ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން ކެންޑިޑޭޓަކަށް ވުމަށް ފޯމު ހުށަހަޅާ މީހުންނަށް ކަނޑައަޅާފައިވާ މުއްދަތަށް ވުރެ އަވަހަށް ޖަވާބު ދެމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ބުނެފި އެވެ.
އީސީން ފޯމުތަކަށް ޖަވާބު ދިނުން ލަސްވާ ކަމަށް ތުހުމަތުކުރާ މައްސަލާގައި ނެރުނު ނޫސްބަޔާނުގައި ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގައި، އެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހާ އެކަމަށް އެދި ހުށަހަޅާ ލިޔުން އެ ކޮމިޝަނަށް ލިބޭތާ ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި، އެ ހުށަހެޅުމާ މެދު ނިންމި ގޮތް އަންގަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
ނަމަވެސް، ކެންޑިޑޭޓަކަށް ވުމަށް އެދި ފޯމު ލިބެމުން އަންނަ މިންވަރަކުން، ބަޔާންކޮށްފައިވާ މުއްދަތަށް ވުރެ ކުރިން ކޮމިޝަނުން ޖަވާބު ދެމުން އަންނަ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
"މި ކޮމިޝަނުގައި ގާއިމްކޮށްފައިވާ ނިޒާމުތަކުގައިވާ މައުލޫމާތުތަކަކީ ރައްކާތެރިކަމާ އެކު، އެ މައުލޫމާތު ބޭނުންކުރަން ޖެހޭ ހާލަތްތަކުގައި ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަނި ބޭނުންކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ ނިޒާމެއްކަން ރައްޔިތުންނަށް ކަށަވަރުކޮށްދެމެވެ،" އީސީން ބުންޏެވެ.
އެ ކޮމިޝަނުން ބުނީ އެތަނުން ދެމުން އަންނަ ހިދުމަތްތަކާ ގުޅޭ ގޮތުން އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް އެއްވެސް ބަޔަކު މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބު ބާއްވަނީ އަންނަ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އެވެ.