ހީލަތާއި ބޮޑު ކޮރަޕްޝަން އޮތީ މި ސަރުކާރުގެ ތެރޭގައި: ޔާމީން

ހީލަތާއި ބޮޑު ކޮރަޕްޝަން އޮތީ މި ސަރުކާރުގެ ތެރޭގައި ކަމަށާއި ރައްޔިތުންނަށް ތަރައްގީއެއް ހޯދައިދޭން ސަރުކާރުން ނޫޅޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.


ޕީޕީއެމް ވަރުގަދަކުރަން އެ ޕާޓީން ފަށާފައިވާ ދަތުރުތަކުގައި މ. ނާލާފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި އިދިކޮޅު ލީޑަރު ޔާމީން ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް މިހާތަނަށް އައި އިރު އެއްވެސް ކަމެއް ފުރިހަމަކޮށް ދެވިފައި ނުވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުން މިހާރު ބަޖެޓު ފާސް ކުރަނީ ވެސް ރައްޔިތުންގެ ތަރައްގީ އަށް ނޫން ކަމަށް ވިދާޅުވެ، ޔާމީން މިސާލު ނެންގެވީ ދާދި ފަހުން ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި މަޖިލިހުން ފާސް ކުރި 1.7 ބިލިއަން ރުފިޔާގެ ބަޖެޓަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ބަޖެޓުގެ ގާތްގަނޑަކަށް 70 ޕަސަންޓު ދަނީ ތަރައްގީއަކަށް ނޫނެވެ.

މ. މުލަކުގައި ރޭ ބޭއްވި ޖަލްސާގައި ޔާމީން ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: ޕީޕީއެމް

އާންމު ދިރިއުޅުމަކަށް އެއްވެސް ކަހަލަ މަންފާއެއް އެ ބަޖެޓުން ނުކުރާނެ ކަމަށާއި އެއީ ކޮމިޝަންތަކާއި ސިޔާސީ މަގާމުތަކުގައި ތިބި މީހުންނަށް މުސާރަ ދޭން ފާސް ކުރި ބަޖެޓެއް ކަމަށް ޔާމީން ވިދާޅުވި އެވެ.

"މި ސަރުކާރަކީ ސަރުކާރުގެ ފިކުރުގައި ތިބި އެމްޑީޕީ މީހުންނަށް މުސާރަ ދޭ ސަރުކާރެއް. މިއީކީ ރައްޔިތުންނަށް ތަރައްގީގެ މަޝްރޫއު ހިންގާ ސަރުކާރެއް ނޫން،" ޔާމީން ވިދާޅުވި އެވެ.

އޭގެ ބަދަލުގައި މި ސަރުކާރުގެ ވެރިން ރައްޔިތުންނަށް ވިސްނައި ދޭން އުޅެނީ ކުރީގެ ސަރުކާރުން ކުރި ކަންކަމަކީ ބޮޑެތި ގޯސްތަކެއް ހިނގައިގެން ކުރި ކަންކަމުގެ ގޮތުގައި ކަމަށް ޔާމީން ވިދާޅުވި އެވެ. ކުރީގައި ހިނގާފައި ހުރި ކަންކަމަކީ އަގުހެޔޮކޮށް ހިނގާނެ ކަންކަމުގެ ގޮތުގަ އާއި ބޮޑެތި އަދަދުން ރިޝްވަތު ނަގާފައި ހުރި ކަންކަމަށް ދައްކައިދޭން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

އެމްޑީޕީން 2008 ވަނަ އަހަރު ވެރިކަމަށް އައުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ޖަދަލުކޮށް ދެއްކީ ވެސް އެ ކަހަލަ ވާހަކަތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެމީހުން ނޫން އެންމެންނަކީ ވަގުން، އެމީހުން ނޫން އެންމެންނަކީ ކޮރަޕްޓު މީހުން. އެމީހުން ނޫން އެންމެންނަކީ ދައުލަތުގެ ފައިސާގައި ޖެހިފައި ތިބި މީހުން. އެކަމަކު، ރަށެއް ފަސާދަވާ އިރު އެމީހުންނަކަށް ނުވިސްނޭ ވަކި ބައެއްގެ ޖީބުތަކަށް އެކަނި ފައިސާ ވަންނާނެ ގޮތެއް ވެސް،" މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަށް އަމާޒު ކުރައްވައި ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ބޮޑު ކޮރަޕްޝަން އޮތީ ސަރުކާރުގައި މިހާރު ތިއްބެވި ބޭފުޅުންގެ ތެރޭގަ އެވެ. މިހާރު ކުރިއަށްދާ މަޝްރޫއުތަކަށް ބެލި ކަމުގައި ވިޔަސް، "ބޮޑެތި ކޮރަޕްޝަންތަކެއް" ހިނގާފައި ހުރީ މި ސަރުކާރުގެ ވެރިންގެ ތެރޭގައި ކަމަށް ވެސް ޔާމީން ތުހުމަތު ކުރެއްވި އެވެ.

"އަޅުގަނޑު ނުދަންނަވަން ކުރީގެ ސަރުކާރުގެ ތެރޭގައި ކަންތައްތަކެއް ނުހިނގައޭ. ސަރުކާރު ހިންގަން ހުރެގެން، އެމްއެމްޕީއާރުސީގެ ވާހަކަ ދެއްކި މީހަކީ އަޅުގަނޑު. އެއީ ހިނގާފައި އޮތް ބޮޑު ކޮރަޕްޝަނެއް،" އެމްއެމްޕީއާރުސީގެ ތިން ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ މި ސަރުކާރަށް 10 މަހެއްހާ ދުވަސް ލިބުނު އިރު، ކަންކަން ގަޟާ ކުރަން ވެސް ދުވަސްތަކެއް ލިބިފައިވާ ކަމަށެވެ. އެހެންވެ، މި އަހަރު ބާކީ އޮތް ތިން މަހެއް ތެރޭގައި ކަންކަން ކުރާނެ ކަމަށް ބުނާ ނަމަ، އެކަންކަމާ ދޭތެރޭގައި ވިސްނަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ މ. މުލަކަށް ވަޑައިގަތުމުން އެ ރަށު ރައްޔިތުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ. --- ފޮޓޯ: ޕީޕީއެމް

"މަޝްރޫއެއް ހިންގަން ފައިސާ ބަޖެޓުގައި ޖަހާފައި ހުންނަނީ 15،000ރ. ނޫނީ 17،000ރ. ކޮން ކަމެއްތޯ 17،000ރ. އިން ކުރެވޭނީ؟ މިސްކިތެއް މަރާމާތުކޮށްލަން ބޭނުންވިޔަސް 17،000ރ. އިން ނުކުރެވޭނެ،" ސަރުކާރުގެ 30 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ބަޖެޓަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި މިހާރު ބަޖެޓުތައް ފާސް ކުރަނީ އިދިކޮޅު ފަރާތްތަކުން ގަބޫލު ކުރާ ކަންތައްތަކެއް ހުރެގެން ނޫން ކަމަށެވެ. އެކަމަކު، އެއީ ރައްޔިތުންގެ ތަރައްގީ އަށް ފައިސާ ހޯދުމަށް ހަދާ ބަޖެޓަކަށް ވާތީ ބަޖެޓު ފާސް ކުރަން އިދިކޮޅު ފަރާތްތަކުން ވޯޓު ދެނީ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އެއީ ރައްޔިތުންގެ ތަރައްގީ އަށް އެޅޭ ހުރަހަކަށް ވާން ބޭނުން ނުވާތީ އަބަދުވެސް ބަޖެޓަށް ވޯޓު ދެމުން ދަނީ،" ވޭތުވެދިޔަ ފަސް އަހަރު އެމްޑީޕީގެ އެއްވެސް މެމްބަރަކު ބަޖެޓަށް ވޯޓު ނުދެއްވާ ކަން ފާހަގަ ކުރައްވައި، ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ރާއްޖޭގެ ރަށްރަށަށް ހެޔޮ އެދޭ ކަމަށްވާ ނަމަ، ތަރައްގީގެ ވިސްނުމާ އެކީގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ރަށްތައް ތަރައްގީ ކުރާ އިރު، އެ ރަށްރަށުގައި އުޅެނީ ކޮން ކުލައެއްގެ މީހުންތޯ ނުބަލައި ވެރިންގެ އިހްލާސްތެރިކަން ހުންނަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.