މެންޗެސްޓާ ސިޓީގެ އާލިން ހާލަންޑް (ވ) އަތުން ބޯޅަ ހޯދަން އާރްބީ ލީޕްޒިގުގެ ޖޮސްކޯ ގްވާޑިއޯލް ބޯޅައަށް މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ
15 މާޗް 2023 - 08:51
އާލިން ހާލަންޑުގެ ފަސް ގޯލާ އެކު ޖަރުމަނުގެ އާރްބީ ލީޕްޒިގް 7-0 އިން ބަލިކޮށް އިންގްލެންޑުގެ މެންޗެސްޓާ ސިޓީން، އަދި ޕޯޗުގަލްގެ ޕޯޓޯއާ 0-0 އިން އެއްވަރުކޮށް އިޓަލީގެ އިންޓަ މިލާނުން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ރޭ ޖާގަ ހޯދައިފި އެވެ.
ލީޕްޒީގްގެ ދަނޑުގައި އެ ޓީމާއި ސިޓީ ކުޅުނު ފުރަތަމަ ލެގު 1-1 އިން އެއްވަރުވެފައިވާތީ، ބެލެވުނީ ސިޓީ އަށް ގަދަ އަށަކަށް ދިއުމަށް ދެ ވަނަ ލެގުގައި ވެސް އޮންނާނީ އުނދަގޫ މަގެއް ކަމަށެވެ. އެކަމަކު ސިޓީން ހޯދި އެއަށް ވުރެ މާ ފަސޭހަ މޮޅެކެވެ.
ހާލަންޑް ރޭ ޖެހި ފަސް ގޯލާ އެކު، އޭނާ ވަނީ ޗެމްޕިއަންސް ލީގުގެ އެއް މެޗެއްގައި އެ އަދަދަށް ލަނޑު ޖަހައިގެން ހަތަރު ކުޅުންތެރިޔަކު ހަދާފައިވާ ރެކޯޑާ އެއްވަރުކޮށްފަ އެވެ. އެ ކުޅުންތެރިންނަކީ އާޖެންޓީނާގެ ލިއޮނަލް މެސީ، ބްރެޒިލްގެ ލުއިޒް އެޑްރިއާނޯ، ޗެކް ރިޕަބްލިކުގެ ޑޭވިޑް ލަފަޓާ އަދި ލެޓްވިއާގެ މިހައިލިސް މިހޮލަޕްސް އެވެ.
ރޭގެ މެޗުގައި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ހާލަންޑް 63 ވަނަ މިނެޓުގައި ބަދަލުކޮށްފަ އެވެ. އޭނާ އަށް އިތުރު ވަގުތު ދިން ނަމަ އެ ރެކޯޑް މުގުރާލީސް ކަމަށް ބެލެވެ އެވެ.
ހާލަންޑް މެޗަށް ފަހު ބުނީ، ޑަބަލް ހެޓްރިކެއް ހަދަން ބޭނުންވާ ކަމަށާއި ކޯޗު ގާތު ބުނި ކަމަށާއި އެކަމުގައި އޭނާގެ ބާރެއް ނެތް ކަމަށެވެ. އެ ވާހަކަތަކަށް، ޖަވާބުދެމުން ސަމާސާ ރާގެއްގައި ގާޑިއޯލާ ބުނީ އުމުރުން 23 އަހަރު ނުވަނީސް ހާލަންޑް ހުރިހާ ރެކޯޑެއް މުގުރާލައިފިއްޔާ އޭނާ އަށް ދެން އޮންނާނީ ފޫހި ދުވަސްތަކެއް ކަމަށެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި އެ ޓީމަށް ހާލަންޑް ލީޑު ނަގައިދިނީ 22 ވަނަ މިނެޓުގައި ޕެނަލްޓީއަކުންނެވެ. އޭގެ ދެ މިނެޓު ފަހުން އޭނާ ލީޑު ފުޅާކުރި އެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭ ހެޓްރިކް ފުރިހަމަކުރި އެވެ.
ސިޓީގެ ހަތަރު ވަނަ ގޯލް 49 ވަނަ މިނެޓުގައި އިލްކޭ ގުންޑޮގާން ޖަހާފައި އޮއްވާ ހާލަންޑް އޭނާގެ ގޯލުގެ އަދަދު އިތުރުކުރީ 53 ވަނަ މިނެޓާއި 57 ވަނަ މިނެޓުގައު ޖެހި ގޯލްތަކުންނެވެ. ސިޓީގެ ފަހު ގޯލް އިތުރު ވަގުތުގެ ތެރޭ ޖެހީ ކެވިން ޑި ބްރޭނާ އެވެ.
މުބާރާތް 2010 ވަނަ އަހަރު ކާމިޔާބުކުރި އިންޓަ ކުއާޓާ އިން ފައިނަލަށް ދަތުރުކުރީ ރޭ ޕޯޓޯއާ ލަނޑެއް ނުޖެހި އެއްވަރުވި ނަމަވެސް، ފުރަތަމަ ލެގުން 1-0 އިން މޮޅުވެފައިވާތީ ދެ ލެގުގެ އެގްރިގޭޓުން ކުރި ލިބުމުންނެވެ. އިންޓަގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގައި އެ ޓީމުގެ ހަމައެކަނި ލަނޑު 86 ވަނަ މިނެޓުގައި ޖެހީ ރޮމެލޫ ލުކާކޫ އެވެ.
ލީގުގައި ފޯމު ދަށްވެފައި އޮތް އިންޓަ، ޗެމްޕިއަންސް ލީގުގައި ރަނގަޅަށް މަގާމަކަށް ދިއުމާ އެކު ކޯޗު ސިމޯނީ އިންޒާގީގެ މަގާމުގެ ޔަގީންކަން މިވަގުތަށް ވަނީ ލިބިފަ އެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާގެ ޖާގަތައް މިހާތަނަށް ހޯދާފައިވަނީ ސިޓީ އާއި އިންޓަގެ އިތުރުން އިންގްލެންޑުގެ ޗެލްސީ އާއި ޖަރުމަނުގެ ބަޔާން މިއުނިކާއި ޕޯޗުގަލްގެ ބެންފީކާ އަދި އިޓަލީގެ އޭސީ މިލާނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy