގާއަތުރައިގެން ކަފިހުރަސް ކުރަހައިފި. މިހާރު ދައުލަތުގެ ފައިސާ އޮއްސާފައި އަރަންވީ ބަހަށްތޯ ބަގީއަށްތޯ ނޭނގިގެން އެއުޅެނީ. މިއިރު 15 ހާސް މީހުން އުޅޭ ކުޅުދުއްފުށީމީހުން އުޅެނީ ފައިމަގުގަ.
ނަޖާހް ހަސަން
09 March 2023
ބަކިމީހުންނަ ހާއްސަ ބަގީވެސް އެބަހުރި. އެއްމެ 2ރުފިޔާއަށް ދަތުރެއް. ގޭގެ އަސްކަނި އާ ހަމަޔަށް ގެންގޮސްދޭ. ބަސްތަކަށް އަރާނޭ ބަޔެއް ދެން ނުވާނެކަންނޭގެ
އަދުހަމް ތައުފީގް
09 March 2023
ބަލާ ބެލުމަށް ބަގީތަށް ވަރަށް ރީތި. ހީވޭ ވަރަށް ރަނގަޅު ވާނެހެން. އަގުވެސް ރަނގަޅު. މާލޭގައި ބަގީގެ ހިދުމަތް ނުދެވޭނެބާ؟
މިހްސިން
09 March 2023
އަހަންނަކީ ވިލިމާލޭ ގައި ދިރިއުޅޭ އެމްޑީޕީ ރައްޔިތެއް. އެކަމަކު އަހަރެންވެސް ގަބޫލްކުރަން ބަހަށް ވުރެ ބަގީކަން ވިލިމާލެ އަށް ރަނގަޅީ. ކުރިންވެސް ބޭނުންކުރީ ބަގީ
މައުމޫން އިބްރާހީމް
09 March 2023
ބަހަކީ ތިމާވެއްޓާއި ރައްޓެހި އެއްޗެއް ނޫން. ބަހަކީ ވިލިމާލެ މަގުތަކާއި ނުގުޅޭ ސައިޒުން ބޮޑު އެއްޗެއް. ބަސް ދަތުރު އަގުބޮޑު. ގެޔާ ހަމަޔަށް ނުދޭ. މުދަލަށް ހާއްސަ އެއް ނޫން. އެހެންކަމުން ބަގީ މާ ބޮޑަށްވެސް ރަނގަޅު
ޒޫނާ މުހައްމަދު
09 March 2023
ދެން ޝޮޕިން ކޮށްލައިގެން ނުވަތަ ފެރީން ފައިބައިގެން ސީދާ ގެޔާ ހަމަޔަށް ދެވޭނެ. ޖީބަށް ވެސް ލުއި.
ސަލްމާން
09 March 2023
ސާބަހޭ މޭޔަރު އަހަރުމެން އެންމެ ބޭނުންވި ކަންތައް ކޮށްދެއްވީތީ. ޝުކުރިއްޔާ
ތަލްހަތު މުހައްމަދު
09 March 2023
ވިޔަފާރި ކޮށްލައިގެން ހަމަ ގެޔަށް ކައިރި ކޮށްލެވޭނެ ބަސް ނަމަ ވަރަށް ދުރަށް ކައިރި ކުރަނީ އޭރަށް ވަރަށް އުނދަގޫވޭ ބަރު ކޮތަޅު ތަށް ހިފައިގެން ދާން ވެސް ބަގީ މާ ސަޅި.
މޫސާ އިދުރީސް
09 March 2023
ބަހަށް ވުރެ މާ ބޮޑަސްވެސް ބަގީ ރަގަނޅު މީ ވަރަށް ރަގަނޅު ހިދުމަތެއް ދެވޭ. ޝުކުރިއްޔާ ސިޓީ ކައުންސިލް
ޒިމާމް އަލީ
09 March 2023
ވަރަށް އުފާވެއްޖެ އަގު ތަށްވެސް އެހާމެ ސަޅި އަނެއްކާ ބުނާ ތަނަކަށް ދެން ކައިރި ކޮށްލެވޭނެ.