ކުޅިވަރު / ޗެމްޕިއަންސް ލީގު

ކްލޮޕް ބުނި ބަސް ސީދާ ނުވެ، ލިވަޕޫލަށް މާޔޫސްކަން

"އަންނަ އަހަރުގެ [ޗެމްޕިއަންސް ލީގު ފައިނަލް] އޮތީ ކޮންތާކު؟ އިސްތަންބޫލްގަ ތަ؟ އަވަހަށް ހޮޓާ ބުކް ކުރޭ."

މިއީ މީގެ 10 މަސް ކުރިން، މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ފައިނަލް މެޗުގައި ރެއާލް މެޑްރިޑް އަތުން 1-0 އިން ބަލިވުމުން، މީޑިއާއާ ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނި ވާހަކަ އެވެ. ކްލޮޕް ޔަގީންކޮށްގެން ހުރީ މި ސީޒަނުގައި، އެކަން ބަދަލުކުރެވި ލިވަޕޫލަށް ތަށި ހޯދޭނެ ކަމަށެވެ.

އެހެން ނަމަވެސް މި ސީޒަންގެ މުބާރާތުގެ ދެ ވަނަ ބުރުން ރޭ ހަމަ ރެއާލް އަތުން 6-2 ގެ އެގްރިގޭޓަކުން ބަލިވެ، ލިވަޕޫލް މިވަނީ ކުއާޓާ ފައިނަލަށް ނުގޮސް މުބާރާތް ނިންމާލަން ޖެހިފަ އެވެ. މިއާ އެކު ސޯޝަލް މީޑިއާގައި އިދިކޮޅު ސަޕޯޓަރުންގެ ފަރާތުން ކްލޮޕް އަށް ވަނީ ބޮޑެތި ފާޑުކިޔުންތައް ވެސް އަމާޒު ވެފަ އެވެ.

ރެއާލާ ދެކޮޅަށް ފުރަތަމަ ލެގުގައި މިދިޔަ މަހު އަމިއްލަ ދަނޑުގައި 5-2 ގެ ބޮޑު ތަފާތަކުން ލިވަޕޫލް ބަލިވީ، އެޓީމުން ވަރަށް ކުރީކޮޅު ދެ ގޯލުގެ ލީޑެއް ނަގާފައި ވަނިކޮށް ރެއާލުން ފަހަތުން އަރައި ޖެހި ގޯލުތަކުންނެވެ. މި މެޗަށް ފަހު ކްލޮޕް ވަނީ އެޓީމަށް ކުއާޓާގެ ޖާގައެއް ހޯދިދާނެ ކަމާމެދު މުޅިންހެން އުއްމީދު ކަނޑާލައިފަ އެވެ. އެކަމަކު ދެ ވަނަ ލެގަށް ނުކުތުމުގެ ކުރިން ކްލޮޕް ބުނީ ނަތީޖާ އަނބުރާލުމުގެ އެންމެ ޕަސެންޓެއް އޮތަސް އޭގެ ބޭނުން ހިފާނެ ކަމަށެވެ.

ދެ ވަނަ ލެގުގައި ލިވަޕޫލަށް ކުރީކޮޅު ލީޑު ނަގަން ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. މި މެޗުގައި 1-0 އިން ރެއާލް މޮޅުވި އިރު، ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ މުހިއްމު ސޭވްތަކެއް ކޮށްފަ އެވެ.

"ކުރިއަށް ދާން ބޭނުން ނަމަ 5-2 އިން ފަހަތުގައި އޮތުމަކީ އެންމެ ރަނގަޅު ހާލަތެއް ނޫން. ނަތީޖާ އަނބުރާލަން ބޭނުން ނަމަ ހާއްސަ ކުޅުމެއް ދައްކަން ޖެހޭ. އެކަން އަހަރެމެންނަކަށް ނުވި. އެންމެ ރަނގަޅު ފުރުސަތުތައް ހޯދީ ރެއާލް މެޑްރިޑުން. އަހަރެމެންގެ އެލިސަން ގެ ފަރާތުން މޮޑު ސޭވްތަކެއް ވެސް ފެނުނު. އެންމެ ރަނގަޅު ޓީމު އެ ދިޔައީ، އެކަން ގަބޫލު ކުރަން. ނޮކައުޓް ބުރުގެ މެޗްތައް ވާނީ މިހެން، މިއީ އަހަރެމެން ބޭނުންވި ނަތީޖާއެއް ނޫން، އެކަމު ލިބުނީ މި ނަތީޖާ،" މެޗަށް ފަހު މީޑިއާއާ ވާހަކަ ދައްކަމުން ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނީ މިކަހަލަ މެޗުތަކުގައި ހާއްސަ ވަގުތުކޮޅުތަކެއް ހޯދަން ޖެހޭ ކަމަށާއި ފުރަތަމަ ހާފުގައި ގޯލެއް ޖެހުނު ނަމަ ކޮންމެވެސް ވަރެއްގެ ހިތްވަރެއް ލިބުނީސް ކަމަށެވެ.

"އެކަމަކު އެކަން ހާސިލެއް ނުވި. ދެ ލެގުގައި ކުޅުނު ހަތަރު ހާފުގެ ތެރެއިން ތިން ހާފުގައި މޮޅަށް ކުޅުނު ޓީމަކީ ރެއާލް މެޑްރިޑް، އެހެންވެ އެޓީމު ކުރިޔަށް އެ ދިޔައީ. އަހަރެމެން އަމިއްލަ ދަނޑުގައި އެއްވަރު ކޮށްލައިފައި ދެ ވަނަ ލެގުގައި ކުޅުނު ކުޅުމާ އެކު ވެސް ކުއާޓާ އަށް ދެވުނީސް ހެން ހީވަނީ. އެކަމަކު މިތަނަށް [ރެއާލްގެ ދަނޑަށް] އައިސް ބޭނުންވާ ވަކި ކަމެއް ހާސިލް ވާނެ ކަމަށް ނުދެކެވޭނެ."

ކްލޮޕް އިތުރަށް ބުނީ ދެވަނަ ލެގަށް ހާއްސަ ޕްލޭނެއް ތައްޔާރު ކުރި ނަމަވެސް އޭނާގެ ޕްލޭނާ އެއްގޮތަށް ކަންކަން ނުދިޔަ ކަމަށެވެ.

ފާއިތުވި ތިން ސީޒަން ގައި ވެސް ލިވަޕޫލް ޗެމްޕިއަންސް ލީގުން ބޭރު ކޮށްލީ ރެއާލް މެޑްރިޑެވެ. މިދިޔަ ސީޒަންގެ ފައިނަލް ގައި ރެއާލްގެ އަތްދަށުވި އިރު، އޭގެ ކުރީ ސީޒަން ގައި ރެއާލް އަތުން ބަލިވީ ކުއާޓާ ފައިނަލުގައި ވާދަ ކޮށްގެންނެވެ.

ކްލޮޕް އާއެކު ލިވަޕޫލް ވަނީ ޗެމްޕިއަންސް ލީގު ފައިނަލް ގައި ތިން ފަހަރު ވާދަ ކޮށްފަ އެވެ. އެންމެ ފުރަތަމަ 2018 ވަނަ އަހަރު ފައިނަލް ގައި ބަލިވީ ވެސް ރެއާލް އަތުންނެވެ. ނަމަވެސް ޖެހިގެން އައި އަހަރުގެ ފައިނަލް ގައި ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް ކުޅެ ކާމިޔާބު ހޯދި އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454