ތޮއްޑޫ ކަރާ ދަނޑެއްގައި މީހަކު މަސައްކަތްކުރަނީ: މި އަހަރުގެ ރޯދަ މަހަށް ހާއްސަކޮށްގެން އެ ރަށުގައި 112 ކަރާ ދަނޑު ހައްދާ-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
12 މާޗް 2023 - 12:06
މި ރޯދަ މަހު އއ. ތޮއްޑޫގެ ދަނޑުތަކުން 200 ޓަނުގެ ކަރާ ލިބޭނެ ކަމަށް ކައުންސިލުން ބުނެފި އެވެ.
ކަރާ ހެއްދުމުގައި އަބަދުވެސް އެންމެ ކުރީގައި އުޅޭ ތޮއްޑޫ ކައުންސިލްގެ ރައީސް އަހްމަދު ކަރަމް ވިދާޅުވީ 112 ދަނޑެއްގައި އެކި ބާވަތްތައް ހައްދަމުން އަންނަ އިރު، ގިނަ ދަނޑުތައް ހާއްސަކޮށްފައި ވަނީ ކަރާ ހައްދަން ކަމަށެވެ. އެ ދަނޑުތަކުން ކޮންމެ ދުވަހަކު 5،000 ކިލޯ އާއި 8،000 ކިލޯއާ ދެމެދުގެ އަދަދަކަށް ކަރާ މާލެއަށް ގެނެވޭނެ ކަމަށް ލަފާކުރެ އެވެ.
"ދެ މިލިއަން އަކަ ފޫޓުގެ ސަރަހައްދެއްގައި ކަރާ ހައްދާނެ. ކަރާ ބޭރު ކުރެވޭ އަދަދަށް ބަލާ އިރު ގާތްގަނޑަކަށް 9-10 މިލިއަން ރުފިޔާ ލިބޭނެ،" އެވެ.
ތޮއްޑޫ ކަރާ ވެލެއްގައި އޮތް ކަރައެއް. ރޯދަ މަހަށް އެންމެ ގިނައިން ތޮއްޑޫން އުފައްދަނީ ކަރާ- - ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ކަރަމް ވިދާޅުވި ގޮތުގައި ރޯދައަށް ދަނޑުވެރިން ވަނީ ދުރާލައި ތައްޔާރުވެފަ އެވެ. ކަރާގެ އިތުރުން ތަރުކާރީގެ ގިނަ ބާވަތްތަކެއް ވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބާޒާރުގައި ކަރާ ކިލޯއެއްގެ އަގު މިހާރު އުޅެނީ 10-15ރ. ދެމެދުގަ އެވެ. އެކަމަކު ރޯދަ މަސް ފެށުމާ އެކު ކޮންމެ އަހަރަކު ވެސް އަގު ބޮޑުވެ އެވެ.
މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ހަފުތާގައި ކަރާ ލިބޭ ވަރު މިދިޔަ އަހަރަށް ވުރެ މަދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ކައުންސިލުން ދަނޑުތައް ދޫކޮށް، ފުރަތަމަ ދަނޑުވެރިންގެ މަސައްކަތް ފެށި އިރު ކަރާ ދަނޑުތަކުގައި ބައްޔެއް ފެތުރުމުގެ ސަބަބުން އެންމެ ބޭނުންވާ ސްޕީޑުގައި ދަނޑުތައް ނުހެދުމުންނެވެ.
ތޮއްޑޫގެ ދަނޑުވެރިން ކަރާ ދަނޑުގައި މަސައްކަތް ކުރަނީ. އެރަށަކީ އެންމެ ގިނަ އަދަދަކަށް ކަރާ ދަނޑު ހައްދާ ރަށް-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ތޮއްޑޫ ދަނޑުވެރިން ކަރާ ދަނޑުތައް ހައްދަނީ ރޯދަ މަހުގެ ކޮންމެ ދުވަހަކު ވެސް ކަރާ ލިބޭނެ ގޮތަށް ބަލައިގެންނެވެ. ކަރާ ދަނޑެއް ހެއްދުމަށް ދެ މަސް ނަގަ އެވެ.
ކަރާގެ އިތުރުން ތަރުކާރީ އާއި ފަތުގެ ބާވަތްތަކުގެ 14،000 ކިލޯ އާއި ފަޅޯގެ 13،000 ކިލޯ އާއި ކިއުކަމްބާގެ 10،000 ކިލޯ އާއި ގިތެޔޮ މިރުހުގެ 2،000 ކިލޯ މި އަހަރުގެ ރޯދަ މަހު ތޮއްޑޫން އުފެއްދޭނެ ކަމަށް އެރަށު ކައުންސިލުން ލަފާކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލި
13 March 2023
މިހާރުވެސް ބޭނުން ވަރަކަށް ކަރާ ލިބޭ.
ކެމިކަލް އަލީ
13 March 2023
ކިހާވަރެއްގެ ކެމިކަލް ތިބިމަށް އޮއްސައިގެންބާ ތިހާ ގިނަ ޓަނުގެ ކަރާ ތިއުފައްދަނީ؟ ތިހުރިހާ ކެމިކަލް ކައިގެން ދިވެހިން ކެންސަރު ޖެހިގެން ދެން ފަރުވާކުރަން އަވައްޓެރި ގައުމަކަށް ދިޔައިމާ އެތަނުން ދިވެހިން ފެލާލައިގެން އާސަންދަ ހުސްކޮށްލަނީ. މިއީ ހުސްނުވާ އާސަންދަ ހުސްވާ ގޮތަކީ
ހައްޕު
12 March 2023
ތޮއްޑޫ އިބުރާ އަނެއްކާ ލިޔަންފެށީ ދޯ.
ރަދީފްއޮފިޝަލް
12 March 2023
ތަމެން 20000 ޓަނު ގެނަޔަސް އަގު ހެޔޮ ނުވޭ.އެހެންވީމަ ޓަނޭ ހަންގަނޑޭ ނުކިޔާ.
ނުއާ
12 March 2023
އެވަރުން ލިބިގެން ރޯދަމަހު އަގުހެޔޮވާނެބާ..
އޮނަރަބްލް އަފީފު ދީދީ
12 March 2023
މާލޭސަރުކާރުން ރަނގަޅު ގޮތެއް ހޯދާދޭނެކަމަށް ބަލަން ނުތިބެ ތޮއްޑޫ ފަދަ ދަނޑުވެރިކަމާއި މަސްވެރި ރަށްރަށުން އެރަށުގެ ނުވަތަ އަތޮޅުގައި އުފައްދާ ތަކެތި ދަނޑުވެރިން އަމިއްލައަށް ކ.އަތޮޅު މާލެއަށް ގޮސްގެން ވިއްކުމުގެ ބަދަލުގައި "ގަންނާން ބޭނުން މީހާ އެރަށަކަށް އައިސްގެން" ތަކެތި ގަނެވޭނެ އިންތިޒާމް ރަށު ނުވަތަ އަތޮޅު ކައުންސިލާއި ދަނޑުވެރިން ގުޅިގެން ޤާއިމްކުރާން ޖެހޭ. އޭރުން ތަކެއްޗަށް ރަނގަޅު އަގު ހޯދަންވެސް ފަސޭހަވާނެ. ގެއްލުން ކުޑަކުރެވޭނެ.
ރެއްކާ
13 March 2023
ކަލޭ މިހާރު ތޮއްޑުއާ ހަސަދަލީ؟ ގޮސް ތަގެ ރަށުގަ ކަރާ ހައްދައިގެން ވިއްކަން އިނީމަ ވީނު
އަލްފާ ސިއެރާ
12 March 2023
ދިވެހި ދަނޑުވެރިންނަށް ހިއްވަރުދިނުމުގެ ގޮތުން ރާއްޖެއިން ބޭރުން ކަރާ އެތެރެކުރުން ދަތިވާނެ ކަހަލަ އުސޫލެއް ގެންގުޅުން ބުއްދިވެރި.
ކިރު ސައި
12 March 2023
ދިވެހި ދަނޑުވެރިންނަށް ހިއްވަރުދޭން ހަމައެކަނި ކަރާ ކާންވީނު. ބުއްދި އިސްކޮށްބަލަ
އޮނަރަބްލް އަފީފު ދީދީ
12 March 2023
އެމްޑީޕީ ޓިކެޓްގައިނިކުތްމީހާއަށް ރައްޔިތުންވޯޓްދިނީ މެނިފެސްޓޯގައިއޮތް ނޫއިޤްތިސޯދުގެދަށުގައިވާ އެގްރީވިޔަފާރިއަށް ފުރުސަތުލިބުމަށް ބޭނުންވާތީ. # އެހެންނަމަވެސް މެނިފެސްޓޯ ފިނދުދަށަށްލައިގެންހުރެ 5 އަހަރުނިންމާލަނީ ތޮއްޑޫމީހުންފަދަ ދަނޑުވެރިކަމަށް މަސައްކަތްކުރާފަރާތްތަކަށް މިދެންނެވި އެގްރީވިޔަފާރީގެ ނަފާލިބޭނެ އެއްވެސްކަމެއްކޮށްނުދީ. ދަނޑުވެރިކަމާއި މަސްވެރިކަމުގެ ރަށްރަށުން ހާލަތު ބަދަލު ކުރާން އަމިއްލައަށް އިސްނެންގެވުން ބުއްދިވެރި.
ގުދުގުދުލީބެއްޔާގެ ތެދުބަސް
12 March 2023
ޓަނުޓަނުން ކަރާ އާދޭ. އެކަމަކު ވަނީ އަގު ބޮޑު.
ގުދެއްނެތް މީހެއް.
12 March 2023
ނުޖެހޭ އަގު ހެޔޮކޮށް ވިއްކާކަށް. ކަލޭމެން ގެދޮރު ކުއްޔަށްދެނީ އަގުހެޔޮކޮށްތަ ؟
ބސބސ
12 March 2023
ތިވަރަށް ހުއްޓަސް އަގު ހުންނަނީ 20ރ އިން މަތީގައި. އިންޑިޔާ ކަރާ 15ރ އިން ދަށުގައި
ސީނު.
12 March 2023
އިންޑިޔާ އައުޓް ގޮބާފައި އިންޑިޔާ ކަރާ އިންތަ ؟