ޓްރީ ޓޮޕަށް ފަސް އަހަރު ފުރުމަ ގުޅިގެން ކުޑަކުދިންގެ ހެލްތު ސްކްރީނިން ޕެކޭޖެއް ވަނީ ތައާރަފްކޮށްފަ. ފޮޓޯ: ފަޔާޒް މޫސާ | މިހާރު
08 މާޗް 2023 - 13:33
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފަސް ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުޑަކުދިންނަށް އަމާޒުކޮށް "ވެލް ޗައިލްޑް"ގެ ނަމުގައި ހެލްތު ސްކްރީނިން ޕެކޭޖުތަކެއް ތައާރަފުކޮށްފި އެވެ.
އެއީ ތިން އުމުރުފުރާއަކަށް ބަހާލައިގެން ތައާރަފްކޮށްފައިވާ ޕެކޭޖެކެވެ. އޭގެ ތެރޭގައި ހިމެނެނީ ހަ އަހަރުން ދަށުގެ އުމުރުފުރާ އާއި 6-12 އަހަރާ ދެމެދުގެ އުމުރުފުރާ އާއި 13-18 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
ޕެކޭޖުތަކާ ގުޅޭ މައުލޫމާތު ހިމެނޭ ޕޯސްޓެއް.
ޓްރީ ޓޮޕުން ބުނިގޮތުގައި، އެ ޕެކޭޖުން ބެލެނިވެރިންނަށް ކުއްޖާގެ ސިއްހަތާއި ދުޅަހެޔޮކަމާ ގުޅޭގޮތުން އެެނގެން ޖެހޭ ގިނަ މައުލޫމާތުތައް އެނގޭނެ އެވެ. ކުޑަކުދިންގެ ހެދިބޮޑުވުމުގައި އެއްވެސް އުނިކަމެއް ކުރިމަތިވެފައިވާ ނަމަ ނުވަތަ އެއްވެސް ބަލިމަޑުކަމެއް ހުރި ކަމަށް ފާހަގަވެއްޖެ ނަމަ އެ ކަމެއް ހައްލު ކުރާނެ ގޮތުގެ ލަފަ އާއި އިރުޝާދު ކުޑަކުދިންގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރެއްގެ ފަރާތުން ލިބޭނެ އެވެ.
އެ ކުއްޖެއްގެ އުމުރަށް ބަލައި، އެ އުމުރެއްގައި އާއްމުކޮށް ދިމާވާ މައްސަލަތައް ދެނެގަންނަ އިންވެސްޓިގޭޝަންތަކާއި ޕްރޮސީޖާތައް ޕެކޭޖުގައި ހިމެނެ އެވެ. އޭގެ ތެރޭގައި ނިއުޓްރިޝަނަލް އެސެސްމެންޓް، އަޔަން އަދި ފެރިޓިން ޗެކްއަޕް، ފުލް ބްލަޑް ކައުންޓް، ލިވާ އަދި ރީނަލް ފަންކްޝަން ފަދަ ތަފާތު ޓެސްޓުތައް ހިމެނެ އެވެ.
ދުޅަހެޔޮކަމާ އެކު ހެދި ބޮޑުވުމަށް ކޮންމެ ކުއްޖަކު ވެސް އެންމެ ތުއްތު އިރުން ފެށިގެން ގަވާއިދުން ހެލްތު ސްކްރީން ކުރުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ފާހަގަކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy