ރައީސް ޔާމީން މިއަދު ދިއްގަރަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ: ދިއްގަރަށް ފަހު އެމަނިކުފާނު ވަނީ މުލަކަށް ވެސް ވަޑައިގެންފައި.---ފޮޓޯ: ރައީސް އޮފީސް
23 ޖެނުއަރީ 2017 - 16:11
ޑިމޮކްރަސީގައި ހިޔާލުތަފާތުވުންތައް އުފެދޭނެ ކަމަށާއި އެކަމަކު އެކަންކަން ނިންމާނީ ގުޅަކުޅޭ ފަސްގަނޑަކުން ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
މ. މުލަކު ނަރުދަމާގެ މަޝްރޫއު ފައްޓަވައިދެއްވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޒަމާނީ ޑިމޮކްރަސީއެއްގައި ވާދަވެރިން ހަނދާންކޮށްދޭ ހަމައެކަނި ކަމަކީ އިހްތިޖާޖު ކުރުން ކަމަށެވެ. އެކަމަކު އޭގެ ބަދަލުގައި ރައްޔިތުންނަށް ބޭނުންވާ ކަންކަން، ވެރިކަން ކުރާ މީހުންގެ ސަމާލުކަމަށް ގެންނަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޔާމީން ފާހަގަކުރެއްވި ގޮތުގައި، އަބަދުވެސް މުޒާހަރާ ކުރަނީ މީހުން ކޮށްދީފައިވާ ކަންކަން ކަމުނުގޮސްގެންނެވެ. އެކަމަކު "ވަކި ރަށެއްގެ ނަރުދަމާ ނިޒާމު ނެތިގެން އެކަން ހަނދާންކޮށްދީފައެއް ނުވަތަ ރަށްރަށުގައި ކަނު އަނދިރީގައި ކުދިން ކިޔަވަމުންދާ ކަމެއް މުޒާހަރާތަކުން ހަނދާން ނުކޮށްދޭ" ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިއަދު އުފުލަމުން މިދާ ޝިއާރަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ސާފު ބޯފެން ހޯދައިދޭން ޖެހޭނެއޭ. އެކަމަކު މި ހައްގުތަކަށް މަސައްކަތް ނުކޮށް، މައްސަލައަކަށް މިވަނީ ސުޕްރީމު ކޯޓުގައި ތިބޭ ފަނޑިޔާރުންގެ ޝަރުތު. ނުވަތަ އެހެން ކޮންމެވެސް ތަނެއްގައި ހިނގާ އެހެން ކަމެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.
"ބޭނުންވެފައިވާ ހިދުމަތްތަކެއް ނުލިބިގެން މިދަނީ ކީއްވެގެން ކަމެއް އަޅުގަނޑުމެންގެ ހިޔާލަކަށް ފަހަރެއްގައި ވެސް ގެނެސްދީފައެއް ނެތް،"
ރައީސްގެ ވާހަކަފުޅު ބޮޑަށް އަމާޒު ކުރެއްވީ ''ކަންތައްތައް ކޮށްދޭ މީހުންނަށް" އިހްތިރާމް ކުރުމާ ގުޅޭގޮތުންނެވެ. އެގޮތުން ވިދާޅުވީ އިހްތިރާމް ބޭނުންވާ ކޮންމެ މީހަކަށް، އެމީހަކަށް އިހްތިރާމް ކުޑަކުރުމުން ކަންކަން ކޮށްދޭން އުނދަގޫވާ ކަމަށާއި އެއީ އިންސާނީ ސިފައެއް ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި ނުވެފައި ހުރި ކަންކަންކަމުގެ ވާހަކަތައް ދެއްކުން އެމަނިކުފާނު މަނައެއް ނުކުރައްވާނެ އެވެ. އެކަމަކު އެ ވާހަކަތައް ދައްކަން ވަކި ވައްޓަފާޅިއަކާއި ގޮތްތަކެއް ހުންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ޑިމޮކްރަސީގެ ވާހަކަ ދައްކާއިރު އަދި މުސްލިމުންނޭ ބުނާއިރު ހަމައެކަނި ކުރަން ޖެހޭ ކަމަކީ ނަމާދު ކުރުމާއި ރޯދަ ހިފުން ނޫން ކަމާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެތައް ބައިވަރު އަހުލާގީ ރިވެތި ސިފަތަކެއް ހުރިކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
ރައީސް ވިދާޅުވީ ބޭރު ގައުމުތަކުގައި ވެސް ހިތްހަމަނުޖެހޭ ކަންކަން ހިނގާ ކަމަށާއި އެކަމަކު އެ މީހުން އެކަން ހައްލު ކުރަނީ ޑިމޮކްރަސީގެ ހަމަތަކަށް ވިސްނައިގެން ކަމަށެވެ.
"އޭގެ މާނައަކީ އެއްގޮތަކަށް ވެސް އެމެރިކާގެ ރައީސާ ނުވަތަ ވެރިކަން ކުރާ ޕާޓީގެ އިސްމީހުންނާ މެދު އެހެން ޕާޓީތަކުގެ މީހުން ހިޔާލުތަފާތުވުންތައް ނެތިއްޔެއް ނޫނޭ. އިންތިހާ އަށް ހިޔާލު ތަފާތު. އެކަމަކު އިހްތިރާމާ އެކު ކަންކަން ކުރެވޭ. އެ އާދަތައް އަޅުގަނޑުމެންގެ ތެރެއަށް އަންނަން ޖެހޭނެ." އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ކަންކަމާ އަޑުއުފުލި ނަމަވެސް އެކަންކަން ނިމޭނީ އަޣްލަބިއްޔަތުންނެވެ. އެހެންވެ، އެ އަޣްލަބިއްޔަތު ހޯދުމަށް ވޯޓާ ހަމައަށް ދާން ކެރެން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. އަދި ހިޔާލުތަފާތުވުންތައް ވެސް ވަކި ހިސާބަކުން ނިމެން ޖެހޭނެ ކަމަށާއި އެކަން ނިންމޭނީ ކޮންމެ ރައްޔިތަކު ވެސް ބޭނުން ގޮތަކަށް ވޯޓުލާން ޖާގަދީގެން ކަމަށް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެހެންވެދޯ
25 January 2017
މިބޭފުޅާގެ ޚިޔާލުރަފާތުވުން ގުޅަކުޅޭފަސްގަނޑުން ނިންމި ހަނދާ މިހާރުނެތްދޯ!... ފުލުހުންނާ ސިފައިން އަންނާށޭ ތިމަންމެން މުސާރަދޭނަމޭ ބުނި ހަނދާން ނެތްދޯ!
ދޮންދީނި
25 January 2017
ކޯޓުން ދެއްތޮ....މަނިކުފާނުގެ ފޭވަރިޓް
ގަބޭ
24 January 2017
ހިޔާލުތަފާތުވުންތައް ނިންމާނީ ގުޅަކުޅޭ ފަސްގަނޑަކުން ނޫން، ޖުމްހޫރީ މައިދާނުގަ ޕިކަޕަކަށް އަރާހުރެ.
ހަސަނު
24 January 2017
ހިޔާލު ތަފާތުވުންތައް ޔާމީނު ނިންމަން ބޭނުނ ްވަނީ ޖަލުގެ ކުޑަގޮޅިން.... ޔާމީނާ ހިޔާލު ކިރިޔާވެސް ތަފާތު ވެއްޖެ ނަމަ ނިމުނީ.. ޖަލަށް.. ހަމަސީދާ ޖަލަށް... ވަޒީފާއެއްގަ ހުރިނަމަ ކަނޑާވެސްލާނީ..
ހައްވާގެ ތެލެފޯނާ
24 January 2017
އެއީ ވަރަށް ރަނގަޅު ތެދު ފުޅެއް. ޙިޔާލު ތަފާތުވުން ނިންމާނީ ކޯޓްތައް މެދުވެރިކޮށް، ޖަލުގެ ކުޑަ ގޮޅިން.
މެންޓަލިސްޓް
24 January 2017
ޙިޔާލް ތަފާތުވުން ދެން ނިންމާނީ ޖަލުންތޯ ؟ މަނިކުފާނާޢި ސޭޙްއިމްރާންއާޢި ޙިޔާ ތަފާތުވީމައި ވެސް އެހެންނުންތޯ ވެގެންދިއައީ ،، އެހެންނޫނީ ޙިޔާލްތަފާތުވީމައި ފުލުހުންނާޢި ސިފައިންނާޢި ނެރެގެން ވައްޓާލަންތޯ ޖެހެނީ ،، އެކަންކުރިދުވަހު މަނިފާނު ހުންނެވީ ޖުމްހީރީ މައިދާން ނޫނީ ގުޅަކުޅޭފަސްގަނޑުގައެއް ނޫންތޯ < ހަމަ އަހާލީ ،،، ވަރަށްވެދުން
ދަގަނޑު ދަހަނާ
23 January 2017
ގުޅަކުޅޭ ފަސްގަނޑަށްވެސް މަނިކުފާނަށް ނުކުންނަން ކެރިވަޑައިގެންފިއްޔާ ރައްޔިތުން ބުރާރަޒާއަށް ނުކުންނާނެ. އެކަމަކު ބޮޑަށް ވައްތަރީ ގުޅަކުޅޭ ފަސްގަނޑަށް މަނިކުފާނު ނުކުމެ ވަޑައިގަތުމުގެ ބަދަލުގައި ނުކުންނާނީ ކުދިބޭކަލުންނާއި ހަގުބޭކަލުންހެން. މަނިކުފާނު ހުންނަވާނީ ސިންގަޕޯރުގައި. ހުރިހާކުޅިއެއް ޖަހައި ކަންކަން އޮމާންވީމާ ނުކުމެ ވަޑައިގެން ބައިތުލްމާލުގައި ހުރިވަރެއް ހިސާބު ކުރުން އޮންނާނީ "އިގްތިޞާދު" ކުރިއަރުވަން.
ސަންފާއޮނު
23 January 2017
ރައީސް މައުމޫނަށް ހައްދަވާގޮތުންވެސް އެބަ އެނގޭ އެއްވެސް މީހަކަށް ހެއުކޮން ނުހިތާނެކަން
ނަސީރު
23 January 2017
ބަހުރުވައަށް ސާބަސް. ދެން އަހަރުމެންގެ ދަރިން ތިފިލާވަޅުތަށް ހިތު ދަސްކޮށް ޑިގްރީ ނަގަނީ.
އަލްޖިބްރާ
23 January 2017
އާނ! ޚިޔާލު ތަފާތުވުންތައް ނިންމާނީ ޖަލުން !