12 މާޗް 2023 - 13:32
އިސްލާމް ދީނާ މެދު ބަޔަކު ދެކޮޅުވެރިވެ ނަފްރަތު ކުރިޔަސް، އެންމެންގެ މެދުގައި ހަމަހަމަކަން ގާއިމުކޮށްދީ، ގޮތެއް ނެތި ހާލުގައި ޖެހިފައިވާ ރެފިއުޖީންގެ ހައްގުތައް ވެސް ފުރިހަމަ އަށް ހިމާޔަތްކޮށްދެނީ އިސްލާމް ދީންގައި ކަމަށް، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވެއްޖެ އެވެ.
މުސްލިމުންނާ މެދު ނަފްރަތު އުފެއްދުމާ ދެކޮޅު ބައިނަލްއަގުވާމީ ދުވަސް ފާހަގަކުރުމަށް އެމެރިކާގެ ނިއު ޔޯކްގައި ބޭއްވި ޚާއްސަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ މުސްލިމުންނާ މެދު ނަފްރަތު އުފެއްދުމުގެ އަމަލުތައް އެތައް ގޮތަކުން ހިނގަމުންދާ ކަމަށެވެ. މުއައްސަސާތަކުގެ ތެރޭގައި ވެސް އަދި، ހަމަ ދައުލަތްތަކުގައި ހަމަޖެހިފައި ހުންނަ އިންތިޒާމުތަކުގެ ތެރޭގައި ވެސް، މުސްލިމުންނާ މެދު ތަފާތު ކުރުމުގެ އަމަލުތައް ހިނގަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މުސްލިމުންނާ މެދު، ބައެއް ގައުމުތަކުގެ މީހުން ދެކޮޅުވެރިވެ ނަފްރަތު ކުރަނީ، އިތުރު އެހެން އެއްވެސް ސަބަބެއް ނެތި، ހަމައެކަނި މުސްލިމުން ގަބޫލުކުރާ އަގީދާގެ ސަބަބުން ކަމަށް، ވެސް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވި އެވެ.
من على منصة #الأمم_المتحدة.. أنطونيو غوتيريش الأمين العام يستشهد بآية من #القرآن الكريم pic.twitter.com/ekmTLNT5R6
— الجزيرة مباشر (@ajmubasher) March 11, 2023
ގުޓަރޭސް ވިދާޅުވި ގޮތުގައި ގައުމުތަކުގައި އިގްތިސާދީ ކަންކަމުގަ އާއި އިޖްތިމާއީ ކަންކަމުގައި ވެސް މުސްލިމުންނާ މެދު ތަފާތުކުރުމުގެ އަމަލުތައް ހިންގަ އެވެ. އަދި ގައުމުތަކަށް މީހުން އެތެރެވުމުގައި ގެންގުޅޭ ސިޔާސަތުތަކުގައި ވެސް މުސްލިމުންނާ މެދު ތަފާތުކުރުމުގެ ސިޔާސަތުތައް ހިނގާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން އެއްވެސް ބޭނުމެއް ނެތް ގޮތެއްގައި މުސްލިމުންގެ ހަރަކާތްތަކަށް ފާރަލައި ބެލުމާއި މުސްލިމުންގެ މައުލޫމާތު އެއްކޮށް ބެލެހެއްޓުމުގެ ކަންތައް ވެސް ބައެއް ގައުމުތަކުގައި ހިނގަ އެވެ.
"އެ ފަދަ ސިޔާސަތުތައް ފެތުރުމަށް އިތުރު ބާރަކަށް ވެގެން ދަނީ، މުސްލިމުންނާ ދެކޮޅަށް ވަކި ފަރާތަކަށް ޖެހިފައިވާ މީޑިއާތަކުގެ ސަބަބުން. އަދި މުސްލިމުންނާ ދެކޮޅަށް ބައެއް ސިޔާސީ ލީޑަރުން ގެންގުޅޭ ސިޔާސަތުތަކާއި ދައްކަވާ ވާހަކަތަކުގެ ސަބަބުންކަން ވަރަށް ލަދުވެތިކަމާ އެކު ފާހަގަކޮށްލަން،" ގުޓަރޭސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މުސްލިމުންނާ މެދު ނަފްރަތު އުފެދެނީ، އިސްލާމް ދީނުގައި މިންތީ ތަފާތުކުރުންތައް ހުރެގެން ކަމަށް ބުނެ އެ ދެ ކަންތައް ގުޅުވަން އުޅުމަކީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. އޭގެ ބަދަލުގައި ފެންނަމުން ދަނީ، އެމީހުންގެ ޖިންސާއި އެމީހުންގެ ވަންހަ އާއި އެމީހުން ގަބޫލުކުރާ އަގީދާގެ ސަބަބުން މުސްލިމް އަންހެނުންނާ މެދު ބޮޑެތި ތަފާތުކުރުންތަކެއް ގެންގުޅޭ މަންޒަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭގެ ބަދަލުގައި އިސްލާމް ދީނުގެ ތެރެއިން ފެންނަނީ އެންމެންގެ މެދުގައި ހަމަހަމަކަން ދަމަހައްޓައި އިންސާނިއްޔަތުކަން ފެތުރުމަށް މަސައްކަތް ކުރާ ހަގީގަތްތަކެއް ކަމަށް ވެސް ގުޓަރޭސް ވިދާޅުވި އެވެ.
"އަހަރެމެން މިތިބީ ރޯދަ މަހާ ބައްދަލުކުރުމަށް ކުޑަ ދުވަސްކޮޅަކަށް ވެފައި. އިސްލާމް ދީނުން މުޅި ދުނިޔެއަށް ފަތުރަމުން އަންނަތާ ސާސްކަފަކަށް ވުރެ ގިނަ ދުވަސްވީ، ސުލްހަ އާއި އޯގާތެރިކަމާއި އުފާވެރިކަމުގެ މެސެޖުން ދުނިޔޭގެ އެތައް ބަޔަކަށް ވަނީ އިލްހާމް ލިބިފައި. އިސްލާމް އެ ލަފްޒަކީ ވެސް ސަލާމް އާއި ސުލްހަ އިން ނެގިފައިވާ ނަމެއް،" ގުޓަރޭސް ވިދާޅުވި އެވެ.
"ރެފިއުޖީންނާ ބެހޭ އދ.ގެ ހައި ކޮމިޝަނަރުގެ މަގާމުގައި އަޅުގަނޑު ހުރި ދުވަސްވަރު، އަމިއްލަ ގައުމު ދޫކޮށް ރެފިއުޖީންގެ ގޮތުގައި ހިޖްރަކުރި މީހުންނަށް، އެހެން ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރި އިރު، މުސްލިމް ގައުމުތަކުން ވަނީ އެފަދަ މީހުންނަށް މަރުހަބާ ކިޔައި، އިސްލާމް ދީނުގައިވާ ދީލަތިކަން ސާބިތުކޮށްދީފައި."
އިސްލާމް ދީނުގައި، ޣައިރު މުސްލިމުންނާ މެދު ވެސް އަދުލުވެރިކަމާއި އޯގާތެރިކަމާ އެކު މުއާމަލާތު ކުރުމަށް އަންގަވައިފާކަމަށް އޭނާ ދަލީލު ދެއްކެވީ، ކީރިތި ގުރްއާނުގެ ތައުބާ ސޫރަތުގެ ހަ ވަނަ އާޔަތުގެ ތަރުޖަމާއިންނެވެ؛ " އަދި މުޝްރިކުންގެ ތެރެއިން އެއްވެސް މީހަކު، ކަލޭގެފާނުގެ އަރިހުން ރައްކާތެރިކަމަކަށް އެދިއްޖެނަމަ، ފަހެ، އެމީހަކު ﷲގެ ކަލާމްފުޅު އަހައިފުމަށް ދާނދެން އެމީހަކަށް ރައްކާތެރިކަން ދެއްވާށެވެ! ދެންފަހެ، އަމާންކަން ލިބިގެންވާ ތަނަކާ ހަމަޔަށް އެމީހަކު ގެންގޮސްދެއްވާށެވެ."
"މި ރައްކާތެރިކަމަކީ މުއުމިނުންނަށާއި، ﷲ އަށް އީމާންނުވާ މީހުންނަށް ވެސް ހަމަހަމަކާ އެކު އިސްލާމް ދީނުގައި ދެއްވާފައިވާ ރައްކާތެރިކަމެއް. ކީރިތި ގުރްއާނުން އެކަން ވެސް ފެންނަން އެބަ އޮތް. އދ. އިން 1951 ގައި ފާސްކުރި ރެފިއުޖީންނާ ބެހޭ މުއާހަދާގެ ވެސް އެތައް ގަރުނެއް ކުރިން، ރެފިއުޖީންނަށް ހިމާޔަތް ހޯދައިދީފައިވާ ކޮން ފަދަ ފުރިހަމަ އިބާރާތެއްތޯ މިއީ،" ގުޓަރޭސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަނަފީ
14 March 2023
މުސްލިމެއްގެ ގޮތުގައި ހުރެ އިސްލާމްދީނަށް އިހާނެތިވާގޮތަށް ބަސްބުނުމަކީ ކުރެވޭނެކަމެއްނޫން. އިސްލާމްދީނަކީ އަމާންކަމާއި ހަމަހަމަކަމާއި އޯގާތެރިކަމާއި އިންސާފުގެ ދީން. އެދީން ގޮވާލަނީ މީހުންގެ ފުރާނައާއި މުދަލާއި އަބުރު ރައްކާތެރިކުރުމަށް. ޖިހާދުކުރުން ނުވަތަ ހަގުރާމަކުރަންޖެހެނީ އިސްލާމްދީން ހިމާޔަތްކުރަން. ހަގުރާމައެއްގައިވެސް އަންހެނުންނާއި ކުޑަކުދިންނާއި މުސްކުޅިން މެރުމާއި، އަޅުކަންތައް ކުރާ ތަންތަން ޙަލާކުރުން ހުއްދައެއްނޫން.
އަޒީން މަޒީން
14 March 2023
މިހާރު ނޯވޯ މީހަކަށް ރަނގަޅަކަށްވެސް އެއްޗެއް ބުނެވޭކަށް. ފާޑު ނުކިޔާ އެއްކަމެއްވެސް ނޯވޭ. ބަލަގަ މުސްލިމުންނަށް ހެޔޮއެދިގެން އެއްޗެއް ބުނެފިއްޔާ ބަލައިގަންނަންވީ. މިއޮތީވާ ދުނިޔެއެއް. ހުސް މޮޅުމީހުން ދެރަ ހަމަ އެކަކުވެސްނެތް.
ަސޭޑް
14 March 2023
ދެފުށްދެގޮތް މީހެއް. މީހުންގެތާއީދުހޯދަން މިހެންކިޔާފަ އިންޑިޔާ، ފަލަސްތީނު އަދިއެހހެން ގައުމތަކުގަ މުސްލިމުންނަށް އަނިޔާކުރާ ބައިގަނޑާމެދު ފިޔަވަޅެއްނޭޅެ
ދޮންޑ
14 March 2023
އަހާއެވެ. އަހަރެމެންގެ ދީން ދަސްކޮށްދެނީ ތިޔަހެން މީހުންގެ އުނިކަންކަން ނުގޮވާށެވެ. އޭނާއަށްވެސް އެއަށްވުރެ ރަނގަޅު ވިސްނުންދެއްވުން އެދި މާތްﷲގެ ހަސްރަތުގައި ދަންނަވަމެވެ. އަދި ތިބާއާއި އަޅުގަނޑަށްވެސް މެއެވެ. އިސްލާމްދީން ކުރިއެރުވުމަށް އޮތް އުސޫލަކީ އޯޤާތެރިކަމާއިއެކު މިސާލުދެއްކުމެވެ.
ބެއްޖާ
14 March 2023
މުސްލިމަކަށް ނުވިއަސް މިމަނިކުފާނު އިސްލާމްދީނަށް ހައްގު ތާރީފުކޮށް އިސްލާމްދީނަކީ ރިވެތި އުސޫލުތަކާއި ހައްގުތަށް ކަށަވަރުކޮއްދީފައިވާ އަދި ބާތިލުން އެއްކިބާވެފައިވާ ދީނެއްކަން މޭރުންވާގޮތަށް ދެއްކެވި ވާހަކައިން ހަގީގަތުގައި ވަރަށް އުފާވެއްޖެ. މާތްﷲ މިމަނިކުފާނަށް އިސްލާމްދީނުގެ ހިދާޔަތް ދައްކަވާށި، އާމީން.
ސަލީމު އިދުރީސް
14 March 2023
އެހެނވެގެންދޯ މުސްލިމު ގައުމަތަކައް ރެފިއޫޖީން އެތެރެވީއަނުދީ އަދި އަޅެއްގެ ދަރަޖާގަ އެތެރެވާމީހަ އުމުރު ދުވަހު އުޅުނަސް ގައުމުގެ ރަވެސްކައްވެ އެ ގައުމުގެ ރައްވެސްކައް ލިބޭ ހައްގު ނުލިބެނީ! ގަތަރުކަހަލަ ކޮރަފުޓު ގައުމަކުން ފައިސާގަނޑެ ބޭނުންވެގެން އުޅޭ މީހަކާ ވައްތަރީ
ފޫހި
13 March 2023
މިގައުމުގައި މުސްލިމުންނޭ ކިޔައިގެން އުޅޭ ހައްގު ހޯދަން އެހެންގޮތެއް ހޯދަން އުޅޭ ބައިގަނޑަށް މިވަރުވެސް ނޭންގޭ. އިސްލާމްދީނަކީ އެންމެ ފުރިހަމަ ދީން.
އަމީނު
12 March 2023
މި ކަލޭގެއަށް ނުފެންނަނީބާ މުސްލިމުން މިސްކިތާ ހޮސްޕިޓަލާ ގޮއްވާ ވަރު
ގިނި
13 March 2023
އެމެރިކާއިން އުފެއްދި ޓެރަރިސްޓުން އެކަންކަން ކުރޭ ޕާކިސްތާން އަފްގާންފަދަ މުސްލިމު ބައެްް ގައުމުތައް ކުރިއެރިޔަ ނުދިނުމަށް
ހަތަރު
13 March 2023
ތިކަންތައް ކުރަނީ މުސްލިމުންގެ ނަމުގައި ތހިބޭ، ދީނުގެ ޢަދުއްވުން. ރަނގަޅަށް ބަލާފަ ވާހަކަ ދައްކާނީ.
މޮސާދު
13 March 2023
އިންޑިޔާ އަޑީގަ އޮވެގެން ޕާކިސްތާނުގައި ޓެރަރިސްޓް ހަރަކާތްތައް ކުރަނީ.
2023
12 March 2023
ތިވަރުގެ ހަމަޖެހޭ ވާހަކަ ދެއްކި މީހަކު އަދި ނުދެކެން... ގުޓްރޭސް ތީ މުސްލިމެއްތަ..... ބޮއިހަލަކި
ހީ
12 March 2023
އިސްލާމްދީނަށް ނަސްރު ލިބި މަތިވެރިވާނެ ގޮތް ހީނުކުރާ ގޮތްގޮތަށް މިދުނިޔެމަތީ ވަނީ ލައްވަވާފައި.