ވިލިމާލޭގައި އަންހެނުންގެ ކޮމެޓީގެ ބައި އިލެކްޝަން ކުރިއަށް ގެންދަނީ: މިއަހަރުގެ އަންހެނުންގެ ކޮމެޓީތަކުގެ ބައި-އިލެކްޝަންތައް ޖޫން މަހު ބާއްވަން އީސީން ވަނީ ނިންމައިފައި.
02 އެޕްރީލް 2023 - 17:46
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ބައި-އިލެކްޝަންސްތައް އަހަރަކު އެއްފަހަރު ބާއްވާ ގޮތަށް ގާނޫނަށް ގެނައި އިސްލާހުގެ ދަށުން މިއަހަރު ބާއްވަން ޖެހޭ އިންތިހާބުތައް އަންނަ ޖޫން މަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނިންމައިފި އެވެ.
އެ ކޮމިޝަންގެ އިއުލާނެއްގައި ބުނީ އެ އިންތިހާބުތައް އޮންނާނީ ޖޫން 17 ވާ ހޮނިހިރު ދުވަހު ކަމަށެވެ. އަދި އެ ދުވަހު 11 ރަށެއްގައި އިންތިހާބު އޮންނާނެ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.
ބައި އިލެކްޝަން ބާއްވާ ރަށްތަކަކީ ހދ. ފިނޭ، ށ.މާއުނގޫދޫ، ރ.މީދޫ، ކ.ދިއްފުށި، މ. ވޭވަށް، ފ. ބިލެތްދޫ، ތ. ގާދިއްފުށި، ލ. މާމެންދޫ، ގދ. ހޯނޑެއްދޫ އަދި ގދ. ވާދު އެވެ. އެއިން ކޮންމެ ރަށަކުން ވެސް އަންހެނުންގެ ކޮމެޓީއަށް އެކަކު އިންތިހާބު ކުރާނެ އެވެ.
މި އިންތިހާބުތަކުގައި ވާދަކުރުމަށް ޝައުގުވެރިވާ މީހުން މި މަހު 18 ގެ ކުރިން ފޯމު ހުށަހެޅުމަށް އީސީން އެދެ އެވެ.
ލާމަރުކަޒީ ގާނޫނުގައި ކުރިން އޮތް ގޮތުން އަންހެނުންގެ ކޮމެޓީތަކުގެ މެމްބަރުން އިސްތިއުފާދީފި ނަމަ، 60 ދުވަހުގެ ތެރޭގައި އަލުން އިންތިހާބު ބާއްވަން ޖެހެ އެވެ. ނަމަވެސް، ގާނޫނުގައި އެގޮތަށް އޮތުމުން ބައި އިލެކްޝަންތަކަށް ބޮޑު ހަރަދެއް ކުރަން ޖެހި މަސައްކަތް އުނދަގޫވާތީ އެ އުސޫލު ބަދަލުކޮށްދިނުމަށް އީސީން މަޖިލީހުގައި އެދުމުން ގާނޫނަށް އިސްލާހު ގެނެސްދިނެވެ.
ގާނޫނަށް މިހާރު ގެނެސްފައިވާ ބަދަލާއެކު އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާބު ބާއްވަން ޖެހޭނީ އަހަރަކު އެއް ފަހަރެވެ.
އެކަމަކު އަންހެނުންގެ ކޮމެޓީގެ ކޯރަމް ހަމަނުވާ އަދަދަށް ކޮމެޓީގެ މެމްބަރުން މަދުވެއްޖެ ނަމަ، ގާނޫނުގައި ކުރިން އޮންނަ ގޮތުގެ މަތީން އިންތިހާބުތައް ބާއްވާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޞވނވޖވ
03 April 2023
ހޫން ތިވެސް ކަމެއް ނުކޮށް ޕާޓީ ކުދިންކޮޅަށް ލާރި ހޯދަދޭންކޮށްގެން އުޅޭކަމެއް. ތި ކޮމިޓީތަކުން ހަވީރު ރަށު މީހުންއަތުން ނަގައިގެން ސައިބޭއްވުން ނޫންކަމެއް ނުކުރޭ. ގައިމު ރަށްރަށް ކުނިކަހަން ބޮޑުމުސާރަޔަށް ބަޔަކާ ހަވާލުނުކޮށް ކުދި ރަށްރަށުގަ ތި ކޮމިޓީގަ ތިބޭ 5 މީހުނާ ހަވާލުކުރީމަ ގެއަށް އެގެންދާ 11 ހާސް ރުފިޔާ ހަލާލުވީސް ކޮންމެސް ވަރަކަށް. ހެހެހެ