ނުރައްކާތެރި ބަލިމަޑުކަމެއްގެ ދުވަސްވަރަކާ މި އަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަސް ދިމާވެފައި ވާއިރު މިއީ ޑޮކްޓަރުންނާއި ނަރުހުން އަދިި ސިއްހީ އެހެން ޕްރޮފެޝަނަލުންގެ ހިތްވަރުގަދަކަން ފުރިހަމައަށް ފެންނަ ދުވަސްވަރެއްގައި ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުރީފު ކުރައްވައިފި އެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅުވައިގެން ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އިން ދުނިޔެ ވަރަށް އަވަހަށް ސަލާމަތްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
"[މިއަހަރުގެ] ދުނިޔޭގެ ސިއްހަތު ދުވަސް އިއްތިފާގުން މި ދިމާވި މި ޖީލުގެ އެންމެ ނުރައްކާތެރި ސިއްހީ ކްރައިސިސްގެ ވަގުތަކާ. އަޅުގަނޑުމެންގެ ޑޮކްޓަރުންނާއި ނަރުހުންނާއި ނަރުހުން އަދި ހެލްތުކެއާ ޕްރޮފެޝަނަލުންގެ ހިތްވަރު ފުރިހަމައަށް ދައްކައިލަމުންދާ ވަގުތަކާ،" ޓްވީޓްގައި ރައީސް ވިދާޅުވި އެވެ.
މިހާތަނަށް ފަރުވާއެއް އަދި ވެކްސިނެއް ހޯދިފައި ނުވާ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މުޅި ދުނިޔޭގައި މިހާރު ވަނީ މިލިޔަނަކަށް ވުރެ މަތިވެފަ އެވެ. އަދި އެ ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 73،000 އަށް ވުރެ މަތިވެފަ އެވެ.
ރައީސް އެންމެ ފަހުން ބޭއްވެވި ޕްރެސް ބްރީފިންގައި ވިދާޅުވީ ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން އިސް ސަފުގައި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިންނަށް ހާއްސަ ގޮތްތަކެއް ރާވަމުން އަންނަ ކަމަށާއި ރަނގަޅު އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށެވެ.
ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ، ކޮރޯނާވައިރަހަށް ޕޮޒިޓިވް ބައެއް ރާއްޖޭން ފެނުނު ފަހުން ރައީސް ބޭއްވެވި ފުރަތަމަ ޕްރެސް ބްރީފިން ގައި އެ މަނިކުފާނު ވިދާޅުވީ މި ދަނޑިވަޅުގައި އިސް ސަފަށް ނުކުމެ، ފުރާނަ އަތްމައްޗަށް ލައިގެން ސިއްހީ ހިދުމަތްތެރިން ކުރަމުން އަންނަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ރަނގަޅު އެހީތެރިކަމެއް އަޅުގަނޑުމެން ފޯރުކޮށްދޭނަން،" ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރުމަށް ސަރުކާރުން އުފައްދާފައިވާ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ހިންގާ ދަރުބާރުގޭގައި ބޭއްވި ކޮންފަރެންސްގައި ރައީސް ވިދާޅުވި އެވެ.
ކޮވިޑް-19 އަށް ރާއްޖޭން ޕޮޒިޓިވް ވި މީހުންގެ އަދަދަކީ 19 އެވެ. އޭގެ ތެރެއިން ރާއްޖޭގައި ތިބީ 15 މީހެކެވެ. އަނެއް ދެމީހުން ވަނީ އިޓަލީއަށް ފުރައިގެން ގޮސްފަ އެވެ. ރާއްޖޭގައި ތިބި މީހުންގެ ތެރެއިން ހަތަރު ދިވެއްސަކު ފިޔަވައި އެންމެން ވަނީ ރަނގަޅުވެފަ އެވެ.