މައްކާގެ ހަރަމްފުޅު ބޮޑު ކުރުމުގެ ތިން ވަނަ މަޝްރޫގެ ދަށުން ތަރައްގީކޮށްފައިވާ ބައި
03 އެޕްރީލް 2023 - 12:58
މައްކާގެ ހަރަމްފުޅު ފުޅާކުރުމަށް މިހާރު ކުރިއަށް ގެންދާ ތިން ވަނަ މަޝްރޫއުގެ ދަށުން އިމާރާތް ކޮށްފައިވާ ބައިގެ ޓެރަސް ވެސް، މިސްކިތަށް ދާ މީހުންނަށް ބޭނުން ކުރެވޭނެ ގޮތަށް، މި ރޯދަމަހު އާންމުކޮށް ހުޅުވައިލުމަށް ނިންމައިފި އެވެ.
ރޯދަމަހަކީ ކޮންމެ އަހަރަކު ވެސް އެންމެ ގިނައިން އުމްރާވެރިން ޒިޔާރަތްކުރާ މޫސުން ކަމަށް ވުމާއެކު، މި ދުވަސްވަރު މައްކާގެ ހަރަމްފުޅު ފެންނަނީ ވަރަށް ކާރުބާރު ބޮޑުކޮށެވެ. މި އަހަރުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި އުމްރާގެ އަޅުކަމަށް 9.35 މިލިއަން މީހުން މައްކާ އަށް އެތެރެވެފައިވާ އިރު، އޭގެ ތެރެއިން ނުވަ މިލިއަން މީހުން އުމްރާގެ އަޅުކަން ފުރިހަމަކޮށްފައިވާ ކަމަށް ސައޫދީ ސަރުކާރުން ބުނެ އެވެ.
މައްކާގެ ހަރަމްފުޅު ބޮޑު ކުރުމުގެ ތިން ވަނަ މަޝްރޫއުގެ ދަށުން ހަދާފައިވާ ބައިގެ އެތެރެ.
ދެ ހަރަމްފުޅުގެ ކަންތައް ބަލަހައްޓާ އިދާރާ އިން ބުނިގޮތުގައި ތިން ވަނަ މަޝްރޫއުގެ ދަށުން އިމާރާތް ކޮށްފައިވާ ބައިގެ ޓެރަސް، އުމްރާވެރިންނަށް ހުޅުވައިލާ އިރު، އުމްރާވެރިންނަށް ބޭނުންވާނެ ހުރިހާ ޚިދުމަތްތަކެއް ޓެރަހުން ވެސް ލިބޭނެ އިންތިޒާމުތައް ވާނީ ހަމަޖައްސައިފަ އެވެ. އަދި ޓެރަހުގައި އުމްރާވެރިންނަށް ޚިދުމަތް ދޭނެ މީހުން ވެސް ތިބޭނެ އެވެ.
އެ އިދާރާ އިން ބުނީ، ތިން ވަނަ ބައިގެ ޓެރަސް ހުޅުވައިލަން ނިންމީ، އުމްރާވާ މީހުންނަށާއި މައްކާގެ ހަރަމްފުޅުގައި ތަރާވީހް ނަމާދާއި ދަމު ނަމާދުކުރުމަށް އަންނަ މީހުންނަށް، މިހާރަށް ވުރެ ހިތްފަސޭހަ އަދި ތަނަވަސް މާހައުލެއްގައި އެކަން ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ކަމަށެވެ. ޓެރަހުގެ އިތުރުން، ތިން ވަނަ ބައިގެ ހުރިހާ ބުރިތަކެއް ވެސް މިހާރު ހުންނާނީ އުމްރާވެރިންނަށް ހުޅުވާލާފައި ކަމަށާއި އެ ހުރިހާ ބުރިތަކުން ވެސް އުމްރާވެރިންނަށް ބޭނުންވާނެ ހުރިހާ ޚިދުމަތްތަކެއް ލިބޭނެ ކަމަށް އެ އިދާރާ އިން ބުންޏެވެ.
މައްކާގެ ހަރަމްފުޅު ބޮޑު ކުރުމުގެ ތިން ވަނަ މަޝްރޫއުގެ ދަށުން ހަދާފައިވާ ބައިގެ އެތެރެ.
ދެ ހަރަމްފުޅުގެ ކަންތައް ބަލަހައްޓާ އިދާރާގެ ވެރިޔާ އަދި ހަރަމްފުޅުގެ އިމާމް ޝައިޚް އަބްދުއްރަހްމާން އައްސުދައިސް ވިދާޅުވި ގޮތުގައި މި ރޯދަމަހު މައްކާ ހަރަމްފުޅުގައި އިއުތިކާފަށް ތިބޭ މީހުންނަށް ވެސް މިހާރު ވާނީ އެ އިންތިޒާމުތައް ހަމަޖައްސައިދީފަ އެވެ. ފަހުދު ރަސްގެފާނު އިމާރާތުގެ ބިންގަރާސް ބައި ހަމައެކަނި ފިރިހެނުންނަށް ވަނީ ޚާއްސަކޮށްފަ އެވެ.
ނަމަވެސް ތިން ވަނަ މަޝްރޫއުގެ ދަށުން އިމާރާތް ކޮށްފައިވާ ބައިގެ ފުރަތަމަ ބުރީގައި އަންހެނުން އިއުތިކާފަށް ތިބޭނެ ޚާއްސަ ސަރަހައްދަކާއި ފިރިހެނުންނަށް ޚާއްސަ ސަރަހައްދެއް ވަނީ ކަނޑައަޅައިފަ އެވެ. އިއުތިކާފަށް ހަމަޖެއްސި ތަންތަނުގައި 2،500 އަށް ވުރެ ގިނަ މީހުންނަށް އެއް ފަހަރާ އިއުތިކާފަށް ތިބެވޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުރަތު
03 April 2023
ހަރަމްފުޅާ މަސްޖިދުއްނަމިރާ އަކީ ދެތަނެއް.