މި އަހަރު ބާއްވާ ލޯކަލް ކައުންސިން އިންތިހާބާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީރަޖިސްޓަރީވުމަށް މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ ރާއްޖެ އިން ބޭރުގައި ދިރިއުޅޭ މީހުންނާއި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ބޭނުންވާ މީހުންނަށް ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އަންނަ މަހުގެ 4 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ރީރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލީ މިއަދު ހެނދުނު 10:00 ގަ އެވެ. އަންނަ އަންގާރަ ދުވަހުގެ މެންދުރުފަހު 3:00 ގެ ނިޔަލަށް ރީރަޖިސްޓްރީވުމުގެ ފުރުސަތު އޮތްއިރު އީސީން ބުނީ އެ މުއްދަތުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ އެންމެ ފަހުން ބޭއްވި މަޖިލީސް އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީވާ މީހުން އެކަނި ކަމަށެވެ.

ނަމަވެސް މަޖިލީހުގެ އިންތިހާބުގައި ރިސޯޓެއްގައި ނުވަތަ ސިނާއީ މަސައްކަތްކުރާ ތަނެއް ނުވަތަ ޖަލުގައި ނުވަތަ ރާއްޖެއިން ބޭރުގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާނަމަ، މި އިންތިހާބުގައި އެ މީހުން ވޯޓުލާ ތަންކަމަށް އޮންނާނީ އެމީހެއްގެ ދާއިމީ އެޑްރެހަށެވެ.

ރިޔާސީއިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވާ ތަނުގެ މައުލޫމާތު ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) އަދި (VR space ID.No Send to 1414) އަށް އެސްއެމްއެސް ކޮށްގެން ޗެކް ކުރެވޭނެ އެވެ.

އީސީގެ އިއުލާނުގައި ބުނީ ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް https://form.elections.gov.mv އިލެކްޝަންސް ކޮމިޝަންގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

އޮންލައިންކޮށް ރީ-ރަޖިސްޓަރީވުމާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާނަމަ 1414 އަށް ގުޅުމަށް އީސީން ވަނީ އެދިފަ އެވެ.