ތޮއްޑޫގައި ދަނޑަކަށް މީހަކު ފެން ދެނީ: ނުރައްކާތެރި ކެމިކަލް ބޭނުން ނުކޮށް ދަނޑު ހައްދަން ރައީސް ވަނީ ގޮވާލައްވާފައި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
07 އެޕްރީލް 2023 - 14:16
ކެމިކަލްތަކާއި ސިއްހަތަށް ނުރައްކާތެރި ވިހަ މާއްދާތައް ބޭނުން ނުކޮށް ރައްކާތެރި ގޮތުގައި ދަނޑުވެރިކަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެދިވަޑައިގެންފި އެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނު ނެރުއްވި ހިތާބުގައި ވިދާޅުވީ ދިވެހިންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަމަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ގައިން ގަޔަށް ނާރާ ނުރައްކާތެރި ބަލިތައް ކަމަށެވެ.
ހާއްސަކޮށް ކެންސަރާއި ހިތުގެ ބަލިތަކާއި ނޭވާލާ ނިޒާމާ ގުޅުން ހުރި ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވަމުން ދިއުމަކީ ސިއްހީ ހިދުމަތުގެ ނިޒާމަށް ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެހެންވެ، އެފަދަ ބަލިތައް ފެތުރުމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުމަށް ފުޅާ ދާއިރާއެއްގައި އިލްމީ ދިރާސާތަކެއް ކުރުން ވަރަށް މުހިންމު ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އާންމު ސިއްހަތު ރައްކާތެރިކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހެނީ ސިއްހަތަށް ފައިދާ ހުރި ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި ސާފު ބޯފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށް ވިދާޅުވި އެވެ.
އޭގެ ތެރެއިން، ކެމިކަލްތަކާއި ސިއްހަތަށް ނުރައްކާތެރި ވިހަ މާއްދާތައް ބޭނުން ނުކޮށް ރައްކާތެރި ގޮތުގައި ދަނޑުވެރިކަން ކުރުން ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.
އަނެއް ކަމަކީ، ރައީސް ވިދާޅުވި ގޮތުގައި، ގުދުރަތީ ވެށި އޭގެ ތަބީއީ ގޮތުގައި ދެމެހެއްޓުމަށް ގަދައަޅައި މަސައްކަތް ކުރުމެވެ. ވަކިން ހާއްސަކޮށް ރާއްޖޭގެ ކަނޑުފަޅުގެ ދިރުންތަކަށް އެއްވެސް ނުރައްކަލެއް ކުރިމަތިވިޔަނުދީ ރައްކާތެރި ގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުން ކަމަށާއި އެއީ ވެސް ދިވެހިންގެ ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަން ފާހަގަކުރެއްވި އެވެ.
މި އަހަރުގެ ސިއްހަތު ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ "ސިއްހަތު އެންމެންނަށް" ނުވަތަ ހެލްތު ފޯ އޯލް އެވެ.
ރައީސް ވިދާޅުވީ އެއީ ރާއްޖޭގައި އަލުން ފުޅާކުރަން ޖެހިފައިވާ ޕަބްލިކް ހެލްތު ދާއިރާއާ ވަރަށް ގުޅުން ހުރި ޝިއާރެއް ކަމަށެވެ. އާއްމުންނަށް ސިއްހީ ހިދުމަތް ދިނުމުގައި މި ހޭދަވި މުއްދަތުގެ ތެރޭގައިވެސް، އެންމެ ކާމިޔާބު ސިއްހީ ނިޒާމަކީ ޕަބްލިކް ހެލްތުގެ ދާއިރާ ފުޅާކޮށްގެން، ރައްޔިތުންގެ ދުޅަހެޔޮކަން ދެމެހެއްޓުމުގެ ނިޒާމް ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކަނބާ
12 April 2023
އެމްޑަބްލިއުއެސްސީ އިން ބޭރުކުރާ ވޭސްޓުން ގަސްކާނާ ހައްދަން ރައީސް ގޮވާލައިފި.
ހިކް
08 April 2023
ދަނޑުވެރިންނަށް ހީވަނީބާ އެމީހުންނާ ހަމައަށް އެކެމިކަލްގެ އަސަރު އަރާ ހަމަނުކުރާނެއޭ؟ ނޫނީ ހަމަ ނޭނގެނީބާ އެކަމުގަ ހުރި ނުރައްކާ؟ ތިމާ އެދަނޑުން އެއްޗެއް ނުކެއަސް ތިމާ އެހެން ތަނަކަށް ދަތުރުކޮށް އެހެން ތަނަކުން އެއްޗެއް ކާއިރު ތިމާއާ އެކަން ހަމަ ލައްވާލަފާނެ. އަސްލު ވީ ކޮންމެ ކަމެއްގައިވެސް އެމީހަކަށް/އާއިލާއަށް އެކަމަކުން ލިބިދާނެ ގެއްލުން ކިޔައިދޭން. އެހެންނޫނީ އަނެކާއަށް ލިބޭ ގެއްލުން ނުވަތަ ދެރައާމެދު ވިސްނާކަށް މާބޮޑަކަށް ބޭނުމެއްނުވާނެ.
ޑަރޯގާ
08 April 2023
ރައީސަށް ދަންނަވާލަން ކޮރަޕްޝަނާއި ނުލާ ވެރިކަން ނުކުރެވޭނެފަދައިން ދަނޑުހައްދައި އަވަހަށް މޭވާއަދި ފައިސާކޮޅު ހޯދުމަށް އަޅުގަޑުމެންނަށްވެސް މިވަނީ މިކަންކުރަން މަޖުބޫރުވެފައެވެ. ސިޔާސީމީހުންގެ އިހްލާސްތެރިކަމެއްނެތް އިރު ރައްޔިތުންންގެ ފަރާތުން އެކަންބޭނުންތިވަނީކީއްވެތޯއެވެ..
އަލީި
08 April 2023
ދިވެހިރާއްޖޭގެ ޕަބްލިކްހެލްތް ލެބޯޓަރީ ގެ ޚިދުމަތް ތަރައްގީ ކޮށްލަދީބަލަ. ދުވަހެއް ދުވަހަކަށް އެ ޚިދުމަތް އެދަނީ ދަށަށް. ކާބޯތަކެތި ޗެކްކޮށްލެވޭނެ ގޮތެއްވެސް ނެތް. ތުއްތީދީ ހުންނެވިއިރުވެސް ލެބޯރޓްރީ މިއަށްވުރެ މާރަގަޅާށް ހިންގެވި. އައިޖީއެމް އެޗް އަށް ވަމުންދާގޮތަށް މިހާރު ޕަބްލިކްހެލްތް ލެބޯޓަރީ ގެ ޚިދުމަތް ވެސް މިދަނީ ދުވަހެއް ދުވަހަކަށް ދައްވަމުން. މުޅި ސިއްޚީ ނިޒާމް ފުޑެމުން.
ސީތާ
08 April 2023
އަދި ކިރިޔާ ރަނގަޅު ވާހަކައެއް ތިޔަ ބުނެލެވުނީ.
ލޮލު
08 April 2023
ޗެމިކަލު. ލޮލު
އިއްޒު
08 April 2023
ކޮބާ ތި ސުޕީޗުގެ ބަންގާޅު ތަރުޖަމާ؟ ބަލަގަ އެވެރިންނޭ ދަނޑުވެރިކަން ވެސް ކުރަނީ. ދިވެހިން ތިބެނީ އެވެރިން ހައްދާ ކެމިކަލް ތަރުކާރިއާ މޭވާ ކޭން ބައްލަވަން. ކަންނެތް ދިވެހިން ގެ ގޮތް ކަލޭނޭ
މުރާކިބޭ
08 April 2023
ދަނޑުވެރިންގެ ވޯޓު ހޯދަން ދަނޑުވެރިކަމަށް ގެންނަ ހުރިހާ ކެމިކަލަކުން ޑިއުޓީ މާފުކޮށް އަދި ދިރޭގަހާއި އެހެނިހެން ސާމާނު އެއްވެސް ހިފެހެއްޓުމެއްނެތި އެތެރެވެވޭނެ ގޮތަށް ސިސްޓަމް ހަދާފައި މި ކިޔަނީ މި އެއްޗެހި ބޭނުން ނުކުރުމަށް އެދެމޭ.
ޗޯރުބޭ އައުޓް
08 April 2023
ސޯލިހަކީ ވަރަށް ކައްޒާބު ގޮލައެއް. ދައްކާ ވާހަކައާ އަމަލާ ސީދާ ނުވޭ.
އަހާނދެން
08 April 2023
ހިތާބު ދިންއިރު ސޯލިހަކަށް ނޭނގެއޭ ތިބައި އޮތީ ތިހެން ކަމެއް
ވިސްނާފަ
08 April 2023
ކުލީ ބިމުގައި ދަނޑުވެރިކަން ކުރާއިރު ލިބޭ އެތި ގިނަކުރަން ކުރާ ކަންކަން މިއީ. ދަނޑުވެރިންނަށް ހިލޭ ބިން ދޭންޖެހޭ. އިތުރު އިނާޔަތާ، އެތަކެތި ރަނގަޅު އަގެއްގައި ވިކޭގޮތް ހޯދައިދޭންޖެހޭ. ދެން ކިހިނެއް ތިބުނާގޮތަށް ކަންކުރަނީ
ކެމިކަލް
08 April 2023
އާދެ. ޅައްބަ ހުރިހާކެމިކަލްއެއް މި އުކާލީ. ރެގިއުލޭޓްކުރަން ވިސްނަވާނެކަމެއްނެއް. ހަމަވިދާލުވިގޮތަކައް އެކަންކުރަން ތައްޔާރަށް މިތިބީ...