ބަންޑާރަ މިސްކިތުގައި ކުރި މެންދުރު ނަމާދަކަށް ފަހު، އުމުރުން ދުވަސްވީ މީހަކު ގުރުއާން ކިޔަވަނީ: ލައިލަތުލްގަދްރި ވިލޭރޭގެ ދަރުމަ ހޯދަން އެންމެން ވެސް މަސައްކަތް ކުރަންޖެހޭ---ފޮޓޯ: ފަޔާޒް މޫސާ/މިހާރު
12 އެޕްރީލް 2023 - 10:13
ބަރަކާތްތެރި ރަމަޟާންމަހުގައި ހިމެނޭ އެންމެ ހާއްސަ އެއް ކަމަކީ ކޮން ރެއެއްކަން ކަނޑައެޅިގެން ނޭނގޭ އެކަމަކު ވަރަށް މާތް ރެއެއް އެ މަހުގައި ﷲ ލައްވާފައި ވުމެވެ. އެއީ ލައިލަތުލްގަދްރި އެވެ. އެބަހީ ގަދަރު އުފުލިގެންވާ ރެ އެވެ. އެއީ ރޭތަކުގެ ތެރެއިން އެންމެ މާތް ރެ އެވެ.
ސަބަބަކީ އެ ރޭގައި ކީރިތި ޤުރްއާން ބާވާލެއްވިފައި ވުމެވެ. އަދި އެ ރެއަކީ އެ ރޭގައި އަޅުކަންކުރުން އެއްހާސް މައްސަރުގެ އަޅުކަމަށް ވުރެ ހެޔޮކަން ބޮޑުވެގެންވާ ގޮތުގައި ﷲ ހަމަޖައްސަވާފައިވާ ރެއަކަށް ވުމެވެ. އެ ރެއަކީ ކޮން ރެއެއްކަން ކީރިތި ރަސޫލާ ﷺ އަށް ހުވަފެންފުޅުން ފެނިވަޑައިގަތް ކަމަށް ރިވާ ވެގެން ވެ އެވެ. އެކަމަކު ހިނގައިދިޔަ ބައެއް ކަންކަމުގެ ސަބަބުން ހަނދުމަފުޅު ނެތި ދިޔައީ ކަމަށް ރިވާ ވެގެން ވެ އެވެ. އެ ރެއަކީ ކޮން ރެއެއްކަން ނޭނގުނު ނަމަވެސް ރަމަޟާން މަހުގެ ފަހު 10 އިގައި ނުވަތަ ފަހު 10 އިގެ އޮނަހިރި ރޭތަކުގައި އަދި އޭގެ ތެރެއިން ވެސް އެންމެ ފަހުގެ އޮނަހިރި ރޭތަކުގައި އެ ރޭ ހޯދުމަށް މަސައްކަތް ކުރުމަށް މާތް ނަބިއްޔާ އިރުޝާދު ދެއްވާފައި ވެ އެވެ. އެހެންކަމުން އެއީ ކޮން ރެއެއްތޯ ނުބަލައި މިރޭގެ މާތްކަން ލިބިގަތުމަށް މަސައްކަތް ކުރަންޖެހެ އެވެ.
އިލްމުވެރިން ވިދާޅުވާ ގޮތުގައި، ލައިލަތުލް ގަދްރި ސިއްރު ކުރެއްވުމުގެ އެންމެ ބޮޑު ހިކުމަތަކީ، އަޅުކަންތައް ކުރުމަށް މީސްތަކުން އަބަދުވެސް ޝައުގުވެރި ކުރުވުމާ އެކު، އެ ރޭގެ މަތިވެރިކަމުގެ ނަސީބު ލިބޭނެ ގޮތް މެދުވެރި ކުރެއްވުމެވެ. އެއީ ކަނޑައެޅިގެން ވަކި ރެއެއް ނަމަ މީސްތަކުން އެހެން ރޭތަކަށް މާބޮޑު ފަރުވާލެއް ނުހުންނާނެ އެވެ. ނަފްސާނީ އިލްމުގައި ވެސް ޝައުގުވެރި ކުރުވުމަށްޓަކައި ހިތްވަރުދޭ އިރު އެންމެ ބޮޑަށް ޝައުގު ލިބެނީ އަދި ޝައުގުގެ މަތީ ދެމިހުންނަނީ ހިތްވަރު ދެވެނީ ކޮން ވަގުތަކު ކަން ނޭނގި އެކަމަކު ކޮންމެވެސް އެއް ވަގުތެއްގައި ހިތްވަރު ދެވޭނެކަން އެނގޭ ގޮތަށް ހިތްވަރު ދިނުމުންނެވެ.
އިމާމް އަލްފަހުރުއް ރާޒީ ވިދާޅުވާ ގޮތުގައި ﷲ ލައިލަތުލްގަދްރި ސިއްރު ކުރެއްވީ އެކަލާނގެ އެހެން ބައެއް ކަންކަން ވެސް ސިއްރު ކުރައްވާ ފަދައިންނެވެ. އަޅުންގެ ކިޔަމަންގަތުމަށް ﷲ ގެ ރުހިވޮޑިގަތުން އޮންނަ މިންވަރު ސިއްރު ކުރެއްވީ ހުރިހާ ކަމެއްގައި ވެސް ކިޔަމަން ގަތުމަށް ޝައުގުވެރި ކުރުވުމަށެވެ. އުރެދުންތަކަށް ﷲ ކޯފާ ވާ މިންވަރު ސިއްރު ކުރެއްވީ ހުރިހާ އުރެދުންތަކުން ދުރުހެލިކުރުވަން ބާރެއްގެ ގޮތުގަ އެވެ.
މީސްތަކުންގެ ތެރެއިން ﷲ ގެ ވަލިއްޔުން ސިއްރު ކުރެއްވީ ވަކި މީހަކު ތަފާތު ނުކޮށް އެންމެންނަށް ވެސް ގަދަރު ކުރުމަށް ބާރު އެޅުމަށެވެ. ދުއާ އިޖާބަ ކުރައްވާ މިންވަރު ސިއްރު ކުރެއްވީ ދުއާ ކުރުމުގައި މުބާލައާ ކުރުމަށް ހިތްވަރު ދެއްވުމަށެވެ. ﷲ ގެ އެންމެ މަތިވެރި އިސްމުފުޅު ސިއްރު ކުރެއްވީ ހުރިހާ އިސްމުފުޅުތަކުން ވެސް އެކަލާނގެ އަށް ދަންނަވައި އަދި ހުރިހާ އިސްމުފުޅުތައް މުގައްދަސް ކުރުވުމަށެވެ. މެދު ނަމާދު ސިއްރު ކުރެއްވީ ހުރިހާ ނަމާދަކަށް ވެސް ފަރުވާތެރި ކުރުވުމަށެވެ. ތައުބާ ގަބޫލު ކުރައްވާ މިންވަރު ސިއްރު ކުރެއްވީ ހުރިހާ ކަމަކުން ވެސް ތައުބާ ލެއްވުމަށް އަބަދުވެސް އެދުމަށް ޝައުގުވެރި ކުރުވުމަށެވެ. މަރުވާ ވަގުތު ސިއްރު ކުރެއްވީ ދިރިހުރި ހުރިހާ ވަގުތަކު މަރަށް ތައްޔާރު ވުމަށް މަސައްކަތް ކޮށް ބިރުވެތި ކުރުވުމަށްޓަކަ އެވެ.
އިލްމުވެރިން ވިދާޅުވާ ގޮތުގައި، ލައިލަތުލް ގަދްރި ސިއްރު ކުރެއްވުމުގެ އެންމެ ބޮޑު ހިކުމަތަކީ، އަޅުކަންތައް ކުރުމަށް މީސްތަކުން އަބަދުވެސް ޝައުގުވެރި ކުރުވުމާ އެކު، އެ ރޭގެ މަތިވެރިކަމުގެ ނަސީބު ލިބޭނެ ގޮތް މެދުވެރި ކުރެއްވުމެވެ. އެއީ ކަނޑައެޅިގެން ވަކި ރެއެއް ނަމަ މީސްތަކުން އެހެން ރޭތަކަށް މާބޮޑު ފަރުވާލެއް ނުހުންނާނެ އެވެ.
މިފަދައިން އެތައް ކަމެއް ސިއްރު ކުރައްވާފައިވާ އިރު ލައިލަތުލްގަދްރި ވެސް ސިއްރު ކުރެވިފައި ވުމުން މުޅި ރޯދަމަސް އެކީ އެ ރޭ ހޯދުމަށް މަސައްކަތް ކުރާނެ އެވެ. އަދި ވަކިން ހާއްސަކޮށް ފަހު 10 އިގައި ބޮޑަށް މަސައްކަތް ކުރާނެ އެވެ. މަހުގެ ފުރަތަމަކޮޅު އަޅުކަންތަކަށް ވަރަށް ބޮޑަށް ސަމާލުކަން ދީފައި މެދެއްހާ ހިސާބަށް އަންނަ އިރު ފޫހިކަމާއި ލޮޑުކަން ބައެއް މީހުންގެ ފަރާތުން ފެނެ އެވެ. މިކަމުން އަރައިގަނެ އަލުން އާ ހިތްވަރަކާ އެކު މަސައްކަތް ކުރުމުގެ ޝައުގު ފަހު 10 އިގައި ލިބެ އެވެ. ފަހު 10 އިގެ ތެރެއިން ވެސް އެންމެ ފަހުގެ އޮނަހިރި ރޭތަކަށް މާބޮޑު ޝައުގެއް ލިބިގެން ދެ އެވެ.
ލައިލަތުލްގަދްރި ސިއްރު ކުރެވުނު އަނެއް ހިކުމަތަކީ އެ ރެއަކީ ކޮން ރެއެއްކަން އެނގި ހުރި ހާލަތެއްގައި އެ ރޭ ފާފައަކަށް ހުށަހެޅިއްޖެ ނަމަ ލިބޭނެ ފާފައިގެ ބޮޑުކަން އިތުރުވެގެން ގޮސްދާނެތީވެ މީސްތަކުންނަށް ރަހުމަތަކަށްޓަކަ އެވެ.
ތިންވަނަ ހިކުމަތަކީ، އަޅުކަން ކުރުމުގައި ގަދައަޅައި މަސައްކަތް ކުރުމަކީ އޭގެ ޒާތުގައި ވެސް ސަވާބު ލިބޭ ކަމަކަށް ވާއިރު މިގޮތަށް ސިއްރު ކުރެވިފައި އޮތުމުން އެއް ރެއަކު ގަދައަޅައި މަސައްކަތް ކުރުމަށް ވުރެ އެތައް ރެއަކު އެގޮތަށް ގަދައަޅައި މަސައްކަތް ކުރުމުން ލިބޭ ސަވާބު އިތުރު ވާނެތީ އެވެ.
ހަތަރުވަނަ ހިކުމަތަކީ، އެ ރޭ ހޯދުމަށްޓަކައި އިންސާނާ ކުރާ މަސައްކަތާ މެދު ﷲ ފަހުރުވެ ވޮޑިގަތުމަށްޓަކައެވެ. އެއީ، އިންސާނުންނަކީ ބިމުގައި ފަސާދަ އުފައްދައި، ލޭއޮހޮރުވާނެ ބައެއް ކަމަށް މަލާއިކަތް ބޭކަލުން ވިދާޅުވިއަސް ﷲ އަށް އަޅުވެތި ވުމުގައި ލައިލަތުލްގަދްރި ކަން ކަށަވަރު ނުވާ ރޭ ރޭ ވެސް މިހާވަރަށް މަސައްކަތް ކުރާ ނަމަ އެކަން ކަށަވަރު ވާ ރޭ އަޅުވެތިވުން ހުންނާނީ ކިހާ މިންވަރަކަށް ކަން މަލާއިކަތް ބޭކަލުންނަށް ތަސައްވުރު ކޮށްދެއްވުމަށެވެ.
ރޭދުވާ އައުމުގައި ދުނިޔޭގެ އެކި ހިސާބުތަކަށް ތަފާތު ވުމާއި ހަނދު ސާބިތު ކުރުމުގައި އެއް ގައުމާއި އަނެއް ގައުމު ތަފާތު ވުމުން ލައިލަތުލްގަދްރި ތަފާތުވެދާނެތޯ ކުރެވޭ ސުވާލުގައި ގިނަ އިލްމުވެރިން ވިދާޅުވަނީ، ފެށޭވަގުތާއި ނިމޭ ވަގުތު ތަފާތު ވިޔަސް އެ ރެޔަކީ ކޮންމެ ބަޔަކަށް ވެސް އެބައެއްގެ ރޭގަނޑުގެ ވަގުތެވެ.
އެހެންކަމުން ލައިލަތުލްގަދްރި ތަސައްވުރު ކުރެވޭނެ ގޮތަކީ، ބިމުގެ ވަކި ތަނަކުން ދަތުރެއް ފަށައިގެން ބިމުގެ ހުރަހަށް އެއް މިސްރާބަކަށް ދަތުރު ކުރަމުން ގޮސް ބިން ވަށާލައި އިހު ހުރި ތަނަށް އަންނަ މީހަކަށް ރޭނގަޑު ތަސައްވުރު ކުރެވިގެންދާ ފަދަ ގޮތެވެ. މި ރައުޔުގެ ސައްހަކަން ކަށަވަރު ވަނީ ކައުނުގައިވާ އިލާހީ ސުންނަތާ އެންމެ ގުޅެނީ މިގޮތް ކަމަށް ވާތީ އެވެ.
މީސްތަކުން ﷲ އަށް އަޅުކަން ކޮށް އުޅުމުގައި މުޅި ބިމަށް ބަލާއިރު އަބަދުވެސް ކޮންމެވެސް ބަޔަކު އެކަމުގައި ރޭގަނޑު ހޭދަނުކުރާ ވަގުތެއް ނުދާނެތީވެ ﷲ ގެ ހަޒްރަތުން އަމާންކަމާއި ހެޔޮކަން އައުމުގައި ވެސް މެދުކެނޑުމެއް ނޯންނާނެތީ އެވެ. މިގޮތަށް ރޭގަނޑު އަންނަ ކަމަށް ވާ ނަމަ، އިލްމުވެރިން ވިދާޅުވާ ގޮތުގައި މަލާއިކަތުން ފައިބާ ވަޑައިގަންނަވާނީ ކޮންމެ ބަޔަކަށް ވެސް އިރު އޮއްސުނީއްސުރެ އެބަޔަކަށް ފަޖުރު ލަންދެނެވެ. ނުވަތަ ކޮންމެ ބަޔަކަށް ވަކި މަލާއިކަތުންތަކެއް ހާއްސަވެފައި ވުމަކީ ވެސް ވެދާނެ ގޮތެކެވެ. ނުވަތަ އެންމެ ފުރަތަމަ ރޭގަނޑުވާ ހިސާބަކަށް ފައިބައިވަޑައިގަންނަވާ ގޮތަށް އެންމެ ފަހުން ފަޖުރުލާ ހިސާބަކުން އަރާވަޑައިގަންނަވާ ގޮތަށް ވުމަކީ ވެސް ވެދާނެ ގޮތެކެވެ. ދެން އޮތީ ހަނދު ބެލުމުގައި އަންނަ ތަފާތެވެ. އިލްމުވެރިން ވިދާޅުވާ ގޮތުގައި ލައިލަތުލްގަދްރި އަކީ އެއް ރެއެކެވެ. ގިނަ ރޭތަކެއް ނޫނެވެ.
އެހެންކަމުން މި ތަފާތުގެ ސަބަބުން އަންނާނެ ހަމައެކަނި ތަފާތަކީ އޮނަހިރި އާއި އެކި ތަންތަނަށް ތަފާތު ވުން އެކަންޏެވެ. ލައިލަތުލްގަދްރި ވާނީ ހަމަ ހުރިހާ ތަނަކަށް ވެސް އެއް ރެއަކަށެވެ. އެކަމަކު ހުރިހާ ތަނަކަށް އެއީ އޮނަހިރި ރެއަކަށް ވުން ކޮންމެހެން ލާޒިމެއް ނޫނެވެ. ވީމާ މި ސަބަބަށްޓަކައި ވެސް ލައިލަތުލްގަދްރި ހޯދަން ހަމަ ކޮންމެ ރެއަކު ވެސް މަސައްކަތް ކުރުން ބުއްދިވެރި އެވެ.
އާދެ، އެހެންކަމުން އެރޭ ސިއްރު ކުރެވިފައިވުމުގެ ހިކުމަތްތަކަށް ސަމާލުވެ، އަޅުކަންތައް ކުރުމުގައި ވަކި ރެއެއް ނުބަލައި އިތުރު ހިތްވަރަކާއި ބާރެއް ލާން މަސައްކަތް ކުރަން ޖެހެ އެވެ. ނަމަވެސް މާތް ނަބިއްޔާ ﷺ ގެ އިރުޝާދާ އެކު މިކަމުގައި ފަހު 10 އިގައި ވަކިން ބޮޑަށް ގަދައަޅައި މަސައްކަތް ކުރަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައުމޫނު އަބްދުލް ގައްޔޫމް
13 April 2023
ތީ ކީ ސިއްރެއް ނޫން. ދިވެހިންނަށް ތިދުވަސް އެނގޭ.
ސުވާލުއުފެދިއްޖެ
13 April 2023
ކޮބާތޯ މެދުނަމާދަކީ؟
މަންޑ
12 April 2023
ދުނިޔެ ވަށްކޮށް ލައްވާ، ދުނިޔޭގެ އެކި އެކި ޤައުމުތަކަށް އެކި ގަޑި ގަޑީ ގައި ލައިލަތުލް ޤަދުރި ވިލޭރޭ ލެއްވި ކަމީ ވެސް ކިހާ ބޮޑު ނިއުމަތެއްތޯއެވެ. ވިސްނާ ފިކުރު ކުރާ ބަޔަކަށް މު ކަމުގައިވެސް އިބްރަތްތަކެއް ވާނެއެވެ،
ޒަރީންތަ
12 April 2023
ކީރިތި ގުރުއާނުގައި ކަނޑައެޅިގެން އެއީ އެނގިގެން ނުވާ ރެއެއްކަމަށް ވަހީކުރައްވާފައިވާކަމާއި އެ އާޔަތުގައި ލައިލަތުލް ގަދުރި އަކީ ކޮނަ ރެެއެއްކަން ކަލޭގެފާނަށް އަންގައިދެނީ ކޮންއެއްޗެއްތޯ ސުވާލުކުރައްވާފައިވުމުން ދެން އަހަރެމެން އެއީ މިވެނި ރެއެކޭ 27 އޭ އޮނަހިރި އޭ ކިޔުމަކީ ބޮޑު ބިދުއަކަށް ނުވޭތަ؟ މާތްﷲ ސިއްރު ކުރައްވާފައިވާ ރެއެއް ޕްރިޑިކްޓު ކުރަން އުޅުމަކީ ޝަރީކު ކުރުމަށް ނުވޭބާ؟
ވާންޗޯސް
12 April 2023
ގުރުއާނުގެ މަތިވެރިކަމާއި މުއުޖިޒާތުގެ ފުރިހަމަކަން ނޭނގިހުރެ އަމިއްލައަށް ބިދުއެކޭ ތިކިޔަނީ.
ކިރު ސައި
12 April 2023
27 ވިލޭރޭ. ތެދުމަގު ބޭނުންވާ މީހުންނަށް ސާފުކޮށް ފެންނަން އޮތްކަމެއް.