08 މާޗް 2023 - 13:23
އެމެރިކާ އާއި ޗައިނާއާ ދެމެދު އުފެދިފައިވާ ކޯޅުންތައް، އެމެރިކާގެ މިސްރާބު ބަދަލު ނުކުރާހާ ހިނދަކު ނިމުމަކަށް ނާންނާނެ ކަމަށް ޗައިނާ އިން އިއްޔެ ބުނެފި އެވެ.
އެމެރިކާގައި ހުންނަވާ ޗައިނާ ސަފީރުގެ މަގާމު ވަރަށް ފަހަކާ ޖެހެންދެން ފުރުއްވި އަދި މިހާރުގެ ޚާރިޖީ ވަޒީރު ޗިން ގާންގް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި ދުނިޔޭގެ ބޮޑު ބާރަކާ މެދު އެމެރިކާ އިން މުއާމަލާތު ކުރަނީ ވަރަށް ފަރުވާ ކުޑަ ގޮތަކަށެވެ. އެކަމުގެ ސަބަބުން "ކާރިސީ ނަތީޖާތަކެއް" ކުރިމަތިވެދާނެ ކަމަށް ވެސް ޗައިނާގެ ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.
"އެމެރިކާ އިން ބުރެކި ނުޖައްސައި، މިހާރު ވެސް އެ ދަތުރުކުރާ ނުބައި މިސްރާބުގައި ކުރިއަށް ދާ ނަމަ، އަދި އެ މިސްރާބު ސީދާ ކޮށްދޭނެ އިތުރު ބާރެއް ނެތިއްޔާ، ކަށަވަރުން ވެސް އެނގޭ ކަމަކީ ކުރިމަތިލުންތަކާއި މައްސަލަތައް އުފެދޭނެ ކަން،" މިހާރު ކުރިއަށް ދާ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އަހަރީ ބައްދަލުވުމުގައި ހަވާސާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމެރިކާއާ އެކުގައި ރަނގަޅު ގުޅުމެއް އުފައްދަން ޗައިނާ އިން މަސައްކަތް ކުރި ނަމަވެސް، އެމެރިކާގެ އަމަލުތަކާއި ސިޔާސަތުތައް ހުރި ގޮތުން އެކަމުގައި އެކަށީގެންވާ ކުރިއެރުމެއް ނުލިބެ އެވެ. އެހެން ނަމަވެސް ރަޝިޔާ އާއި ޗައިނާއާ ދެމެދު ވަރަށް ބަދަހި ގުޅުމެއް އުފެދިފައިވާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
އިގްތިސާދީ ގޮތުން އެންމެ ބޮޑު ދެ ބާރުގެ ގޮތުގައި ބެލެވޭ އެމެރިކާ އާއި ޗައިނާއާ ދެމެދު ކުރިން އޮތް، މިއިން ޒަމާނެއްގައި ވެސް ގޯސް ނުވާ މިންވަރަށް މިހާރު ވަނީ ގޯސްވެފަ އެވެ. އަދި މިދިޔަ ފެބްރުއަރީ މަހުގެ ކުރީ ކޮޅު، އެމެރިކާގެ ވައިގެ ސަރަހައްދުގެ ތެރެއަށް، ޗައިނާގެ ޖާސޫސީ ބިޔަ ފުއްޕާހަމެއް ވަދެއުޅުނިކޮށް، އެމެރިކާ އިން ހަމަލާދީ އެ ހަން ގޮއްވައިލި މައްސަލައިގައި ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.
އެ މައްސަލައާ ބެހޭ ގޮތުން ޗައިނާގެ ޚާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި އެމެރިކާ އިން މާ ބޮޑަށް މައްސަލަ ބޮޑު ކޮށްލީ އެވެ. އަދި އެމެރިކާ އިން އެ ވަރަށް މައްސަލަ ބޮޑުކޮށްނުލި ނަމަ، މިހާރު ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޑިޕްލޮމެޓިކް ދުރުކަން ނުއުފެދުނީސް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޚާރިޖީ ވަޒީރު ޗިން ގާންގް ވިދާޅުވި ގޮތުގައި ފުއްޕާހަމުގެ މައްސަލައިގައި އެމެރިކާ އިން އަމަލު ކުރި ގޮތުން، ޗައިނާއާ މެދު އެމެރިކާ ދެކޭ ގޮތް މިހާރު ވަނީ ވަރަށް ނުބައި ގޮތަކަށް ބަދަލުވެފައިކަން ސާފުވެއްޖެ އެވެ. އަދި އެމެރިކާ އިން ޗައިނާއާ މެދު ދެކެނީ އެމެރިކާގެ އެންމެ ބޮޑު ވާދަވެރިޔާ އަދި އެމެރިކާ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ޖިއޯޕޮލިޓިކަލް ގޮންޖެހުމުގެ ގޮތުގައި ކަން ވެސް ވަރަށް ރަނގަޅަށް ސާފުވެ އެވެ.
"އެމެރިކާ އިން ބުނާ ގޮތުގައި އެމެރިކާ ބޭނުންވަނީ ޗައިނާއާ ވާދަކުރަން، އަދި ޗައިނާއާ އެކުގައި މައްސަލަތަކެއް އުފެދޭކަށް ބޭނުމެއް ނޫން. ނަމަވެސް ހަގީގަތުގައި އެމެރިކާ އިން މާނަކުރާ އެ ބުނާ ވާދަވެރިކަމަކީ، ވަށައިގެން ބައްދާލައި ހަރަކާތެއް ވެސް ކޮށްނުލެވޭ ވަރަށް ފިއްތައިލައިގެން، ދިރިހުރުމާއި މަރުވުމާ ދެމެދު ކުޅެވޭ، ނަތީޖާއެއް ނުނެރެވޭނެ ކުޅިގަނޑެއް،" ޚާރިޖީ ވަޒީރު ޗިން ގާންގް ވިދާޅުވި އެވެ.
"އެހެން ގައުމުތައް ބައްދާލައިގެން އަދި ފިއްތާލައިގެން، އެމެރިކާއަކީ މާ ވަރުގަދަ މާ މަތިވެރި ގައުމަކަށް ނުވާނެ. ޗައިނާގެ ހެދިފޯދެމުން އަންނަ ޒުވާންކަން ހުއްޓުވުމަކީ އެމެރިކާ އަށް ކުރެވޭނެ ކަމެއް ނޫން." އޭނާ ވިދާޅުވި ގޮތުގައި އިންޑޯ-ޕެސިފިކް ސަރަހައްދުގައި ވެސް އެމެރިކާ އިން އަމަލު ކުރަމުން ގެންދަނީ އިތުރު މައްސަލަތަކާއި ހަމަނުޖެހުންތަކަށް މަގު ފަހިވާ ފަދަ ގޮތަކަށެވެ.
"އިންޑޯ-ޕެސިފިކް ސަރަހައްދުގައި އެމެރިކާ އިން ގެންގުޅޭ ސްޓްރެޓީޖީގެ ހަގީގީ މަގްސަދަކީ ޗައިނާ ވަށައިގެން ބަންދުކޮށްލުން. އޭޝިޔާ ސަރަހައްދުގައި ފިނި ހަނގުރާމައެއް އިތުރަށް ތަކުރާރުވެގެން ނުވާނެ. އޭޝިޔާ ސަރަހައްދުގައި ޔޫކްރޭން ފަދަ ހަނގުރާމައެއް ވެސް ތަކުރާރުވެގެން ނުވާނެ."
އެމެރިކާގެ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށް ފަހު، ޗައިނާގެ ޚާރިޖީ ވަޒީރު ވަނީ ޗައިނާ އާއި ރަޝިޔާއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ދިފާއު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ޗައިނާ-ރަޝިޔާގެ ގުޅުމަކީ އެއްވެސް އެހެން ގައުމަކަށް އޮތް ނުރައްކަލެއް ނޫން ކަމަށެވެ.
"ބައިނަލްއަގުވާމީ މުޖްތަމައުގެ ހަމަޖެހުން ގެއްލެމުންދާ ވަރަކަށް، ޗައިނާ އާއި ރަޝިޔާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރަމުން ދިއުމަކީ ވަރަށް މުހިންމު ކަމެއް."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބާލައާދަނު
09 March 2023
މި ޒަމާނުގަ ދުނިޔޭގަ އުފެދެމުންދާ ހުރިހާ މައްސަލައެއްގެ އަސްލަކީ އެމެރިކާ. އެމެރިކާ މައިތިރި ކުރެވުނު ދުވަހަކުން ނޫނީ ދުނިޔެއަށް ހަމަޖެހުމެއް އަންނާނެ ކަމަކަށް ނުފެނޭ.