މޮޅެތި ނަން ނަމުގައި ވައުދުތައް ޕްރޮމޯޓްކުރަމުން އައި ސަރުކާރަށް ރިބަން ފަށް ކެނޑުމާއި ރަސްރަނި ބަގީޗާގެ ނަން ސަލްޓަންޕާކަށް ބަދަލުކުރުން ފަދަ ބިޔަ މަޝްރޫއު ހިންގުން ނޫން ކަމެއް ވޭތުވެދިޔަ ތިން އަހަރު ވެފައި ނެތް ކަމަށާއި މިވަރުން "ފުދިއްޖެ" ކަމަށް ރައްޔިތުން ބުނަން ޖެހިފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
މަނީލޯންޑަރިންގެ ކުށް ސާބިތުވެ، އަހަރަކަށް ވުރެ ގިނަ ދުވަހު ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔަމީން މައްޗަށް އިއްވި ހުކުމް ބާތިލުކުރުމާ އެކު މިނިވަންވެ، ފުރަތަމަ ފަހަރަށް ރައްޔިތުންނާ ބައްދަލުކުރައްވައި ރޭ ވަނީ ދޮޅު ގަޑިއިރު ވާހަކަފުޅު ދައްކަވައިފަ އެވެ. ވޭތުވެދިޔަ ތިން އަހަރު ސަރުކާރު ހިންގި ގޮތަށާއި ވަކިވަކި ދާއިރާތަކުން މިސާލު ނަންގަވައި ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕާއި ގިނަ ސަޕޯޓަރުން ބައިވެރިވެ ކާނިވާ ފުރާލި ޖަލްސާގައި ޔަމީން ވިދާޅުވީ ބޯހިޔާވަހިކަމާއި އިގުތިސާދާއި މަސްވެރިކަމާއި ޓޫރިޒަމާއި އިޖުތިމާއީ ގޮތުންނާއި އަދި އެ ނޫން ވެސް ރައްޔިތުންގެ އާންމު ހާލަތާ ގުޅޭ ދާއިރާތަކުން މި ސަރުކާރަށް އެއްވެސް ކަމެއް ހާސިލުނުވާ ކަމަށެވެ. އަދި މުދަލުގެ އަގު އަތް ނުފޯރާ ހިސާބަށް ގޮސް، ރައްޔިތުން ހާލުގައި ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
މި ގައުމުގައި ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ އަދި އަޑު އިވިވަޑައިގަންނަވަނީ ދިވެހި ޒުވާނުން ކުނިގޮނޑު ހޮވައިގެން ކާ ވާހަކަ އާއި ޒުވާނުން ބިއްޖެހިފައި ތިބި ވާހަކަ ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނުގެ ފަސް އަހަރުގެ ވެރިކަމުގެ އެފަދަ އަޑެއް، މަންޒަރެއް ފެނިފައި ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
ވެރިކަމުގައި ހުންނެވިއިރު ޒުވާނުންނަށްޓަކައި 104،000 ވުރެ ގިނަ ވަޒީފާތައްް އުފެއްދަވައި ކުރި މަގަށް ލޯން ސްކީމެއް ހުޅުވާލެއްވި ކަމަށް ވިދާޅުވި އެވެ. އެކަމަކު މި ސަރުކާރުގެ ވަޒީރަކު ވަރަށް ފަހުން 6،000 ވަޒީފާ ތިން އަހަރުން އުފައްދާފައިވާ ކަމަށް ވިދާޅުވެ އުފާފާޅުކުރެއްވި ކަމަށް ވިދާޅުވި އެވެ.
"ރަސްރަނި ބަގީޗާގެ ނަން މަޝްރޫއަކުން ބަދަލުކޮށްލީ ސަލްޓަން ޕާކަށް. އެވަރުގެ ވަރުގަދަ މަސައްކަތް މި ކުރަނީ،" ޔަމީން ވިދާޅުވި އެވެ.
ސަރުކާރުން އާމްދަނީ ހޯދަނީ ޖޫރިމަނާކޮށްގެން
ކޮވިޑް-19ގެ އެންމެ ދަތިވެގެން ދިޔަ ދުވަސްވަރު އެމަނިކުފާނަށް އެންމެ ކަމުނުދިޔަ އެއް ކަމަކީ ސަރުކާރުން ވަރަށް ފަހުރުވެރިކަމާ އެކު، މާސްކު ނަޅާ އުޅުނު މީހުންގެ އަތުންނާއި ވެހިކަލް ޖޫރިމަނާކޮށްގެންނާއި އަދި އެ ނޫން ވެސް ގޮތްގޮތުން ނެގި ޖޫރިމަނާގެ ފައިސާ އަކީ ސަރުކާރުން ހޯދާ އާމްދަނީ ގޮތުގައި ސިފަކުރުމުން ކަމަށް ވިދާޅުވި އެވެ.
"މާތްކަލާކޯ ލަދުގެ ކަންފުޅެއް ވެސް ނެތީތޯ މި ކަހަލަ ކަންކަމުގައި ޖޫރިމަނާކޮށްފައި މިއީ ހޯދި އާމްދަނީ ކަމަށް ބުނަނީ. ކީއްތޯ ވާނީ ވިޔަފާރީއެއް ކޮށްގެން، އިންވެސްޓްމަންޓެއް ކޮށްގެން ފައިސާ ހޯދިއްޔާ،" އެމަނިކުފާނު ވިދާޅުވި އެވެ.
ޔަމީން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަންނަވަން ކެމްޕެއިން ކުރެއްވިއިރު ދުވަސްވަރު، އެމަނިކުފާނުގެ ވެރިކަމުގައި ގަވާއިދާ ހިލާފަށް ޕާކުކުރާ ވެހިކަލްތަކުގައި ސްޓީކާ ޖަހައިގެން ފައިސާ ހޯދާ ސަރުކާރެއް ކަމަށް ވިދާޅުވެ، އެކަން އެގޮތަށް ނުކުރައްވާނެ ކަމަށް ވިދާޅުވި ކަމަށެވެ. އެކަމަކު މިއަދު މި ފެންނަނީ އެ ދެއްކެވި ވާހަކައިގެ ދެކޮޅު ނުޖެހޭ މަންޒަރު ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އިގްތިސާދު ހަމައަކަށް އަޅުވަން ވެސް މި ސަރުކާރަށް ނޭނގުނެވެ. ދެން ވެސް މަސައްކަތް ކުރާނީ ހަރު މުދާތައް ވިއްކާލަން ކަމަށާއި ކުންފުނިތައް ހިންގަން ބޭރު މީހުން ގެންނަނީ ވެސް އެ ވިސްނުުމުގައި ކަމަށް ވިދާޅުވި އެވެ.
މުޅިން ވެސް ފެންނަނީ ރިބަން ފަށް ކަނޑާތަން
އެމްޑީޕީން ވެރިކަމަށް އަންނަ އިޝްތިހާރު ކުރި "ރަށްވެހި ފަތިސް" ސިޔާސަތަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވީ މި ފަތިސް ވެގެންދިޔައިރު މިހާރު ކޮވެލި ގޮވާ އަޑު ވެސް އަދި ކުކުޅުހާ ގޮވާ އަޑުވެސް ނީވޭ ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ފަށާފައި ހުރި މަސައްކަތްތައް ނިމުމުން، ރިބަން ފަށް ކަނޑަން ދާ ސަރުކާރެއް ގޮތަށް ސިފަކުރައްވާ ވިދާޅުވީ މިހާރު ފެންނަނީ މުޅިން ވެސް ކޮވެލި ހަދާފައި ހުންނަ ހާއްޔަށް ކާޅުތައް އައިސް ޖައްސާ ފަދަ މަންޒަރުތަކެއް ކަމަށެވެ.
"ހައްތަހާ ވެސް މި ފެންނަނީ ރިބަން ފަށް ކަނޑާތަން. ކޮވެލި ބުރަ މަސައްކަތްތަކެއް ކުރީމަ، ކާޅު އެ ހާއްޔާއި ދޯޅުވާ ސަބަބު މި ދެންނެވީ. ހަމަ ރިބަންފަށް ކެނޑުން،" ޔާމީން ވިދާޅުވި އެވެ.
ނައިބު ރައީސް ފައިސަލް ނަސީމަށް ވެސް ފާޑުވިދާޅުވެ، ސަމާސާ ރާގަކަށް ޔާމީން ވިދާޅުވީ އެމަނިކުފާނު ވަރަށް ބުރަކޮށް އުޅުއްވަނީ އިމާރާތެއްގެ ލިފްޓު ހުޅުވުމުގައި ކަމަށާއި ތައުލީމީ ސިޔާސަތު ވިސްނައިދިނުމަށް ޕްރައިމަރީ ސްކޫލެއްގެ ކުދިންކޮޅެއް ގޮވައިގެން ތިބެނީ ކަމަށާއި މިހާރު ރާއްޖޭގައި މި ތިއްބެވީ "ވަރަށް އަވަދިނެތި އުޅުއްވާ" ރައީސަކާއި ނައިބު ރައީސެއް ކަމަށެވެ.
މި ޖަލްސާގައި ޔާމީން ވަނީ ރާއްޖޭގެ މިނިވަން ކަމަށް ބުރޫ އަރާ މިންވަރަށް އިންޑިއާގެ ނުފޫޒު ގަދަކޮށް، ބާރުވެރިކަން ހިންގަން މަސައްކަތްކުރަމުންދާ ކަމަށް ތުހުމަތުކުރައްވައި މި ގައުމުގައި ތިބި އިންޑިއާގެ ސިފައިން ޖެހޭނީ ފައިބަން ކަމަށް ވެސް ވިދާޅުވެފަ އެވެ.