ފުރަތަމަ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އީގަލްސްގެ އަހުމަދު ހުސެއިން، މޭން އޮފް ދަ މެޗް ޓްރޮފީއާ ހަވާލވަނީ.-- ފޮޓޯ: އެފްއޭއެމް
01 އެޕްރީލް 2023 - 12:29
ކުރީގެ ކުޅުންތެރިންނަށް ހާއްސަ ކޮށްގެން ރޯދަ މަހު ބާއްވާ ވެޓެރަންސް ލީގުގެ މި އަހަރުގެ ފުރަތަމަ މެޗުގައި ކްލަބް އީގަލްސް އިން 3-1 އިން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބަލިކޮށްފި އެވެ.
އެފްއޭއެމް އެއް ނަމްބަރު ޓާފް ދަނޑުގައި ހުކުރު ދުވަހުގެ ހަވީރު ފެށި މުބާރާތުގެ ފުރަތަމަ މެޗުގައި، އީގަލްސް ވަނީ ފުރަތަމަ ހާފުގައި ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. އަހުމަދު ހުސެއިން ފުރަތަމަ ލަނޑު ޖަހައިދީފައި ވަނިކޮށް ލީޑު ފުޅާ ކޮށްދިނީ އަހުމަދު ތަހުލީމް އެވެ.
ދެ ވަނަ ހާފު ފަށައިގެން އީގަލްސް އަށް ތިންވަނަ ލަނޑު ޖަހައިދިނީ، ފުރަތަމަ ލަނޑު ވެސް ޖަހައިދިން އަހުމަދު ހުސެއިން އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ. މެޗު ނިމެނިކޮށް ދަ ގްރާންޑޭގެ ހަމައެކަނި ލަނޑު ޖަހައިދިނީ ހުސެއިން ޝަރީފް އެވެ.
މި އަހަރުގެ މުބާރާތުގައި 11 ޓީމެއް ބައިވެރި ވެފައި ވެއެވެ. ނަމަވެސް ފަސް ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ، މުބާރާތުގެ އެންމެ ކާމިޔާބު ކްލަބް ވެލެންސިއާ މި އަހަރުގެ މުބާރާތުގައި ވާދައެއް ނުކުރެ އެވެ.
މި އަހަރުގެ މުބާރާތުގައި ބައިވެރި ވެފައިވާ ޓީމުތައް ވަނީ ތިން ގުރޫޕަކަށް ބަހާލައިފަ އެވެ. ގުރޫޕް އޭ ގައި ހިމެނެނީ އީގަލްސް އާއި ދަ ގްރާންޑޭގެ އިތުރުން މުޅިން އަލަށް ވެޓެރަންސް މުބާރާތުގައި ވާދަ ކުރާ ބުރު ސްޕޯޓްސް ކްލަބެވެ.
މިދިޔަ އަހަރު ޗެމްޕިއަންކަން ހޯދި ހުޅުމާލެ ވެޓެރަންސް ކްލަބް އޮތީ ގުރޫޕް ބީގަ އެވެ. މި ގުރޫޕް ގައި ދެން ހިމެނެނީ ދިވެހި ސިފައިންގެ ކްލަބާއި ސްޓެލްކޯ އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ. ގުރޫޕް ސީ ގައި ހިމެނެނީ މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) އާއި ހުއްރިއްޔާ ގެ އިތުރުން ކްލަބް ގްރީން ސްޓްރީޓްސް އަދި ޕޮލިސް ކްލަބެވެ.
ގުރޫޕް އޭ އިން ދެ ޓީމު ނޮކައުޓް ބުރަށް ދަތުރު ކުރާއިރު، ގުރޫޕް ބީ އަދި ގުރޫޕް ސީ އިން ވެސް ތިން ޓީމަށް ނޮކައުޓް ބުރުގެ ޖާގަ ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރެކިފުތާ
02 April 2023
ތިޔަ މުބާރާތަކީ މީގެ 10 ވަރަކަށްއަހަރުކުރިން ވަރަށް ފަޯރިގަދަ މުބާރާތެއް. ފުޓުބޯޅައަށް ސަޕޯޓްކުރާވަރަށްގިނައަދަދެއްގެ ބަޔަކު މިމުބާރާތް ބެލުމަށް އޭރުގައި ދަނޑަށްވެދޭ. ސަބަބަކީ ރާއްޖޭގެ ފުޓުބޯޅައިގެ ރަންޒަމާން އެންމެފޯރިގަދަދުވަސްވަރު ކުޅެފައިތިބި ކުޅުންތެރިންގެ ކުޅުންބަލާލުމަށާއި ރާއްޖޭގެ އެންމެ މަޝްހޫރު އެންމެ ކާމިޔާބު ކްލަބަތައްކަމުގައިވާ ވިކްޓްރީ، ނިޔު، ވެލެންސިއާ، ލެގޫންސް، ހުއްރިޔާ، މާޒީޔާ، އީގަލްސްފަދަ ކުލަބްތައް މިމުބާރާތުގައި ކުޅޭތީވެ.