ރިޕޯޓް

ބޯހިމެނުމުން ފެނުނީ ދިވެހިންނަށް އޮތް ނިކަމެތި ކުރިމަގު

ބިދޭސީން ގަވައިދަށް ފެއްތުމަށް ހިންގި ޕްރޮގްރާމެއްގައި ބިދޭސީން ގަލޮޅު ދަނޑަށް ޖަމާވެފައި: ބޯހިމެނުމުގެ ނަތީޖާއިން ދައްކަނީ ދިވެހިން އާބާދީގެ މައްޗަށް ބިދޭސީން ކުރި ހޯދަމުން އަންނަތަން. -- ފޮޓޯ: މިހާރު

ރާއްޖޭގައި މިހާރު ކޮންމެ ތިން ދިވެއްސަކަށް ބިދޭސީއަކު އެބަ އުޅެ އެވެ؛ މިއީ މި އަހަރުގެ ބޯހިމެނުމުގެ ވަގުތީ ނަތީޖާއިން އެންމެ ގިނަ ބަޔަކު ކަންބޮޑުވި އެއް ނަންބަރަށް ވެދާނެ އެވެ. ހިތާމައަކީ އަދި ބިރަކީ އަދި މި ނަންބަރާ ހިސާބުން މިކަން ނިމެން ނެތް ކަމެވެ.

އުފަންވާ ރޭޓް ދަށްވަނީ އެވެ. ޑިޕެންޑެންސީ ރޭޝިއޯ މަތިވަނީ އެވެ. މާލެއަަށް މުޅި ރާއްޖޭގެ އާބާދީ ތޮއްޖެހެނީ އެވެ.

މިދިޔަ ނުވަ އަހަރުން ދިވެހިންގެ އާބާދީއަށް އިތުރުވީ "އެންމެ 44،317" އެވެ. ހުއްޓުމެއް ނެތި އިތުރުވަމުންދާ ބިދޭސީންގެ ތެރެއަށް 69،301 އިތުރަށް އަތުވެއްޖެ އެވެ. މިއީ ދެ ގުނަ އިތުރުވުމެކެވެ. ދިވެހިންގެ އާބާދީ އިތުރުވާ ރޭޓް ހުރީ 1.5 ޕަސެންޓުގަ އެވެ.

ރާއްޖޭގައި އެންމެ ފަހުން، 2014 ވަނަ އަހަރު ބޯހިމެނިއިރު އާބާދީ އަކީ 402،071 އެވެ. އެއީ 338,434 ދިވެހިންނާއި 63,637 ބިދޭސީންނެވެ. މިހާރު ތިބީ 382,751 ދިވެހިންނާއި 132,371 ބިދޭސީން ކަމަށެވެ. ރާއްޖޭގެ އާބާދީ ބައި މިލިއަން ފަހަނަޅައި ދިއުމުގައި ބޮޑު ހިއްސާއަކަށްވީ ބިދޭސީންނެވެ.

ދިވެހިންނާއި ބިދޭސީން ވެސް މާލެ ސަރަހައްދަށް ޖަމާވެ މުޅި އާބާދީގެ 41 ޕަސެންޓް މާލެ ސަރަހައްދުގައި އުޅުން އެއީ ބޯހިމެނުމުގެ ނަތީޖާއިން އަޅުގަނޑަށް ފެނުނު ކަންބޮޑުވާ ނަންބަރެއް. އެއީ މިހެން އާބާދީ ތޮއްޖެހުމުންދާ ނަމަ ސިއްހީ ކަންކަމާއި ތައުލީމާއި ފެނާއި ކަރަންޓާއި ބޯހިޔާވަހިކަން ފަދަ ހުރިހާ ކަމެއް ވެސް މެނޭޖުކުރުން ވާނީ ބޮޑު ގޮންޖެހުމަކަށް،"

ބޯހިމެނުމުގެ ވަގުތީ ނަތީޖާއަށް ބަލާއިރު އެންމެ ބޮޑަށް ފާހަގަވާ ކަމަކީ ނުވަތަ ނަންބަރަކީ ކޮބައިތޯ ސުވާލުކުރުމުން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަން އައިޝަތު ހަސަން ވެސް ވިދާޅުވީ އެއީ ދިވެހިންގެ އާބާދީ އިތުރުވާ ރޭޓް ދަށްވުމާއި ބިދޭސީންގެ އަދަދު ގިނަވުން ކަމަށެވެ.

"ދިވެހިންނާއި ބިދޭސީން ވެސް މާލެ ސަރަހައްދަށް ޖަމާވެ މުޅި އާބާދީގެ 41 ޕަސެންޓް މާލެ ސަރަހައްދުގައި އުޅުން އެއީ ބޯހިމެނުމުގެ ނަތީޖާއިން އަޅުގަނޑަށް ފެނުނު ކަންބޮޑުވާ ނަންބަރެއް. އެއީ މިހެން އާބާދީ ތޮއްޖެހުމުންދާ ނަމަ ސިއްހީ ކަންކަމާއި ތައުލީމާއި ފެނާއި ކަރަންޓާއި ބޯހިޔާވަހިކަން ފަދަ ހުރިހާ ކަމެއް ވެސް މެނޭޖުކުރުން ވާނީ ބޮޑު ގޮންޖެހުމަކަށް،" އޭނާ ވިދާޅުވި އެވެ.

ފެންނަން ހުރި ކަންބޮޑުވުންތަކުގެ ތެރެއިން އައިޝަތު ފާހަގަކުރެއްވި އެއް ކަމަކީ ވަޒީފާ އަދާކުރާ "ޕީކް ވާކިން އޭޖް" ނުވަތަ އެންމެ އުފެއްދުންތެރި އުމުރުގެ މީހުންގެ ތެރޭގައި ދިވެހިންނަށް ވުރެ މިހާރު ބިދޭސީން ގިނަވެފައިވާ ކަމެވެ. މިއީ ވެސް ވަޒީފާގެ ބާޒާރުން ދިވެހިންގެ ކޮންޓްރޯލް ގެއްލުމުގެ ސިގްނަލެއްގެ ގޮތުގައި ފެނެ އެވެ.

އައިޝަތު ވިދާޅުވީ ކުޑަކުދިން އާބާދީ މަދުވަމުންދާކަން ހިސާބުތަކުން ފެންނާތީ މިއީ ކުރިއަށް އޮތް ތަނުގައި ދިވެހިންގެ މަސައްކަތު އާބާދީ އަދިވެސް އިތުރަށް ކުޑަވާނެ ސަބަބަކަށް ވެސް ވާނެ އެވެ.

އޭނާ ވިދާޅުވީ ވަޒީފާ އަދާކުރުމަށް ފިރިހެނުން ރިސޯޓްތަކާއި ސިނާއީ ރަށްތަކަށް އަދި މާލެއަށް ދިއުމުގެ ސަބަބުން ރަށްރަށުގައި ފިރިހެނުންނަށް ވުރެ އަންހެނުން ގިނަވެ އިޖުތިމާއި އެކި މައްސަލަތަކަށް މަގު ފަހިވުމަކީ ވެސް ފެންނަ އޮތް ކަންބޮޑުވުމެއް ކަމަށެވެ.

ނުރައްކަލުގެ މައްޗަށް ނުރައްކާ

ބޯހިމެނުމުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގައި ކުޑަކުދިންގެ ނިސްބަތް މިހާރު ހުރީ އެންމެ 26 ޕަސެންޓުގަ އެވެ. އެއީ 2014 ވަނަ އަހަރު ބޯހިމެނިއިރު ހުރި ވަރަށް ވުރެ ދެ ޕަސެންޓުގެ ދަށްވުމެކެވެ. މި ބަދަލު އައި އިރު ވަޒީފާ އަދާކުރާ އުމުރުގެ އާބާދީ މިހާރު ވަނީ ޖުމްލަ އާބާދީގެ 69 ޕަސެންޓަށް ބޮޑުވެފަ އެވެ. އުމުރުން ދުވަސްވީ މީހުންގެ އާބާދީ ހުރީ ފަސް ޕަސެންޓުގައި ހިފެހެއްޓިފަ އެވެ.

ކުޑަކުދިންގެ އާބާދީ މަދުވުމަކީ ހަމައެކަނި ތަފާސްހިސާބުން ފެންނަ ތަފާތު ކަމެއްގެ ގޮތުގައި ބަލާފައި ނިންމާލެވޭކަށް ނެތެވެ. އެއީ ގައުމުގެ ކުރިމަގަށް ވިސްނާއިރު ކަންބޮޑުވުން އޮތް ސީރިއަސް މައްސަލަތަކެއްގެ ފެށުމުގެ އިންޒާރެވެ. މައިގަނޑު ގޮތެއްގައި، އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ކުރިމަތިވާނެ ގޮންޖެހުންތަކެއްގެ ފެށުމެވެ. އެންމެ ކުރުކޮށް ބުނާ ނަމަ މި ފެށެނީ ވަޒީފާ އަދާކުރާނެ ޒުވާނުން މަދުވެ، ބަލަހައްޓަންޖެހޭ އުމުރުން ދުވަސްވީ މީހުން ގިނަވާށެވެ. ބިދޭސީން ގިނަވާތީ ކަންބޮޑުވިޔަސް ބިދޭސީން ގެނެސްގެން ނޫން ގޮތަށް ވަޒީފާތަކަށް މީހުން ލިބޭނެ ގޮތެއް ވެސް އޭރުން ނޯންނާނެތީ ބިދޭސީންގެ ބާރު ގަދަވުން ނޫން ގޮތެއް ވެސް ނޯންނާނެ އެވެ.

ބޯހިމެނުމުން ދެއްކި ގޮތުގައި ވަޒީފާ އަދާކުރާ އުމުރުގެ ކޮންމެ 100 މީހަކަށް، ބަލަހައްޓަންޖެހޭ ނުވަތަ ޑިޕެންޑްވާ 46 މީހުން މިހާރު އެބަތިއްބެވެ. މާނަ އަކީ ވަޒީފާ އަދާކުރާ ކޮންމެ ދެ މީހަކަށް ޑިޕެންޑެންޓެއް ހުރުމެވެ. މި ރޭޓްގައި ކުރިއަށްދާ ނަމަ، ވަޒީފާ އަދާކުރާ މީހުންނަށް އުފުލަންޖެހޭ ބުރަ ހައްތާ ދާނީ ބޮޑުވަމުންނެވެ.

ޑިޕެންޑެންޓުންގެ ގޮތުގައި ބަލަނީ އުމުރުން 15 އަހަރުން ދަށާއި އުމުރުން 65 އަހަރުން މަތީގެ މީހުންނެވެ. ވަޒީފާ އަދާކުރާ އުމުރުގެ ގޮތުގައި ބަލަނީ 15-64 އަހަރާ ދެމެދުގެ މީހުންނެވެ.

މި ޓްރެންޑް މިގޮތަށް ކުރިއަށްދާ ނަމަ، އުމުރުން ދުވަސްވީ މީހުންގެ ޕެންޝަނާއި ބޭސްފަރުވާ އާއި މި ނޫން ވެސް މިފަދަ ހުރިހާ ކަމަކަށް ކުރާ ހޭދަ އޮބި ނޯންނަ ވަރަށް ބޮޑުވާނެ އެވެ. އެކަމަކު އެ ފައިސާ ހޯދަން މަސައްކަތްކުރާނެ އާބާދީ ކުޑަވުމުން ޓެކްސްތައް ބޮޑުކުރުން ފަދަ ކަންކަމުން ދައުލަތަށް އާމްދަނީ އިތުރުކުރަން މަޖުބޫރުވާނެ އެވެ.

އާބާދީ އިތުރުކުރުމުގެ ވިސްނުން

އާބާދީ އިތުރުވާ ރޭޓް ދަށްވާ ނަމަ އެއާ އެކު ދެން ދައްކާނީ ގިނައިން ދަރިން ހޯދުމުގެ ވާހަކަ އެވެ. ސަރުކާރުގެ އެކި ފެންވަރުގެ ބޭފުޅުން މީގެ ކުރިން ވެސް މި ވާހަކަ ކޮންމެވެސް ވަރަކަށް ދައްކަވައިފި އެވެ.

އެކަމަކު ބޯހިމެނުމުގެ ހިސާބުތަކުން ދެއްކީ މިކަމާ އެންމެ ބޮޑަށް ގުޅުން އޮތް ތޮއްޖެހުން ބޮޑުކަމުގެ މައްސަލަ އަދިވެސް ގޯސްވާ ކަމަށެވެ. ރާއްޖޭގެ މުޅި އާބާދީގެ 41 ޕަސެންޓް މާލޭގައި އުޅެމުން ދާއިރު، ބޯހިޔާވަހިކަމުގެ އުންމީދެއް ކިރިޔާ ވެސް އޮތް ހުޅުމާލޭގެ އާބާދީ ރާސްލާފައި ދަނީ މައްޗަށެވެ. މާލޭގެ އަވަށްތަކުގެ ނިސްބަތުން އާބާދީ އެންމެ ބޮޑީ މިހާރު ހުޅުމާލޭގަ އެވެ. ވިލިމާލޭގެ އާބާދީ މިދިޔަ ނުވަ އަހަރު ތެރޭ 2.10 ޕަސެންޓް ދަށަށް ދިޔައިރު ހުޅުމާލެ ފިޔަވައި މާލޭގެ އެހެން އަވަށްތަކުގެ އާބާދީ އިތުރުވީ 1.09 ޕަސެންޓަށެވެ. އެކަމަކު މާލޭގައި މިހާރު ޖާގައެއް އޮތް ހަމައެކަނި ތަން ކަމަށްވާ ހުޅުމާލޭގެ އާބާދީ 17 ޕަސެންޓަށް ބޮޑުވި އެވެ.

ތޮއްޖެހިފައިވާ މާލެ އިތުރަށް ތޮއްޖެހުނަ ނުދޭން ކުރެވޭ ކަމެއް ނެތްކަން ފެންނަނީ އަތޮޅުތެރޭގެ އާބާދީ ނުވަ އަހަރުން އެންމެ 0.7 ޕަސެންޓަށް އުފުލުނަސް މާލޭގެ އާބާދީ 2.7 ޕަސެންޓަށް އުފުލިފައި ވާތީ އެވެ. މުޅި ރާއްޖޭގެ އާބާދީ އިތުރުވި ރޭޓަކީ 1.5 ޕަސެންޓެވެ.

މުޅި ރާއްޖޭގެ އާބާދީގައި ކުޑަކުދިން އެންމެ ގިނައީ ރަށްރަށުގައި ކަމަށް ވުމާއި 25-29 އަހަރާ ދެމެދުގެ ޒުވާނުން އެންމެ ގިނައީ މާލޭގައި ކަމަށް ވުމަކީ އާބާދީ ތޮއްޖެހުމަކީ ދަރިން ހޯދުން މަދުވުމުގެ ސަބަބެއްގެ ގޮތުގައި ވެސް ފެންނަން އެބަ އޮތެވެ. އެކަމަކު މިއާ އެކު ޝައުގުވެރި އެހެން ނަންބަރެއް ވެސް އެބަ އޮތެވެ. ނުވަ އަހަރު ކުރިން ބޯހިމެނިއިރު ގޭބިސީއެއްގައި އުޅޭ އެވްރެޖް އަދަދަކީ 5.2 މީހުންނެވެ. އެކަމަކު މިހާރު މި އަދަދު 4.7 އަށް ވަނީ ދަށްވެފަ އެވެ. މާލެ އާއި އަތޮޅުތައް ވަކިން ބަލާއިރު މާލޭގައި މި ރޭޝިއޯ އަކީ 4.5 އެވެ. ރަށްރަށުގައި 4.8 އެވެ. އާއިލާތަކަށް އިތުރެއް ނުވެ އެވެ.

އުފަންވާ ރޭޓް ދަށްވެ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ދާތީ ފިޔަވަޅުތައް އަޅަމުން އަންނަ އޭޝިއާގެ ގައުމުތައް ގިނަ އެވެ. ޖަޕާން، ދެކުނު ކޮރެއާ، ސިންގަޕޫރު އަދި ޓައިވާނަކީ ވެސް އިގްތިސާދީ ގޮތުން ކިތަންމެ ކުރިއަރާފައިވާ ގައުމުތަކަށް ވިޔަސް އާބާދީ އިތުރުނުވާ މައްސަލަ ހައްލުކުރުމަށް މިހާރު ގެންދަނީ ފިޔަވަޅުތައް އަޅަމުންނެވެ. ދަރިން ހޯދުމަށް ހިތްވަރު ދިނުމުގެ ގޮތުން އެކި އިނާޔަތްތައް ދެނީ އެވެ.

އެކަމަކު ރާއްޖޭގައި އާބާދީ އިތުރުކުރަން ބަލާއިރު ބަލައިލި ކޮންމެ ދިމާލަކުން ހާސްކަމެއް ނޫނީ ފެންނާކަށް ނެތެވެ. ބޮޑު އާއިލާއެއް އުފެއްދިޔަސް ގޮސް ވަންނާނެ ތަނެއް ނެތެވެ. ބޯހިޔާވަހިކަމެއް އަމިއްލައަށް ހޯދަން އެ ފުދުންތެރިކަމެއް ނެތެވެ. ދަރިން ބެލޭނެ ރައްކާތެރި މާހައުލެއް އަމުދުން ނުމެ ނެތްމެ އެވެ. އުފެދިގެން މި އަންނަ ނުރައްކަލާ މެދު ވާހަކަ ދައްކައި އެކަމުގައި ސިޔާސަތެއް ނެރެ ތަންފީޒުކުރަން ވާހަކަ ދައްކާނެ މީހަކު ވެސް ނެތެވެ. ދެމެހެއްޓެނިވި ހަރުދަނާ ސިޔާސަތެއް ނެތުމުން ބިކަވަމުންދާ ދިވެހިން އަދިވެސް ބިކަވާނީ އެވެ.

63 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 94%
icon angry icon angry 0%
icon wow icon wow 3%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަމް77

03 April 2023

ރާއްޖޭގެ ފިރިހެނުން މެރީކުރާނެ ދިވެހިރާއްޖެ އަންނަން ބޭނުން މެދުއިރުމަތީ މުސްލިމް ކަނބަލުންގެނެސް އާބާދު ކުރަން ފެނޭ.

The name is already taken The name is available. Register?

ސީތާ

02 April 2023

ތިވާހަކަ މިއަދު ވާހަކައެއްގެ ގޮތުގައި ދެއްކިއަސް މާދަމާއަށް އޮތް ބޮޑުސިންގާ ބަނަކަމެއް ތީ. ސަބަބަކީ މިޤައުމުގެ އަންހެނުންނަށްވުރެ ފިރިހެނުން ގިނަކަމަަށް އެބަދައްކާ. އަނެއްކޮޅުން ދިވެހި ފިރިހެނުންނަށްވުރެ ބަންގާޅީ ފިރިހެނުން ގިނަ. މާނައަކީ މީގެ ތިރީހަކަށް އަހަރުފަހުން ދިވެހި ދެމަފިރިންގެ ދަރިން މަދުވުން. މަންމަ ރާއްޖެ. ބައްޕަ ބަންގާޅީ. ދެން ސިޔާސީ މަޤާމްތަކާއި ވެރިކަމަށްވެސް އެކުދިން އައިސް "ދިވެހި" ކަން މިޤައުމާ ވަކިވުން. ހިތާމަހުުރިކަމެއް މީ.

The name is already taken The name is available. Register?

ކޮރަލް

02 April 2023

ތިޔަ ބުނާ ވަރަށް ވުރެ ބިދޭސީންގެ އާބާދީ މާބޮޑު ވާނެ އެވެ. ލިޔެ ކިއުން ނެތް ވ ގިނަ ބިދޭސީން އެބައުޅެ އެވެ. ރިސޯޓް ތަކުގަ ފިލައިގެން އުޅޭ މީހުންގިނަ އެވެ. އަދި ބައެއް ރަށް ރަށުގަ ވަލުތެރޭގަ ވެސް ބިދޭސީން އެބަ އުޅެ އެވެ. ތިލަ ފުށީގަގަވާއިދާ ހިޅަފައް އެދަނީ ކޮންމެ ދުވަހަކު އެވެ. ނުބަލަ އެވެ.

The name is already taken The name is available. Register?

ނުވިސްނޭ ދިވެހިން

02 April 2023

ސިޔާސީ މީހުން ގައުމާ ދޭތެރޭ ނުވިސްނާނެ. އެމީހުން ބަލާނީ ފަސް އަހަރުގެ ދައުރު ނިމޭއިރު އެކައުންޓް ފުރާލާގެން މިގައުމު ދޫކޮށް ދެވޭތޯ.

The name is already taken The name is available. Register?

އުމޭއްތަ

02 April 2023

އަޢިޝަތު ވިދާޅުވި ފަނިއަސްޓް ޕާޓް: “އޭނާ ވިދާޅުވީ ވަޒީފާ އަދާކުރުމަށް ފިރިހެނުން ރިސޯޓްތަކާއި ސިނާއީ ރަށްތަކަށް އަދި މާލެއަށް ދިއުމުގެ ސަބަބުން ރަށްރަށުގައި ފިރިހެނުންނަށް ވުރެ އަންހެނުން ގިނަވެ އިޖުތިމާއި އެކި މައްސަލަތަކަށް މަގު ފަހިވުމަކީ ވެސް ފެންނަ އޮތް ކަންބޮޑުވުމެއް ކަމަށެވެ.” ލޮލް

The name is already taken The name is available. Register?

ނޭނގުނޭ

02 April 2023

ކީކޭތަ އެބުނީ؟

The name is already taken The name is available. Register?

އެބުނީ.

02 April 2023

އޭނާ އެއޮތީ އެރަށްރަށުގެ އަންހެނުންގެ ބޮލުގައި ބޮޑު ބަދުނާމެއް އަޅުވާ ފުރައްސާރަ ކޮށްފަ.

The name is already taken The name is available. Register?

ސުކާ

02 April 2023

މިދިޔަ 5 އަހަރު އެންމެފުލެޓެއްވެސް ނޭޅޫނު ދެން ކިހިނެއް ބޯހިޔާވަހިކަން ދޭނީ ދަރިންހޯދާނީ

The name is already taken The name is available. Register?

އޮފީސް ލޯބި

02 April 2023

ތިޔައީ ދިވެހިން ބޭނުންވި "ތަރައްގީ". އަންހެންވެރިންނަށް ފިރިހެންވެރިންނަށް ޓައިމެއް ނުވޭ މިހާރު... ކިތަންމެ މަސައްކަތެއް އަންހެންވެރިން ކުރިޔަސް، އަމިއްލަ އަތަށް ފައިސާ ފޮއްޗެއް ސީދާ ނުލިބެންޏާ ނުބަލާ އެއީ އިގުތިސޯދަށް ކިހާ މުހިންމު މަސައްކަތެއް ކަމެއް ކަމަށްވެސް. އުޅޭ ބަޔެއްކަމަށްވެސް. އެކަމު މީހަކާ، ނޫނީ ތަނަކާ ހަވާލުކޮށް އެބަޔަކަށް ލާރިދޭން ފެށީމާ، އިގުތިސޯދު ހިނގާކަމަށް މިވަނީ. މިއީ ދެރަވަރު ކަންކަން އިގުތިސޯދީ މިނިސްޓުރީންވެސް ބަލަންޖެހޭ.

The name is already taken The name is available. Register?

އަހުމީ

02 April 2023

މީސަރުކާރުތަކުން ނަގަންޖެހޭ ޒިންމާއެކެވެ. އެގޮތުން އާބާދީ ކުޑަކުރުމަށްޓަކައި ސަރުކާރުތަކުންނާއި ޔޫއެންޑީޕީ ފަދަ ޖަމިއްޔާތަކުން ކުރާ ބޯޑު ހޭދައަކީ މިކަމެވެ.އަންހެނުން ވަޒީފާތަކަށް ނެރުމަކީ ވެސް އާބާދީ ކުޑަކުރުމަށްޓަކައި ކުރާކަމެކެވެ.އެގޮތުން ވަޒީފާތަކުގައިއުޅޭ ގިނައަންހެނުން ވިހެއުމާއި ދުރުވެ އަދި އަވަދިނެތި އެކިއެކި މަސައްކަތުގައި ވަގުތު ހޭދަކުރަށްޖެމުން ސުޓްރެސްއިތުރުވެ ދަރީން ލިބުމާއި ދުރުވަނީއެވެ.

The name is already taken The name is available. Register?

ތަރުމޯޒު

03 April 2023

އަމިއްލަ ސިކުނޑިން ނެރޭ ހާލަތާ މައްސަލައާ ދިމާނުވާ މިކަހަލަ އެކްސްޕަޔަރޑް އައިޑިޔާތައް ދޫކޮށްލަން ޖެހޭ. ރަނގަޅު ދިރާސާއާ ޕްރެކްޓިކަލް ޕްލޭނާ ނުލައެއް ނުވާނެ.

The name is already taken The name is available. Register?

ބޮޑުމީހާ

02 April 2023

ބިދޭސީން ގިނަވުމަކީ ހަގީގަތުގައި މައްސަލައެއް ނޫން. ކުރިއަރާ ގައުމުތަކުގައ އިގްތިސާދުގެ އެންމެ އާދައިގެ މަސައްކަތްކުރަނީ ބިދޭސީން. މައްސަލައަކަށް ވަނީ ބިދޭސީން މެނޭޖް ނުކުރެވުމާއި ހިތުހުރި ގޮތަކަށް އުޅުން. އަދި ދިވެހިންނަށް އޮންނަ ވަޒީފާވެސް ބިދޭސީ މީހާއަށް ދިނުން. ކަންކަން އިސްލާހުވާނީ ޕާޓީއަށް ހެޔޮ އެދޭ ވެރިންނަށްވުރެ ބޮޑަށް ގައުމަށް ހެޔޮއެދޭ ތަސައްވަރެެއް އޮންނަ މީހަކު ހޮވައިގެން. އެހެނަސް އެންމެން ވޯޓް ދޭނީ ސިޔާސީ މީހާއަށް

The name is already taken The name is available. Register?

ބޮޑުމީހާ

02 April 2023

ހުރިހާ މައްސަލައެއްގެ ފެށުމަކީ މާލެ ތޮއްޖެއްސުން. ދެން ރާއްޖޭގެ ހުރިހާ ރަށެއް ތަރައްގީކުރަން އިސްރާފުކުރާ ފައިސާ. ތަރައްގީކުރެވޭނީ އެއްފަސްކޮށްގެން. ރާއްޖޭގެ އާބާދީ މާލެއަށް ބަދަލުކުރުުމުގެ ބަދަލުގައި އެއްފަސްކުރުުމުގެ ސިޔާސަތު އެކުލަވާލަންޖެހޭ. އަދި ގޯތި ދީ ދަރިން ގޮވައިގެން އުޅެވޭނެ ގެދޮރުވެރިކަން ބޭނުންވޭ. މިިހިރި ކަންތައްތަކަކީ ސިޔާސީ މީހުންވެސް އެމީހުންގެ މަންފާއަށް ވިސްނާކަންތައްތަކެއް ނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454