މީހުން

ކުރަހާ މޫސަ: ތޮއްޑޫގައި މި ނޫން "ނަމެއް" ނެތް!

10 އެޕްރީލް 2023 - 08:01

2 comments

ރީތި ކުރެހުންތަކާއި ފަންނުވެރި ކަމުގައި ހަސަން މޫސާ އަކީ މި ރަށް އއ، ތޮއްޑޫން އެއް ވަނަ އެވެ. ގެސްޓްހައުސްތަކުންނާއި ރެސްޓޯރެންޓް ފަދަ ތަންތަނުގެ ފާރުތަކުގައި ކުރެހުމަށް މީހަކު ހޯދާ ނަމަ މި ރަށުގައި އެންމެ ފުރަތަމަ ގުޅާނީ މޫސައަށެވެ. ކުރަހާ މޫސައޭ ބުނެފިއްޔާ އޭނާ ނޭނގޭ މީހަކު މި ރަށަކު ނެތެވެ!

އުމުރުން 62 އަހަރުގެ ހަސަން މޫސާ އެންމެ ކުޑަ އިރުއްސުރެ ވެސް، ކުރެހުމާއި ލަކުޑިން ތަފާތު އެއްޗެހި ހެދުމަށް ވަރަށް ބޮޑު ޝައުގުވެރި ކަމެއް ހުރެ އެވެ. އެ މަސައްކަތުގައި އޭނާ ނޫޅޭ ދުވަސްވަރެއް ނެތެވެ. އެންމެ ކުޑަ އިރުގެ ހަނދާންތައް ވެސް ގުޅިފައި ވަނީ ކުރެހުމާއި ފަންނުވެރިކަމުގެ މަސައްކަތްތަކަށެވެ. އެކަމަކު އެ މަސައްކަތަށް ފުރިހަމަ އަށް ވަގުތު ދެވެން ފެށީ އެ ރަށު ސްކޫލުގައި ދިވެހި، އިނގިރޭސި އަދި އާޓްސް ޓީޗަރެއްގެ ގޮތުގައި 35 އަހަރު އުޅުމަށް ފަހު ރިޓަޔާ ކުރި ހިސާބުންނެވެ.

މޫސަ، މެގްނެޓެއްގައި ވެލައެއް ކުރަހަނީ. މިއީ އޭނަ އުފައްދާ އެއްޗެހިން އެންމެ ގިނައިން ވިކޭ އެއް އުފެއްދުން-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ފަންނުވެރިކަމުގެ މަސައްކަތް ފުޅާކޮށް އޭނާ ވަނީ ޓޫރިސްޓުންނަށް ހާއްސަކޮށް ދިވެހިވަންތަ ސުވެނިއާ ހަދައި، އެ ތަކެތި ވިއްކުމަށް "މޫސަ އާޓްސް"ގެ ނަމުގައި ކުޑަ ފިހާރައެއް ހުޅުވައިފަ އެވެ. އެ ތަނުން ވިއްކަނީ ހުސް އޭނާގެ އުފެންދުންތަކެވެ. އެ ތަނުގައި އެކި ޑިޒައިންތަކުގެ ފްރޭމާއި، މެގްނެޓާއި، ފައިވާން ވެސް ވިއްކަ އެވެ. އެއީ މުޅިން ވެސް އޭނާގެ އަމިއްލަ އުފެއްދުންތަކެވެ. އަދި ތަފާތު އެކި ބާވަތްތަކުގެ ލަކުޑީގައި އެއްޗެހި ހަދައި، އެ އެއްޗެހީގައި ކުރެހުންތައް ކުރަހައި އެކި ޑިޒައިންތަކަށް ލިޔުމަކީ ވެސް އޭނާ މިހާރު ކުރަމުން އަންނަ މަސައްކަތެވެ.

މޫސަ ބުނީ، ކުރެހުމާއި ފަންނުވެރިކަމުގެ ހުނަރު އޭނާގެ ކިބައިގައި ހުންނަ ކަން އަބަދުވެސް އެނގި، އެފަދަ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް، މިހާރު އެކަން ކުރަނީ، އިންޓަނެޓް މެދުވެރިކޮށް، ކުރެހުމުގެ ތަފާތު އެކި ޓެކްނިކްތައް ދަސްކޮށްގެންނެެވެ. އެއާ އެކު މަސައްކަތް މިހާރު ވަނީ ފުރިހަމަ ވެފަ އެވެ.

މޫސަ ކުރެހުމުގެ މަސައްކަތުގައި. އޭނާގެ ގޭގައި އެ މަސައްކަތް ކުރަން ހާއްސަ ކޮޓަރިއެއް ވަނީ ހަދައިފައި-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ބޭނުންވާ ވަރުގެ އާމްދަނީއެއް ނުލިބުނު ނަމަވެސް، އެކަން އޭނާ ކުރަނީ މަސައްކަތަށް އޮތް ޝައުގެއްގެ ބޮޑުކަމުންނެވެ. އޭނާއަށް ބައެއް ފަހަރު ރިސޯޓުތަކުންނާއި ސުވެނިއާ ފިހާރަތަކަށް ބޭނުންވާ ބައެއް ތަކެތި ހަދައިދޭން އޯޑަރު އާދެ އެވެ. އެހެން ނަމަވެސް، ގިނަ ފަހަރު އެފަދަ އޯޑަރުތައް އަންނަނީ، ވިއްކަން ބޭނުންވާ އަގަށް ވުރެ މާ ހެޔޮ އަގެއްގަ އެވެ.

ސްވެނިއާ ހެދުމުގެ މަސައްކަތުގެ ތެރެއިން، ގެސްޓްހައުސްތަކާއި ރިސޯޓުތަކަށް ބޭނުންވާ ކުރެހުންތައް ވެސް އޭނާ އަންނަނީ ކުރަހަމުންނެވެ. ބައެއް ފަހަރު ރެސްޓޯރެންޓުތަކުންނާއި ޑައިވް ސެންޓަރުތަކާއި އެނޫން އިމާރާތްތަކުގައި ވެސް ކުރަހަން އޭނާ އަށް ފުރުސަތު ލިބެ އެވެ. ކޮންމެ ދުވަހެއްގެ ހަތަރު ވަރަކަށް ގަޑި އިރު އޭނާ މި މަސައްކަތަށް ހުސްކުރެ އެވެ.

މޫސަ ލަކުޑިން ހެދި ވާސްއެއް. އޭނާ އަންނަނީ ތަފާތު އެކި އަމިއްލަ އުފެއްދުންތައް ހަދަމުން-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

"މިކަން ކުރުމުގެ ވައްޓަފާޅި ބަދަލު ކުރަންވީ، މިކަން ފުޅާ ކުރަންވީ،" އޭނާ ބުންޏެވެ.

މޫސަ ދެކޭ ގޮތުގައި، ކުރެހުމާއި ފަންނުވެރި މަސައްކަތްތަކަކީ ވަރަށް ބުރަ މަސައްކަތެއް ކަމަށްވާ އިރު، އާންމުކޮށް އެފަދަ މަސައްކަތް އަގުކޮށް، ވިއްކަން އުނދަގޫވެ އެވެ. ސަބަބަކީ އާންމުންނަށް އެ މަސައްކަތުގެ އަގު ވަޒަން ކުރަން ނޭންގޭތީ އެވެ. އެހެން ނަމަވެސް، އޭނާގެ މަސައްކަތުގައި އަގު ހިފެހެއްޓުމަށްޓަކައި ބައެއް ފަހަރު ރިސޯޓުތަކުން އަންނަ އޯޑަރުތައް ވެސް ކިޔާ އަގު ކުޑަވުމުން، އެ މަސައްކަތް ނުކޮށް ދޫކޮށްލަ އެވެ.

މޫސަގެ ފިހާރަ އަށް އައި ގެސްޓަކާ ވާހަކަ ދައްކަނީ: އޭނާ އަންނަނީ ބޮނބީގައި ވެސް އެކި ބާވަތްތަކުގެ ލަކުޑީގައި ކުރަހަމުން-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

"ތަންތަނުން އޯޑަރު އާދޭ. އެހެން ނަމަވެސް އޯޑަރުތައް ގަބޫލު ނުކުރެވޭ އެންމެ ބޮޑު އެއް ސަބަބަކީ ފަސް ޑޮލަރަށް ވިއްކާ އެއްޗެހި 30ރ. އަށް ގަންނަން މި އަންނަނީ،" އޭނާ ބުންޏެވެ.

ކުރެހުމާއި ފަންނުވެރިކަމުގެ މަސައްކަތުގެ އިތުރުން އޭނާ އަންނަނީ މިއުޒިކާއި ލަވަ ހެދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެކަން ކުރުމަށް ބޭނުންވާ އާލަތްތައް ވެސް އޭނާ ވަނީ އެއްކޮށްފަ އެވެ. އަދި ދޭތެރެ ދޭތެރެއިން ރަށުގެ ބައެއް މީހުގެ އޯޑަރަށް މިއުޒިކް ތައްޔާރުކޮށްދީ، ލަވަ ކިޔައިދީ ވެސް ހަދަ އެވެ.

މޫސަގެ ފަންނުވެރި މަސައްކަތްތައް ފުޅާކޮށް، އޭނާގެ އަމިއްލަ ކުރެހުންތަކާއި އަތްތެރި މަސައްކަތްތައް ދެއްކުމަށް އެގްޒިބިޝަނެއް ބޭއްވުމަކީ އޭނާގެ އެންމެ ބޮޑު ހުވަފެނެވެ. އެ ހިސާބަށް ދާން މިހާރު ވެސް އޭނާ އަންނަނީ ތައްޔާރުވަމުންނެވެ.

އޭނާ ދެކޭ ގޮތުގައި ކޮންމެ މީހަކަށް ވެސް އެ މީހަކު ބޭނުންވާ ކަމެއް ކުރެވޭނެ އެވެ. ބޭނުން ވަނީ، އެކަން ކުރަން ވަރުގަދަ އަޒުމެކެވެ. މޫސަގެ އެ އަޒުމާއި ހިތްވަރު އެބަ ހުއްޓެވެ.

2 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 75%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިއްބެ

02 October 2023

ފުރަތަމަޕްރައިމަރީޓީޗަރމޫސާޙަސަނު ދެންމޫސާމުދައްރިސު

The name is already taken The name is available. Register?

ރަދީފު ބިން ރަފައިދާ

10 April 2023

ކުރަހާމޫސަ ކުރަހާރާއްޕެއަށް ދޫނުކުރޭތާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454