ޕީއެސްޖީގެ ޑިފެންޑަރު ސާޖިއޯ ރާމޯސް ބޮލުން ޖަހަން އަރަނީ. --ފޮޓޯ: އޭއެފްޕީ
09 މާޗް 2023 - 10:16
ބޮޑު ހަރަދުތަކެއްކޮށް ދުނިޔޭގެ އެންމެ ހުނަރުވެރި ކުޅުންތެރިން ގަނެ، ޔޫރަޕުގެ ޗެމްޕިއަންކަން ހޯދުމަށް މަސައްކަތްކުރަމުން އަންނަ ފްރާންސްގެ ޕީއެސްޖީގެ އުއްމީދު މި ސީޒަނުގައި ވެސް ހާސިލްނުވެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ރޭ ޖަރުމަނުގެ ބަޔާން މިއުނިކް އަތުން ކަޓައިފި އެވެ.
ގަތަރު ސްޕޯޓްސް އިންވެސްޓްމަންޓުން 2012 ވަނަ އަހަރު ޕީއެސްޖީ ގަތުމަށް ފަހު އެންމެ ބޮޑަށް ޓާގެޓްކުރީ ޔޫރަޕުގެ ރަސްކަން ހޯދުމަށެވެ. އެކަމަށްޓަކައި، އެ ކްލަބުން ނުކުރާ ހޭދައެއް ނެތެވެ. އެންމެ ފަހުން މިދިޔަ އަހަރު ލިއޮނަލް މެސީ ގެނެސް، ރެކޯޑް އަގެއްގައި ކީލިއަން އެމްބާޕޭ މަޑުކުރުވީ ވެސް އެކަން ހާސިލްކުރާށެވެ.
ޕީއެސްޖީ ކެޓީ ބަޔާން އަތުން ރޭ 2-0 އިން ބަލިވެ ދެ ލެގުގެ އެގްރިގޭޓުން 3-0 އިންނެވެ. ޕެރިހުގައި ކުޅުނު ފުރަތަމަ ލެގުން ޕީއެސްޖީ ބަލިވީ 1-0 އިންނެވެ. ކުއާޓާ ފައިނަލުން ޖާގަ ހޯދުމަށް ރޭ ބަޔާނުން އަމިއްލަ ދަނޑުގައި މޮޅުވިއިރު ގޯލްތައް ޖަހައިދިނީ އެރިކް މެކްސިމް ޗޫޕޯ-މޫޓިން އާއި ސާޖް ގެނެބްރީ އެވެ.
ޕީއެސްޖީގެ ކޯޗު ކްރިސްޓަފާ ގަލްޓިއޭ ބުނީ ބަލި ގަބޫލުކޮށް ކުރިއަށް ދިއުން ނޫން ގޮތެއް އެ ޓީމަށް ނެތް ކަމަށާއި މިއީ ވަރަށް ބޮޑު މާޔޫސްކަމެއް ކަމަށެވެ.
"އެންމެން ތިބީ ހިތްހަމަނުޖެހިފައި. ފުރަތަމަ ލެގުގައި އުނދަގުލާ ކުރިމަތިވި ނަމަވެސް ދެ ވަނަ ލެގާ މެދު އުއްމީދުތަކެއް ކުރިން. މި މެޗުގައި ވެސް އަހަރެމެންނަށް ކުރިން ލަނޑެއް ޖެހުނު ނަމަ ހުރިހާ ކަމެއް ބަދަލުވީސް،" ގަލްޓިއޭ ބުންޏެވެ.
ޕީއެސްޖީއާ މި ސީޒަނުގައި ހަވާލުވި ކޯޗު ބުނީ ފުރަތަމަ ހާފުގައި ބަޔާންއާ ރަނގަޅަށް ވާދަކޮށް ރަނގަޅު ފުރުސަތުތަކެއް ވެސް ލިބުނު ކަމަށާއި އެކަމަކު ފުރުސަތުގެ ބޭނުން ނުކުރެވި، ދެ ވަނަ ހާފުގައި އާދައިގެ ގޯލެއް ވަނީ ކަމަށެވެ.
"މި ފެންވަރުގައި ކުޅޭއިރު މިއަށް ވުރެ ސަމާލުވެގެން ތިބެން ޖެހޭނީ،" މާކޯ ވެރާޓީ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ބަޔާނުން ޖެހި ލަނޑަށް އިޝާރާތްކޮށް ކޯޗު ބުންޏެވެ.
މި ވަގުތު ދުނިޔޭގައި ތިބި އެންމެ ނުރައްކާތެރި ދެ ފޯވާޑުންގެ ތެރޭ ހިމެނޭ ޕީއެސްޖީގެ މެސީ އާއި އެމްބާޕޭ އަށް ރޭ ތަފާތެއް ނުދެއްކުނެވެ. އެ ޓީމުގައި ދެން ހިމެނޭ އިތުބާރު ކުޅުންތެރިޔާ ނޭމާ ހުރީ އަނިޔާގަ އެވެ.
އެމްބާޕޭ ބުނީ ޓީމުން ޓީމުގެ އެންމެ މަތީ ފެންވަރު ދެއްކި ކަމަށާއި މިއަށް ވުރެ އިތުރަށް ވަކި ކުރެވޭނެ ކަމެއް ނެތް ކަމަށެވެ. އަދި ބަލިވީ ވަރުގަދަ ޓީމެއް އަތުން ކަމަށާއި ޕީއެސްޖީ އަށް ދެން އޮތީ ފްރާންސް ލީގު ކާމިޔާބުކުރުމުގެ މަސައްކަތައިގެން ކުރިއަށް ދިއުން ކަމަށް އޭނާ ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިއުމާާ
11 March 2023
ކޮބާ ރަދީފްގެ ހުރިހާ ޓީމެއް އައުޓްވީތާދޯ..