14 އެޕްރީލް 2023 - 10:07
ޔުރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ފަހު ވަގުތު ބައިކޮޅަށް ވަން ދެ ގޯލުން ސްޕެއިނުގެ ސެވިއްޔާ އާއި އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑް 2-2 އިން އެއްވަރުވިއިރު، ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން އަތުން 1-0 އިން އިޓަލީގެ ޔުވެންޓަސް މޮޅުވެއްޖެ އެވެ.
ޔުނައިޓެޑުން ވަނީ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ 20 މިނެޓުގެ ތެރޭގައި މާސެލް ޒަބިޓްޒާގެ ދެ ގޯލުން ރަނގަޅު ލީޑެއް ނަގައިފަ އެވެ. އަދި ދެ ވަނަ ހާފުގެ ކުރީކޮޅު ލީޑު އިތުރަށް ފުޅާކުރަން އެންޓޮނީ އަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވި އެވެ.
އެ ޓީމަށް މައްސަލަތަކެއް ދިމާވީ ދެ ސެންޓްރަލް ޑިފެންޑަރުން ކަމަށްވާ ރަފައެލް ވަރާން އާއި ލިސަންދްރޯ މާޓިނޭޒް އަށް އަނިޔާވެގެން ބާލަން ޖެހުމުންނެވެ. އޭގެ ފަހުން 84 ވަނަ މިނެޓުގައި މަލާސިއާ އަތުން ބައިކޮޅަށް ގޯލެއް ވަދެ ސެވިއްޔާ އަށް ހިތްވަރެއް ލިބުނެވެ. އަދި ވަރާންގެ ބަދަލުގައި އެރި ހެރީ މެގުއާ އަތުން އިތުރު ވަގުތުގެ ތެރޭ ބައިކޮޅަށް ގޯލެއް ވަދެ މެޗު އެއްވަރުވި އެވެ.
މި ސީޒަނުގެ މުބާރާތުގެ ފޭވަރިޓުން ކަމަށްވާ ޔުނައިޓެޑް އަތުން ހޯދި ޕޮއިންޓާ އެކު، މުބާރާތް ރެކޯޑް ހަ ފަހަރު ހޯދާފައިވާ ސެވިއްޔާ އަށް އަމިއްލަ ދަނޑުގައި އޮންނަ ދެ ވަނަ ލެގާ މެދު މިހާރު ވަނީ އުއްމީދު ބޮޑުވެފަ އެވެ.
ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހަގް ބުނީ ފުރުސަތު ލިބޭ ވަގުތު ގޯލް ޖަހައި، މެޗުން ތިން ޕޮއިންޓް ކުރީބައިގައި ކަށަވަރުކުރަން ދަސްކުރަން ޖެހޭ ކަމަށާއި މިހާރު މިވީ ގޮތުން ދެ ޓީމަށް ވެސް ފުރުސަތު އެބައޮތް ކަމަށެވެ.
"ނަސީބު ވެސް ދެރައީ. ބައިކޮޅަށް ދެ ގޯލް ވަނީ. އެކަމަކު މިކަމާ ކުރިމަތިލުން އޮތީ،" އޭނާ ބުންޏެވެ.
އަމިއްލަ ދަނޑުގައި ޔުވެންޓަސް އިން ސްޕޯޓިން އަތުން މޮޅުވީ 73 ވަނަ މިނެޓުގައި ފެޑެރިކޯ ގަޓީ ޖެހި ގޯލުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ޔުވެންޓަސްގެ ގޯލްކީޕަރު ވޮސިއެޗް ސެޒްނީގެ މެޔަށް ތަދުވެގެން ވަނީ ބަދަލުކޮށްފަ އެވެ. ފުރަތަމަ ހެދި ޓެސްޓްތަކުން، ނުރައްކަލެއް ނެތް ކަމަށް ދައްކާ ކަމަށް ކްލަބުން ބުނެ އެވެ.
އޭނާގެ ބަދަލުގައި އެރި މަޓިއާ ޕެރިން ވަނީ ފަހު ވަގުތު މުހިއްމު ސޭވްތަކެއްކޮށްފަ އެވެ.
އިޓަލީން ދެން ކުއާޓާގައި ވާދަކުރާ ރޯމާ ވަނީ ރަށުން ބޭރުގައި ނެދަލެންޑްސްގެ ފެޔަނޫޑް އަތުން 1-0 އިން ބަލިވެފަ އެވެ. މިދިޔަ ސީޒަނުގެ ޔުއެފާ ކޮންފަރެންސް ލީގު ކާމިޔާބުކުރި ރޯމާ އަށް މި މެޗުގައި އިތުރު މައްސަލަތަކެއް ދިމާވީ ދެ ފޯވާޑުން ކަމަށްވާ ޕައޮލޯ ޑީބަލާ އާއި ޓެމީ އަބްރަހަމް އަށް އަނިޔާވުމެވެ.
ކުއާޓާގައި ރޭ ޖަރުމަނުގެ ބެޔާ ލެވަކޫސަން އާއި ބެލްޖިއަމްގެ ޔޫނިއަން ސެއިން-ޖިލޮއިސް ވަނީ 1-1 އިން އެއްވަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަލޯނާ
14 April 2023
ފަހު ހާފުގާ ސެވިއްޔާ ދެއްކި ކުޅުމުން ސެވިއްޔާގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެެޗުން މޮޅުވުމުގެ ފުރުސަތު އެބައޮތް.
ޖުހާނާ
14 April 2023
ފުރުޞަތު ލިބޭ ވަގުތު ގޯލް ޖަހައި، މެޗުން ތިން ޕޮއިންޓް ކުރީބައިގައި ކަށަވަރުކުރަން ދަސްކުރަން ޖެހޭކަމަށް ޔުނައިޓެޑްގެ ކޯޗު ބުނިކަމަށް ލިޔެފައި އޮތްއިރު، މިއީ ޕޮއިންޓް ސިސްޓަމަށް ކުޅުނު މެޗެއް ނޫން. މިއީ މި 2 ޓީމުގެ މެދުގައި ހޯމް އެންޑް އަވޭ އުސޫލުން 2 މެޗް (2 ލެގް) ކުޅެ، 2 މެޗުގައި ޖެހި ގޯލުގެ އަދަދަށް ބަލައިގެން މޮޅުވާ ޓީމެއް ކަނޑައަޅާ މެޗެއް. އެވަރުވެސް ޔުނައިޓެޑުގެ ކޯޗަށް ނޭނގޭދޯ؟